ދެކުނު އޭޝިޔާގެ ގައުމެއްކަމަށްވާ ނޭޕާލުގައި ހުސްވި ނޮވެމްބަރުމަހުގެ ވިހިވަނަ ދުވަހު ވަނީ އާއްމު އިންތިޚާބު ބާއްވައިފައެވެ. މި އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ޕާލަމެންޓްގެ ކޮންޓްރޯލެއް ނުނެގުނެވެ. ޕާލަމެންޓުގައި ތިއްބަވަނީ ޖުމްލަ 275 މެންބަރުންނެވެ. އޭގެތެރެއިން 89 ގޮނޑި ހޯދީ ނޭޕާލީ ކޮންގްރެސް ޕާޓީއެވެ. އެންމެ ބޮޑު ކޮމިއުނިސްޓް ޕާޓީކަމަށްވާ ޔޫއެމްއެލްއަށް ލިބުނީ 78 ގޮނޑިއެވެ. ކޮމިއުނިސްޓް ފިކުރުގެ މާއޮއިސްޓް ސެންޓަރ ޕާޓީއަށް ހޯދުނީ 32 ގޮނޑިއެވެ. އަނެއް 76 ގޮނޑި ބެހިގެންދިޔައީ ކުދިކުދި ޕާޓީތަކަށެވެ. ކޮމިއުނިސްޓް ފިކުރުގެ ތަފާތު ޕާޓީތައް ޒާތެއްގެ ކޯލިޝަނެއް ހަދައިގެން ހުސްވި ހަފުތާގެ އާދިއްތަ ދުވަހު އައު ސަރުކާރެއް ވަނީ އެކުލަވާލައިފައެވެ. އައު ބޮޑުވަޒީރަކީ ކުރީގެ ކޮމިއުނިސްޓް ހަނގުރާމަވެރިއެއް ކަމަށްވާ އުމުރުން 68 އަހަރުވީ ޕްރަޗަންދާއެވެ.

މިއީ މާއޮއިސްޓް ލީޑަރު ޕްރަޗަންދާ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ތިންވަނަ ފަހަރެވެ. މިފަހަރު އެއްބަސްވެވިފައިވަނީ ދައުރުގެ ފުރަތަމަ ދެއަހަރާއި ބައިގައި ޕްރަޗަންދާ ބޮޑުވަޒީރުކަން ކުރައްވައިފައި ދައުރުގެ އަނެއްބައިގައި ކޮމިއުނިސްޓް ޕާޓީގެ ލީޑަރު އެމަގާމު ފުރުއްވާ ގޮތަަށެވެ. އައު ބޮޑުވަޒީރަށް ޕާލަމެންޓުގައި ހަތް ޕާޓީއެއްގެ ތާއީދު އެބައޮތެވެ. މަގާމުތައް ބަހައިލުން ފިޔަވައި މާބޮޑު އެހެން ދެނެގަތުމަކާއި އިތުބާރެއް ކޯލިޝަނުގެ ބައިވެރިންގެ މެދުގައި އޮތްކަމަކަށް ނުފެނެއެވެ. އެހެންވީމާ ކުރިއަށް އޮތީ ސިޔާސީގޮތުން ވަރަށް ބަނަ ދުވަސްތަކެއް ކަމަށް ހީކުރެވެއެވެ. ނޭޕާލުގެ އެންމެ ބޮޑު ދެ އަވަށްޓެރިން ކަމަށްވާ އިންޑިޔާ އާއި ޗައިނާ އެތިބީ އައު ސަރުކާރުން ގެންގުޅޭނޭ ސިޔާސަތަކަށް ބަލަބަލައެވެ. ކޮންމެ ބަޔަކުވެސް އުންމީދުކުރަނީ ޕްރަޗަންދާގެ ސަރުކާރު ވާނީ އެބަޔަކާ ގާތްކަން ބާއްވާ ސަރުކާރަކަށް ކަމުގައެވެ.

ޕްރަޗަންދާއަކީ ނޭޕާލުގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ގެރިއްލާ ހަނގުރާމައިގައި ޝާމިލްވި ލީޑަރެކެވެ. ފިކުރީގޮތުން އެއީ ޗައިނާގެ މިތުރެކެވެ. އެކަމަކު ހަނގުރާމައިގެ ދުވަސްވަރު އޭނާއަށް އެހީތެރިކަން ބޮޑަށް ލިބިފައިވަނީ އިންޑިޔާއިންނެވެ. މި ދެފަރާތްވެސް ހަމަހަމަ ތިލަފަތަކުން ކިރަން ޕްރަޗަންދާއަށް މަޖުބޫރެވެ. އޭނާގެ ފަރާތުން ފެންނާނީ ވަކިއަތަކަށް ބަރުނުވުމުގެ ސިޔާސަތެއް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ކޮންމެ ގޮތެއްވިޔަސް ސިޔާސަތަށް މާބޮޑެތި ބަދަލުތަކެއް ގެނައުމުގެ ފުރުސަތެއް ނެތެވެ. ކޯލިޝަނެއް ކަމަށްވެފައި ފިކުރުތައް ގިނަކަމާއި މަސްލަހަތުތައްވެސް ގިނަކަމުންނެވެ. އައު ބޮޑުވަޒީރަށް ޗައިނާއިންވެސް އަދި އިންޑިޔާއިންވެސް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. ގުޅުންތައް އައު އުސްމިނަކަށް ގެންދަން އެދޭކަންވެސް ބަޔާންކޮށްފައިވެއެވެ.

ނޭޕާލުގައި އޮތް ރަސްކަން 2008 ވަނަ އަހަރު އުވާލައި ޖުމްހޫރިއްޔަތަކަށް އެނބުރުނީ ޒަމާނީ ޑިމޮކްރަސީ ފައްކާކޮށް ސިޔާސީ ހަމަޖެހުން ގާއިމްކުރުމުގެ ގޮތުންނެވެ. އޭގެފަހުން ފާއިތުވެގެންދިޔަ ސާދަ އަހަރުގެ ނަތީޖާއަކީ ކޮބައިބާވައެވެ. ކޮންމެ އަހަރަކު އައު ސަރުކާރެއް އައިސްފައި އެހާމެ އަވަހަށް ވެއްޓިގެންދެއެވެ. މުޅިއެކު ދިހަ ސަރުކާރެެއް ފޭލްވެއްޖެއެވެ. ހުސްވިހަފުތާގައި އެއައީ އެގާރަވަނަ ސަރުކާރެވެ. ސިޔާސީ ހަމަނުޖެހުންތަކާއި އުދާސްތައް ވަނީ އާއްމުވެފައެވެ. ނޭޕާލުގައި ހިނގަމުންއައި 239 އަހަރުވީ ރަސްކަން ނިމުމުގެ މައިގަޑު ސަބަބަކަށްވީ ވަރުގަދަ ދާޚިލީ ހަނގުރާމައެކެވެ. އެއީ 1996 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ ދިހަ އަހަރު ކުރިއަށްދިޔަ ލޭއޮހޮރުވުންބޮޑު ހަނގުރާމައެކެވެ. ގާތްގަޑަކަށް ސަތާރަހާސް މީހުން މަރުވެގެންދިޔައެވެ.

ގައުމުގެ އިގްތިސާދުގެ ދުވެލި މިހާރު އެހެރީ މައްޗަކަށް ނޫނެވެ. އަޑިއަށެވެ. އިންފްލޭޝަން ހުރީ ނުރައްކާތެރި ހިސާބެއްގައެވެ. ފޮރިން ރިޒާރވް ހުރީ ހުސްވުމަކާ ގާތްވެފައެވެ. އެކްސްޕޯޓްކުރެވޭ ތަކެއްޗަށްވުރެ ގިނަވަމުންދަނީ އިމްޕޯޓްކުރެވޭ ތަކެއްޗެވެ. ނޭޕާލުގެ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު ދީޕެންދުރަ ބަހާދުރު ވިދާޅުވެފައިވާ ފަދައިން ސިޔާސީ ހަމަނުޖެހުންތައް ނިމުމަކަށް ނުގެނެވެނީސް އިގްތިސާދީ އައު ފަތިހަކަށް އަލިވިލުމެއް ނެތެވެ. އިންވެސްޓްމަންޓްތަކާއި ވިޔަފާރިއަށް އޮތް މަގަކީ އަމާންކަމާއި އިތުބާރުގެ މަގެވެ. ޕާޓީތަކުގެ ކޯޅުން ބޮޑުވުމާއި ގައުމުގެ މަސްލަހަތުގެ މައްޗަށް އަމިއްލަ އެދުން އިސްކުރުމުގެ ނަތީޖާއަކީ އަވަސްއަވަހަށް ސަރުކާރުތައް ބަދަލުވުމެވެ. އައު ގާނޫނުއަސާސީއެއް ފަރުމާ ނުކުރެވި ލަސްވަނީވެސް އަދި އިގްތިސާދު ނެގެހެއްޓުމުގައި ފޭލްވަނީވެސް އެހެންވެގެންނެވެ.

ބޮޑުވަޒީރުކަމުގެ ހުވާ އެންމެފަހުން އެކުރެއްވި ޕްރަޗަންދާއަކީ މިހުރިހާ މައްސަލަތަކުގެ ހައްލެއް ނޫނެވެ. ކަންކަން ހައްލުކުރެވޭހާ އާރާއި ބާރާއި ހިކުމަތެއްވެސް ނެތެވެ. މިއީ އޭނާ ބޮޑުވަޒީރުކަމާ ހަވާލުވި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2008 ވަނަ އަހަރުން 2009 ވަނަ އަހަރަށެވެ. އެއަށްފަހު 2016 އިން 2017 އަށެވެ. ޕްރަޗަންދާގެ ކޯލިޝަނަކީ ތަފާތު އެކި ނަންނަމާއި އެކި ފިކުރުގެ ކުދިބޮޑު އެތައް ޕާޓީއެއްގެ މައްޗަށް އެކުލެވިގެންވާ ކޯލިޝަނެކެވެ. މިއެންމެން އެކަތިގަނޑަކަށް ހަދައިގެން ސީރިއަސް މަސައްކަތްތަކެއް ކުރުމަކީ ޕްރަޗަންދާއަކަށްވެސް އަދި އެހެން މީހަކަށްވެސް ކުރެވޭނޭ ކަމެއް ނޫނެވެ. ކުރެވިފައިވާ ކަމެއްވެސް ނޫނެވެ. އެހެންވީމާ ކުރީ ދެ ފަހަރުވެސް ވީގޮތަށް މިފަހަރުވެސް އަހަރެއްހައި ދުވަހުން ޕްރަޗަންދާގެ ސަރުކާރު ވެއްޓިދާނޭކަމަށް ހީކުރެވެއެވެ.