ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުން ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމުން ޕާޓީތަކުގެ މެމްބަރުންގެ އަދަދު އިތުރުކުރުމަށް ސައްހަ ނޫން ފޯމު ހުށަހަޅުން މަދުވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ޖޫން މަހުގެ އެއްވަނަ ދުވަހު "ވަން" އަށް ވިދާޅުވެފައިވަނީ، ޕާޓީއަކުން ހުށަހަޅާފައިވާ ސައްހަ ނޫން ކޮންމެ ފޯމަކަށް، އެ ފޯމެއް ހުށަހަޅާ ޕާޓީ 10،000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން ޕާޓީން ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް ޕާޓީގެ ރަޖިސްޓްރާ ވެސް ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށް ހަބީބު ވިދާޅުވެފައިވެއެވެ. އެގޮތުން، ޕާޓީގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން އަދި އޭގެ ފަހުން 10،000 ރުފިޔާއިން ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށެވެ.

އީސީގެ ތަފާސްހިސާބު އާންމުކުރައްވައި ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދި ޕާޓީތަކުން ހުށަހަޅާ ފޯމުގެ ސައްހަކަން އިތުރަށް ކަށަވަރުކުރުމަށް، ފޯމުގައިވާ ފޯނު ނަންބަރަށް އެސްއެމްއެސް ކުރުމާއި އީސީގެ ވެބްސައިޓުގައި ފޯމުގެ މައުލޫމާތު ހިމަނައި ޝަކުވާ ހުށަހެޅުމަށް ހަތް ދުވަސް ދެމުންދާ ކަމަށެވެ.

"ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދި ހުށަހަޅާ ފޯމުތައް ސައްހަ ނޫން ކަމަށް ގިނަ ޝަކުވާތަކެއް ލިބެމުންދާތީ 2022 ޑިސެމްބަރު 1 އިން ފެށިގެން ފޯމު ހަރުދަނާ ކުރުމަށް ގެނެވުނު ބަދަލާ ގުޅިގެން 2022 ޑިސެމްބަރުގައި ޕާޓީތަކުން ހުށަހެޅި ފޯމުގެ އަދަދު، 2021 ގެ އެ މުއްދަތުގައި ހުށަހެޅި ފޯމަށް ވުރެ 22 ގުނަ މަދުވެފައިވޭ،" ހަބީބު ވިދާޅުވިއެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު މީގެ ކުރިން "ވަން" އަށް ވިދާޅުވެފައިވަނީ، ވަގު ފޯމު ހުށަހަޅާ މައްސަލަ ހައްލުކުރަން ހަރުކަށި ފިޔަވަޅު އަޅަން އީސީން ނިންމުމުން އެކަމާ ޕާޓީތަކުން ރުހުނު ކަމަށާއި ހަރުކަށި ފިޔަވަޅު އަޅައިގެން ވަގު ފޯމު ހުށަހަޅާ މައްސަލަ ހައްލުކުރަން ހުރިހާ ޕާޓީތަކުން އެދިފައިވާ ކަމަށެވެ. ނަމަވެސް ފަހުން ޕާޓީތަކުން ވަނީ އީސީގެ ނިންމުން މުރާޖާކޮށްދިނުމަށް އެދިފައި ކަމަށެވެ.