ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އޮތް ހަމައެކަނި މައްސަލައަކީ ރައީސްކަމުގެ މަގާމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ، ނަޝީދާ ދެމެދު އޮތް ހަމައެކަނި މައްސަލައަކީ ރައީސްގެ މަގާމުގައި އެ މަނިކުފާނު ހުންނެވުން ކަމަށެވެ. އަދި ނަޝީދު ބޭނުންފުޅު ވަނީ ވެރިކަން ކުރައްވަން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ނޫން ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވި ނަމަވެސް މި މައްސަލަ އޮންނާނެ. ރައީސް ނަޝީދަކީ އަބަދުވެސް ވެރިކަމުގައި ހުންނަން ބޭނުންވާ ބޭފުޅެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ނަޝީދު ވެރިކަމުގައި ހުންނެވި އިރު، ހިޔާލު ތަފާތުވާ ކަންކަމުގައި ބަސްފުޅު ވިދާޅުވެފައިވާނެ ކަމަށެވެ. ނަމަވެސް ނަޝީދަކީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކަމަށްވުމުން ނިންމުތައް ނިންމެވުމުގެ ކުރިން މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ. އަދި ވިދާޅުވީ އެ މަނިކުފާނު ވެސް ވެރިކަމުގައި ކަންކަން ނިންމެވުމުގައި އަމަލު ކުރައްވަމުން ދަނީ ނަޝީދު އަމަލުކުރެއްވި ގޮތަށް ކަމަށެވެ.

"ވަކި މީހެއްގެ ވަކި ކަމެއް ހާސިލްކުރުމަށް ޓަކައި އަޅުގަނޑަށް ހުށަހަޅާ ހުށަހެޅުމެއްގައި އަޅުގަނޑަށް ގޮތެއް ނިންމޭނީ ދެން ތިބި އެންމެންގެ މަޝްވަރާ މަތީގައި،" ރައީސް ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުން މެނިފެސްޓޯގެ ނޯންނާނެ ކަމަށާއި މެނިފެސްޓޯގައި ނެތް ކަންކަން ނިންމަވާނީ ކޯލިޝަންގެ ބައިވެރިންގެ މަޝްވަރާގެ މަތިން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ތަންފީޒު ކުރަމުން މި ގެންދަނީ އަޅުގަނޑާ ހަވާލުވެފައި އޮތް އެ މެނިފެސްޓޯ، އޭގައި އޮތްގޮތަށް މި ކުރިއަށް ގެންދަނީ. އެއްވެސް ހާލެއްގައި އެ މެނިފެސްޓޯ ތެރޭގައި ނިޒާމީ ވޯޓެއް މި ފަސް އަހަރު ތެރޭގައި ނަގާ ވާހަކައެއް ނެތް،" ރައީސް ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އޮންނަ އުސޫލުގެ ތެރެއިން ނިޒާމު ބަދަލުކުރަން ޖެހިއްޖެނަމަ، އެކަން ކުރައްވާނެ ކަމަށެވެ.

ރައީސް ސޯލިހާއި ނަޝީދާ ދެމެދު ހިޔާލު ތަފާތުވުން އެންމެ ބޮޑަށް އުފެދިގެން ދިޔައީ ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ނަޝީދު ހުށަހެޅުއްވުމުން، ރައީސް އެކަމަށް ދެކޮޅު ހެއްދެވުމުންނެވެ.

ރައީސް ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހު ރައްޔިތުން ތާއީދު ބަރުލަމާނީ ނިޒާމަށް ލިބިއްޖެނަމަ ކަމަށެވެ. ނަޝީދު ވަނީ މިއަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ދިޔުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.