އެލައިޑް އިންޝުއަރަންސް ކޮމްޕެނީގެ އިޖުތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން މި އަހަރު ތައާރަފު ކުރި ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަނަލް ފަންޑު ލިބޭ ފަރާތްތައް އިއުލާނުކޮށްފިއެވެ.
އެލައިޑުގެ ކޮމިއުނިޓީ ފަންޑަކީ ހަ ދާއިރާއެއް ހިމެނޭ ގޮތަށް މުޖުތަމައުއަށް މަންފާކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން، އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެކެވެ.
އެގޮތުން ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، ތައުލީމާއި ތާރީހުގެ ރޮނގުން ހެޔޮބަދަލުތަކެއް ގެނައުމަށް ޖަމިއްޔާތަކުން ރާވައިގެން ހިންގާ ޕްރޮޖެކްޓުތަކަށް މި ފަންޑު ލިބޭނެއެވެ.
އެލައިޑުން މައުލޫމާތު ދޭ ގޮތުގައި މި ފަންޑިން ޕްރޮގްރާމަށް ހޮވާފައިވާނީ ދެމެހެއްޓެނިވި ގޮތެއްގައި މުޅި މުޖުތަމައަށް ފައިދާކުރުވަނިވި ޕްރޮޖެކްޓުތަކެވެ. އެގޮތުން މި ފަހަރުގެ ކޮމިއުނިޓީ ފަންޑުން އެހީ ލިބޭ ޖުމުލަ ހަތަރު ޕްރޮޖެކްޓެއް ހޮވާފައިވާއިރު އެއިން ކޮންމެ ޕްރޮޖެކްޓަކަށްވެސް 50،000 ރުފިޔާ ފަންޑުކޮށްދޭނެއެވެ.
- ގއ. ކޮނޑޭ، ކިއްސަރު ޖަމިއްޔާއިން ކުރިއަށްގެންދާ ޕްރޮޖެކްޓް "ރައްކާތެރި ބޯފެން އެންމެނަށް"
- ގދ. ހޯޑެއްދޫ، ހޯޑެއްދޫ ސްޕޯޓްސް ޖަމިއްޔާއިން ކުރިއަށްގެންދާ ޕްރޮޖެކްޓް "އޮޅަމައްތާ އީކޯ ޕާކް"
- ބ. އޭދަފުށި، ފައުންޑޭޝަން އޮފް އޭދަފުށި ޔޫތް ލިންކޭޖް އިން ކުރިއަށްގެންދާ ޕްރޮޖެކްޓް "ބ. އަތޮޅު ސްކޫލްގެ ސެން ކްލާސް އަދި ޕްރީސްކޫލް ކްލާސް ތައް ތަރައްގީކުރުން"
- ރ. ކިނޮޅަސް، ޖަމިއްޔަތުލް އިލްތިހާދް އިން ކުރިއަށްގެންދާ ޕްރޮޖެކްޓް "ގުރްއާން ކުލާހެއް އެޅުން"
އެލައިޑް އެޑިއުކޭޝަން ފަންޑަކީ އެލައިޑް ޕްރިމިއަމް ފޯ ގުޑް އޮނިގަނޑަށް އަލަށް އިތުރުކުރި ދެވަނަ ފަންޑިން ޕްރޮގްރާމެވެ.
ފަސް ދާއިރާއަކަށް ހުޅުވާލާފައިވާ މި ފަންޑަކީ ތައުލީމީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި އެލައިޑުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރުކުރި ބޮޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ސްކޫލްތަކުގެ ލައިބްރަރީ، ޓީޗިން ސްކޫލް، ލެބޯޓަރީ، ޓީޗާސް ޑިވެލޮޕްމަންޓް ޕްރޮގްރާމް އަދި ސްޓޫޑެންޑް ޑިވެލޮޕްމަންޓް ފަދަ ދާއިރާތަކުގެ ޕްރޮގްރާމްތަކަށް ފަންޑިންއަށް އެދުމަށް އެލައިޑުން ސަރުކާރުގެ ހުރިހާ ސްކޫލަކަށް ހުޅުވާލިއެވެ.
މި ފަހަރުގެ އެޑިއުކޭޝަން ފަންޑުން އެހީ ދޭން ނިންމާފައިވަނީ އަށް ސްކޫލަކުން ހިންގާ ޕްރޮޖެކްޓްތަކަށެވެ. އެއިން ކޮންމެ ޕްރޮޖެކްޓަކަށްވެސް އެލައިޑުން 25،000ރ. ފަންޑުކޮށްދޭނެއެވެ.
- ހއ. ބާރަށު ސްކޫލް، ރީޑާސް ޕާކެއް ތަރައްގީކުރުން
- ބ. ހިތާދޫ ސްކޫލް، ލައިބްރަރީ އަޕްގްރޭޑިން ޕްރޮޖެކްޓް
- ގދ. ތިނަދޫ އަބޫބަކުރު ސްކޫލް، ލައިބްރަރީއަށް ފޮތް ގަތުން
- ރ. ހުޅުދުއްފާރު ސްކޫލް، ކްލާސްތަކުގެ ރީޑިން ކޯނާ ހެދުން
- ބ. ދަރަވަންދޫ، ބ އަަތޮޅު ސްކޫލް، ލައިބްރަރީއެއް ގާއިމްކުރުން
- ށ. ފީވަކު ސްކޫލް، އައުޓްޑޯ ރީޑިން ޕާކެއް ގާއިމްކުރުން
- ގއ. ކޮނޑޭ ސްކޫލް، އައުޓްޑޯ ލާނިން ޕްރޮޖެކްޓް
- ލ. މާބައިދޫ، ލ އަތޮޅު ސްކޫލް، ޓީޗާސް ޑިވެލޮޕްމަންޓް ޕްރޮގްރާމް
އެލައިޑް އިންޝިއުރެންސް ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަންޑިން ޕްރޮގުރާމްތަކަށް ހޮވުނު ފަރާތްތައް އިއުލާނުކުރެއްވީ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރްޝާން އަދި މާކެޓިން މެނޭޖަރު އައިޝަތު ސުދާއެވެ.
ފިރްޝާން ވިދާޅުވީ މި ޕްރޮގްރާމަށް ލިބުނު ތަރުހީބު ރަނގަޅު ކަމަށާއި އެހެންކަމުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މި ޕްރޮގްރާމުގެ ދެވަނަ ބުރެއް އިއުލާނުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ފަންޑިން ޕްރޮގްރާމުގެ އެހީގައި މުޖުތަމައަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު