ގެއަށްދިޔަ މަގުމަތީގައި އެތައް ގޮތަކަށް މަންޝާ ވިސްނިއެވެ. ދިރިއުޅުމަކީ އެކަމުގައި ހަމައެކަނި އުފާވެރިކަމާއި ހިތްހަމަޖެހުން އޮތް އެއްޗެއް ނޫނެވެ. އުފަލާއި ހިތްހަމަޖެހުމާއި ވޭނާއި ކެކުޅުން އަދި ތަކުލީފާއި ހިތްނުތަނަވަސްވުމަކީ ދިރިއުޅުމުގެ އެއްބައެވެ. ދިރިއުޅުމަކީ އެ ހުރިހާ އިހުސާސެއް އެކުވުމުން ފުރިހަމަވާ އެއްޗެކެވެ.
ފަހަތުގައި މީހަކު ހުރިހެން ހީވެ މަންޝާ ބަލައިލިއެވެ. ފަހަތުގައި މީހަކު ހުރީކީ ނޫނެވެ. ދާދި ކައިރިން ސައިކަލުގައި ދިޔަ މީހަކު ފެނި މަންޝާ ހުއްޓު އެރިއެވެ. އެއީ ނަވާލްގެ ދޮންބެ ނަޒާނެވެ. އެކަމަކު ނަޒާން އެބެލީ ކޮންކަހަލަ ނަޒަރަކުން ހެއްޔެވެ؟ ޔަގީނުންވެސް އެބެލުން ތަފާތެވެ.
******
މަޣްރިބް ނަމާދު ބަންގީގެ ފުރަތަމަ ކަލިމައިގެ އަޑު އިވުނީ މަންޝާ ގެއަށް ވަންތަނާއެވެ. ތަޅުގައި ހިފާލާފައި އޭނާ ފުންނޭވައެއް ދޫކޮށްލިއެވެ. އެތެރޭގައި ތިއާ އާއި ނަވާލް އިންނާނެއެވެ. އޭނާ ނޭވާ ހަމަޔަކަށް އަޅުވާފައި ދޮރު އެތެރެއަށް ހުޅުވާލިއެވެ. ބޮޑުކޮޓަރި ހުހަށް އޮތްތަން ފެނުމުން ހިތުގައި ސުވާލު އުފެދުނެވެ. އެމީހުން އަދި ނާންނަނީ ހެއްޔެވެ؟ މަންޝާ ހިނގައިގަތީ ކޮޓަރި އާ ދިމާލަށެވެ.
މޫނުދޮންނަ ތަށި ކުރިމަތީގައި ހުއްޓިފައި އަމިއްލަ ސޫރައަށް މަންޝާ ބަލައިލިއެވެ. ދެލޮލުން އޭނާ ރޮއެފައި ހުރިކަން އެއްވެސް މީހަކަށް އެނގޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންވެ އަމިއްލަ ނަފުސަށް ހިނިތުންވެލާފައި ވުޟޫކުރަން ތައްޔާރުވިއެވެ. ނަޒާން ބަލަމުން ދިޔަގޮތް މަންޝާ ހަނދާންވީ ކުއްލިއަކަށެވެ. ވަގުތުން އޭނާގެ ހަރަކާތްތަކަށް ލަސްކަމެއް އައެވެ. މަންޝާއަކީ މީގެކުރިން ނަވާލާ ގުޅުމެއް އޮތް މީހެއް ކަމެއް ނަޒާނަށް ނޭނގޭނެއެވެ. އެނގޭނަމަ އެފަދަ ކަމެއް ނަޒާންގެ ފަރާތުން ނުފެނުނީހެވެ.
"ނަޒާން... " މަންޝާ އެ ނަން ކިޔާލިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ނަޒާނާ މެދު މަންޝާގެ ހިތުގައި އޮތީ އިހުތިރާމާއި ގަދަރެވެ. ނަވާލްގެ ބޭބެއަށް ވީތީ ކަމުގައިވެދާނެއެވެ.
********
ގޭދޮރުން ތިއާ ނުކުތް އިރު ނަވާލް ސައިކަލުމަތީގައި އިންތިޒާރުގައި އިނެވެ. ހީލަމުން ތިއާ ހިނގައިގަތެވެ. ސައިކަލް ފަހަތަށް އަރަން އުޅުނު ތިއާގެ އަތުގައި ނަވާލް ހިފެހެއްޓިއެވެ. ތިއާ ބަލައިލިއެވެ. އެއާއެކު ނަވާލް އަތް އުފުލާލާފައި ތިއާގެ ތުންފަތް ކައިރިން ލިޕްސްޓިކް ފޭދިފައި ހުރި ތަންކޮޅެއް ފޮހެލިއެވެ.
"މިއަދު ނުބަލާ ހުރެތަ ޖެއްސީ" ނަވާލް ބުންޏެވެ.
"އާނ އެއީ ނަވާލް ފެންނަން ނެތީމަ" ތިއާ ބުންޏެވެ.
ނަވާލް ހީލިއެވެ. ތިއާ އާ ދިމާކޮށްގެން އެހާ ފަސޭހައިން ސަލާމަތް ނުވާނެކަން އޭނާއަށް އެނގިއްޖެއެވެ. ތިއާ ފަހަތަށް އެރުމާއެކު ނަވާލް ކުރިއަށް ދުއްވާލިއެވެ. ސައިކަލުގެ އެއް ލޯގަނޑުކޮޅު ފަހަތް ފެންނާނެ ގޮތް ހެދުމަށްފަހު ދެވަނަ ލޯގަނޑުކޮޅު އަމާޒުކުރީ ސީދާ ތިއާގެ މޫނު ފެންނާނެ ގޮތަށެވެ. އޭނާ ތިއާގެ ލޯބީގައި ދީވާނާ ވަމުންދާކަން އޭނާއަށް ރޭކާ ނުލައެވެ.
"ދޮންތަމެން ނާދޭތަ ޕާޓީއަށް" ނަވާލް އެހިއެވެ.
"އަދި އިހަށް ދުވަހުއެއްނު އެދިޔައީ. ދޮންތަބެއަށް ނާދެވޭނެ. ދޮންތަބެއަކީ އެކޮޅުގެ ގާނޫނީ ވަކީލެއް" ތިއާ ބުންޏެވެ.
ދެކުދިން ވާހައިކައިގައި ތިބެ ގެއާ ހަމައަށް ފޯރިއެވެ.
"ނުވަންނަންތަ؟" ނާވާލް ނުފައިބާ އިނުމުން ތިއާ ބުންޏެވެ.
"އިޝާކޮށްލައިން މިއަންނަނީ" ނަވާލް ބުންޏެވެ.
*******
ލޯގަނޑު ކުރިމަތީގައި ހުރި މަންޝާއަށް ފަހަތުން އައިސް ހުއްޓުނު ތިއާ ފެނުމާއެކު ސިހުނެވެ. ރަނގަޅަށް މަންޝާއަށް ފަހަތަށް އެނބުރި ނުލެވެނީސް ތިއާ މަންޝާގެ ގައިގައި ބައްދާލައިފިއެވެ. ހަރަކާތް ހުއްޓިފައިވާ ބުދެއްހެން އިރުކޮޅަކު މަންޝާ ހުއްޓެވެ. ކައިވެނިކުރި ފަހުން ތިއާ ފެނުމުން އެތައް ޝުއޫރުތަކެއް މަންޝާގެ ހިތަށް އެއްފަހަރާ ވެރިވެގެން ދިޔައެވެ.
"މަން.... ރުޅި އެނގޭ... އަހަރެން ދިޔަފަހުން އަޅެ ހަބަރެއްވެސް ނުވޭ. ފޯނު ކުރިޔަސް ނުނަގާ. އަދި ފަހުންވެސް ގުޅަނީއެއްނޫނޭ" ތިއާ ޝަކުވާ ފޮށި ހުޅުވާލިއެވެ. މަންޝާއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އަތުގައި ހިފައިގެން އައިސް އެނދުގައި އިށީންނަންދެން މަންޝާގެ ފަރާތުން ތިއާއަށް ފެނުނީ ހިމޭންކަމެވެ.
"ކިހިނެއްވެފަ ތީނީ" ތިއާ އެހިއެވެ.
"ތިއާ ވަރަށް ހެޕީތަ؟" މަންޝާ އެހިއެވެ.
ތިއާ ބޯޖަހާލިއެވެ. ހީލާފައި މަންޝާގެ މޫނުގެ ދެފަރާތުގައި ދެއަތުން ހިފަހައްޓާލިއެވެ.
"ނަވާލަކީ ވަރަށް ރަނގަޅު އިންސާނެއް. އަހަރެންނަށް ވަރަށް ބޮޑަށް ލޯބިވެވިއްޖެ" ތިއާ ބުންޏެވެ. މަންޝާ ހިންދިރުވާލިއެވެ. ތިއާގެ އެބަސްތަކުން އޭނާއަށް ތަކުލީފެއް ލިބުނެވެ. އެހެންނަމަވެސް ތިއާއަށްޓަކައި އޭނާ އުފާކުރިއެވެ. ނަވާލްގެ ފަރާތުން އޭނާއަށް ލިބުނު ފަދަ ދެރައެއް ތިއާއަށް ނުދެއްވުމަށް އެދި ހިތާހިތުން ދުއާކޮށްލިއެވެ.
"މިހާރު އަންނާނެ ދޯ ފަހަރި. އޭގެކުރިން ނަމާދުކޮށްލަން އެބަޖެހޭ" ދަބަސް އެނދުމަތީގައި ބާއްވާފައި ތިއާ ވަނީ ފާހާނާއަށެވެ.
ތިއާގެ ހުރިހާ ހަރަކާތްތަކެއް ބަލަހައްޓައިގެން މަންޝާ އިނެވެ. ތިއާ ކައިވެނިކުރި ފަހުން މަހެއްވާން ކައިރިވެއްޖެއެވެ. ތިއާގެ ހަށިގަނޑަށް އެކަނި ބަލައިލިޔަސް އޭނާ ހިތްހަމަޖެހިފައި ހުރިވަރު އެނގެއެވެ. ކުރިއަށް ވުރެ މާބޮޑަށް ތިއާގެ ހަށިގަނޑު ރަނގަޅުވެލައިފިއެވެ. އެ ދެމީހުންގެ މެދުގައި ހުންނާނީ ވަރަށް ގިނަ ކަންކަން ހިނގާފައެވެ. މަންޝާއަށް ލިބުނު ހިތްދަތިކަމުގެ ބަދަލު ނަވާލަށް ލިބެން އެދުނަސް ނަވާލާއި ތިއާ ގުޅިފައިވާތީ އެފަދަ ވިސްނުމެއް ގެންގުޅެން މަންޝާ ބޭނުމެއް ނުވިއެވެ.
******
ޒަވީ އާއި ޔަލާ ގޭތެރެއަށް ވަންއިރު އާއިލާ ހުރިހާ މެންބަރުން ހަމައަށް ތިއްބެވެ. ލަދުގަނެފައި ހުރި ޔަލާގެ ކައިރިއަށް އެންމެ ފުރަތަމަ ދިޔައީ ދިލްޝާދެވެ.
"ދެން ތިހާ ލަދުން އުޅެގެން ނުވާނެ. މިއޭ އުޅެން އޮތް ގެއަކީ" ދިލްޝާދު ބުންޏެވެ.
ޔަލާއަކީ އިސްކޮޅުން ކުރުކޮށް ދޮންކޮށް ހުންނަ ކުއްޖެކެވެ. ބުރުގާ އަޅާފައި ހުންނަ އިރު ޔަލާގެ ދޮންމޫނު ހީވަނީ ވަށް ބޯޅައެއް ހެންނެވެ. ބޯ ތުންފަތެކެވެ. ޔަލާ ލައިގެން ހުރީ ކަނޑު ނޫކުލައިގެ އަތްދިގު ގަމީހަކާއި ހުދުކުލައިގެ ޖީންސެކެވެ. ބަލައިލަން ރީތިގޮތެއް ހުއްޓެވެ. ރަތްކުލައިގެ ލިޕްސްޓިކަކުން ތުންފަތުގެ ކުލަ ގަދަކޮށްލާފައިވާ އިރު ތުންފަތުގައި ވަނީ ލަދުރަކި ހިނިތުންވުމެކެވެ. ގޭތެރެއަށް ވަދެފައިވެސް ޒަވީގެ އަތުން ދޫކޮށްނުލައި ހުރުމުން ހުރިހާ މީހުން ޔަލާ އާ ދިމާކޮށްލިއެވެ. މަންޝާ އާއި ތިއާ ޔަލާ ގައިގައި ބައްދާލިއެވެ. އެކުވެރިކަމާއެކު ވާހަކަދެއްކިއެވެ. ޔަލާއަށް ހިނިތުންވެވުނެވެ.
ހުޅުވާފައި ހުރި ދޮރުމައްޗަށް އެރި ނަވާލް ފެނުމާއެކު ތިއާއަށް ހަމަޖެހުމުގެ ނޭވައެއްލެވުނެވެ. ނަވާލް ގިނައިރުވުމުން އޭނާ ހީކުރީ ނާންނާނެ ކަމަށެވެ. ދެފަހަރު ނަވާލަށް ގުޅަންވެސް ގުޅައިފިއެވެ. ހިނިތުންވެފައި ދިޔަ ތިއާ ނަވާލްގެ އަތުގައި ހިފިތަން ފެނުމުން މަންޝާ އެހެން ދިމާލަށް ބަލައިލިއެވެ.
"އެ އައީނު ނަވާލްވެސް. ހިނގާ އަވަހަށް ކާން" ދިލްޝާދު ބުންޏެވެ.
މޭޒުކައިރީގައި އިށީނީ ހުރިހާ ފިރިހެނުންނެވެ. އަންހެނަކަށް އިނީ ހަމައެކަނި ޔަލާއެވެ. އެއީ ޔަލާއަށް ހާއްސަކޮށްފައި އޮތް ކެއުމެކެވެ. ފިރިހެނުންގެ ތަށްޓަށް ކާއެއްޗެހި އަޅަމުން ދިޔައީ ދިލްޝާދާއި މަންޝާއެވެ. ހޮސްޕިޓަލުން ކުރި ކޯލަކަށް ޖަވާބުދޭން ތިއާ ހުރީ ތަންކޮޅެއް ދުރުގައެވެ. ދިލްޝާދު ބަދިގެއަށް ވަނުމުން މޭޒުކައިރީގައި މަންޝާ އެކަނިވިއެވެ. ނަވާލް އިރުކޮޅަކާ ތިއާ ހުރި ދިމާލަށް ބަލައިލިއެވެ. ކައިރީގައި ތިއާ ނެތުމުން އޭނާއަށް ކަމަކުނުދިޔައެވެ. އަމުދުން މަންޝާ ކުރިމަތީގައި އެނބުރުމަކީ އޭނާއަށް ފަސޭހަ ކަމެއް ނޫނެވެ. މަންޝާ ފެންނަ ކޮންމެ ފަހަރަކު އޭނާއަށް އަމިއްލަ ކުށް ހަނދާންކޮށްދެއެވެ.
ނަވާލް ބަލާކަން އެނގުމުން ތިއާ ފޯނު ކުރުކޮށްލިއެވެ. ދެން އައިސް ހުއްޓުނީ ނަވާލް ކައިރީގައެވެ. ތަށްޓަށް އަޅާންވީ ކޯޗެއްތޯ މަންޝާ ނާހައެވެ. އެހެންކަމުން އޭނާ އުޅުނީ ބަތް އަޅާށެވެ. އޭނާގެ އަންދާޒާއިން ނަވާލަށް ބަތް ކަމުދެއެވެ.
"ގެނޭ މަގޭ އަތަށް" މަންޝާ އަތުން ތިއާ ތަށި އަތުލިއެވެ. އެހިނދު މަންޝާ ލަދުގަތެވެ. ތިއާ އަތަށް ތަށީ ދީފައި މަންޝާ ދުރަށް ޖެހިލިއެވެ.
"ކީއްވެ މަން ކައިރީގަ ނުބުނީ ރޭގަނޑު ބަތް ނުކާ ވާހަކަ" ތިއާ ބުންޏެވެ.
ދުރުގައި ހުރި މަންޝާ ހުރީ ނަވާލާއި ތިއާ ގެ ހަރަކާތްތަކަށް ބަލާށެވެ. ހިތަށް ވިސްނައިދީދީ އޭނާ ވަރުބަލިވެއްޖެއެވެ. ކުރިމަތީގައި ނަވާލް އިނުމުން އެހެން ދިމާލަކަށް އޭނާއަށް ނުބެލެއެވެ. ތިއާއަށް ބަލައިލާފައި ނަވާލް ހިނިތުންވެލާ ކޮންމެ ފަހަރަކު މަންޝާގެ ހިތަށް ލިބެނީ އަނިޔާއެވެ. ސަމްސަލަކާއި އުލެއް ބޭނުންކޮށްގެން ނަވާލްގެ ރޮށި ތަށި ތިއާ މޮޑެދިންތަން ފެނުމުން އެ ދެ މީހުންގެ މެދުގައި އޮތް ލޯތްބަކީ އެހެން މީހަކު އެއަށް ފާޑުކިޔޭވަރުގެ ލޯތްބެއް ނޫންކަން މަންޝާއަށް އެނގުނެވެ. ދެލޮލުން ފޭދުނު ކަރުނަތިކި ފޮހެލާފައި މަންޝާ ހިނިތުންވެލިއެވެ.
"ކޮބާ އެސޮރު؟" މިހާދު އެހިއެވެ. ގޭތެރޭގައި އެންމެން ހަމައަށް ތިބި އިރު ޒަރޫކް ނެތްކަން އެނގުމުން މިހާދު އެހިއެވެ.
"ނާދެވިގެން އެވާހަކަ ބުނި. އަދިވެސް ކޮލެޖްގަ ވީ" ޒަވީ ބުންޏެވެ.
"ޒައްރަ މީ ކޮން މާއްދާއެއް ކިޔަވައިދޭ ޓީޗަރެއްތަ؟"
ތިއާއަށް ހީވީ ބިރެއް ފެނުނުހެންނެވެ. ސިއްސައިގެން ދިޔަ ގޮތުން އަރައިގެން ހުރި ބޫޓުން އަރިއަޅާލިއެވެ. ވެއްޓި މުށިތަކުގެ މަތީގައި ޖެހުނު އިރުވެސް އޭނާގެ ހިތުގައި އުފެދިފައިވި ނުތަނަވަސްކަން ފިލައި ނުދެއެވެ. ފައިތިލަ އެއްކޮށް އެނބުރުނު އިރުވެސް އޭނަ ތަދެއްވިހެން ހިއެއް ނުވެއެވެ. ހުރިހާ މީހުން އެއްފަހަރާ ތިއާއަށް ބަލައިލިއެވެ. އެންމެ ފުރަތަމަ ކައިރިވީ ނަވާލެވެ. އޭނާ ތިއާ ދެއަތުގައި ހިފައި ނެގިއެވެ.
"ކިހިނެއް ތިހެދީ؟" ނަވާލް ބުންޏެވެ.
ފަޔަށް ތަދުވާކަން ތިއާއަށް އެނގުނީ ކުރިއަށް ހިނގައިގަންނަން ފައިތިލަ އެޅި ވަގުތު ވީތަދުންނެވެ. އޭނާއަށް އަނގައިން އާހެއް ލައްވާލެވުނެވެ. އެހިސާބުން ނަވާލަށް ޖެހުނީ ދެއަތް މައްޗަށް ތިއާ އުފުލާލާށެވެ. ސޯފާ އާ ހަމައަށް ތިއާ ގެންދިޔައީ ނަވާލެވެ.
"މަންކޮ ދޭބަލަ އައިސްޕެކް ހިފައިގެން އަންނަން" ދިލްޝާދު ބުންޏެވެ.
މަންޝާ ހޭވެރިކަމެއްވީ ދެނެވެ. މިހުރިހާ އިރު އޭނާ ހުރީ ނަވާލާއި ތިއާ ދެމެދު ހިނގާ ދިޔަ ކަންތައްތަކަށް ބަލަން ގެއްލިފައެވެ.
"ތިއާ ކައިރީގަ ބޮޑުމަންމަ ބުނަމެއްނު ތިހާ އުސް އެއްޗިއްސަށް ނާރާށޭ" މަންޝާ ގެނައި އައިސް ތިއާގެ ފައިތިލަ މަތީގައި އަޅަމުން ދިލްޝާދު ވާހަކަދެއްކިއެވެ.
"އެހައި ބޮޑަކަށް ތަދެއް ނުވޭ. ބޮޑުމަންމަ ދޭ ޔަލާ ކައިރިއަށް. އޭނަ އެކަނިކޮށްލީމަ ކަމަކުނުދާނެ" ތިއާ ބުންޏެވެ.
ދިލްޝާދު ތެދުވުމުން އެތަނުގައި އިށީނީ ނަވާލެވެ. ތިއާގެ ފައިގައި ނަވާލް އައިސް އަޅަމުން ދިޔަ އިރު ތިއާ އިނީ ނަވާލަށް ބަލަހައްޓައިގެންނެވެ. އެ ދެ މީހުން ނޫން ދެން ތިބި މީހުން ތިބީ ކާމޭޒު ކައިރީގައެވެ.
"ވަރަށް ތަދުވޭ ދޯ އެބަ. ކިހިނެއް ހަދަންވެގެން ވެއްޓުނީ" ނަވާލް ބުންޏެވެ.
"ނޭނގެ ވީގޮތެއް" ތިއާ ބުންޏެވެ.
ކުއްލިއަކަށް ނަވާލް ކުރި ކަމަކުން ތިއާއަށް މާބޮޑު ސިހުމެއް ލިބުނެވެ. ފަހަތް ބަލައިލެވުނީ ކާމޭޒު ކައިރިން އެއްވެސް މީހަކު އެމަންޒަރު ބަލަން ހުރިތޯއެވެ. ނަސީބަކުން އެއިން އެއްވެސް މީހެއްގެ ނަޒަރު އެދެމަފިރިންނަށް ހުއްޓިފައި ނެތެވެ. މަންޝާ ފިޔަވައެވެ.
"ކީއްތިކުރީ؟" ތިއާ ބުންޏެވެ.
"ފަޔަށް ތަދުކޮށްލީމަ ފަރުވާއެއްދޭން އުޅުނީ. އަދި ބޭނުންތަ؟" ނަވާލް ބުންޏެވެ.
"އެކަމަކުވެސް ފަޔަށް ކީއްކުރަން. މިތަނަށް ދޭންވީނު" ތުންފަތުގައި އިނގިލި ޖައްސާލަމުން ތިއާ ބުންޏެވެ.
"ދީފާނަމޭ. ހީކުރަނީ ނުކެރޭނެ ކަމަށްތަ؟" ނަވާލް ތެދުވަމުން ބުންޏެވެ.
"އޭ ނޫން... މަޖާ އެއީ" ތިއާ ބުންޏެވެ.
ނަވާލް ހީލިއެވެ. އައިސްޕެކް ހިފައިގެން މޭޒާ ދިމާލަށް ހިނގައިގަނެފައި ތިއާއަށް ބަލައިލިއެވެ.
"ނުކަމެއްނު އަދި. މި އަންނަނީ ކާއެއްޗެހި ހިފައިގެން"
ނަވާލް ލޯމަތިން ގެއްލުމާއެކު ތިއާގެ ދެލޮލުން ކަނބޮޑުވުން ފެނިއްޖެއެވެ. އެއީ އޭނާއަށް އިވުނު ގޮތް ހެއްޔެވެ؟ ޔަގީނެއް ނުކުރެވުނެވެ. ހިތުގައި އުފެދުނީ ބިރުވެރިކަމެކެވެ. އޭނާ އެވިސްނާގޮތަށް އެކަން ނުވުމަށް އެދި ހިތާހިތުން ދުއާކޮށްލިއެވެ.
*******
އާދުވަހެކެވެ. މަންޝާއަށް އޮފީހަށް ދެވުނީ ތަންކޮޅެއް ލަހުންނެވެ. އޮފީހަށް ވަންގޮތަށް ކެބިން ތެރޭގައި ދަބަސް ބަހައްޓާފައި އޭނާ ވަނީ ފާހާނާއަށެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓި ރަނގަޅަށް މޫނަށް ބަލައިލިއެވެ. އޭނާގެ ނިދި ހަމަނުވާކަން ދެލޮލަށް ރަނގަޅަށް ބަލައިލުމުން ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ތިއާ އާއި ނަވާލް ގޭތެރޭގައި އުޅުނު ހުރިހާ ގޮތެއް އޭނާއަށް ފެނުނެވެ. ލޮލަށް ކަރުނަ ޖަމާވާން އުޅޭހެން ހީވުމުން ދެފަރާތަށް ބޯހޫރާލިއެވެ. އަތުގައި އޮތް ޓިޝޫކޮޅުން ލޯކައިރި ސާފުކޮށްލާފައި އިސްކުރު ދޫކޮށްލިއެވެ. ދެއަތްތިލަ ރަނގަޅަށް ދޮވެލާފައި އަނެއްކާވެސް އޭނާގެ މޫނަށް ބަލައިލިއެވެ.
"އެ ދެ މީހުން އެކަކު އަނެކަކުދެކެ ލޯބިވޭ މަންޝާ.... ނަވާލާއެކު މާގިނަ ދުވަހު ނޫޅެމެއްނު. ލޯބިވެރިންގެ މެދުގައި މިޒަމާނުގެ ކުދިން ހިންގާ އެއްވެސް ކަންކަމެއް ނުހިންގަމެއްނު. އެހެންވީމަ އުފާކުރޭ. ނަވާލާކީ މަންޝާއަށްޓަކައި ހުރި މީހެއް ނޫން. ތަގުދީރުގެ ނިޔާ އަށް ރުހެން ދަސްކުރޭ. އެ ދެ މީހުންގެ ލޯތްބަށް ހަސަދަވެރިނުވޭ. ނަވާލް މައާފަށް އެދުނެއްނު. އެހެންވީމަ ތިކުރާ ބޭކާރު ހިތާމަތައް ނުކުރޭ. މަންޝާ ދުނިޔެއިން މޮޔަވިޔަސް ނަވާލް ދެނެއް ނާންނާނެ. އެމީހުންނަށް ހިތްބުރަ ނުކުރޭ...." ލޯގަނޑަށް ބަލަހައްޓައިގެން ހުރެ އަމިއްލަ ހިތަށް މަންޝާ ވިސްނައިދިނެވެ.
ފާހާނައިން ނުކުތްގޮތަށް މަންޝާ ދިޔައީ ސައިކޮޓަރިއަށެވެ. ލަހުން ހޭލެވުނީތީ އޭނާ އައީ ސައިނުބޮއެވެ. އޭނަ އެތަނަށް ވަންއިރު މުޅިތަން އޮތީ ހުސްކޮށެވެ. އެކަންވީ އޭނާގެ ބޮލަށް ފަސޭހަވި ކަމަކަށެވެ. ކޮފީތަށްޓެއް ހަދައިގެން ގޮސް މޭޒުކައިރީގައި އިށީންތަނާ އައިނައި ތަނެއް ނޭނގި ފެނުނީ ކައިރީގައި ޝައިހާން އިށިން ތަނެވެ.
"ޝައިހާންތަ؟ ސިއްސައިގެންނޭ އެދިޔައީ" މަންޝާ ބުންޏެވެ.
ޝައިހާން އިނީ ވަރަށް ހެދިލައިގެންނެވެ. އެހެން ދުވަސްދުވަހާ ހިލާފަށް ޝައިހާންގެ ގައިން ހިތްގައިމު ސެންޓް ވަހެއް ދުވަމުން ދިޔައެވެ. ޝައިހާނަށް ސަމާލުކަންނުދީ ކޮފީތަށިން ކޯވަރެއް މަންޝާ ބޯލިއެވެ.
"މިތަނުގަ ކީއްކުރަނީ؟" މަންޝާ އެހިއެވެ.
"މަން އެކަނި އިނީމަ" ޝައިހާން ބުންޏެވެ.
"އަހަރެން ނުބުނަމެއްނު. ޝައިހާން ތިދާ ތަނަކަށް ދޭ" މަންޝާ ބުންޏެވެ. މަންޝާ އިނީ އުނދަގޫވެފައެވެ. ސީދާ އެހެން ބުނަން އޭނާއަށް ނުކެރުނެވެ.
"މަން އަހަރެން ފޮނުވާލަން ބޭނުންވިޔަސް އަހަރެން ނުދާނަން" ޝައިހާން ބުންޏެވެ.
މަންޝާ ޝައިހާނަށް ބަލައިލިއެވެ. އެކަނިވެލަން ބޭނުންވެފައި އިން ވަގުތެއްގައި އެގޮތަށް ޝައިހާން އިނދެ އަދި ހިތުހުރިގޮތަށް ވާހަކަދައްކަމުން ދާތީ މަންޝާ ހިތްހަމަ ނުޖެހުނެވެ. އެހެންކަމުން ކޯވަރަކަށްފަހު ތަށި މޭޒުމަތީގައި އޭނާއަށް ބެހެއްޓުނީ ތަންކޮޅެއް ބާރަށެވެ.
"ކޮބާ ޝައިހާންގެ ބޭނުމަކީ؟" މަންޝާ އެހިއެވެ.
"އަހަރެން ހީކުރީ ނުބުންޏަސް އެނގޭނެ ކަމަށް" ޝައިހާން ބުންޏެވެ.
"އަހަރެންނަކީ އާދައިގެ އިންސާނެއް. މީހުންގެ ހިތުގަ ހުންނަ ކަންކަމެއް އަހަރެންނަށް ނޭނގޭ" މަންޝާ ބުންޏެވެ.
"އަހަރެން ބޭނުން މަން އާ އިންނަން. ވިލް ޔޫ؟" ޝައިހާން ބުންޏެވެ.
އައި ރުޅިއަށް ވުރެ ބޮޑަށް މަންޝާއަށް ލިބުނީ ހައިރާން ކަމެވެ. އެއްޗެއް ބުނަން ނުބުނަން އިނދެފައި މަންޝާ ފުންމައިގެން ތެދުވިއެވެ.
"މޮޔަވެގެންތަ މިއުޅެނީ؟" ޝައިހާނަށް ދެލޯ އަޅާލާފައި މަންޝާ ބުންޏެވެ. ދެން ބާރުބާރަށް ހިނގަމުން ސައިކޮޓަރިން ނުކުމެގެން ދިޔައެވެ.
*******
ރޭގަނޑުގެ ކެއުމުގެ ފަހުން ދިލްޝާދުގެ އާއިލާ އެއްތަނެއްގައި ތިބެގެން ވާހަކަދެއްކިއެވެ. ޖެހިގެން އަންނަ ހުކުރު ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. އެއީ ޒަވީގެ ކައިވެނި ކުރެވޭ ރޭވެސް މެއެވެ. އެރެއަށް ވަރަށް ފުރިހަމައަށް ދިލްޝާދު އައީ ކަންކަން ރާވަމުންނެވެ. ޔަލާގެ ކައިވެނީ ހެދުން ފަހަން ހަވާލުކުރީ ދިލްޝާދުގެ އެކުވެރިޔަކާއެވެ. މޭކަޕްކުރުމާއި ރީތިވުމުގެ ހުރިހާ ކަމެއް ހަމަޖެއްސީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ނަންހިނގާ ބިޔުޓީ ސެލޫން އާއެވެ. އެތަނުގެ ވެރިޔަކަށް ހުންނަނީ މިހާދުގެ އާއިލީ ކުއްޖެކެވެ.
"ފުރަތަމަ ފަހަރުވެސް އަހަރެންނާ ފަހަރި ނުފެނުނީ ދޯ" ޒަރޫކް ބުންޏެވެ.
"އާނ. އެރެއަށް އެއްވެސް އެކްސްކިއުޒެއް ނޯންނާނެ އިނގޭ" ޒަވީ ބުންޏެވެ.
"މަންމާ، ކޮބާތަ ކައިވެނީގެ ކުލައަކީ؟" މަންޝާ އެހިއެވެ.
"ވައިޓް އެންޑް ގޯލްޑް" ދިލްޝާދު ބުންޏެވެ.
*******
ކައިގެން ވަންގޮތަށް ތިއާ އޮތީ އެނދުގައެވެ. އާދައިގެމަތިން ނަވާލް އިށީނީ ލެޕްޓޮޕް ކައިރީގައެވެ. ތިއާގެ އެއްވެސް އަޑެއްބަޑެއް ނީވޭތީ ނަވާލް ބަލައިލިއެވެ. ބާލިސްމަތީގައި ބޯ އެޅިގޮތަށް އެއް އަރިއަކަށް ތިއާ އޮތީ އޮށޯވެއެވެ. ނަވާލް ހީލިއެވެ. ދުވާލުގަޑީގައި އުޅެން ޖެހުނު ގޮތުން ތިއާ ވަރުބަލިވެގެން އޮތްހެން ހީވިއެވެ. އެހެންކަމުން ތިއާއަށް ގޮވައިވެސް ނުލައި އެނބުރުނީ އަނެއް ފަރާތަށެވެ. އެހެންނަމަވެސް ތިއާ އޮތީކީ ވަރުބަލިވެފައެއް ނޫނެވެ. އޭނާގެ ސިކުނޑި ދޫކޮށްލާފައި ވަނީ އެހެން ކަމަކަށެވެ. މީގެ ވަގުތުތަކެއް ކުރިން ހިތުގައި އުފެދުނު ނުތަނަވަސްކަން އަދިވެސް ފިލައިގެން ނުދެއެވެ. އެންމެ ފަހުން ބިރުހީވި ކަންތަކާ ކުރިމަތިލާން ޖެހިއްޖެހެން އޭނާއަށް ހީވިއެވެ. އެކަމަކު އެހެންވެދާނެ ހެއްޔެވެ؟
ކުއްލިއަކަށް ތިއާ ސިހުނީ އޭނާގެ އަތުގައި މީހަކު ހިފިހެން ހީވުމުންނެވެ. އޭނާ ހީވީ ބިރެއް ފެނުނު ހެންނެވެ. ފުންމައިގެން ތެދުވިގޮތަށް ނަވާލާ ދުރަށް ޖެހުނެވެ. ހައިރާންކަން އެކުލެވިގެންވި ބެލުމަކުން ނަވާލް ބަލަހައްޓައިގެން އިނުމުން ތިއާ ހަމަޖެހުނެވެ. ހަނދާން ކުރަން ބޭނުންނުވާ މާޒީގެ ދުވަސްތަކެއްގެ ތެރެއަށް ހިތާއި ސިކުނޑި ދޫކޮށްލައިގެން އޮންނަން ޖެހުމުން ފަޅިސިކުންތަކަށް އޭނާއަށް ހީވީ ވަލު ޖަނަވާރެއްގެ އަތް ދަށުވީހެންނެވެ. އުޅެވުނުގޮތުން ބުނާނެ އެއްޗެއް ނޭނގުމުން އޮށޯވެފައި މޫނުގައި ބާލީސް އެޅިއެވެ. މާގިނައިރެއް ނުވެ ތިއާއަށް ރޮވިއްޖެއެވެ.
"އަހަރެން.... އަހަރެން..." ތިއާ ޖުމްލަ ފުރިހަމަ ނުކުރެވުނެވެ.
(ނުނިމޭ)