ޚަބަރު

އުލިގަމުގައި ކުޅެން އުޅެނިކޮށް ބޮލަށް ގޯލް ޕޯސްޓެއް ވެއްޓި ކުއްޖަކު މަރުވެއްޖެ

ހއ. އުލިގަމުގައި ކުޅެން އުޅެނިކޮށް ބޮލަށް ގޯލް ޕޯސްޓެއް ވެއްޓި ކުއްޖަކު މަރުވެއްޖެއެވެ.

ފުލުހުން ދެންމެ ބުނީ އުލިގަމު ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުއްޖެއްގެ ބޮލަށް ގޯލް ޕޯސްޓެއް ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 5:50 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެކުއްޖާއަށް އުލިގަމު ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. މަރުވެފައިވަނީ އުމުރުން ނުވަ އަހަރުގެ ފިރިހެން ކުއްޖެވެ.

އުލިގަމު ކައުންސިލުގެ ނައިބު ރައީސް އަސަދުﷲ މުހައްމަދު މިއަދު "ވަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 5:15 ހާއިރު ކަމަށާއި ގޯލް ޕޯސްޓް ވެއްޓުނީ އެ ކުއްޖާގެ ކަނދުރާ މައްޗަށް ކަމަށެވެ.

ކުއްޖާގެ ހަށިގަނޑުގެ ބޭރުފުށުން މާ ބޮޑު ޒަހަމެއް ފެންނަން ނެތް ކަމަށާއި ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުނުވާ ކަމަށް މަންޒަރުދުށް މީހުންނާ ހަވާލާދީ އަސަދުﷲ ވިދާޅުވިއެވެ.

ނަމަވެސް އެ ކުއްޖާގެ ގައި މައްޗަށް ގޯލު ޕޯސްޓް ވެއްޓުނު ގޮތެއް ދަންނަވަން ނޭންގޭ ކަމަށް އަސަދުﷲ ވިދާޅުވިއެވެ.