އެއްވަނަ އަށް ހޮވޭ މީހަކަށް ތިން ލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއެކު ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ އަގުބޮޑު ގުރުއާން މުބާރާތް މިއަދު އިފުތިތާހުކޮށްފިއެވެ.

"ރަންތާޖު" ގެ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ އިސްލާމިކް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީ އަދި ރާއްޖެ ޓީވީ ގުޅިގެން މި އަހަރުގެ ރަމަޟާން މަހު ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ 16 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށެވެ.

"މި މުބާރާތް ކުރިއަށްދާނީ އޮޑިޝަންތަކެއްވެސް ބާއްވައިގެން. ރަމަޟާން މަހުގެ ކުރިން އަޅުގަނޑުމެން އޮޑިޝަންތައް ބާއްވާނަން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި. މި އޮޑިޝަންތަކުން ހޮވާލެވޭ ކުދިންނާއި މީހުން މާލެ ގެނެސް އިތުރަށް ދޭންޖެހޭ ތަމްރީނުތައް ދޭނަން. މި މުބާރާތް ފުރިހަމައަށް ދާނެކަމުގެ އުއްމީދު ވަރަށް ބޮޑު." އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވިއެވެ.

މި މުބާރާތުގެ އޮޑިޝަން ރާއްޖޭގެ 10 ސަރަހައްދެއްގައި ބާއްވާނެއެވެ. އެއީ މާލެ ސިޓީ އާއި އައްޑޫ ސިޓީ ހިތަދޫ، ފުވައްމުލަކު ސިޓީ، ކުޅުދުއްފުށީ ސިޓީ، ބ. އޭދަފުށި، ގދ. ތިނަދޫ، ދ ކުޑަހުވަދޫ، ލ. ގަން، އއ. ރަސްދޫ އަދި ށ. ފުނަދޫގައެވެ. އަދި މި އޮޑިޝަންތަކުން 20 މީހުން ހޮވާނެއެވެ.

މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ބައިވެރިވުމަށް އެސްއެމްއެސް ކުރަންޖެހެނީ، އާރްޓީ ހުސްތަން ދޫކުރުމަށްފަހު، ފުރިހަމަ ނަން، އުމުރު، އައިޑީ ކާޑު ނަންބަރު، އޮޑިޝަން ހަދަން ބޭނުންވާ ސަރަހައްދު ޖެހުމަށްފަހު، 450 އަށެވެ.