ސަން ސިޔާމް ނެޓު (އެސްއެސްނެޓް) އިން މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ހިދުމަތް ދޭން ތައްޔާރުވަމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްއެސް ނެޓްވޯކު ޕްރައިވެޓް ލިމިޓެޑުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެސްއެސްނެޓުގެ ކޭބަލް ޓީވީ ހިދުމަތުގެ ދަށުން، ދިވެހިން މިހާރު ބަލަމުން އަންނަ އާއްމު ޗެނަލްތަކާއި މުޅިން އާ ޗެނަލްތައްވެސް ފެންނާނެ ކަމަށެވެ. އަދި އެސްއެސްނެޓްގެ ޕެކޭޖުތަކުގެ އަގުތައް ހެޔޮވާނެ ކަމަށާއި އެ ހިދުމަތުގެ އަގުތައް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށްވެސް ބުންޏެވެ.

އެސްއެސްނެޓުގެ ހިދުމަތަށް އެދުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލުމަށް ތައްޔާރުވަމުންދާ ކަމަށާއި މިހާރު ދިރާގު ޓީވީ ބޭނުންކުރާ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު އެސްއެސްނެޓްގެ ހިދުމަތަށް ބަދަލުވުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބުންޏެވެ.

ރީބްރާޑްކާސްޓް ކުރުމުގެ ގަވާއިދަށް ބްރޯޑްކޮމް އިން ގެނައި ބަދަލާ ގުޅިގެން، ދިރާގު ޓީވީގެ ލައިސަންސް އާނުކުރެވޭތީ، ރާއްޖޭގައި ރީބްރޯޑްކާސްޓު ކުރުމުގެ ހުއްދަ ދިރާގަށް ނުދެވޭނެ ކަމަށް ބްރޯޑްކޮމް އިން ވަނީ ބުނެފައެވެ.

އެހެންވެ ދިރާގުގެ ބޯޑުން ވަނީ އެކުންފުނީގެ ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ސަންސިޔާމް ނެޓުން ދިނުމަށް ނިންމައިފައެވެ. އެ ބަދަލާއެކު އަންނަ ޖެނުއަރީ 29 އިން ފެށިގެން ދިރާގު ޓީވީގެ ހިދުމަތަށް ނިމުން އަންނާނެއެވެ.

ސަން ސިޔާމް ނެޓަކީ މީދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑިމޮކްރަޓިކް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދުގެ ވިޔަފާރިއެކެވެ. ރީބްރޯޑްކާސްޓް ކުރުމުގެ ލައިސެންސް އެ ކުންފުންޏަށް ވަނީ ދީފައެވެ.