އާ އަހަރެއްގެ މާނައަކީ ދިރިއުޅުމާ މެދު ތާޒާ ނަޒަރަކުން ބަލައިލުލުގެ ފުރުސަތެކެވެ.
ނިއު އިޔާ ރިސޮލިއުޝަނޭ ބުނީމަ އެ ބުނެވެނީ އާ އަހަރުގެ ގަރާރު ލިޔާ ވާހަކަ ބާވައެވެ. އާއެކެވެ. ރިސޮލިއުޝަންގެ ބަހަވީ މާނައަށް ބަލާއިރު އެއީ ގަރާރެވެ. އެހެންކަމަށް ވަންޏާ އާ އަހަރުގެ ގަރާރަކީ ކިހިނެއްވާ ކޮން އެއްޗެއް ބާވައެވެ.
އާއަހަރުގެ ގަރާރަކީ ތިމާ 2022 ވަނަ އަހަރު ހުރި މީހާއިން މުޅިންވެސް އާ، އަލުން އާ އުފަންވުމަކަށް ލޯ ހުޅުވުމެވެ. 2023 އަށް ލޯ ހުޅުވުމެވެ. 2023 އަށް އާ އުފަންވުމަކުން އެނބުރި އައުމެވެ. ވޭތުވެދިޔަ އަހަރުގެ 12 މަހުގެ 365 ދުވަހުގެ، 263،800 މިނެޓު ނުވަތަ 4380 ގަޑިއިރު ހޭދަކުރި ގޮތްތަކުން އެއްޗެއް ދެނެގަނެ، ފަސްދީ ދިޔަ އެ ވަގުތު އަނބުރާ ނާންނާނެކަން ގަބޫލުކޮށް އާ އަޒުމެއްގައި މިހިނގާ އަހަރުގެ ދުވަސްތަކުގެ ގަޑިތަކާއި މިނެޓުތައް ހޭދަކުރުމަށް ފިޔަވަޅު އެޅުމެވެ. އާ އަހަރަކީ އަލުން އާ އުންމީދު ތަކަކާއި އާ އަޒުމެއްގައި މުޅިން ތާޒާ ވިސްނުމެއްގައި ދިރިއުޅުމުގެ ހަގީގަތާ ކުރިމަަތިލުމެވެ. މިއީ ވަކި އުމުރެއްގެ ވަކި ފަންތިއެއްގެ މީހަކަށް އޮތް ކަމެއް ނޫނެވެ. ކޮންމެ މީހަކަށްވެސް އޭނާގެ އާ އަހަރުގެ އުންމީދުތަކާއި ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ ވާހަކަ ލިޔެވޭނެއެވެ. މި ލިޔުމުގެ ސަބަބުން އަމިއްލައަށް ބޭނުންވާ ކަންތައް ކޮށްލަން ލިބޭ ވަރުގަދަ ބާރަކަށް ވެއެވެ.
2022 ވަނަ އަހަރާ މެދު ވިސްނައި، 2023 ވަނަ އަހަރު ހާސިލު ކުރަން ބޭނުންވާ ކަންކަމާ މެދު ވިސްނާއިރު، ތިމާގެ ލަނޑުދަނޑިތައް ހާސިލު ކުރުމުގެ ގާބިލުކަމުގައި ތިމާގެ އަމިއްލަ ދުޅަހެޔޮކަން އަދާކުރާ މުހިންމު ދައުރު ޔަގީން ކުރަން ޖެހެ އެވެ. ހާއްސަކޮށް ދިރިއުޅުމުގެ ފެންވަރާއި އަމިއްލަ ގުޅުންތަކުގެ ހާލަތާމެދު ވިސްނައިލުމަށް ވަގުތު ހޭދަކުރުން މުހިންމެވެ. މި ދާއިރާތަކުން އަބަދުވެސް އަމިއްލަ ކުރިއެރުމަށް ޖާގަ އޮންނައިރު، 2023 ވަނަ އަހަރު، ދިރިއުޅުމުގެ އުފާވެރިކަން އެންމެ ރަނގަޅަށް ހޯދުމަށް އަޅާނެ ފިޔަވަޅުތަކާއި ކުރާނެ ތަފާތު ކަންތައްތައް ގިނައެވެ. އެފަދަ ކަންތައްތަކުގެ ތެރެއިން ތިރީގައި މިވަނީ އާ އަހަރުގައި ހެޔޮ ބަދަލުތަކެއް ގެނެވޭނެ އެންމެ މުހިންމު، ސަމާލުވެ އިސްކަން ދިނުން މުހިންމު ބައެއް ކަންކަމެވެ.
އެންމެ ފުރަތަމަ ކަމަކަށްވެސް އަމިއްލަ ނަފުސު، ވަކި ކަމެއް ދެކެ ނުރުހިފައިވާ ކަމެއް ވާނަމަ އެކަމެއް ދެނެގަނެ އަވަހަށް އެކަމެއް ބަދަލު ކޮށްލާށެވެ. ނަފުސު އެކަމަކުން ހަމަނުޖެހޭ އެހެނަސް ކޮންމެވެސް ދެއްކުންތެރިކަމެއްގެ ނޫނީ އެހެންވެސް ކޮންމެވެސް މަޖުބޫރީއެއްގެ ކަސްތޮޅު އެޅުވިގެން އެކަމެއްގައި ހަފުސްވެފައިވާ ކަމެއް ވާނަމަ އަވަހަށް އެކަމަކުން މިންޖުވެގަންނާށެވެ. ނަފުސަށް ހަމަޖެހުމެއް ނުލިބުމަކީ ތިމާގެ ރެއާއި ދުވާލުގެ ހަމަޖެހުމާއި ނިންޖާއި އުފާވެރި ހުރިހާ ހިއްސެއް ބަނގުރޫޓުކޮށްލާ ވަރުގެ ގަދަފަދަ ކަމެކެވެ. ދިރިއުޅުމަށް ތިޔަވާ އުނދަގޫ ތަކުގެ އެންމެ ބޮޑު އެއް ސަބަބަކީ އެއީއެވެ. އަވަހަށް އެކަމަކުން މިންޖު ވެގަންނާށެވެ.
ތިމާއާ ނުބެހޭ ކަމަކާ ކާޅު ސޮއް ގޮވިޔަސް ހޭވެސް އަހައި ނުލުމަކީ ދިރިއުޅުމެއް ކުރިއަށް ގެންދިއުމުގައި ބޮޑު ރޯލެއް އަދާ ކުރާ ކަމެކެވެ. ނުބެހޭ ކަމެއްގައި ބެހިގަނެގެން އެކަމާ ވިސްނައި އެކަމާ އުނދަގޫވެގަނެގެން އުޅުމަކީ ތިމާގެ ރޭދުވާ ހަރާބުވެ ނިދި ހަލާކުކޮށްލާ އަނެއްކަންތަކެވެ. އާ އަހަރެއްގެ އެންމެ ބޮޑު އެއް ބަދަލަކަށް ވާން ޖެހޭނީ މިފަދަ ނޭއްގާނީ ކަންކަމުން ތިމާ ދުރުހެލިވެގަތުމެވެ. ފަހަރެއްގައި އެއީ ކުރެވޭ ރަނގަޅު ކަމެއްކަމަށް ހީކޮށްވެސް މިބުނާ ކަންކަން ކުރެވިދާނެއެވެ. އެކަމަކު ނުބީހެންޏާ ކަނޑާ ހަމައޭ ބުނާ އުސޫލުން ތިމާގެ ނަފުސު އެކަމަކާ ނުވާއެއްވެސް ކަމަކާ އަމިއްލައަށް އުނދަގޫ ނުވާށެވެ.
ރޭވުންތެރި ތާވަލެއް ހަފުތާގެ ހަތް ދުވަހުން ކޮންމެ ދުވަހަކަށް ޝިއާރަކާއެކު ތައްޔާރުކުރާށެވެ. ކޮންމެ ދުވަހަކުވެސް އެއްކަލަ ޝިއާރަށް މަސައްކަތް ކޮށްލާށެވެ. އަނެއް ހަފުތާގެ އެދުވަސް އަންނައިރު އެނިމި ދިޔަ ހަފުތާގެ ކާމިޔާބުކަން އޮންނާނީ ހާމައަށެވެ. މިކަން ސީދާ އެއްފަހަރުން އެންމެ ކާމިޔާބާ ހަމައަށް ނުދެވުނަސް ދުވަހެއް ދުވަހަކަށް ކުރިއަރަމުންދާނެއެވެ.
ވަޒީފާއަށް ހިތާއި ހަކަތަ ގުރުބާންކުރުމަކީ މާލީ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ނަމަވެސް މަސައްކަތުގެ ހަރަކާތްތަކަށް މާގިނައިން ވަގުތު ހޭދަކުރުމަކީ ތިމާގެ ގުޅުންތަކަށާއި އަމިއްލަ ދުޅަހެޔޮކަމަށް ގެއްލުން ލިބިދާނެ ކަމެކެވެ. ތިރީގައިވާ ކަންތައްތަކަށް ދިރިއުޅުމުގައި ގިނަ ވަގުތުތަކެއް ލިބިފައިވާކަން ޔަގީންކުރުން ވާނެ އެވެ.