ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ނިންމެވީ ވާދަވެރި ކެންޑިޑޭޓަކީ ކޮބައިތޯ ބައްލަވައިގެންނެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބަކީ ވާދަވެރި އިންތިހާބަކަށް ވެގެންދާނެ ކަމަށާއި ކޮންމެ ކެންޑިޑޭޓެއް ވާދަކުރި ނަމަވެސް، އެ އިންތިހާބު ވެގެންދާނީ ވާދަވެރި އިންތިހާބަކަށް ކަމަށެވެ.

"ރިޔާސީ އިންތިހާބަށް އަޅުގަނޑު ކުރިމަތިލާން މި ނިންމީ ކޮންމެހެން އަޅުގަނޑާ ވާދަކުރަނީ ކާކުތޯ ބަލައިގެންނެއް ނޫން. ކޮންމެ ބޭފުޅަކު ކުރިމަތިލެއްވިޔަސް، އަޅުގަނޑު ދެކޭގޮތުގައި ވާދަވެރި އިންތިހާބަކަށް ވާނެ. އެއީ ވަކި ބޭފުޅަކަށް ވެގެންނެއް ނޫން. ރާއްޖޭގެ ސިޔާސީ މަޝްރަހު މިއޮތް ގޮތުން ވާދަވެރި އިންތިހާބަކަށް ވެގެންދާނެ. އެހެންވީމާ އެއީ ވަކި ބޭފުޅެއްތޯ، ވަކި ޕާޓީއެއްގެ ބޭފުޅެއްތޯ ބަލައިގެންނެއް ނޫން އަޅުގަނޑު ކުރިއަށްދާން މި ނިންމީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވުމާއެކު މަސައްކަތްކުރައްވާނީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ކަމަށާއި އެމަނިކުފާނު މަސައްކަތްކުރައްވާނީ ކޮންމެ ކެންޑިޑޭޓަކީ ވެސް ވާދަވެރި ކެންޑިޑޭޓެއްގެ ގޮތުގައި ދެކެވަޑައިގެން ކަމަށެވެ. އަދި އެންމެން އެކަހެރިކޮށްފައި، ވާދަކުރާ ހަމައެކަނި ކެންޑިޑޭޓުގެ ގޮތުގައި ނުކުމެވަޑައިގެން ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބައިންދައިގެންތޯ އަޅުގަނޑު ރިޔާސީ އިންތިހާބަށް ދާން ބޭނުންވަނީ. ނޫން، އެއްގޮތަކަށް ވެސް އަޅުގަނޑުގެ ވިސްނުމެއް ނެތް ވަކި މީހަކު އެކަހެރިކޮށްފައި، ވަކި މީހަކު ބާކީކޮށްފައި އަޅުގަނޑު އެކަނި ނުކުމެ އިންތިހާބު ކާމިޔާބުކުރާކަށް. ޝަރުތު ހަމަވާ އެންމެންނަށް، ހުރިހާ ބޭފުޅުންނަށް ރިޔާސީ އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު އޮންނަންވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ ދައުވާތައް މިދިޔަ އާދީއްތަ ދުވަހު ވަނީ ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައެވެ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާއެއް ކުރިއެވެ. އެއީ އެރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ބޭނުންކޮށްގެން މަނީލޯންޑާ ކުރި ކަމުގެ ދައުވާއެވެ. އޭގެ ތެރެއިން ރިޝްވަތު ހިފުމުގެ ކުށުގެ އަދަބެއްގެ ގޮތުން ހަތަރު އަހަރަށް އަދި މަނީލޯންޑާ ކުރުމުގެ ކުށުގައި ހަތް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ރައީސް ސޯލިހު ފުރަތަމަ ނުކުންނަވަން ޖެހިވަޑައިގަންނަވާނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައެވެ. އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ދެކޮޅަށް ނުކުންނަވާނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.