އެމްޑީޕީގެ ރިޔާސީ ޓިކެޓު އިރާދަކުރެއްވިއްޔާ ބޮޑުތަނުން އެމަނިކުފާނު ކާމިޔާބުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ރައީސް ސޯލިހް ވިދާޅުވީ އެންމެ ފުރަތަމަ މަސައްކަތަކީ އަންނަ މަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޓިކެޓް ކަށަވަރު ކުރުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އެމްޑީޕީގެ ޕްރައިމަރީ ބޮޑުތަނުން އަޅުގަނޑު ކާމިޔާބު ކުރާނަން. އެއަށްފަހުގައި އަޅުގަނޑު ކޯލިޝަނެއް އެކުލަވައިލުމުގެ މަސައްކަތް ފަށާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ފަރާތަކަށް އެމްޑީޕީ ޕްރައިމަރީގައި ވޯޓް ދިނުމަށް އެދޭ ކަމަށެވެ. އެއީ އެމްޑީޕީއަށް އެންމެ ފައިދާހުރި ގޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓާއެކު ކުރިއަށްވަޑައިގެން، އެ ބޭފުޅަކާއެކު މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީ އެކުގައި އޮވެއްޖެނަމަ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެޕާޓީއަށް ކާމިޔާބު ކުރުމަށް ފަސޭހަވާނެ ކަމަށެވެ. އެމްޑީޕީ ބައިބައިވެ، ދެފަޅި ވެއްޖެނަމަ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެޕާޓީއަށް ޗެލެންޖަކަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ މި ޕްރައިމަރީ ކުރިއަށްދާ އިރުވެސް ދެ ފަރާތުންވެސް މަސައްކަތް ކުރެއްވުން ޕްރައިމަރީ ނިމުމާއެކު އެކީގައި މަސައްކަތް ކުރަންޖެހޭ ބައެއްކަން ދެނެގަނެ، އެގޮތަށް ކުރިއަށް ދިއުން. ކޮންމެ މީހަކުވެސް ތާއީދުކުރާ ކެނޑިޑޭޓަކަށް ވޯޓްލުން އެ ޕްރައިމަރީއެއްގައި އޮންނާނެ. ނަމަވެސް ނިމުމަށްފަހުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގައި އެންމެން އެކީގައި ތިބުން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ސަރުކާރުން ސިޔާސަތުތައް ތަންފީޒު ކުރަމުންދާ ގޮތަށް ބަލައި ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތާއީދު ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތައް، ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކާ އެކު އަދި ކުރިއަށް ގެންގޮސްފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ނުރަސްމީކޮށް ބައެއް ވާހަކަތައް ދެކެވިފައި ހުންނާނެ އެ މަޝްވަރާތަކުގެ ތެރޭގައި ހިޔާލު އެއްގޮތްވޭ ގިނަ ކަންތައްތަކުގައި، އެޔަގީންކަން އަޅުގަނޑަށް ވަރަށް ބޮޑަށް އެބައޮތް،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު ކޯލިޝަންގައި ހިމެނޭ ބޭފުޅުންގެ އިތުރަށް ވަކި ވަކި ސިޔާސީ ބޭފުޅުންގެ ތާއީދުވެސް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.