ވާހަކަ

ދީވާނާ ހިތް - 08

1

ފަތިސްނަމާދުގެ ބަންގީގެ ފުރަތަމަ ކަލިމަ ކަންފަތުގައި ޖެހުމާއެކު ނަވާލް ކޮޅަށް ޖެހިއްޖެއެވެ. ދެލޮލުން ނިދި ފިލުވާލަން އޭނާ ދެތިންފަހަރު އެސްފިތަކަށް ބާރުލާފައި ލޯ ހުޅުވާލާފައި މަރާލިއެވެ. ކައިރީގައި ނިދާފައި އޮތް ތިއާއަށް ނަވާލް ބަލައިލިއެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރެއިން ތިއާގެ މޫނު ސާފުކޮށް ނުފެނެއެވެ. އެހެންނަމަވެސް ތިއާ އޮތީ ނަވާލް އިން ދިމާލަށް އެނބުރިގެން އެއް އަރިއަކަށް ކަނާއަތްތިލަ މޫނާއި ބާލީސް ދެމެދަށް ލައްވާލައިގެންކަން ނަވާލަށް އެނގުނެވެ. އަނެއްފަރާތަށް އެނބުރުމަށްފަހު ބެޑްލައިޓްގެ އަލި އޭނާ ކުޑަކޮށް ގަދަކޮށްލިއެވެ. ދެން އޭނާ ބަލައިލީ ތިއާގެ މޫނަށެވެ. އެނޫނީ ކައިވެންޏަށްފަހު އަނބިމީހާގެ މޫނަށް އޭނާއަށް އެހާ ހަމަޖެހިގެން އިނދެ ބެލިފައެއް ނެތެވެ. ތިއާ ހޭލާ ހުންނަ އިރު ބަލާލަން ނަވާލަށް ނުވެސް ކެރެއެވެ. ބަލާކަން އެނގިއްޖިއްޔާ ލަދު ގަންނަ ކޮންމެވެސް ކަހަލަ އެއްޗެއް ތިއާ ބުނާނެއެވެ. ނަވާލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާއަށް ތިއާގެ ފަރާތުން އެންމެ ބޮޑަށް ފާހަގަކުރެވުނު ކަމަކީ ތިއާގެ ސަކަރާތް ބޮޑު ކަމެވެ. ބައެއް ފަހަރު ނަވާލް ލަދުން މަރުވާ ކަހަލަ އެއްޗެހި ބުނެފައި އެބަހުއްޓެވެ. އެކަން އެންމެ ބޮޑަށް ފާހަގަވީ ކައިވެނީގެ ފުރަތަމަ ރޭގައެވެ. އެރޭވެސް ތިއާ އަނގަ ހުއްޓާ ނުލައެވެ. އަނގަ ތަޅުވާ ވަރުން ތިއާގެ އަނގަމަތީގައި އަތް އެޅުނު އަދަދެއް ބުނަންވެސް ނޭނގެއެވެ.

ކުއްލިއަކަށް ނަވާލް ތެޅިގަތީ ހެޑްބޯޑުމަތީގައި އޮތް ތިއާގެ ފޯނު އެލާމް ވާން ފެށުމުންނެވެ. ތިއާ ހޭލަންވާއިރަށް އަވަސް ހަރަކާތަކާއެކު ތިރިއަށް ދެފައި ބާލައި ނަވާލް އެނދުގައި އިށީންދެއްޖެއެވެ. އެލާމް ކަނޑާލާފައި ތިއާ ބަލައިލި އިރު ނަވާލް އެނދުގައި އިންތަން ފެނުމުން މާކުރިން ނަވާލް ހޭލައިފިކަން އެނގުނެވެ. ނަވާލް ތެދުވެގެން ހިނގައިގަތީ ހަރުގައި އަޅާފައި އޮތް ތުވާލި ނަގާށެވެ. އެހެންނަމަވެސް ނަވާލް ސިހުނީ ކުއްލިއަކަށް ދުވެފައި ކަހަލަ ގޮތަކަށް ތުވާލި ނަގައިގެން ފާހާނާއަށް ވަން ތިއާ ފެނިފައެވެ. ވީނުވީއެއް ނޭނގި ނަވާލް ބަލަހައްޓައިގެން ހުއްޓައި ފާހާނާ ދޮރުހުޅުވާލާފައި ތިއާ ބަލައިލިއެވެ.

"ނަވާލް ވަނިއްޔާ އަވަހަކަށް ނުނިކުންނާނެ. ކުރީ ދުވަހުވެސް ނުކުތީ ސިމެން ތިޖަހައި މުށި ޖަހާފަ" ތިއާ ބުންޏެވެ.

ދެން އަނެއްކާ ދޮރުލައްޕާލާފައި އެތެރެއަށް ވަނެވެ. ތުވާލި ހިފައިގެން ނަވާލް އެނދުގައި އިށީނެވެ. ތިއާގެ ކަންތައްތައް ހުންނަ ގޮތުން ނަވާލް އިނީ ހިނި އައިސްފައެވެ. ސަކަރާތް ޖަހަން ގަޑިއެއް ގަޑިއެއް ނޯވެއެވެ.

********

ސައިބޮއެގެން މަންޝާ ތެދުވުމާއެކު ދިލްޝާދު ބަލައިލިއެވެ. ފަހަކަށް އައިސް މަންޝާގެ ކެއުން ހުންނަ ގޮތް ދިލްޝާދަށް އެއްގޮތަކަށްވެސް ކަމަކު ނުދެއެވެ. އެހެންކަމުން ކުރިއަށް ވުރެވެސް މަންޝާ ހިކި ކަމަށް ދައްކައެވެ.

"ދޮންބެ މަން ގޮވައިގެން ދާން މަޑުކުރައްޗެ. މިއަންނަނީ ކޮޓަރިއަށް ގޮސްފަ" މަންޝާ ބުންޏެވެ. ޒަވީ ބޯޖަހާލިއެވެ. އޭރު ޒަވީ ސައިބޮއެ ނުނިމެއެވެ.

"ޒަވީގެ އެކުވެރިޔާ މިހާރު އައީތަ؟" ދިލްޝާދު އެހިއެވެ. ޒަވީ ދެފަރާތަށް ބޯހޫރާލިއެވެ. އެކުވެރިޔާގެ މަންމަ ބަލިވުމާ ގުޅިގެން ޓިކެޓްގެ ތާރީހު ބަދަލުކުރި ވާހަކަ ބުންޏެވެ. އަންނަ ދުވަސް ޔަގީންވާނީ އަދި ތަންކޮޅެއް ފަހުން ކަމަށް ބުންޏެވެ.

"ރޭގަ ކޮން އަންހެން ކުއްޖަކަށްތަ އެގޮވީ؟" ދިލްޝާދު ބުންޏެވެ. ޒަވީއަށް ޖެހުނީ އަނގައަށްލި ރޮށިކޮޅު ނަހަފައި ދިރުވާލަށެވެ.

"ކީކޭ..؟ ކާކު ގޮވީ؟" ޒަވީ ބުންޏެވެ.

"ދަރިފުޅު ގޮވީ" ދިލްޝާދު ބުންޏެވެ. ޒަވީއަށް ޔަގީން ނުކުރެވުނެވެ. އޭނާއަކީ ނިދީގައި ވާހަކަ ދައްކާ މީހެކެވެ. އެހެންނަމަވެސް އަންހެން ކުއްޖަކަށް ގޮވި ވާހަކަ ބުނުމުން އޭނާ ލަދުގަތެވެ.

"އާނ އެއީ ރޭގަ ފެނުނޭ ވަރަށް ބިރުވެރި ހުވަފެނެއް. ތިވާނީ އޭގަ އުޅުނު ހަންޑި އަންހެން ކުއްޖާއަށް ގޮވުނީ ކަމަށް" ޒަވީ ބުންޏެވެ. ދެން ނިކަން ހިނިއައިސްފައި މޭޒުކައިރިން ތެދުވެ ޒިންކާ ދިމާލަށް ހިނގައިގަތެވެ. ދިލްޝާދު ހިނިއައިސްފައި ބަލަހައްޓައިގެން އިނެވެ.

އާދައިގެމަތިން ފިރިމީހާ އަދި ދެ ދަރީން ވަޒީފާއަށް ދާން ނުކުތް އިރު ދިލްޝާދު ގޭ ދޮރުމަތީގައި ހުއްޓެވެ. ދަރީން ގެއަށް އަންނަންދެން ދިލްޝާދު ގޭ ތެރޭގައި އުޅެނީ ގިނިކަންޏާއެވެ. މެންދުރުގެ ކެއުމާއި ހަވީރުގެ ސަޔަށް ދެ ވައްތަރެއްގެ ހެދިކާ ހަދާފައި އަދި ގޭތެރޭގެ އެހެނިހެން މަސައްކަތްތައް ނިންމަން އުޅޭ އިރު އޭނާއަށް ފޫހި ކަމެއް އިހުސާސް ނުކުރެވެއެވެ. އޭނާގެ ދުވާލުގެ ވަގުތުތައް ހަމަޖެހިފައި އޮންނަނީ އެގޮތަށެވެ.

*********

ބައްދަލުކުރާ ކޮޓަރިއަށް ހުރިހާ މުވައްޒަފުން ޖަމާވެފައި ތިއްބެވެ. މަންޝާއަކީ އޮފީހުގެ ހަމައެކަނި އެޑްމިންއަށް ވުމުން ހާޒިރީ އާއި ބައެއް ލިޔުންތައް ހިފައިގެން ބައްދަލުކުރާ ކޮޓަރިއަށް ވަދެވުނީ ތަންކޮޅެއް ލަހުންނެވެ. އޭނާއަށް ހުރި ޖާގަ ހުރީ ވަށްމޭޒުގެ އެންމެ ކޮޅުގައެވެ. ބޮޑުމީހާ ޖައުފަރާ ޖެހިގެންނެވެ. ދިމާލަށް އިން ނަވާލް ވަގުތުން އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލިއެވެ. އިށީނދެ ހަމަޖެހިލުމަށްފަހު މަންޝާ ހާޒިރީ ގޮވަމުން ދިޔައެވެ. ނަވާލްގެ ނަމާ ހަމައަށް އައިއިރު އޭނާއަށް އުނދަގޫ ގޮތެއް އިހުސާސްވިއެވެ. އެހެންނަމަވެސް އޭނާ އެކަން މޫނުމަތިން ނުދައްކައި އޭނާ ކުރަންޖެހޭ ހުރިހާ ކަމެއް ކުރިއެވެ. ބައްދަލުވުން ފެށުމުގެ ކުރިން މަންޝާ ނަވާލަށް ބަލައިލިއެވެ. ނަވާލްގެ މޫނު ބަލައި ނުލާ އޭނާއަށް ކެތްނުވިއެވެ. އަމިއްލަ ހިތަށް ވިސްނައިދިނަސް ބައެއްފަހަރު ބަސްނާހާ ހިތަކަށް އެ ހިތް ބަދަލުވެއެވެ. މަންޝާ އަދި ނަވާލްގެ ހަރަކާތްތަކަށް ފާރަލައިގެން އިނީ ޝައިހާނެވެ. މީގެކުރިން ހުރިހާ މުވައްޒަފުންގެ މެދުގައި ކުރިއަށްދާ ބައްދަލުވުންތަކުގައި ނަވާލާއި މަންޝާ ތިބެނީ ކައިރީގައެވެ. އެ ދެޒުވާނުންގެ މެދުގައި މައްސަލަތަކެއް ޖެހިއްޖެކަން ޝާއިހާނަށް އެނގުނެވެ. އޭނާގެ ހިތަށްވެރިވީ ބަޔާންކުރަން ދަތި ހިތްހަމަ ޖެހުމެކެވެ. މަންޝާއަށް އޭނާގެ ހިތް ދީގެން އުޅޭތާ ކިހާދުވަހެއް ހެއްޔެވެ؟

ބައްދަލުވުން ނިމި ހުރިހާ މުވައްޒަފުން ބައްދަލުކުރާ ކޮޓަރިން ނުކުތެވެ. ފައިލްތައް ހިފައިގެން މަންޝާ މިސްރާބު ޖެހީ އެޑްމިން މަސައްކަތްތަކަށް ހާއްސަކޮށްފައި ހުންނަ އޮފީހުގެ ފުރަތަމަ ފަންގިފިލާއަށެވެ. ލިފްޓަށް ފިތާފައި މަންޝާ މަޑުކޮށްލައިގެން ހުއްޓެވެ. ލިފްޓު އައިސް މަޑުކޮށްލި ވަގުތު ފަހަތުން މީހަކު ގޮވާލިއެވެ. މަންޝާ ބަލައިލި އިރު ދާދި ކައިރީގައި ޝައިހާން އައިސް ހުއްޓިއްޖެއެވެ.

"މަން، ރަނގަޅުތަ؟" ޝައިހާން އެހިއެވެ. މަންޝާ ބޯޖަހާލާފައި އިތުރު އެއްޗެއް ނުބުނެއެވެ. ލިފްޓު ހުޅުވުމުން އެތެރެއަށް ވަނީ ދެކުދިން އެކީގައެވެ.

"މިއަދުގެ ބައްދަލުވުން ކިހިނެއް؟" ޝައިހާން އެހިއެވެ.

"ގޯހެއް ނޫން. ޝަފުލްމަންޓެއް ގެންނަން އުޅޭތާ ދުވަސްތަކެއްވެއްޖެ" މަންޝާ ބުންޏެވެ.

"ވާހަކައެއް އަހަންތަ؟" ޝައިހާން ބުންޏެވެ. މަންޝާ ބޯޖަހާލިއެވެ.

"ތި ދެމީހުން ރުޅީތަ؟" ޝައިހާން ބުންޏެވެ.

ލިފްޓު ހުޅުވުމާއެކު މަންޝާ ބޭރަށް ނުކުތެވެ. ފަހަތުން ޝައިހާން ނުކުތުމުން މަންޝާ ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. އޭނާ އާ އެކުގައި އެތެރެއަށް ޝައިހާން ވަނުމުގެ ބޭނުމެއް ނެތެވެ. ޝައިހާންގެ ސުވާލުތައް ހުރިގޮތުން މަންޝާއަށް ހުރީ އުނދަގޫވެފައެވެ.

"އަހަރެން މިއަދު އަދި ސޮއިނުކުރަން" ޝައިހާން ބުންޏެވެ.

އޮފީސް ދޮރުހުޅުވާލާފައި މަންޝާ އެތެރެއަށް ވަނެވެ. އޭނާއަށް ހާއްސަ ކެބިންއަށް ވަން އިރު ޝައިހާން ހުރީ ހާޒިރީ ބާއްވާފައި އޮތް މޭޒުކައިރީގައެވެ. ނުކުމެގެން ދަމުން އޭނާ މަންޝާއަށް ބަލައިލިއެވެ. އޭނާ ކުރި ސުވާލުގެ ޖަވާބު މަންޝާ ނުދެއެވެ. އެކަން އޭނާގެ ހަނދާނުގައި ހުއްޓެވެ. އެހެންނަމަވެސް އެއަށް އޭނާ ޖަވާބު ހޯދާނެއެވެ.

***********

ނާޔާއަށް ރަނގަޅަށް ސްކޫލު ތެރެއަށް ނުވަދެވެނީސް އެކުވެރި އަމްނާ އައިސް އަތުގައި ހިފައިފިއެވެ. ނާޔާ ގޮވައިގެން ސްކޫލު ދޮށަށް އައިސް އިން ނަޒާނަށް އެމަންޒަރު ފެނުމުން ހީލިއެވެ. ނާޔާއަކީ އަބަދުވެސް ސްކޫލު ތެރެއަށް ވަދެފައި އޭނާ ލާން އައިސް އިންނަ މީހަކަށް 'ބާއި' ކިޔާލާފައި ނުދާ ކުއްޖެކެވެ. ނާޔާގެ ބޮޑަށް ހުންނަ ދެ ބޭބެ އަދި ބައްޕަ ހުންނަނީ ނާޔާގެ އެ މައުސޫމު ކަމަށް އާދަވެފައެވެ. ނާޔާ ހިނގައިގަތުމުންވެސް ނަޒާން މަޑުކޮށްގެން އިނީ ނާޔާ އެނބުރޭނެކަން އެނގޭތީއެވެ.

"އެބައޮތޭ ވާހަކައެއް. ހިނގާބަލަ" އަމްނާ ބުންޏެވެ. ވަކި ހިސާބަކަށް ހިނގައިގަނެފައި ނާޔާ ފަސް އެނބުރި ނަޒާނަށް ބަލައިލިއެވެ. ދެން ނަޒާނަށް 'ބާއި' ކިޔާލާފައި އަމްނާގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. ނަޒާން ހީލާފައި ކުރިއަށް ދުއްވާލިއެވެ.

ދެކުދިން ވަދެގެން ގޮސް މަޑުކޮށްލީ ކްލާސް ރޫމުގައެވެ. އޭރު ބްރޭކަށްފަހު ގަޑިތައް ފަށަން ކުޑަ ވަގުތު ކޮޅެއް ހުއްޓެވެ.

"ބޯއީފްރެންޑެއް ލިބުނީތަ؟" ނާޔާ އެހިއެވެ.

އަމްނާ އަބަދުވެސް ނާޔާ ކައިރީގައި ދައްކާނީ ކޮންމެސް ފިރިހެން ކުއްޖެއްގެ ވާހަކައެވެ. ސްކޫލުން އަމްނާ ހިތާނުވާ ފިރިހެނެއް މަދެވެ. ފެންނަ ކޮންމެ މީހަކީ އަމްނާ ހިތްކިޔާ މީހެކެވެ. މިއަދުވެސް އަމްނާ ދައްކަން އެ އުޅެނީ ކޮންމެސް ފިރިހެނެއްގެ ވާހަކަކަން ނާޔާއަށް އެނގުނެވެ.

"ލިބުނީއެއް ނޫން. ލިބެން އުޅެނީ" އަމްނާ ބުންޏެވެ.

"އެކަހަލަ ކަންތަކާ ނުވިސްނަބަލަ. އަދި އަހަރެމެން ކިޔަވަންވީއޭ" ނާޔާ ބުންޏެވެ.

"އެއްކަލަ ނާޔާ... ކިޔެވިދާނެއްނު..... ދެކުނިންތަ ނޯޓިސް ބޯޑު. އަލަށް އަންނަ ލެކްޗަރާގެ ފޮޓޯއާއެކު އެބައިން ޖަހާފަ. ވަރަށް ސްމާޓް. އަހަރެން ލައިކްވެއްޖެ ފޮޓޯ ފެނުނީމަވެސް" ދެއަތްތިލަ ޖޯޑުކޮށް މެއާ ކައިރިކޮށްލާފައި ހުވަފެނީ ގޮތަކަށް އަމްނާ ބުންޏެވެ. އަމްނާއަށް ބަލައިލާފައި ނާޔާ ދެފަރާތަށް ބޯހޫރާލިއެވެ.

"ދެން މިތާ އުޅެންޏާ ތި މީހަކުވެސް ފެންނާނެއްނު. އަހަރެން ނޫޅެން" ފަރުވާކުޑަގޮތަކަށް ނާޔާ ބުންޏެވެ. "ތިއެއްނޫނޭ. އެއްކަލަ ޕްރޮޖެކްޓް ނިންމިންތަ؟"

އަމްނާ އަނގައަށް ގޮތެއް ހަދާލާފައި ހިމޭނުން އިނެވެ. ނާޔާ ޝައުގުވެރިކަން ފާޅު ނުކުރީތީ އޭނާ ފޫހިވިއެވެ.

******

ޒަވީގެ އެކުވެރި ޒަރޫކްގެ ފްލައިޓް ޑިލޭވަމުން ގޮސް އެންމެފަހުން އާދެވޭވަރުވީ ދުވަހުގެ އިރުއޮއްސެން އުޅެނިކޮށެވެ. ބޭބެގެ ކާރު އެވަގުތަށް ނުލިބުމުން ޒަރޫކް ބަލާ ދާން ޖެހުނީ ޓެކްސީއެއްގައެވެ. އެއާޕޯޓް ބޭރުގައި ޒަވީ މަޑުކޮށްލައިގެން ހުއްޓައި މާގިނައިރެއް ނުވެ އަޅި ކުލައިގެ ބެކްޕެކެއް އަޅުވައިގެން ހުރި ޒުވާން ފިރިހެނަކު ނުކުތްތަން ފެނުނެވެ. އެ ޒުވާނާ ކައިރީގައި ކަނޑު ނޫ ކުލައިގެ ބޮޑު ފޮއްޓެއްވެސް ހުއްޓެވެ. އިސްކޮޅުން ދިގެވެ. ގައިގެ ހަންގަނޑުގައި ކަޅު ކުލައަށް ވުރެ ބޮޑަށް ފާޅުވާން ހުރީ ދޮންކުލައެވެ. ކަޅުކުލައިގެ ބޯ ދެބުމައެވެ. ޗޮކްލެޓް ކުލައިގެ ކަޅިއެއް ލިބިފައިވާ ދެލޯ ޒަވީއަށް އަމާޒުވުމާއެކު އެއީ ޒަރޫކް ކަން ޒަވީއަށް އެނގުނެވެ. ވަގުތުން އޭނާ އަތް އުފުލާލިއެވެ. ދެން ދެ އެކުވެރިން އެކަކު އަނެކަކާ ދިމާލަށް ހިނގައިގަތެވެ. ހަ އަހަރަށްފަހު ދެ އެކުވެރިން ބައްދަލުވެ އެކަކު އަނެކަކުގެ ގައިގައި ބައްދާލި އިރު ދެ ޒުވާނުންގެ މޫނުމަތިންވެސް ފެންނަން ހުރީ ހިތްހަމަ ޖެހުމެވެ. ޒަރޫކާއި ޒަވީއަކީ ސްކޫލު ދައުރުން ފެށިގެން ގާތް ދެ އެކުވެރިންނެވެ. މަތީ ތައުލީމު ހާސިލް ކުރުމަށް ޒަރޫކް ރާއްޖެއިން ބޭރަށް ދިޔައީ މައިންބަފައިން ދިރިއުޅުން ރާއްޖެއިން ބޭރަށް ބަދަލުކުރި ހިސާބުންނެވެ.

"ކޮބާ ދޮންތަ؟" ޒަރޫކް އާ ދުރަށް ޖެހިލަމުން ޒަވީ އެހިއެވެ.

"އަންނާނެ އަދި ފަހުން. މިއަންނަ ހަފުތާގަ ދޮންތަގެ ގްރެޖުއޭޝަން އެބައޮތް. އެހެންވެ ނާދެވުނީ" ޒަރޫކް ބުންޏެވެ.

*********

އިޝާ ނަމާދުކޮށް އަވަދިވެގެން މާޝިތާ ކޮޓަރިން ބޭރަށް ނުކުތް އިރު ގޭތެރެއަށް ވެރިވެފައިވަނީ ހިމޭން ކަމެވެ. ހުޅުވާފައި ހުރި ޓީވީގެ އަޑު ހުރީ ކަނޑާލާފައެވެ. ގަޑިއަށް ބަލައިލި އިރު އަށެއް ނުޖަހައެވެ. ޑިއުޓީ ނިމޭ ގަޑިއަކަށް ތިއާ ބުނެފައި އޮތީ އަށެކެވެ. ފިރިމީހާ އަދި ދެ ފިރިހެން ދަރީން ތިބޭނީ މިސްކިތުން ގެއަށް އަންނަ މަގުމަތީގައެވެ. ރޭގަނޑުގެ ކެއުމަށް މޭޒުމަތި ތައްޔާރުކުރުމުގެ ކުރިން ނާޔާ ވީތަނެއް ބަލައިލަން އެކޮަޓަރި ދޮރު ހުޅުވާލިއެވެ. މާޝިތާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ހުދުކުލައިގެ ބުރުގާގައި ނަމާދަށް ހުރި ނާޔާ ފެނިފައެވެ. ދެ ފިރިހެން ދަރީންނަށް ވުރެ ބޮޑަށް އަންހެން ދަރިފުޅު ދީނަށް ހާނުވާން މާޝިތާ ކުރަން ޖެހުނު މަސައްކަތް ގިނައެވެ.

މޭޒުމަތި ހަމަޖައްސައި ނުލެވެނީސް ނަމާދަށް ދިޔަ މީހުން ގޭތެރެއަށް ވަން އަޑު އިވިއްޖެއެވެ.

"އާދޭ ކާން" މާޝިތާ ގޮވާލިއެވެ. އެވަގުތު އެއީ ނާޔާ ނުކުމެގެން ކާމޭޒާ ދިމާލަށް އައި ވަގުތެވެ.

"ވާއު މަންމާ... މިރޭ ކާންހުރީ ގަރުދިޔަ ތަ؟" ނާޔާގެ އަޑު އިވުނެވެ.

މޭޒުކައިރީގައި ނުއިށީނދެ ނަވާލްގެ ގޭތެރޭގެ އެކި ދިމާލަށް ނަޒަރު ހިންގާލިއެވެ. އެންމެން ހަމައަށް ތިބި އިރު ތިއާގެ ނިޝާނެއްވެސް ނެތެވެ. ބަދިގޭގައި މާޝިތާ އެކަނި އުޅުނު އިރު އެހީވެދޭން ތިއާ ނައިތީ ނަވާލް ހިތްހަމަ ނުޖެހުނެވެ. ހަވީރު އޮފީސް ނިންމާފައި ނަވާލް އައި އިރުވެސް ތިއާ ގޭގައި ނެތްކަން ނަވާލަށް ފާހަގަވިއެވެ. އޭނާ ހީކޮށްގެން ހުރީ އާއިލާ މީހުންގެ ގެއަށް ތިއާ ގޮސްލީ ކަމަށެވެ.

"ދަރިފުޅު ނުދަންތަ ތިއާ ބަލާ" މާޝިތާ އެހިއެވެ.

"ތިއާ އޭ. ކޮންތާކުވީ؟ ނަވާލް ބުންޏެވެ.

"ހަމަ ނޭނގޭތީތަ ތިއަހަނީ. ހޮސްޕިޓަލުގައެއްނު" މާޝިތާ ބުންޏެވެ.

"އާނ... އާނ. މިއަންނަނީ ގޮވައިގެން" ނަވާލް ބުންޏެވެ. ދެން އަވަސް އަވަހަށް މައިންބަފައިންގެ ލޯމަތިން ދުރަށް ދިޔައެވެ.

************

ގޭ ދޮރުމައްޗަށް ނުކުމެފައި ނަވާލް ބޮލުގެ ފުއްކިބައިގައި އަތް ހިންގާލިއެވެ. ތިއާ ބަލިކަމެއް އޭނާއަށް އެނގިފައެއް ނެތެވެ. ނުބުނެ ޑޮކްޓަރަށް ދައްކަން ތިއާ ދިޔައީތީ ނަވާލް ކުރިއަށްވުރެ ވެސް ބޮޑަށް ހިތްހަމަ ނުޖެހުނެވެ. ސައިކަލަށް އަރައި ދުއްވާލުމުގެ ކުރިން ތިއާއަށް ގުޅާފައި އޭނާ ހުރި ހޮސްޕިޓަލެއް ޔަގީން ކުރިއެވެ.

ނަވާލް އަރާ ހަމަވި އިރު ތިއާ ހުރީ ބޭރުގައެވެ. ސައިކަލަށް އަރައި ހަމަޖެހިލާފައި ނަވާލް ލައިގެން އިން ގަމީސްމަތިން ބަނޑުގެ ދެފަރާތުގައި ތިއާ ހިފަހައްޓާލިއެވެ. އެހިނދު ހިތްހަމަ ނުޖެހިފައި އިންކަހަލަ ގޮތަކަށް ނަވާލްގެ ހަށިގަނޑު ހަރަކާތް ކޮށްލިއެވެ.

"ކިހިނެއްވީ؟ ރުޅިއައިސްފަތަ ފިރިމީހާ" ތިއާ ބުންޏެވެ.

އާދައިގެމަތިން ތިއާގެ އަޑުގައިވީ ސަމާސާކުރުމުގެ ރާގެވެ. ހަގީގަތުގައިވެސް ނަވާލް އިނީ ހިތްހަމަ ނުޖެހިފައެވެ. ގެއާ ހަމައަށް އާދެވެންދެން ނަވާލް ތިއާ އާ ވާހަކަ ނުދައްކައެވެ. ހުސް އަނގަތަޅަން ޖެހުމުން ފަހުން ތިއާވެސް އިނީ ހިމޭނުންނެވެ.

ގޭޓު ކުރިމައްޗަށް ސައިކަލް މަޑުކޮށްލުމާއެކު ތިއާ ފައިބައިފިއެވެ. ހިނގައިގަތް ވަގުތު މަޑުޖެހުނީ ނަވާލް ގޮވާލުމުންނެވެ.

"އަހަރެން ބޭނުމެއް ނޫން ތިއާ އާ ދެބަސްވާކަށް" ނަވާލް ބުންޏެވެ. އެބުނި އެއްޗެއްގެ މާނަ ތިއާއަށް ނުވިސްނުނެވެ. ދެބަސްވާން އުޅެނީ ކާކު ހެއްޔެވެ؟

"އަހަރެން ނޫޅެން" ތިއާ ބުންޏެވެ.

"ބަލިވީމަ ތިއާ ބުނަން ޖެހޭނީ އަހަރެން ކައިރީގަ. ތިއާ ބޭރަށް ނުކުތުމުގެ ކުރިން އަހަރެންނަށް އެނގެން ޖެހޭނެ" ނަވާލް ބުންޏެވެ.

ތިއާ ކައިރިއަށް ހިނިއައެވެ. އޭނާ ބަލިވީ ކޮންއިރަކު ހެއްޔެވެ؟ އެހެންނަމަވެސް އަމިއްލަ ނަފުސު ކުށްވެރިވެސް ކުރެވުނެވެ. ނަވާލް އެބުނިހެން ފިރިމީހާގެ ހުއްދަ ނުލިބެންޏާ އަނބިމީހާއަށް ވަޒީފާ އަދާކުރުމުގެ ހުއްދައެއްވެސް ނެތެވެ.

"ކާކު ބުނީ އަހަރެން ބައްޔޭ. ވަޒީފާއަށް ދިޔައީ" ތިއާ ބުންޏެވެ. "ސޮރީ ކުރިން ނުބުނެވުނީތީ"

ނަވާލްއަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. ތިއާ ވަޒީފާ އަދާކުރާ ކަމެއް އޭނާއަށް އެނގިފައެއް ނެތެވެ. ތިއާ ވަޒީފާ އަދާކުރުމަކީ އޭނާ ރުހޭ ކަމެއްވެސް ނޫނެވެ. އޭނާގެ އަނބިމީހާގެ ރީތިކަން ހިލޭ ފިރިހެނުންނަށް ދައްކަން އެއްގޮތަކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ.

"އަހަރެންނަކަށް ނޭނގޭ ތިއާ ވަޒީފާއެއްގަ އުޅޭކަމެއް" ނަވާލް ބުންޏެވެ.

"ނުދާންވީތަ؟" ތިއާ ބުންޏެވެ.

ފިރިމީހާގެ ނުގަބޫލުގައި ވަޒީފާއަށް ދާން ތިއާ ބޭނުމެއް ނުވެއެވެ. އެކަމަކު ޑޮކްޓަރަކަށްވުމަކީ ކުޑައިރުން ފެށިގެން ތިއާ ދެކެމުން އައި ހުވަފެނެކެވެ. އިންސާނިއްޔަތަށް ހިދުމަތް ކުރުމަކީ އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުންވެސް މެއެވެ. ކޮންމެ ދުވަހަކު އެކިއެކި ބަލިތަކުގައި އޭނާ އާ ބައްދަލުވާ ކުޑަކުދިންނާމެދު އޭނާގެ ހިތުގައި އުފެދިފައިވަނީ ތަފާތު ލޯތްބެކެވެ. އެހެންނަމަވެސް ކަންތައްވީގޮތުން އޭނާ މުޅިން މާޔޫސްވެއްޖެއެވެ. ވަޒީފާއަށް ނުދާންވީތޯ އޭނާ ކުރި ސުވާލަށް ނަވާލް ޖަވާބެއް ނުދެއެވެ. ވަޒީފާއަށްދާށެކޭވެސް ނުބުނެއެވެ. ނިންމަންވީ ގޮތެއް އޭނާއަށް ނޭނގެއެވެ. އޭނާގެ ކުރީގައި ހުރެގެން ނަވާލް ގޭތެރެއަށް ވަދެގެން ދިޔުމުން ތިއާ ތުންފަތުގައި ދަތް އަޅާލިއެވެ. އޭނާގެ ސަބަބުން ފުރަތަމަ ފަހަރަށް ނަވާލް ހިތްހަމަ ނުޖެހިއްޖެކަން އެނގުމުން ދެރަވެސްވިއެވެ.

******

ޒަރޫކްގެ ހުރުން ހަމަޖެހުނީ ފުލްމޫންގައެވެ. އެއީ ޒަވީ ބޭނުންވި ގޮތެވެ. ރޭގަނޑުގެ ކެއުން ނިންމާލާފައި ދެ އެކުވެރިން މަޑުކޮށްލައިގެން ތިބީ ސިޓިން ރޫމުން ނުކުމެވޭ ބެލްކަނީގައެވެ. އެހާ ތަނަވަސް ބެލްކަންޏެއް ނޫނަސް އެތަންކޮޅުގައި ހަމަޖެހިލައިގެން ވާހަކަދައްކަން ތިބެވޭވަރު ވެއެވެ. އެތައް ދުވަހަކު ދެ ރަހުމަތްތެރިން ދިމާވުމުން އެކަކު އަނެކަކުގެ ވާހަކަތައް ތިބީ އެނގެން ބޭނުންވެފައެވެ.

"ގާޒީ ކުރިމައްޗަށް އަރަނީ ކޮންއިރަކު؟" ޒަރޫކް ބުންޏެވެ. ޒަވީއަށް ހެވުނެވެ. ޒަރޫކް އެބުނީ ކީކޭކަން ޒަވީއަށް އެނގުނެވެ.

"ޔަލާ ގެ ވާހަކަ ދޯ. މިހާރު މިއުޅެނީ ތިކަމާ. މަންމަ ބުނެފި އަހަރެން ނިދީގަވެސް ޔަލާއަށް ގޮވާ ވާހަކަ" ހިނިގަނޑަކާއެކު ޒަވީ ބުންޏެވެ.

ޔަލާ އާއި ޒަވީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ޔަލާގެ މައިންބަފައިންނަކީ ހާއްސަ އެހީއަށް ބޭނުންވާ ބަލި ދެ މީހުންނަށްވުމުން ފާއިތުވި ހަތަރު އަހަރުގައި ޔަލާ ދިރިއުޅުނީ މައިންބަފައިން ގޮވައިގެން ރާއްޖެއިން ބޭރުގައެވެ. އެހެންނަމަވެސް ބައްޕަގެ ކުއްލި ވަކިވުމާއެކު މަންމަ ގޮވައިގެން ޔަލާ ރާއްޖެ އައިސްފިއެވެ.

"ޔަލާގެ ދައްތަ ރަށުން އެބައާދޭ. އެދައްތަ އައިމަ މެރީ ކުރާނީ. އެހެން ނޫނީ ޔަލާގެ މަންމަ ބަލާނެ މީހަކު ނުހުންނާނެއްނު" ޒަވީ ބުންޏެވެ.

"އަވަހަށް ތިކަން ނިންމަން އުޅޭ. އެހެންނޫނީ ތިމަންޖެ ފިލާފާނެ" ޒަރޫކް ބުންޏެވެ. ޒަވީއަށް ނޭނގުނެވެ. ފިލާފާނޭ ޒަރޫކް ބުނީ ކީއްވެގެން ހެއްޔެވެ؟

"އެހެން މިބުނީ އަހަރެންނަށް ލިބުނު ކަހަލަ ކެއްސެއް ލިބިދާނެ ކަމަށް" ޒަރޫކް ބުންޏެވެ.

(ނުނިމޭ)