ރާއްޖޭގެ ރަށްތަކުގެ އިންޖީނުގެތައް އަޕްގްރޭޑުކޮށް ނިމުމުން ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި ވެސް އެ އިންޖީނުގެ ތަކުން ދަތިކަމެއް ނެތި ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގއ. މާމެންދޫގައި އިމާރާތްކުރި އާ އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހަވީރު ގއ. މާމެންދޫގައި އިމާރާތްކުރި އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވުމަށް އެރަށު އިންޖީނުގެ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ހަފުތާ ތެރޭގައިވެސް އެންމެ ފުރަތަމަ ރައްޔިތުންގެ ފަރާތުން ލިބުނު އެއް ޝަކުވާއަކީ ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ޝަކުވާ ކަމަށާއި ފުރަތަމަ ދުވަހުން ފެށިގެން ވެސް އަމާޒަކަށް ހެއްދެވީ މި ވެރިކަމުގެ ފަސް އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށީގެންވާގޮތަށް ކަރަންޓުގެ ހިދުމަތް ގާއިމުކުރުން ކަމަށެވެ.

އެގޮތުން މިހާރު ރާއްޖޭގެ ރަށްތަކުގެ ކަރަންޓުގެ ހިދުމަތް ފުޅާކޮށް ތަރައްގީކުރުމަށް ގެންނަމުންދާ ބަދަލުތަކާއެކު ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި ވެސް ދަތިކަމެއް ނެތި ރަށްރަށަށް ބޭނުންވާ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ، އެ އިންޖީނުގެ ތަކުގައި ހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުން ނުޖެހޭނެ މާބޮޑު ޝަކުވާތަކެއް މިކަމުގައި ކުރާކަށެއް. އެހެނެއް ނޫން ކަރަންޓު ފަހަރެއްގަ ދޭތެރެއަކުން ކެނޑިދާނެ. އެއީ މިކަހަލަ ޓެކްނޮލޮޖީގައި އިންޖީނުތަކުގައި ދިމާވާނެ ކަމެއް. އެހެން ނަމަވެސް ބޮޑު ބަދަލެއް ގެނެސް މުޅި އިންޖީނުގެ ބަދަލުކުރަން ނުޖެހި 50 އަހަރަށް މިކަން ދެމެހެއްޓޭނެ" ރައީސް ވިދާޅުވިއެވެ.

މީގެ ހަތަރު އަހަރު ކުރިން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ގިނަ ރަށްރަށުގެ ގިނަ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ނުލިބޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ 99 ޕަސެންޓް ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ފެށިގެން އައީ އެ ރަށެއްގައި ހުންނަ ވިޔަފާރިވެރިއެއް ނުވަތަ ފުދުންތެރި މީހެއްގެ ސަބަބުން ކަމަށެވެ. އަދި 2018 ވަނަ އަހަރު އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރުވެސް ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ނުވެ، ކަރަންޓުގެ ހިދުމަތް ފޯރުކޮށްނުދެވޭ ކަމަށް ވިދާޅުވި ރައީސްއެވެ.

"އޭގެތެރޭގައި، ފެނާއި ނަރުދަމާ ކަމަށްވިޔަސް، ލަފާފުރުން ކަމަށްވިޔަސް، ކަރަންޓުގެ ހިދުމަތް ކަމަށްވިޔަސް، ސިއްހީ ހިދުމަތާއި ތައުލީމު ކަމަށްވިޔަސް، މިއީކީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެހާ ފަސޭހައިން ގިނަ ބަޔަކަށް ލިބޭ އެއްޗެއް ނޫން. އަދި ހާއްސަކޮށް، ރަށްރަށުގެ ކަރަންޓުގެ ހިދުމަތަކީ، މީގެކުރިން ސަރުކާރުތަކުން ދެކެމުން އައި ގޮތުގައި، އެއީ ސަރުކާރުން ކޮށްދޭންޖެހޭ ކަމެއްގެ ގޮތަކު ނޫން ބެލެވެމުން އައީކީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާތަނަށް 144 ރަށަކަށް 313 ޖަނަރޭޓަރު ފޯރުކޮށްދެވިފައިވާ ކަމަށާއި 137 ރަށެއްގައި އާ ކޭބަލް ނެޓްވޯކް ގާއިމުކޮށް 46 ރަށެއްގެ ފެނަކައިގެ އޮފީސް އިމާރާތް ނިންމައި، 64 ރަށެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އިތުރު 146 ރަށުގައި އިންޖީނުގެތައް ތަރައްގީކޮށް، ރައްޔިތުންނަށް ކަރަންޓު ދިނުމަށްޓަކައި މަޝްރޫއުތައް މިހާރު ހިންގަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މިއަދު ރަސްމީކޮށް ހުޅުވި މާމެންދޫގެ އާ އިންޖީނުގޭގައި 1400 ކިލޯ ވޯޓުގެ ޖަނަރޭޓަރު ބަހައްޓާފައިވާ އިރު، މި އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 600 ކިލޯ ވޮޓުގެ 03 ޖަނަރޭޓާ ސެޓް އަދި 800 ކިލޯ ވޮޓުގެ އެއް ޖެންސެޓް ބެހެއްޓޭ ގޮތަށެވެ.