އަހަރެން.... އަހަރެން.... ތިއާއަށް ޖުމްލަ ފުރިހަމަ ނުކުރެވުނެވެ.
"ތިއާ... ކިހިނެއްވީ ބޭބީ؟" ތިއާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ނަވާލް އެހިއެވެ. ތިއާގެ ފަރާތުން ޖަވާބެއް ނައުމުން މޫނުމަތީގައި އޮތް ބާލީސް އޭނާ ނެގިއެވެ. އެހިނދު ތިއާގެ ލޮލުގެ އަރިމަތިން ކަރުނަ ތިއްކެއް ފައިބައިގެން ދިޔައެވެ. ތިއާ ރޯކަން އެނގުމުން ނަވާލްގެ ހިތަށް ތަދުވެލިއެވެ.
"އަހަރެން ބިރުގަންނަނީ؟" ތިއާ ބުންޏެވެ. ދެން ކައިރީގައި ކުރިއަތްމައްޗަކަށް އޮށޯވެގެން އޮތް ނަވާލްގެ މޭދޮށުގައި ބޮނޑިވެލިއެވެ. ތިއާގެ އެ އަމަލުން ނަވާލްގެ ހިތުގައި ލޯބި އުތުރުއަރައިގަތެވެ.
"ކޮންކަމަކާ ބިރުގަންނަނީ؟" ކިރިޔާ ފެންނަން އޮތް ތިއާގެ ކޯތާފަތުގައި އިނގިލިތައް ބީއްސާލަމުން ނަވާލް އެހިއެވެ.
"ނަވާލް އަހަރެން ދޫކޮށްލަފާނެތީ. ނުބައި މީހެއްގެ އަތްދަށުގަ އަހަރެން ވެދާނެތީ"
ތިއާގެ އެ ޖުމްލައާއެކު ނަވާލްގެ މޫނުމަތިން ސީރިއަސްކަން ފެނިލިއެވެ. ދެމީހުން ދެތަންވާ ފަދަ ކަހަލަ ވާހަކައެއް ތިއާގެ ދުލުން ބޭރުވީތީވެސް ނަވާލް ބިރުގަތެވެ. އެހެންކަމުން އޭނާއަށް ކުރެވުނުހާވެސް ކަމަކީ ތިއާގެ ހަށިގަނޑު އިތުރަށް ގަޔާ ކައިރިކޮށް ފިއްތާލުމެވެ.
"ދެން ތިކަހަލަ ޖުމްލައެއް ޖުމްލައެއް ތަކުރާރު ނުކުރައްޗޭ. އަހަރެން ބޭނުމެއް ނޫން ތިއާ އާ ވަކިވާކަށް"
އޭނާ ތިއާ އާ ކައިވެނިކުރީ ދެތިން ދުވަހު އެކީގައި އުޅެލާފައި ވަކިވާކަށް ނޫނެވެ. ނޫނީ އެނދުމަތީގައި ތިބެގެން އަނބިމީހާގެ ފަރާތުން ވަގުތީ އުފާތަކެއް ހޯދުމަކަށް ނޫނެވެ. ކައިވެންޏަށްފަހު އޭނާއަށް ތިއާ ދެކެ އިންތިހާއަށް ލޯބިވެވިއްޖެއެވެ. މާޒީގެ އެއްވެސް ހަނދާނެއް އޭނާގެ ހިތުގައި ނެތެވެ. މަންޝާ ދެކެ ވީ ލޯތްބާއި ތިއާ ދެކެ ވެވުނު ލޯބި އޭނާ އަޅައިކިޔާލާ ކޮންމެ ފަހަރަކު އެތައް ތަފާތެއް އޭނާއަށް ފެނެއެވެ.
"އަހަރެން ހަމަ އެހާ މުހިންމުތަ؟"
ނަވާލް ހީލިއެވެ. ދެން ތިއާ ދުރުކޮށްލާފައި ހިފަހައްޓާލީ ތިއާގެ މޫނުގެ ދެފަރާތުގައެވެ. އެހިނދު ދެމަފިރިންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ.
"ވަރށް ވަރަށް މުހިންމު. މިދުނިޔޭގަ އަހަރެންނަށް މުހިންމު ތިން އަންހެނުން އެބަތިބި. އޭގެތެރެއިން ދެވަނައަކީ ތީ. އަހަރެން... އަހަރެން ވަރަށް ލޯބިވޭ ތިއާ ދެކެ"
ނަވާލްގެ އެ ޖުމްލައާއެކު ތިއާގެ ތުންފަތަށް ލުއިލުއި ހިނިތުންވުމެއް ވެރިވިއެވެ.
"އަހަރެންވެސް.... ނަވާލް ދެކެ ލޯބިވޭ"
މިފަހަރު ނަވާލްގެ ޖުމްލައިން ލަދުގަތީ ތިއާ އެވެ.
"އެހެންތަ.... ކިހާވަރަކަށް" ނަވާލް ލާނެއްވެލިއެވެ.
ތިއާ ދެލޯ އަޅާލި ތަން ފެނުމުން ނަވާލް ހިނިގަނޑެއް ޖަހާލިއެވެ. ދެން ހޭދަވެގެން ދިޔައީ ދެމަފިރިންގެ ދެމެދަށް އެތައް އުފާވެރިކަމަކާއި ހިތްހަމަޖެހުމެއް ގެނުވި ވަގުތުތަކަށެވެ.
*******
ރޭގަނޑު އެގާރަޖަހަން ފަސް މިނެޓު ހުއްޓެވެ. ހުޅުވާފައި ހުރި ޓީވީގެ އަޑު ނޫން އެހެން އެއްވެސް އަޑެއް ބޮޑުކޮޓަރިން ނީވެއެވެ. އޮފީހުގައި އޮތް ބައްދަލުވުމަކަށް ނަޒާން ދިޔަ ފަހުން ދެގަޑިއިރު ވެއްޖެއެވެ. އަދިވެސް ނަޒާންގެ ހަބަރެއް ނުވެއެވެ. ގޭތެރޭގައި ހުރިހާ ދަރީން ހަމަނުވަނީސް މާޝިތާ ނިދަން ނުވަދެއެވެ. އޭނާ ކޮޓަރިއަށް ވަންނަނީ ހުރިހާ ދަރީން ކޮޓަރިއަށް ވަނުމުންނެވެ. ފަތިހާ ހުރިހާ ދަރީންނަށް ވުރެ ކުރިން ކޮޓަރިން ނުކުންނަނީވެސް އޭނައެވެ.
ކޮޅަށް ތެދުވިގޮތަށް މާޝިތާ ބަލައިލީ ފާރުގައި ހުރި ގަޑިއަށެވެ. އެގާރަ ޖަހައި ބޮޑުވެއްޖެއެވެ. ސޯފާމަތީގައި އޮތް ފޯނު ނަގާފައި ނަޒާންގެ ނަންބަރަށް ގުޅިއެވެ. ފޯނު ނުނަގައެވެ. ރިންގުވެފައި ފޯނު ކެނޑުމާއެކު ދެވަނަ ފަހަރަށް، ތިންވަނަ ފަހަރަށްވެސް ގުޅިއެވެ. އެއްވެސް ޖަވާބެއް ނުދިނެވެ. މާޝިތާ ހާސްވާން ފެށީ ދެނެވެ. އޮފީހުގައި ކިތަންމެ ބިޒީކޮށް އުޅުނު ނަމަވެސް އޭނާގެ ފޯނަށް ޖަވާބުދޭން ހުރިހާ ދަރީންނަށް އޭނާ އޮންނަނީ އަންގައިފައެވެ. ދަރީން ގެއިން ބޭރުގައި އުޅޭއިރު ފޯނަށް ޖަވަބު ނުދޭނަމަ ނުބައި ޝައްކުތަކާއި ވަހުމްތަކުން އޭނާގެ ހިތާއި ސިކުނޑިއަށް ދަތި ކުރުވައެވެ. ނަފްސާނީ މައްސަލަތަކެއް ހުރިކަން އެނގެއެވެ. އެކަންކަމުން އަރައިގަންނަން އޭނާ މަސައްކަތްވެސް ކުރެއެވެ.
އެންމެފަހުން ހިނގައިގަތީ ނަވާލްގެ ކޮޓަރިއާ ދިމާލަށެވެ. ދެފަހަރު ޓަކިޖަހައިލުމާއެކު ނަވާލް ދޮރު ހުޅުވައިފިއެވެ. ކުރިމަތީގައި ހާސްވެފައި ހުރި މާޝިތާ ފެނުމުން އޭނާ ދޮރު ލައްޕާލާފައި ބޭރަށް ނުކުމެ މާޝިތާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.
"ކިހިނެއްވީ މަންމާ؟ ނަވާލް ބުންޏެވެ.
"އަހަރެން ކިތައް ފަހަރު ބުނަންތަ ބޭރުގައި އުޅެންޏާ މަންމަ ގުޅީމަ ފޯނަށް ޖަވާބުދެއްޗޭ" މާޝިތާ ބުންޏެވެ. ހާސްވެގެން ކަމެއް ނުވަތަ ރުޅިގަދަވެގެން ކަމެއް ނޭނގެއެވެ. އޭނާގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ.
"ނަޒާން ފޯނަކަށް ޖަވާބެއް ނުދޭ. އެއީ ބައްދަލުވުމަކަށޭ ކިޔާފަ ދިޔަ މީހާ. އަނެއްކޮޅުން ގުޅީމަ ފޯނުވެސް ނަގަނީއެއް ނޫން. ނަވާލް އަތުގައި އެ އޮފީހުގައި އުޅޭ މީހެއްގެ ނަންބަރު އެބައޮތްތަ؟" މާޝިތާ ވާހަކަދެއްކިއެވެ.
މާޝިތާގެ އަޑަށް ނިދި ޖެހެމުންދިޔަ ތިއާ އެނދުން ތެދުވިއެވެ. ލައިގެން ހުރި ނިދާ ހެދުން މަތިން ޖެކެޓެއް ލައިގެން ބުރުގާކޮޅު އަޅައިގެން އޭނާ ބޭރަށް ނުކުތެވެ.
"މަންމާ، ދޮންބެ އަންނާނެއްނު. އެހާ ހާސްނުވެބަލަ" ނަވާލް ބުންޏެވެ.
"އަހަރެން މިބުނީ އެ އޮފީހުގައި އުޅޭ މީހަކަށް ގުޅާބަލާށޭ" މާޝިތާގެ އަޑު ބާރުވިއެވެ. އެވަގުތު އެންމެ ރަނގަޅު ވާނީ މާޝިތާ ބުނާގޮތެއް ހެދުންކަން ނަވާލަށް އެނގުނެވެ. އެހެން ނޫނީ މަންމަގެ ލޭގެ ޕްރެޝަރު މައްޗަށް ހިނގައިދާނެއެވެ. ނަވާލް ކޮޓަރިއަށް ވަނީ ފޯނު ބަލައެވެ. މާޝިތާގެ ކޮނޑުގައި ދެއަތުން ހިފަހައްޓާލާފައި ތިއާ ފިރުމަމުން ދިޔައެވެ. މާޝިތާ އެހާ ހާސްވެފައި ހުއްޓައި އޭނާއަށް އަދި ނުފެނެއެވެ.
ކުއްލިއަކަށް ކޮޓަރިން ނުކުތް އާމިރު ފެނިފައި މާޝިތާ ބަލައިލިއެވެ. އާމިރުގެ ހަރަކާތްތައް އަވަހެވެ. ގަމީހުގެ ގޮށް އަޅުވަމުން ބޭރަށް ނުކުމެފައި އޭނާގެ ދެލޯ ހޯދާލީ އަނބިމީހާއެވެ.
"ކިހިނެއްވީ؟" މާޝިތާ އެދިމާލަށް ދިޔައެވެ. ބޮޑުކަމެއް ނުވާނަމަ އާމިރަކީ އެގަޑީގައި ގެއިން ބޭރަށްދާ މީހެއް ނޫނެވެ. ރޯގާ ޖެހި، މޭގައި ރިއްސާކަމަށް ބުނެ އާމިރު ކައިގެން ވަން ގޮތަށް ނިދައިފިއެވެ.
"ހޮސްޕިޓަލަށް މިދަނީ. ބަންދުކުރި މީހަކު ނަޒާނަށް ހަމާލާދީފި" އާމިރު ބުންޏެވެ.
"ކީކޭ؟ ރަނ...ރަނގަޅުތަ މަގޭ ދަރި..." މާޝިތާ ތެޅިގަތެވެ. ތިއާ ހިފަހައްޓައިގެން ނެތްނަމަ އޭނާ އަރިއަޅާލީހެވެ.
"ހެދުން ބަދަލުކޮށްގެން އާދޭ. މަ މީނީ ކާރުގައި. އަވަސްކުރައްޗޭ" އާމިރު ބުންޏެވެ.
ނިދާފައި އޮތް ނާޔާ، ތިއާ އާ ހަވާލުކޮށްފައި މައިންބަފައިން ފަހަތުން ނަވާލްވެސް ދިޔައެވެ.
**********
ނަޒާނަށް ފަރުވާދެމުންދިޔަ ކޮޓަރިއަށް އާމިރުގެ ދެމަފިރިން ވަންއިރު އެތަނުގައި އޮފީހުގެ ފަރާތުން މީހަކު ހުއްޓެވެ. އެމީހާ ދިޔައީ އާއިލާއިން ނަޒާނާ ހަވަލުވުމުންނެވެ. އެނދުގައި އިން ނަޒާނަށް ފުރަތަމަވެސް ބަލައިލެވުނީ އެންމެ ކައިރީގައި ހުރި މަންމަގެ މޫނަށެވެ. ދަރިއަކަށް ކަމެއް ވިއްޔާ މާޝިތާގެ ހާލު ބޮޑުވާނެކަން ނަޒާނަށް އެނގެއެވެ. ޕްލާސްޓަރު އަޅާފައި އޮތް ނަޒާންގެ އަތަށް މާޝިތާ ބަލައިލިއެވެ.
"ކިހިނެއްވީ ދޮންބޭ؟" ނަވާލް އެހިއެވެ.
"މާބޮޑުކަމެއް ނުވޭ. މި އަތުގައި ފްރެކްޗާއެއް އިނީ. ރަނގަޅުވެދާނެ" ނަޒާން ބުންޏެވެ.
މާޝިތާ ނަޒާންގެ މަގަތުން އިށީނެވެ. ލޯބިން ނަޒާންގެ މޫނުގައި ފިރުމާލިއެވެ. ހިނިގަނޑެއް ޖަހާލާފައި މާޝިތާގެ އަތްތިލައިގައި ނަޒާން ހިފަހައްޓާލިއެވެ.
"އެގަޑީގަ ތަދުވިޔަސް މިހާރު ތަދެއް ނުވޭ. ބައްޕަ އެދިޔައީ ބޭސް ނަގާކަށްނު. ބޭސް ކާންފެށީމަ މާބޮޑަށްވެސް ރަނގަޅުވާނެ" ނަޒާން ބުންޏެވެ. ހަގީގަތަކީ ނަޒާންގެ އަތުގައި ރިހެމުންދާ ކަމެވެ. ބުރަކަށީގައި ފިލާބުރިން ޖެހިތަން ނޫފައިގަނެފައި ހުރުމުން އެތަނުގައިވެސް ރިހެއެވެ. އެހެންނަމަވެސް އެއްވެސް އިރެއްގައި އޭނާއަކީ ތަންތަނުގައި ތަދުވާތީ ޝަކުވާކުރާ މީހެއް ނޫނެވެ.
"ކާކުގެ އަތުގައިތަ ގަދަކަމުން ބިޑި އެޅުވީ؟" މާޝިތާ އެހިއެވެ.
ނަޒާނަށް ހެވުނެވެ. މާޝިތާއަށް އެވަރު އެނގުމުންނެވެ. ދިމާކުރަންވެސް މޮޅީއެވެ. ވީވެސް އެހެންނެވެ. ބައްދަލުވުން ނިންމާފައި ނުކުތްތަނާ މައްސަލައެއްގެ ތުހުމަތުގައި ގެނެސްފައި އިން މީހެއްގެ އަތުގައި ބިޑި އަޅުވަން އުޅެންވެގެން އޭނާއަށް ލިބުނު އަނިޔާއެވެ. އެމީހާ ހުރީ ހަމައިގައެއް ނޫނެވެ.
"އަދި ހެއެއްނު. ޒާންއަކަށް ތަދެއްވެސް ނުވޭދޯ" މާޝިތާ ބުންޏެވެ.
އިރުކޮޅަކުން ޑޮކްޓަރުގެ އެހީތެރިޔާ ވަނެވެ. ނަޒާން ގެއަށް ދިއުމުގެ ހުއްދަ ދިނެވެ. ދެ ހަފްތާ ފަހުން ދައްކަން ޖެހޭނެ ކަމުގައި ބުންޏެވެ. ބަރާބަރަށް ބޭސްކާން ޖެހޭނެކަން ބުންޏެވެ.
"ދޮންބެ އެމެޖެންސީ ލީވްއަކަށް އެދެންވީނުން ޓޫ ވީކްސް ވަންދެން" ނަވާލް ބުންޏެވެ.
"ރަނގަޅު ނުވަނީސް ލާހިކެއް ނޫން ގެއިން ނުކުންނާކަށް" މާޝިތާ ބުންޏެވެ. އަނެއްކާވެސް ނަޒާނަށް ހެވުނެވެ.
*******
ހުކުރު ދުވަހެވެ. ހެނދުނުގެ ނާޝްތާއަށް ފުލްމޫން ގެ ތައްޔާރުކޮށްފައި އޮތެވެ. ދިލްޝާދުގެ ދެ ދަރީންނަށް ވުރެ ކުރީން މޭޒުކައިރީގައި އައިސް އިށީނީ ޒަރޫކެވެ. ދިލްޝާދު ޒަރޫކަށް ބަލައިލިއެވެ. އޭނާ އިނީ ކަސްރަތުކުރާ ހެދުމުގައެވެ.
"ޒަވީ ނުދޭތަ؟" ދިލްޝާދު އެހިއެވެ.
"ބުނި ބަނޑު ސަކަރާތްވެގެން އުޅޭ ވާހަކަ" ޒަރޫކް ބުންޏެވެ.
ޒަވީގެ ހާލު ރަނގަޅު ނޫންކަން ދިލްޝާދަށް އެނގުނީ ދެނެވެ. އޭނާ ވަގުތުން ޒަވީގެ ކޮޓަރިއަށް ދިޔައެވެ. އޭރުވެސް ޒަވީ އުޅުނީ ފާހާނައިގައެވެ. ޒަވީ ނުކުންނަންދެން ދިލްޝާދު ކޮޓަރީގައި މަޑުކޮށްގެން އިނެވެ. މާގިނައިރެއް ނުވެ ޒަވީ ފާހާނައިން ނުކުތެވެ.
"ޑޮކްޓަރަށް ދައްކަން ދާންވީނުން" ޒަވީ ބުންޏެވެ.
"ރެއަށް ވުރެ ރަނގަޅު. މަންމަ އަޅުގަނޑަށް ދެބިސް ކައްކާލައިގެން ގެނެސްދީބަލަ" ޒަވީ ބުންޏެވެ. ތުވާލި އަޅުވަން ހަރު ކައިރިއަށް ޖެހިލި ވަގުތު ހުޅުވާފައި ހުރި ކޮޓަރި ދޮރުމައްޗަށް އެރި މަންޝާ، ޒަވީއަށް ފެނުނެވެ. ވަގުތުން ކޮއްކޮއާ ސަމާސާއެއް ކޮށްލާހިތްވިއެވެ.
"ގައިމުން މިގޭ މީހުން ކެއި އެއްޗެއް ޒަވީ ވެސް ކެއީ. ބޭރުން ކޯޗެއް ފަހުން ކެއީ؟" ދިލްޝާދު ބުންޏެވެ.
"ކައްކަން ނޭނގޭ މީހަކު ލައްވައި ކުޅިކޮށް މަސް ހެދީމަ މިހެން ވާނީ. އަނެއްކާ އެހާ ލޮނުގަދަ. މަންކޮ ހެދި ކުޅިމަސް އަޅެ މަންމަމެންނަށް ކެވުނުތަ؟" ޒަވީ ބުންޏެވެ. މަންޝާ ވަދެގެން އައިކަން އޭނާ ހުރީ ނޭނގޭކަމަށް ހަދައިގެންނެވެ.
"އެއްވެސް ލޮނުގަދައެއް ނޫން. ހަމަ މީރު. ބައްޕަވެސް ދެފަހަރު ކެއި" މަންޝާ ބުންޏެވެ.
ހައިރާންވެފައި ޒަވީއަށް ދިލްޝާދު ބަލައިލިއެވެ. ޒަވީ ހިނި އައިސް އިންތަން ފެނުމުން ވީގޮތް ދިލްޝާދަށް އެނގުނެވެ.
"އެހެންނޫނަސް ދެން ކޮންމެހެން ދޮންބެ ނުޖެހޭނެ އަޅުގަނޑު ކައްކާ އެއްޗެހި ކާކަށް. ފަހަރި އެ އަންނަނީނު" މަންޝާ ބުންޏެވެ. ދިލްޝާދުގެ އަތުތެރެއަށް މަންޝާ ވަން އިރު ހުރީ ރުޅިމޫނު ހަދައިގެންނެވެ.
"ދެ ބުޅާ ކޯޅެއް ފަށާނީއެއް ނޫން. ޒަވީ ތިރިއަށް އާދޭ ބިސް ކާން. މަން ވެސް ހިނގާބަލަ. މަންމަ ރޭގައި ގެނައި ފޮތިކޮޅު ތިއާ އާ ހަވާލުކޮށްލަން ދަރިފުޅު ދޭބަލަ" ދިލްޝާދު ވާހަކަދައްކަމުން ކޮޓަރިން ނުކުތެވެ. ތިއާގެ ގެއަށް ދާ ވާހަކަ ބުނުމުން މަންޝާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ.
*******
ހަމްރާގެ ކޯލެއް މަންޝާއަށް ލިބުނީ އޭނާ ލޯގަނޑު ކައިރީގައި ތައްޔާރުވާން ހުއްޓައެވެ. ދެ އެކުވެރިން ވާހަކައިގައި ޖެހިފައި އިރުކޮޅަކު ހުއްޓެވެ.
"އެނގެއެއްނު މަންމަގެ އެއްކަލަ ފްރެންޑް ސަމާހާއްތަ. މަ ބުނީމެއްނު ސަމާހާއްތަގެ ހުންނަނީ އެންމެ ދަރިއެކޭ. އެސޮރު ރޭގައި ފުލުހުން ހައްޔަރުކޮށްފި. ސަމާހާއްތަ ސަކަރާތްވެގެން ހޮސްޕިޓަލުގައި އޮތީމަ މަންމަ ގުޅާފައި ބުނެފި ކާއެއްޗެއް ތައްޔާރުކޮށްލަން. އެކަމާ މިއުޅެނީ. އެގެއިން ގެއަށް ދަމުން މިގެއަށް ޖައްސާލައްޗޭ. މަ އެކަނި މިއުޅެނީ. ޒިންކޮވެސް އޭނަ ބައްޕަ މިއަދު ގެންގޮސްގެން އުޅެނީ. އޭ... ދެން ހުރިހާ ވާހަކައެއް ފޯނަކުން ނުކިޔޭނެ. ހަނދާންކޮށް އަންނައްޗޭ" ހަމްރާ ވާހަކަދެއްކިއެވެ.
ފޯނު ބާއްވާފައި މަންޝާ ނެގީ އެނދުމަތީގައި އޮތް ކޮތަޅެވެ. އިރުކޮޅަކު ވިސްނާލަން ހުރެފައި ކޮތަޅު ހިފައިގެން ބޭރަށް ނުކުތެވެ.
*******
ބަދިގެތެރޭގައި ތިއާ އާއި މާޝިތާ އުޅުނެވެ. ބަދިގެއިން ނުކުމެވޭ ގޮތަށް ހުރި ހުސްތަންކޮޅުގައި މަސައްކަތެއްގައި އާމިރު އުޅުނެވެ. އާމިރަށް އެހީވާން ކައިރީގައި ހުރީ ނާޔާއެވެ. ހެނދުނު ސަޔަށް ތިއާ ތައްޔާރުކޮށްފައި ހުރި ސޭންޑްވިޗް ތަށިން ދެފޮތި ނަގައިގެން ނަވާލް ހިނގައިގަތެވެ. ނަޒާންގެ ކޮޓަރިއަށް ނަވާލް ވަންއިރު ލެޕްޓޮޕަށް ބަލަހައްޓައިގެން ނަޒާން އޮތެވެ. ނަވާލް ފެނުމާއެކު ލެޕްޓޮޕް ލައްޕާލިއެވެ.
"ހާދަ ސިއްރުން. ފަހަރިގެ ފޮޓޯތަ ތިބަލަނީ" އެތެރެއަށް ވަންނަމުން ނަވާލް ބުންޏެވެ. ނަޒާން އާނއެކޭ ނުވަތަ ނޫނެކޭވެސް ނުބުނެއެވެ. ހިނިގަނޑަކުން ފުއްދާލިއެވެ. ނަޒާން އެނދުގައި އިށީނދެފައި އަތުގައި ހުރި ތަށި ބެހެއްޓީ ދެބެންގެ މެދުގައެވެ.
"ރޭގަ ކޮންކަހަލަ ފައިޓެއްތަ އެއީ. ޑްރަގްސްތަ؟" ނަވާލް އެހިއެވެ.
"އެނޫން އެއްޗެއް އެބައޮތްތަ މި ރާއްޖޭގައި" ނަޒާން ބުންޏެވެ. "އާނ އަދި ހަނދާން ނެތިފައޭ މިހުރީ. އާރް.ޖޭ ކޮމްޕެނީ ނޫންތަ ކިޔަނީ ތި އޮފީހަށް" ނަޒާން ބުންޏެވެ. ނަވާލް ބޯޖަހާލިއެވެ.
"އަނެއްކާ އޮފީސް މީހެއްތަ؟" ނަވާލް އެހިއެވެ.
"އާނ. ބޯދިގު ސޮރެއް. ދޮންބެ މިހާރު ނަމެއް ހަނދާނެއް ނެތް. ހާދަ ބާރަކަށޭ އަޅުވާލީ. ނަވާއަށް އެނގޭތަ. ދޮންބެ ރޭ ހާދަ ރުޅިގަދަވިއޭ. އޭނަ ގައިގައި ވަރަށް ބާރަށް ޖެހުނު. އެނޫނީ ދޮންބެ މީހެއްގެ ގައިގައި ނުޖަހަން. ފަހުން ދެރަވެސްވި" ނަޒާން ވާހަކަދެއްކިއެވެ
ނަވާލް ވިސްނިއެވެ. އޮފީސް މީހެއް ވިއްޔާ އެއީ ކާކު ހެއްޔެވެ؟ ބޯދިގު މީހެކޭ ބުނިއިރު ބޯކުރުކޮށް ހުރި މީހަކު އޭނާގެ ހިޔާލަކަށް ނައެވެ.
ކުއްލިއަކަށް ދެބެން ސިހުނީ ދޮރުގައި ޓަކި ޖެހި އަޑަށެވެ. ނާޔާ ނޫނީ އެގޮތަށް ދޮރުގައި ނުތަޅާނެކަން އެނގޭތީ އެކަކު އަނެކަކަށް ބަލައިލަމުން ހިނިގަނޑެއް ޖެހިއެވެ.
"ނާއްކޮގެ ސަބަބުން ބިޓެއް ގޮވައިގެންވެސް ކޮޓަރީގައި ނޯވެވޭނެ" ނަޒާން ބުންޏެވެ. ނަވާލަށް ހެވުނެވެ.
ނަޒާން ދޮރު ހުޅުވަން ނުދަނީސް ނާޔާ ދޮރުހުޅުވާލިއެވެ. ދޮރުމަތީގައި ނާޔާ ކައިރީގައި ތިއާވެސް ހުއްޓެވެ.
"ކޮން ވަޑާމެއް ދެކުދިން؟" ނަޒާން އެހިއެވެ.
އެވަގުތު ނާޔާ އެއްފަރާތަކަށް ބަލައިލިގޮތަށް ތިއާގެ ފަހަތުގައި ނިވާވެގެން ހުރި މަންޝާގެ އަތުގައި ހިފައި ދަމައިގަތެވެ. މަންޝާ ފެނުމާއެކު ނަވާލް ފުންމައިގެން ތެދުވިއެވެ. ނަޒާނަށް ހީވީ ހިތްގައިމު ފިނި ވައިރޯޅިއެއް އޭނާގެ ހިތުގައި ފިރުމާލި ހެންނެވެ. ކުރިމަތީގައި ހުރީ މަންޝާ ކަން އޭނާއަށް ގަބޫލެއް ނުކުރެވުނެވެ. އެ ސޫރަ ދެކިލާހިތުން އޭނާގެ ހިތް ތެޅިފޮޅުނު ވަރު އެނގޭނީ އެކަނި އޭނައަށެވެ.
"މިއީ ތިއްތަމެންގެ ފެމެލީ ކުއްޖެއް. އެނގޭތަ މަންޝާދައްތަ އެ އައީ ޒަވީބެގެ ވެޑިންގައި ނާއްކޮ އާއި ތިއްތަ ލާން ހެދުން ފަހަން އެގޭ ދައްތަ ފޮނުވި ފޮތިކޮޅު ހިފައިގެން. މަންޝާ ދައްތަ އެކަނި އައީމަ މަންމަ ބުނެފި އެކަނި ގެއަށް ނުފޮނުވާށޭ" ނާޔާ ވާހަކަދެއްކިއެވެ.
"ހިނގާބަލަ ބޭރަށް. ކޮޓަރީގައި ތިބޭތަ؟" ތިއާ ބުންޏެވެ.
"ހޭވައްލާ ތައްޔާރު، ހިނގާ. ތިހާ ރީތި ކުއްޖެއް އެކަނިކޮށްލާކަށް ނުވާނެ" ނަޒާން ބުންޏެވެ. އެހެން މީހުންނަށް އެއީ ނަޒާން ވަކި މާނައެއްގައި ބުނި އެއްޗެއްހެން ހީނުވިޔަސް އެ ޖުމްލައިގައި ދެމާނަ އެކުލެވިގެންވާކަން އެނގެނީ އެކަނި ނަޒާނަށެވެ.
ހުރިހާ ކުދިން އެކުގައި ކޮޓަރިން ނުކުމެގެން ގޮސް އިށީނީ ކާމޭޒު ކައިރީގައެވެ. ދަރީންގެ ސަކަރާތުގައި މާޝިތާ ބައިވެރިނުވިޔަސް ބަދިގޭ ކެބިންމަތި ސާފުކުރަން ހުރެ ބައެއް ފަހަރު އެއްޗެއް ބުނެލައެވެ. މަންޝާއާއި ނަވާލް ދިމާލަށް ތިބިއިރު އެކަކު އަނެކަކަށް އެންމެ ފަހަރަކުވެސް ބަލައިނުލައެވެ. ނަޒާންގެ ކަޅި ސިކުންތަކު ދެފަހަރު މަންޝާއަށް ހުއްޓެއެވެ. ސައުވީސް ގަޑިއިރު އޭނާ ބޭނުންވަނީ މަންޝާ އޭނާގެ ކުރިމަތީގައި ހުންނާށެވެ.
"އަތް.... އަތަށް ކިހިނެއްވީ؟" އެގެއަށް އައި ފަހުން ފުރަތަމަ ފަހަރަށް މަންޝާ ވާހަކަދެއްކިއެވެ. ނަޒާން އުފަލުން އުދުއްސައިނުގަތީ ކިރިޔާއެވެ. މަންޝާގެ ލޮލުގައި އޭނާގެ ބޭސްގަނޑު އަޅައިގަތީތީ އިންތިހާއަށް އޭނާ އުފާކުރިއެވެ.
"އެނގޭތަ ޕްރިޒަނާ އަކާ ފައިޓެއް ދުއްވާލީނު" ނާޔާ ބުންޏެވެ.
"ގެޓްވެލް ސޫން" މަޑުމަޑުން މަންޝާ ބުންޏެވެ.
މަންޝާއަށް އުނދަގޫ ވެއްޖެއެވެ. އޭނާ ލަދުވެސް ގަނެއްޖެއެވެ. ނަޒާން ބަލަނީ އެހާވަރަށް ވިއްޔާއެވެ. ރަނގަޅަށް ނޭވާ ލެވޭހެންވެސް އޭނާއަށް ހިއެއް ނުވެއެވެ. ނަވާލްގެ ދޮންބެ އެހާ ވަރަށް އެބަލަނީ ކީއްވެ ހެއްޔެވެ؟ ދަންނަ މީހަކާ ވައްތަރީ ހެއްޔެވެ؟ ނޫނީ އެހެން ކަމެއް ހެއްޔެވެ؟ މަންޝާއަށް ނުވިސްނުނެވެ.
"ވަރަށް ލަސްވެއްޖެ. މަންމަ ބުނި އަވަހަށް އަންނައްޗޭ" އެންމެފަހުން މަންޝާ ބުންޏެވެ.
"އެ މަންޖެ ދެން ގެއަށް ފޮނުވާ" ބަދިގޭގައި އުޅުނު މާޝިތާ ބުންޏެވެ. ނަވާލްގެ މޫނުގެ ކުލަ އޮއްސުނެވެ. ކޮންމެ ކަމަކަށްވެސް ނިމުން އަންނާނޭ ބުނާ ފަދައިން އެހިނދަށް ހިތަށް ލިބުނު ހިތްހަމަޖެހުންކޮޅުގެ ނިމުން އަތުވީއެވެ.
"ދަރިފުޅާ ނަވާލް. ކާރުގައި އެމަންޖެ ގެއަށްލާފައި އާދޭ" އާމިރު ބުންޏެވެ.
ނަވާލަކަށް ނޭނގުނެވެ. ކާރުގައި އޭނާ އެކަނި ދާނީ ކިހިނެއް ހެއްޔެވެ؟ މަންޝާވެސް ނުރުހޭނެއެވެ. އެހެންނޫނަސް ގެއާ ހަމައަށް ދެވެންދެން ދެ ބީރައްޓެހިން ފަދައިން ތުންބައްދައިގެން ތިބޭނީ ކިހިނެއް ހެއްޔެވެ؟
"ތިއާވެސް ހިނގާ ދާން" ނަވާލް ބުންޏެވެ. ވަގުތުން ތިއާ އެއްބަސްވިއެވެ.
"ދޮންބެއާ ނާއްކޮވެސް ދާނަން. ކުޑަކޮށް ބޭރަށް ނުކުމެލެވޭނެއްނު" ނަޒާން ބުންޏެވެ. ދެއަތް ސަލާމަތުން އޮތްނަމަ މިއަދު މަންޝާ ގޮވައިގެން ގެއަށް ލާން ދާނީ ސީދާ އޭނައެވެ. އެވަގުތުކޮޅު އަމިއްލަ ނަސީބާ މެދު ނަޒާން ހިތްހަމަނުޖެހުނެވެ.
ކާރު ކައިރީގައި މަންޝާ މަޑުކޮށްގެން ހުރީ ހެދުން ބަދަލުކޮށްގެން ތިއާ އެބަ ނުކުންނަމޭ ބުނީމައެވެ. އޭނާ ހުރީ ވީހާވެސް އަވަހަކަށް އެގެއިން ނުކުންނަން ބޭނުންވެފައެވެ. އެހެން ހުއްޓައި ދާދި ކައިރީގައި އައިސް އެ ހުއްޓުނީ ނަޒާނެވެ. މަންޝާ ކުޑަކޮށް ހީލާފައި ނަޒަރު އެހެން ދިމާލަކަށް ބަލައިލިއެވެ.
"މަންޝާ.... މަން..... ވަރަށް ރީތި" ނަޒާން ބުންޏެވެ. ހައިރާންކަމާއެކު މަންޝާ ނަޒާނަށް ބަލައިލިއެވެ.
"މިބުނީ ނަން ވަރަށް ރިއްޗޭ"
(ނުނިމޭ)