ވާހަކަ

ދީވާނާ ހިތް - 09

2

އަވަހަށް ތިކަން ނިންމަން އުޅޭ. އެހެންނޫނީ ތިމަންޖެ ފިލާފާނެ" ޒަރޫކް ބުންޏެވެ. ޒަވީއަށް ނޭނގުނެވެ. ފިލާފާނޭ ޒަރޫކް ބުނީ ކީއްވެގެން ހެއްޔެވެ؟

"އެހެން މިބުނީ އަހަރެންނަށް ލިބުނު ކަހަލަ ކެއްސެއް ލިބިދާނެ ކަމަށް" ޒަރޫކް ބުންޏެވެ.

*********

އޮފީހުގައި އޮތް ބައްދަލުވުމެއް ނިންމާފައި ނަވާލް އައިސް ގެއަށް ވަނެވެ. އޭނާއަށް ގެއަށް އާދެވުނީ ލަހުންނެވެ. ގޭތެރެއިން މީހަކު ނުފެނެއެވެ. ކޮޓަރި އާ ދިމާލަށް ދަނިކޮށް ފަހަތުން މާޝިތާ ގޮވާލިއެވެ.

"އަދި ތިއައީތަ؟ ކެއިންތަ؟" މާޝިތާ އެހިއެވެ.

"ކެއިން. ތަންކޮޅެއް ލަސްވެސްވެއްޖެދޯ. މަގުމަތީގެ ބާރުބޮޑުކަމުން އެހާ ލަސްވީ" ނަވާލް ބުންޏެވެ.

"ތިއާ ހުންނަނީ މިއަދު ވަރަށް ފާޑަކަށް ވަރަށް ދެރަވެފަ. ދެކުދިން އެއްވެސް ކަމަކާ އަރާރުންވިންތަ؟" މާޝިތާ އެހިއެވެ.

"މަންމައަށް ހީވޭތަ އަޅުގަނޑު އަރާރުންވާނެހެން" މާޝިތާގެ ދެކޮނޑުގައި ދެއަތުން ހިފަހައްޓާލަމުން ނަވާލް ބުންޏެވެ. ތެދެކެވެ. މާޝިތާއަށް ސުވާލު މިކުރެވުނީ ނުބައި މީހެއް ކައިރީގައެވެ. އެހެން ދަރިއެއް ނޫނެވެ. ނަވާލް ޒުވާބުކޮށްފާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރާނެއެވެ.

"ކައިގެން ކޮޓަރިއަށް ވަން ފަހުން އަދި ނުނިކުމޭ މިރޭ. ނިދާފަ ކަންނޭނގެ" މާޝިތާ ބުންޏެވެ. ނަވާލް ހިނގައިގަތެވެ. ހިނގައިގަތް އިރުވެސް އޭނާއަށް އެނގެއެވެ. ވަޒީފާގެ ކަންތަކާ ގުޅިގެން ތިއާ ވިސްނާނެކަން ޔަގީނެވެ.

******

"ކީއްކުރާނީ ދެން ދޮންތާ. މިހާރު ހިތަށް އަރާ ކައިވެނިކުރުމުގެ ކުރިން ނަވާލް ކައިރީގައި އަހަރެން މިއީ ޑޮކްޓަރެކޭ ބުނެވުނުނަމައޭ" ތިއާ ބުންޏެވެ. ރަނގަޅަށް ނުލެއްޕި ހުރި ދޮރުން އެތެރެއަށް ވަތް ނަވާލަށް ތިއާގެ ޖުމްލަ ރަނގަޅަށް އިވުނެވެ.

"އޯކޭ އެހެންވިއްޔާ. ދޮންތަބެ އާއި ކޮއްކިއަށް ސަލާން އިނގޭ" ތިއާ ބުންޏެވެ.

ފޯނު ކަންފަތާ ދުރުކޮށްލާފައި ބެލްކަނީގައި އިރުކޮޅަކު ތިއާ މަޑުކޮށްލައިގެން ހުއްޓެވެ. މަޑުމަޑުން ޖެހެމުންދިޔަ ހިމޭން ވައިރޯޅިއަށް ހިތްދޫކޮށްލައިގެން ތިއާ ހުރި އިރު މިހުރިހާ އިރު ފަހަތުގައި ނަވާލް ހުރި ކަމެއް ތިއާއަށް ނޭނގެއެވެ. ރީމާ އާއި ތިއާ ދެއްކި ހުރިހާ ވާހަކަތަކެއް ނަވާލަށް އިވިއްޖެއެވެ. ތިއާ އަކީ ޑޮކްޓަރެއް ކަމެއް މީގެ ކުރިން ނަވާލްއަށް ނޭނގެއެވެ. އެކަން އެނގޭނެނަމަ އޭނާ ތިއާ ވަޒީފާއަށް ނުކުތުން މަނާ ނުކުރީހެވެ. ކުރެވުނު ކަންތަކާމެދު ނަވާލް ދެރަވެއްޖެއެވެ.

އެތެރެއަށް ވަންނަން އެނބުރުނު ތިއާ ދިޔައީ ސިހިގެންނެވެ. އެހާ ކައިރީގައި ނަވާލް ހުންނާނެ ކަމެއް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ދެމަފިރިން ތިބީ އެކަކު އަނެކަކުގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ. ފަހަތަށް ދޫކޮށްލާފައިވާ ތިއާގެ އިސްތަށިގަނޑުން ފެށިގެން ލައިގެން ހުރި ހުދުކުލައިގެ ތުނި ނިދާ ހެދުމުގެ ކަރާ ހަމައަށް ނަވާލް ބަލައިލިއެވެ. އެކަން ތިއާއަށް އެނގުމުން ނިދާ ހެދުމުގެ ފަހަތަށް ދޫކޮށްލާފައިވާ ދެބައިގައި ހިފައި ގަޔާ ކައިރިކޮށްލިއެވެ. ހީވީ ފިރިމީހާގެ އާދަޔާ ހިލާފު ނަޒަރުން މިފަހަރު އޭނާ ލަދުގެންފި ހެންނެވެ.

"ނަވާލް އައިކަމެއް ނޭނގޭ" ތިއާ ބުންޏެވެ.

ކުއްލިއަކަށް ނަވާލް އެހެން ހުއްޓައި ފެނުމުން ތިއާ ހައިރާންވިއެވެ. ދެވަނަ ސިކުންތުގައި ނަވާލް ބަހެއް ނުކިޔައި ހުއްޓުންއަރާފައި ހުރުމުން ހުރީ ހިތްހަމަ ނުޖެހިފައިހެން ތިއާއަށް ހީވިއެވެ. އެހެންކަމުން ސަމާސާއަށްވެސް އެއްޗެއް ބުނަން ތިއާއަށް ނުކެރުނެވެ.

"ވަރަށް ފިނިވެއްޖެ" ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ތިއާ ބުންޏެވެ.

ނަވާލް ބަހެއް ނުބުނެ ހުރުމުން ތިއާ އެތެރެއަށް ވަނެވެ. ނަވާލް ފަހަތަށް އެނބުރި ބަލައިލިއެވެ. ތިއާ ވަނީ ފާހާނާއަށެވެ. އޭނާ ހުރީ ތިއާގެ ކިބައިން މައާފަށްއެދެން ބޭނުންވެފައެވެ. ތިއާ ވަޒީފާއިން ވަކިކުރަން އޭނާ ވިސްނި ވިސްނުން ސިކުނޑިން ނެރެލައިފިއެވެ. އެންމެ ފުރަތަމަވެސް ތިއާ އަދާކުރަނީ ކޮންކަހަލަ ވަޒީފާއެއްތޯ އެހުނުނަމައެވެ.

"ކިހިނެއްވެފަ ތިހުންނަނީ. ބަލީތަ؟" ފާހާނައިން ނުކުތް އިރު ނަވާލް ކޮޓަރި މެދުގައި ކޮޅަށް ހުރުމުން ތިއާ އެހިއެވެ.

ލައިޓް އަލި ފަނޑުކޮށްލާފައި ތިއާ އަނެއް ފަޅިއަށް ދާން އުޅުނު ވަގުތު ނަވާލް ތިއާގެ އަތުގައި ހިފެހެއްޓިއެވެ. ދެން ތިއާ ނުވިސްނާ ހުއްޓައި ގާތަށް ދަމާލިއެވެ. ނަވާލްގެ ދެއަތުގެ ތެރޭގައި ތިއާ ފިއްތާލާފައި ތިއާގެ ކަންފަތާ ކައިރިއަށް ގުދުވެލިއެވެ.

"ސޮރީ ޑޮކްޓަރ" ނަވާލް ބުންޏެވެ. ތިއާއަށް ހެވުނެވެ. ކައިވެންޏަށްފަހު ފިރިމީހާގެ ކިބައިން ލާނެއް ކަމެއް ފެނުމުން ނަވާލާ ދިމާކޮށްލަން ބޭނުންވިއެވެ.

"ކިހިނެއްވީ އަނެއްކާ؟" ތިއާ ބުންޏެވެ.

"ބުނީމެއްނު ވަރަށް ފިނިވެއްޖޭ" ނަވާލް ބުންޏެވެ. "ހިނގާބަލަ ފިނިފިލުވާލަން"

ދެން ތިއާގެ އަތުގައި ހިފައިގެން އެނދާ ދިމާލަށް ހިނގައިގަތެވެ. އެރޭ ވެގެންދިޔައީ އަނެއްކާވެސް ތިއާ އާއި ނަވާލާ ދެމެދުގައިވާ ލަދުގެ ފަރުދާ ކެހިގެންދިޔަ ރެއަކަށެވެ. ކައިވެނިކޮށްގެން ހޭދަވި މަދު ދުވަސްކޮޅުގެ ތެރޭގައި ނަވާލްގެ ކިބައިން ތިއާއަށް ފެނިފައިވަނީ މަޑުމައިތިރިކަމެވެ. ގިނައިން އަނގަ ތެޅިފައި ހުންނާނީ ތިއާއަށެވެ. ގިނަރޭރޭ ނަވާލް ނިދަނީ ތިއާ އަނގަތަޅަން އޮއްވައެވެ.

*******

ހެނދުނު ސައި ގަޑީގައި އާމިރުގެ ހުރިހާ ދަރީން މޭޒުކައިރީގައި ތިއްބެވެ. ތިއާ ވަޒީފާއަށްދާން ތައްޔާރުވެގެން އިނުމުން މާޝިތާއަށް ލިބުނީ ހައިރާންކަމެވެ. ލާނެއް ބެލުމަކުން ނަވާލަށް މާޝިތާ ބަލައިލިއެވެ. މަންމަގެ އެބެލުމުން ނަވާލް ލަދުގަތެވެ.

"މަންމާ، މިއަދު އާދެވޭނީ ތަންކޮޅެއް ލަހުން އިނގޭ" ތިއާ ބުންޏެވެ.

"އަހަރެން ދާނަން ބަލާ. ގުޅީމަ ބޭރަށް ނުކުންނައްޗޭ" ނަވާލް ބުންޏެވެ. ތިއާ ނަވާލްގެ މޫނަށް ލޯތްބާއެކު ބަލައިލިއެވެ.

"ތެދެއް... ނަވާއަށް ކަމަކުނުދާނެ ބޭރުތެރެއިން މީހަކު ތިއާއަށް ލޯ އަޅަންޏާ" ކައިރީގައި އިން ނަޒާން ބުންޏެވެ. އެގޮތަށް ނަޒާން ދިމާކޮށްލުމުން މޭޒުދޮށުން ނަވާލްގެ ފައިގައި ނަޒާން ފައިން ޖެހިއެވެ.

"ވާއޮ.. މިއަދު ތިއްތި އާއި ތިއްތަ އެއްކުލައިންތަ ހެދުން ލީ" ނާޔާ ބުންޏެވެ.

ތިއާ ހެދުމަށް ބަލައިލިއެވެ. ތެދެކެވެ. ނަވާލްވެސް އިނީ މެރޫން ކުލައިގެ އަތްދިގު ގަމީހަކާއެކު ކަޅު ފަޓުލޫނެއްގައެވެ. ނަވާލް އަޅައިގެން އިން ޓައީގައި ހުރީ މެރޫން ކުލަ އާއި ހުދުކުލައެވެ. ހަމައެގޮތަށް ތިއާގެ ޝޯލްގައި ވެސް ހަމަ އެކުލައެވެ. ތިއާ އާއި ނަވާލްގެ ނަޒަރު އެކަކު އަނެކަކާ ބައްދަލުވިއެވެ. އެހިނދު ހިނިތުންވެލީ ނަވާލެވެ.

"މަންމަ އެދެނީ ތި ދެކުދިން ދެމެދުގައި ދުވަހަކުވެސް ދެކޮޅުވެރިކަމެއް އުފެދިގެން ނުދިޔުން. އެކަކު އަނެކަކުގެ މެދުގައި ދާއިމަށް ލޯތްބާއި އޯގާތެރިކަން އުފެދުން" މާޝިތާ ބުންޏެވެ.

*********

ޒަވީގެ ކައިވެނީގެ ތާރީހު ކަނޑައެޅިގެން ދިޔައެވެ. އެކަމާ އެންމެ އުފާކުރީ ޒަރޫކާއި މަންޝާއެވެ.

"މިރޭ ރަންކިޔައިފިއްޔާ މިއަދުން ފެށިގެން ކައިވެންޏަށް ތައްޔާރުކުރަން މަންމަ ދުވަސް ބޭނުންވާނެ އިނގޭ" ބޮޑު ކޮޓަރީ ސޯފާގައި އިން ދިލްޝާދު ބުންޏެވެ.

"ލަސްނުކުރައްޗޭ މަންމާ. މިހާރުވެސް ގޭތެރެ ވަރަށް ފޫހި" މަންޝާ ބުންޏެވެ.

"މަންކޮ ތީއަށް ގުޅައްޗެ. ނަވާލާ ދެކުދިންވެސް އެއީ ހަމަ މިގޭ ކުދިންނެއްނު" ދިލްޝާދު ބުންޏެވެ.

އެހިނދު މަންޝާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފަނޑުވިއެވެ. ތިއާ އާއި ނަވާލާ ކުރިމަތިލާން އޭނާ ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ދިލްޝާދު ބުނުމުން ނުބުނެވެސް ނުވާނެއެވެ. ކައިވެނިކޮށްގެން ތިއާ ދިޔަފަހުން މަންޝާ އުޅެނީ ދުރުންނެވެ.

*******

ސްކޫލު ގޭޓުން ނުކުތް ގޮތަށް ނާޔާ މިސްރާބު ޖެހީ ސްކޫލުގެ ގޭޓަށް ކުރިމަތިނުވާނޭހެން ތަންކޮޅެއް ދުރުގައި ހުރި ފިހާރައަކާ ދިމާލަށެވެ. އެ ފިހާރައަކީ އޭނާ ސްކޫލުގައި ހޭދަކުރާ ވަގުތުތަކުގައި އަބަދުވެސް ވިޔަފާރިކުރާ ފިހާރައެވެ.

ފެންފުޅި ގަނެގެން ނުކުންނަން އުޅުނު ވަގުތު ނާޔާގެ އަތުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ބަލައިލި އިރު ގުޅަނީ އޭނާގެ އެކުވެރި ޝިޔާޒާއެވެ. ނުކުންނަން އުޅުނު ވަގުތު ފިހާރައަށް ވަންނަން އައި މީހަކުގެ ގައިގައި ނާޔާ ލައިގަތެވެ. އެމީހާ ކައިރީގައި މައާފަށް އެދޭކަށް ނާޔާ ހަނދާނެއް ނެތެވެ. އޭނާ އުޅުނީ ތިރިއަށް ވެއްޓުނު ފެންފުޅި ނަގައިގެން ސްކޫލުތެރެއަށް ވަންނާށެވެ. އެހެންނަމަވެސް އޭނާ މަޑުޖެހުނީ ދާދި ކައިރިން އިވުނު ޒުވާން ފިރިހެންވަންތަ އަޑެއްގެ ސަބަބުންނެވެ.

"ތިމާގެ ކުށެއް ނޫނަސް ސޮރީ އޭ ބުނުމަކީ ރީތި ސިފައެއް" ޒުވާނާ ބުންޏެވެ.

ނާޔާ ބަލައިލިއެވެ. ފުރަތަމަ ނަޒަރުންވެސް ޒުވާނާ ނާޔާގެ ޅަ ހިތާ ކުޅެލައިފިއެވެ. ސްކޫލާ ދިމާލަށް ދިޔަ އިރުވެސް ފަހަތަށް އެނބުރި ފިހާރައަށް ނާޔާ ބެލިއެވެ. އިސްކޮޅުން ދިގު ޒުވާނެކެވެ. ހުދުކުލައިގެ ގަމީހަކާއެކު ކަޅުކުލަ ގަދަ ފަޓުލޫނުގައި ހުރީ ދަށަށް ޖަހައިގެންނެވެ. އަތްކުރި އުޅަނބޮއްޓާ ހަމައަށް އޮޅާލެވިފައިވާ އިރު ޒުވާނާގެ އިސްތަށިގަނޑު ކަނދުރާއަށް ވުރެ ތިރިއަށް ޒަމާނީގޮތަކަށް ކޮށާފައެވެ. އޮފްއަރާ ބޫޓެކެވެ. އެންމެ ދޮން މީހުންގެ ލިސްޓުގައި އެ ޒުވާނާގެ ނަން ނުހިމެނެއެވެ. އެހެންނަމަވެސް ޒުވާނާގެ ދަތްދޮޅީގެ ކޮޅުގައިވާ އަޑިކޮޅު ނާޔާގެ ހިތުގައި ބިންވަޅު ނަގައިފިއެވެ.

"އޭތް... މީނަ ހަމަ ކުއްލިއަކަށް ގެއްލިއްޖެ" ކުލާހަށް ވަންނަން ދިޔައިރު ނާޔާގެ ހޯދަން ނުކުމެ ޝިޔާޒާ ހުއްޓެވެ.

"ސަރ އައީތަ؟" ނާޔާ އެހިއެވެ. ޝިޔާޒާ ދެފަރާތަށް ބޯހޫރާލިއެވެ.

"މިއަދު އަންނަނީ އާ ލެކްޗަރާއެއްނު. ހިނގާ އެތެރެއަށް" ޝިޔާޒާ ބުންޏެވެ.

"ފެންފުޅިއެއް ގަންނަން އެއްކަލަ ފިހާރައަށޭ ދިޔައީ" އެތެރެއަށް ވަންނަމުން ނާޔާ ބުންޏެވެ.

ކުލާހަށް ވަދެ ގޮނޑީގައި ހަމަޖެހިލާފައި އަތުކުރީގައި އޮތް ރިހި ކުލައިގެ ގަޑިއަށް ނާޔާ ބަލައިލިއެވެ. ކުލާސް ފަށަން އަދި ފަސްވަރަކަށް މިނެޓު ހުއްޓެވެ. ކުއްލިއަކަށް ފެނުނީ ނާޔާގެ ތުންފަތް ދެފަރާތަށް ދެމިލިތަނެވެ. އޭނާގެ ހިޔާލީ ލޯގަނޑަށް ދާދި ދެންމެއަކު ފިހާރައިން ބައްދަލުވި ޒުވާނާ ސިފަވެގެން ދިޔައެވެ. ޒުވާނާގެ ގައިން ދުވި ހިތްގައިމު ވަސް އަދިވެސް ނާޔާގެ ނޭފަތުގައި ހަރުލާފައި ހުއްޓެވެ. އެތެރެއަށް ނޭފަތް ދަމާލެވުނީވެސް ބޭއިހުތިޔާރުގައެވެ.

"ހާދަ ރީތި މީހެއް. ޔަގީން އަހަރެންނަށް ވުރެ އެމީހާ ބޮޑުވާނެކަން. އަނެއްކާ ކާކުބާ އެއީ؟ ކުރިން މި ސަރަހައްދަކުން ނުފެނޭ. ކިހިނެއްބާ އަހަރެންނަށް މިވީ. ހިތަށް ގޮތެއްވެއްޖެ. އަދި އެއްފަހަރު އެ ޒުވާނާ ފެންނާނެނަމަ. ކްލާސް ނިމުނީމަ މަގަށް ނުކުމެ ރަނގަޅަށް ހޯދާލާނީ. ނޫނީ ފިހާރައިގެ ސޭޓުކައިރީގަވެސް އެހިދާނެ.... ނޫން.... އެ ސޭޓަކީ ދޮންބެ ރައްޓެހި މީހެއް. އެމީހާ ދޮންބެ ކައިރީގަ ބުނެފާނެ... ކިހިނެއްބާ ހަދާނީ" ނާޔާ ވާހަކަދެއްކީ އަމިއްލަ ހިތާއެވެ.

ކުއްލިއަކަށް ނާޔާ ސިހުނީ އޭނާގެ އަތުގައި ޝިޔާޒާ ކޮށްޓާލުމުންނެވެ. ބަލައިލި އިރު ކުލާހުގެ ހުރިހާ ކުދިން ތިބީ ކޮޅަށެވެ. ކުލާހުގެ މެދުގައި ޓީޗަރު ހުރިކަން ނާޔާއަށް އެނގުނީ މާފަހުންނެވެ. އެހާ ބާރަށް ކޮޅަށް ތެދުވެ ޓީޗަރަށް ރަނގަޅަށް ބަލައިލިއެވެ. ޓީޗަރު ފެނުމާއެކު ނާޔާގެ ދެފައިން ވާގިގޮސް ތިރިއަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. އެ ޒުވާނާގެ ހިޔާލު އޭނާ ކުރީ ދާދި ދެންމެއަކުއެވެ. މިހާރު އެހުރީ ކުރިމަތީގައެވެ. މިއީ އަނެއްކާ އިއްތިފާގެއް ހެއްޔެވެ؟ ނޫނީ ހުވަފެނެއް ހެއްޔެވެ؟

"ނާޔާ ރަނގަޅުތަ؟" ޒުވާނާ އެހިއެވެ.

ނާޔާ އަވަސް އަވަހަށް ބޯޖަހާލިއެވެ. ޒުވާނާއަށް ނާޔާގެ ނަން އެނގުނު ގޮތާމެދު ހިތުގައި ސުވާލު އުފެދުނެވެ. ފަހުން އެ ސުވާލުގެ ޖަވާބުވެސް އޭނާއަށް ލިބުނެވެ. ބޯޑު ކައިރީގައި ހުންނަ ޓީޗަރަށް ފެންނާނެހެން ކޮންމެ ކުއްޖެއްގެ ނަން އެކުއްޖެއްގެ މޭޒުގެ އަރިމަތީގައި ޖަހާފައި ހުއްޓެވެ.

"ސަރ އަކީ މިއަދުން ފެށިގެން މި ކުލާހުގެ އެކައުންޓް ޓީޗަރ. ސަރ އަށް ކިޔަނީ އަހްމަދު ޒަރޫކް. ޒައްރަ ސަރ ނޫނީ ޒަރޫކް ސަރ ކިޔަސް ރަނގަޅުވާނެ" ޒަރޫކް ވާހަކަދެއްކިއެވެ. ނާޔާ ހިތާހިތުން އެ ނަން ކިޔާލިއެވެ.

*********

އެނދުން ފައިބައިގެން ގޮސް ތިއާ ހުއްޓުނީ ސްޓަޑީޓޭބަލް ކައިރީގައި އިން ނަވާލް ކައިރީގައެވެ. ލެޕްޓޮޕުން ނަވާލް އިނީ މުހިންމު މަސައްކަތެއް ކުރާށެވެ. ތިއާ ކައިރީގައި ހުރިކަން އެނގުމާއެކު ނަވާލް ބަލައިލިއެވެ.

"ކަމަކުތަ؟" ނަވާލް އެހިއެވެ.

"އާނ. އަހަރެން ނަވާލްގެ އުނގުގަ އިށީންނަންތަ؟" ތިއާ ބުންޏެވެ. ނަވާލް ކުރަން އިން މަސައްކަތް ކުއްލިއަކަށް ހުއްޓުނެވެ. ތިއާއަށް ބަލައިލާފައި ނިކަން އަވަހަށް ބޯޖަހާލައިފިއެވެ. އެހިނދު ތިއާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ނަވާލް ދެބުމަ ގޮށްޖަހާލިއެވެ.

"ހަމަ އެހާ ލޯބިވޭތަ؟" ތިއާ ބުންޏެވެ.

"ސަކަރާތްޖަހަންތަ ތިއައީ؟" ތިއާ މަޖާ މޫޑެއްގައި ހުރިކަން އެނގުމުން ނަވާލް ބުންޏެވެ. ދެން އޭނާ ކުރަންއިން މަސައްކަތަށް ރުޖޫއަވިއެވެ.

"އަހަރެން އެންމެ ކުރާހިއްވާ ކަމަކީ ނަވާލާ ސަކަރާތް ޖެހުން. އެކަމަކު ޝައުގުވެރިކަމެއް ނުދިނީމެއްނު" ހަށަންބަނދެލައި މޭޒުގައި ލެގިލަމުން ތިއާ ބުންޏެވެ.

"އަހަރެންނަށް އެނގޭ މިވަގުތު ތިއައީ ސަކަރާތް ޖަހަން ނޫންކަން. ދެން ބުނެބަލަ" އެއިން ގޮތަށް އިނދެ ނަވާލް ބުންޏެވެ.

"ޒަވީބެ އިންނަން އުޅޭ ކުއްޖާ ރަން ކިޔައިފި. ފަހަރި މިރޭ ގެއަށް އެބަ އާދޭ. އެހެންވެ ބޮޑުމަންމަ ބޭނުންވޭ އަހަރެމެން އެގެއަށް ދާން" ތިއާ ބުންޏެވެ.

އެހިނދު ނަވާލްގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ކުއްލިއަކަށް ހިތަށް އެރީ މަންޝާއެވެ. ދެފަރާތަށް ބޯހޫރާލުމަށްފަހު ނިކަން އަވަހަށް މަންޝާގެ ސޫރަ ހިތުން ނެރެލައިފިއެވެ. އެހެން އަންހެނަކާމެދު ވިސްނުމަކީ ރަނގަޅު ކަމެއް ނޫންކަން އޭނާގެ އަމިއްލަ ހިތަށް ވިސްނައިދިނެވެ. މިހާރު މަންޝާއަކީ އޭނާއަށް އެއްވެސް މީހެއް ނޫނެވެ. އެތައް ގޮތަކުން އޭނާއަށް ތިއާ ހާއްސައެވެ. ފާޅުގައި ތިއާ ކައިރީގައި ލޯބިވާ ވާހަކަ ނުބުނި ކަމުގައި ވިޔަސް އަބަދުވެސް ތިއާ ކައިރީގައި ހުންނަން އޭނާ އެދެއެވެ. ކައިވެންޏަށްފަހު އޭނާއަށް އެހާ ބޮޑު ބަދަލެއް އައިސްދާނެ ކަމަށް އޭނާ އުންމީދެއްވެސް ނުކުރެއެވެ.

"ނަވާލް އޯކޭ ނުވިއްޔާ އަހަރެން ބުނާނަން ބޮޑުމަންމަ ކައިރީގަ" ތިއާ ބުންޏެވެ.

އެހިނދު ނަވާލް އެނބުރި ތިއާއަށް ބަލައިލިއެވެ. ތިއާގެ ދެއަތްތިލައިގައި ހިފާލާފައި ހީލިއެވެ.

"ކީއްވެ ނުދެވެންވީ. ތައްޔާރުވޭ ދާން" ނަވާލް ބުންޏެވެ.

ތިއާއަށް ހެވުނެވެ. ނަވާލަށް ޝުކުރު އަދާކުރުމަށް އަނގައިން 'ތެންކިޔު' ލަފްޒު ބޭރުވި އިރު އޭނާގެ ތުންފަތް ނަވާލްގެ ކޯތާފަތުގައި ބީހިއްޖެއެވެ. ދެން ދުވެފައި ގޮސް އެނދަށް އެރިއެވެ. ނަވާލް އިނީ ކިޔާނެ ބަހެއް ނޭނގިފައެވެ. ތިއާގެ ތުންފަތް ޖެހުނު ތަނުގައި އޭނާ އަތްތިލަ ޖައްސާލިއެވެ. ދެން ލޯބިން ފުރިގެންވީ ބެލުމަކުން ތިއާއަށް ބަލައިލިއެވެ. އޭރު އެނދުގައި އޮތް ތިއާ އުޅުނީ ދިލްޝާދަށް ފޯނު ކުރުމުގައެވެ.

*******

އޮފީހުން ނުކުތް ގޮތަށް މަންޝާ ގުޅީ ޒަވީއަށެވެ. އޭނާ ގެއަށް ދާނީ ލަހުން ކަމުގައި ބުންޏެވެ. އޮފީހުގެ މަސައްކަތްތައް ނުނިމޭ ކަމަށް ބުނެ ސުވާލުކުރަން ޒަވީއަށް ފުރުސަތުނުދީ ފޯނު ކަނޑާލިއެވެ. އޭނާ މިސްރާބު ޖެހީ ހަމްރާގެ ގެއާ ދިމާލަށެވެ.

ސަލާމްގޮވާލުމާއެކު އާދައިގެމަތިން އަގްލީމާ ސަލާމް ބަލައިގަތެވެ. ވެމްކޯ ޔުނީފޯނު އަޅައިގެން ހުރުމުން އަގުލީމާ އެ ނުކުންނަނީ ވަޒީފާއަށްދާންކަން މަންޝާއަށް އެނގުނެވެ.

"އެބައޮތް ޒިންކޮ ނިންދަވަން" އަގްލީމާ ބުންޏެވެ.

މަންޝާ ކޮޓަރިއަށް ނުވަދެ ކާމޭޒު ކައިރީގައި އިށީނދެގެން އިނެވެ. އޭނާގެ ނަޒަރު ސީދާވެފައި ހުރީ ކުޑަ ކަބަޑެއްގެ މަތީގައި ހުރީ ހަތަރެސްކަން ޓީވީއަށެވެ. އެހެން އިންނަތާވީ ކުޑައިރުކޮޅެކެވެ. ހަމްރާ ނުކުމެއްޖެއެވެ. މަންޝާ ފެނުމުން ހަމްރާއަށް ލިބުނީ ހައިރާން ކަމެކެވެ.

"ނުވެސް އެނގޭ. ކޮންއިރަކު އައީ؟" ހަމްރާ ބުންޏެވެ. ދެން އިސްތަށިގަނޑުގައި ހުޅިއެއް ޖަހަމުން އައިސް މަންޝާގެ ކައިރީގައި އިށީނެވެ.

"މާގިނައިރެއް ނުވޭ. އަގުލީމައްތަ ބުނީ ހަމް ޒިންކޮ ނިންދަވަނިއޭ. އެހެންވެ މަޑުކޮށްލީ" މަންޝާ ބުންޏެވެ.

"އާނ މިއަދު އެސޮރު ރޯގާވެފަ ކުޑަކޮށް ހުންވެލާފަ ހުރީމަ ވަރަށް ބޮޑާހާކާ" ހަމްރާ ބުންޏެވެ.

މަންޝާ ވާހަކަ ނުދައްކާތީ އޭނާއަށް ކަމެއްވެފައި އިންކަން ހަމްރާއަށް އެނގެއެވެ. އަދި އެކަން ގުޅިފައިވާ ސަބަބުވެސް ހަމްރާއަށް އެނގެއެވެ. ހިތަށް އުނދަގުލެއްވެ، އެ އުނދަގޫ ފިލުވާލަން މަންޝާ އައިސް އިނީކަން ހަމްރާއަށް އެނގުނެވެ. ބައެއްފަހަރު މަންޝާ އާ މެދު ހަމްރާ ހަމްދަރުދީވެއެވެ. އަލަތު ލޯބިވެރިޔާ މަތިން ހަނދާން ނައްތާލަން މަންޝާ ކުރާ މަސައްކަތްވެސް ހަމްރާއަށް ސިއްރުވެފައި ނުވެއެވެ.

"ހިތުގަ ބަހައްޓަންޏާ ހައްތަހާ އުނދަގުވާނީ. ހުރިހާ އެއްޗެއް ބޭރުކުރޭ" ހަމްރާ ބުންޏެވެ.

އެހިސާބުން މަންޝާ ފަޅައިގެން ހިނގައްޖެއެވެ. އޭނާއަށް ރޮވިއްޖެއެވެ. ހަމްރާ މަންޝާއަށް ބަލަހައްޓައިގެން އިނެވެ. މަންޝާ ރޯލަން ފުރުސަތު ދީގެންނެވެ. މަންޝާ ހުއްޓުވާކަށް ހަމްރާ މަސައްކަތް ނުކުރެއެވެ. އެންމެފަހުން މަންޝާ އަމިއްލައަށް ހުއްޓާލާފައި ދެލޯ ކައިރި ފޮހެލާ ހިނިތުންވެލިއެވެ. ހިތުގައި އޮންނަނީ ނަވާލަށްޓަކައި ދެލޮލުން އެންމެ ކަރުނައެއްވެސް ވައްޓާ ނުލުމަށެވެ. އެކަމަކު ހިތަކީ ފާޑެއްގެ އެއްޗެކެވެ. އިންސާނުންނަކީ ބައެއް ހާލަތްތަކުގައި ހަތަރެސްފައި ސަލާމަތުން އޮތް ނަމަވެސް ނުކުޅެދޭ ބަޔެކެވެ.

"ގެއަށް ދާކަށް ބޭނުމެއް ނޫން. މިހާރު ތިއާ އާއި ނަވާލް ތިބޭނެ ގޭގަ" މަންޝާ ބުންޏެވެ.

"ތިހެން އަބަދު ފިލައިގެން އުޅޭނީ ކިހިނެއް. ނިކަން ތަންކޮޅެއް ހިތްވަރު ގަދަކޮށް ބަލަ. ބަލާބަ އަހަރެން. ކުޑަކުޑަ ދަރިއަކާއި މަޔަކު ގޮވައިގެން މިއުޅެނީ. ދުވާލަކު ކިތައް ފަހަރު ޒިންކޮ ބައްޕަ އާ ކުރިމަތިލަން. އެ އަންހެނަކަށްޓަކައި އޭނާ އަހަރެން ދޫކޮށްފަ ދިޔަ އަންހެނާ ގޮވައިގެން އަދިވެސް އެއުޅެނީ. އެވެސް ނީނދެ ޒިނޭ ކޮށްކޮށް" ހަމްރާ ބުންޏެވެ.

ގެއަށްދިޔަ މަގުމަތީގައި އެތައް ގޮތަކަށް މަންޝާ ވިސްނިއެވެ. ދިރިއުޅުމަކީ އެކަމުގައި ހަމައެކަނި އުފާވެރިކަމާއި ހިތްހަމަޖެހުން އޮތް އެއްޗެއް ނޫނެވެ. އުފަލާއި ހިތްހަމަޖެހުމާއި ވޭނާއި ކެކުޅުން އަދި ތަކުލީފާއި ހިތްނުތަނަވަސްވުމަކީ ދިރިއުޅުމުގެ އެއްބައެވެ. ދިރިއުޅުމަކީ އެ ހުރިހާ އިހުސާސެއް އެކުވުމުން ފުރިހަމަވާ އެއްޗެކެވެ. ފަހަތުގައި މީހަކު ހުރިހެން ހީވެ މަންޝާ ބަލައިލިއެވެ. ފަހަތުގައި މީހަކު ހުރީކީ ނޫނެވެ. ދާދި ކައިރިން ސައިކަލުގައި ދިޔަ މީހަކު ފެނި މަންޝާ ހުއްޓު އެރިއެވެ. އެއީ ނަވާލްގެ ދޮންބެ ނަޒާނެވެ. އެކަމަކު ނަޒާން އެބެލީ ކޮންކަހަލަ ނަޒަރަކުން ހެއްޔެވެ؟ ޔަގީނުންވެސް އެބެލުން ތަފާތެވެ.

(ނުނިމޭ)