އެއީ މީގެ ބަރާބަރު 18 އަހަރު ކުރިން ޑިސެމްބަރު މަހެއްގެ ސައްބީސްވަނަ ދުވަހެވެ. ފަތިހުގެ ހަމަހިމޭން ވަގުތުގައި އަޅުގަނޑަށް ހޭލެވުނީ އަންހެނުން ގޮވާފައި އިމާރާތް ތެޅެނީއޭ ބުނެ އިންޒާރު ދިނުމުންނެވެ. އަޅުގަނޑުމެންގެ ކޮޓަރިއަކީ އުސް އިމާރާތެއްގެ ދެވަނަ ބުރީގައި ހުރި ކޮޓަރިއެކެވެ. އަޅުގަނޑު ތެދުވެ ބެލްކަންޏަށް ނުކުމެ ބޭރުބަލަން ހުއްޓައިވެސް ދެފަހަރަކު އިމާރާތަށް ގުޑުން އެރިކަން އިހުސާސްވިއެވެ. ހިތުގައި ޖެހުނެވެ. ރާއްޖެއާ މާދުރުނޫން ހިސާބަކަށް ވަރުގަދަ ބިންހެލުމެއް އައީއެވެ. އިތުރު ތަފްސީލު ދެނެގަތުމަށްޓަކައި އަވަހަށްދާން ބޭނުންވީ އޮފީހަށެވެ. އެދުވަސްވަރު އަޅުގަނޑަކީ ދުވަހުނޫސް ހަވީރުގެ ފޮރިން ޑެސްކު އެޑިޓަރެވެ. ސައުވީސްގަޑިއިރު އޭއެފްޕީއާއި ރޮއިޓަރސް އިން އަޅުގަނޑުމެންނަށް ދުނިޔޭގެ ޚަބަރުތައް ތާޒާކަމާއެކު ލިބިލިބިހުރެއެވެ.

އޮފީސް ހުންނަނީ މާލޭގެ ދެކުނު ފަރާތުގައި ފުރުގާން މިސްކިތާއި ޖެހިގެން އަމީނީމަގުގައި ހުންނަ އިމާރާތެއްގައެވެ. އެތަނަށް ވަދެވުނީ ހެނދުނު ހަތެއްޖަހަން އުޅެނިކޮށެވެ. ދެން ޖެހިގެންއައި ގަޑިއެއްހާއިރު އަޅުގަނޑު ހޭދަކުރީ ކޮމްޕިއުޓަރު ހުޅުވައިގެން ވަޔަރ ސާރވިސްގެ ތެރޭގައެވެ. ޚަބަރުތަކުގެ ތެރޭގައެވެ. ބިންހެލުމެއް އައީ އިންޑޮނީޝިޔާގެ ސުމަޓްރާ ޖަޒީރާގެ އެންމެ ހުޅަނގު އުތުރު އައްސޭރިން ކަނޑުގެ އަޑިއަށެވެ. ބިންހެލުމުގެ ބާރުމިން އަޅުގަނޑުމެންގެ ހަނދާނުގައި ދުނިޔޭގެ އެކި ތަންތަނަށް އައިސްފައިވާ ހެލުންތަކަށްވުރެ މާވަރުގަދައެވެ. މާބާރުގަދައެވެ. ރިކްޓަރ މިންގަނޑުން ނުވަޔަކަށްވުރެ މައްޗެވެ. ބޭރު ޚަބަރުތަކަށް ތަރޯ މީހެއްގެ ގޮތުގައި މިއީ ކިހާވަރެއްގެ ކާރިސާއެއްކަން ދެނެގަންނާކަށް ދައްޗެއް ނުވިއެވެ.

އިންޑޮނީޝިޔާގެ އަޗޭ ޕްރޮވިންސާއި ތައިލެންޑުގެ ކްރާބީ އާއި ޕުކެޓަށް ސުނާމީއެރީމާ އިންޑިޔާ ކަނޑުގެ އެއްވެސް ޖަޒީރާއެއް ސަލާމަތުން ނޯންނާނެކަމުގެ ބިރުވެރިކަން ހިތުތެރޭގައި ހިނގައިގަތެވެ. އަޅުގަނޑަށް ޚަބަރުތަކުގެ ތެރޭގައި އިނދެވުނީ އިންޑިޔާގެ ޓެމިލްނާޑޫގެ އައްސޭރިޔާއި ސްރީލަންކާގެ އިރުމަތީގެ އައްސޭރިއަށް ސުނާމީ އަރައިފިކަމުގެ ޚަބަރުތަކާ ހަމަޔަށެވެ. އެޔާއެކު ދެން ދުއްވައިގަނެވުނީ ގެޔަށް ދިއުމަށެވެ. ހަމަދުވަސްކޮޅެއް ކުރިން ޕަޕުއާ ނިއުގިނީއަށް އެރި ސުނާމީއެއްގެ ވާހަކަ ނޫހުގައި ލިޔުނީވެސް އަޅުގަނޑެވެ. އެތައް ފޫޓެއްގެ އުސް ބިޔަ ރާޅެއް ރަށުތެރެއަށް ބިންދާލައިގެން މަރުވި މީހުންނާއި ލިބުނު ގެއްލުންތަކުގެ ތަފްސީލު ދިވެހިބަހުން ލިޔުނީ އަޅުގަނޑެވެ. އެހެންވީމާ ސުނާމީއަކީ ކިހައި ބިރުވެރި އެއްޗެއްކަން އަޅުގަނޑަށް އޮތީ މޭރުންވެފައެވެ.

ސުނާމީއަކީ ޖެޓް ސްޕީޑުގައި ދަތުރުކުރާ އެއްޗެކެވެ. ސްރީލަންކާއަށް ސުނާމީ އެރީމާ އަޅުގަނޑުގެ އަންދާޒާކުރުމުގައި ރާއްޖެއަށް ސުނާމީ އަރަން ދެން ނަގާނީ ގިނަވެގެން އެއްގަޑިއިރެވެ. ގެއަށްދާން ދުއްވައިގަނެވުނީ ދެން ދިރިހުންނަން ލިބިފައިއޮތީ ކުޑަވަގުތުކޮޅެއްކަމަށް ޔަގީންކޮށްގެންނެވެ. އޭރު އޮފީހަށް އަދި އެހެން އެއްވެސް މީހަކު ނާދެއެވެ. ބޭރުގައި ޕާރކްކޮށްފައިހުރި "ވޭވް" ސައިކަލަށް އަރައިގެން މުއްގަނޑު ފެލައިލެވުނު ވަރެއް ދަންނަވާކަށްވެސް ނޭނގެއެވެ. މާދުރުގައިހުރި ގެއެއްވެސް ނޫނެވެ. ދިލްބަހާރުމަގުން ބިންމާ ސްޓޯރު ކައިރީގައެވެ. އޭރު އަޅުގަނޑުގެ އެންމެ ކުޑަ އަންހެން ދަރިފުޅުގެ އުމުރުން ނުވަ މަހެވެ. އެދިޔަގޮތަށްގޮސް ދަރިފުޅު ނިދަން އޮއްވައި ނަގައިގެން ބޮނޑިކޮށްލައިފައި އަންހެނުންގާތު ބުނީމެވެ. ވަރަށް ނުރައްކަލެވެ. ސުނާމީ އަރާނެއެވެ. ފަހަރުގައި ކަންކަން ވަރަށް ގޯސްވެދާނެއެވެ. ރަސްމީ އިދާރާތަކުން އެއްޗެއް އަންގަންދެން ސަމާލުވެގެން ތައްޔާރަށް ތިބޭށެވެ.

މި އިންޒާރުދީފައި ލަސްނުކޮށް ދެންވެސް ދެވުނީ އޮފީހަށެވެ. އޭރު އެހެން ބައެެއް މީހުންވެސް އޮފީހަށް އަތުވެއްޖެއެވެ. އެންމެންވެސް ދައްކަނީ ގުޑުމުގެ ވާހަކަޔާއި ލަންކާއަށް ސުނާމީ އެރިވާހަކައެވެ. ގިނައިރުތަކެއް ނުވެ މާލެއަށް ސުނާމީ އަރައިފިއެވެ. އޮފީސް ހުރި ސަރަހައްދުގައިވެސް ފެންބޮޑުވެއްޖެއެވެ. ދެން އުޅެވުނީ ޗާޕް މެޝީންތައް ހުންނަ ބަޔަށް ފެންގަނޑު ވަދެދާނެތީ ވެލިބަސްތާ ޖެހުމާއި ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށްޓަކައެވެ. މި މަސައްކަތުގައި ގަޑިއެއްހާއިރު ހޭދަކޮށްފައި ދެން ނުކުތީ ހެންވޭރު އަޑިޕާކާ ދިމާލުން އަތިރިމައްޗަށެވެ. އޭރު އެހިސާބުގައި އޮތީ ފެންބޮޑުވެފައެވެ. ކަނޑުވެސް ފެންނަނީ ވަރަށް ބިރުވެރި ނާމާން ސިފައެއްގައެވެ. ސުނާމީގެ ތޮބީއަތު ޚަބަރުތަކުން ކޮންމެވެސް މިންވަރަކަށް މޭރުންވެފައިވާތީ މިހިސާބުން ދެން އިތުރު ނުރައްކަލެއްނެތް ކަމަށް ބަލައިގެން ހިތަށް ހަމަޖެހުން ގެނެވޭތޯ އުޅެވުނެވެ.

އޭރު މާލެއިން ފުރައިގެން މަޑު ސްޕީޑެއްގައި ދުއްވާފައިދިޔަ ވަރަށް ބިޔަ ސްކޫނަރެއް މިހާރު ބުރިޖު އެއޮތް ދިމާލުން ފެނުނެވެ. ހިތުގައި ޖެހުނެވެ. ސުނާމީއަށް ފިލައިގެންދާ އެއްޗަކީތާއެވެ. މާލޭގެ ކަންތައް ނިމުނީކަމަށް ބަލައިގެން ޒިންމާއިން ރެކެން ދުއްވާ އެއްޗަކީތާއެވެ. ކޮންމެއަކަސް އެއީ ބޭރުގެ ކޮންމެވެސް މަހުޖަނެއްގެ ސްކޫނަރެކެވެ. ދެން އެދުވަހު ހިނގި އެހެނިހެން ކަންކަމަކީ ތާރީޚެވެ. ދިވެހިރާއްޖޭގެ ދެހާސް ފަސްސަތޭކަ އަހަރަށްވުރެ ދިގު ތާރީޚުގައި ރެކޯޑް ކުރެވިފައިވާ އެންމެ ހިތާމަވެރި އަދި އެންމެ ގިނަ ބަޔަކު އެއްފަހަރާ މަރުވި ކާރިސާއަކީ އެދުވަހުގެ މިކާރިސާއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މުޅިއެކު 82 މީހުން މަރުވެ 26 މީހަކު ގެއްލުނެވެ. އެއީ ރާއްޖޭގެ އިގުތިސާދު ފުނޑުފުނޑުވެ، ގައުމުގެ ތަރައްގީ އެތައް އަހަރެއް ފަހަތަށް ސޮއްސައިލި ބިރުވެރި ކާރިސާއެވެ.