ބަންގްލަދޭޝްގައި ކުރިއަށްދިޔަ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބީޗްވޮލީ ޓުއާގައި ރާއްޖޭގެ ގައުމީ ބީޗްވޮލީ ޓީމުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާއިން ހޯދި ރަން މެޑައްޔަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ކުޑަކާއްޓެއާއި އެޑަމްގެ ޕެއާ ރޭ ރަން މެޑައްޔާއެކު ރާއްޖެ އައީ އިރުއޮއްސުނު ވަގުތުގައެވެ. އެ ވަގުތު ޔޫތު މިނިސްޓްރީން ހާއްސަ އިވެންޓެއް ސޯޝަލް ސެންޓަރުގައި ބާއްވާފައިވާ އިރު، ޓީމަށް މަރުހަބާ ދެއްނެވުމަށް މިނިސްޓަރު އަހުމަދު މަހުލޫފްވެސް ވަޑައިގެންފައިވެއެވެ. ކޯޗު ވިނީޝިއަސް ޖިއޯނީ އާއި ރަން މެޑަލް ހޯދި ދެ އެތުލީޓުންގެ ބޮލުގައި ތާޖެއް އެޅުވުމުގެ އިތުރުން ހާއްސަ ޝަރަފުވެރިކަމެއް އަރުވާފައިވެއެވެ.
ސެންޓްރަލް އޭޝިއާގެ ހަ ގައުމަކުން އަށް ޕެއާ ވާދަކުރި ބީޗް ޓުއާގެ ޗެމްޕިއަންކަން، ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އިން ހޯދީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ. މިއީ މިހާތަނަށް ރާއްޖެއަށް ބީޗްވޮލީން ލިބުނު ފުރަތަމަ ރަން މެޑައްޔެވެ.
ރާއްޖޭގެ ބީޗްވޮލީގައި ކުރިއެރުންތަކެއް ހޯދަމުން އަންނަ އިރު، ކޯޗު ވިނީޝިއުސް ޖޫނިއާ ހަވާލުވިފަހުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި ދެ އެތުލީޓުންނަކީ ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާއެވެ. އެ ޕެއާއިން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން ލަންކާގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯން ބީޗްވޮލީ މުބާރާތާއި ކޮމަންވެލްތު ކޮލިފައިންގެ އިތުރުން، އިންގްލެންޑްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި ދެއްކި ކުޅުން ފާހަގަކުރެވެއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބީޗުވޮލީގެ މައިގަނޑު ޓާގެޓަކަށް ހަދާފައި ވަނީ އޮލިމްޕިކްސްއަށް ކޮލިފައިވުމެވެ. މިހާރު ޓީމުން މަސައްކަތް ކުރަމުންދަނީ ލޮން އޭންޖަލަސްގައި 2028 ވަނަ އަހަރު އޮންނަ އޮލިމްޕިކްސްއަށް ބީޗްވޮލީން ކޮލިފައިވުމުގެ މަސައްކަތެވެ. އެ މަސައްކަތް މިދިޔަ އަހަރު ކުރިން އިއުލާން ކޮށްފައިވާ އިރު، އެ މިސްރާބު މިވަގުތު ހުރީ ރަނގަޅަށެވެ.