ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ސީޕްލޭން ޓާމިނަލް، "ނޫވިލު" އަށް 2022 ވަނަ އަހަރުގެ ގްލޯބަލް ބެސްޓް ޕްރޮޖެކްޓްސް އެވޯޑްސް އޮފް އިންޖިނިއަރިން ނިއުސް ރެކޯޑް (އީއެންއާރު) ލިބިއްޖެއެވެ.
އީއެންއާރު އަކީ އިންޖިނިއަރިން އާއި ކޮންސްޓްރަކްޝަންގެ ދާއިރާއިން ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެކަޑަމިކް ޖާނަލްއެވެ. އީއެންއާރު ގްލޯބަލް ބެސްޓް ޕްރޮޖެކްޓްސް އެވޯޑްސް އަކީ އިންޖިނިއަރިން އިންޑަސްޓްރީގެ “އޮސްކާ”ގެ ގޮތުގައި މަޝްހޫރު އަދި ދުނިޔޭގެ ބައިނަލްއަގުވާމީ ގޮތުން އެންމެ ވަރުގަދަ އިންޖިނިއަރިން ޕްރޮޖެކްޓުތައް ފާހަގަކުރާ އެވޯޑެކެވެ.
ނޫވިލު ސީޕްލޭން ޓާމިނަލަށް އެވޯޑް ލިބިފައިވަނީ މެރިޓް އޮފް އެއާޕޯޓް/ ބަނދަރު ކެޓަގަރީންނެވެ. އީއެންއާރު ގްލޯބަލް ބެސްޓް ޕްރޮޖެކްޓްސް އިން ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދަތުރުފަތުރުގެ ހުރަސްތަކާއި، މަސައްކަތްތެރިންގެ ދަތިކަމާއި، ސަޕްލައި ޗޭން ޑިސްޓްރަޕްޝަންތަކުން އަރައިގަނެ، ވަގުތުން ފެސިލިޓީ ބިނާކުރުމަށް އެމްއޭސީއެލުން ކޮށްފައިވާ މަސައްކަތްތައް ދެނެގަނެ އެކަން ފާހަގަކޮށްފައެވެ. އަދި، ރާއްޖޭގެ ތިމާވެށީގެ ބޭނުންތައް ފުއްދައިދީ، ވަށައިގެންވާ ފަރުތަކާއި ކަނޑުގެ ވެއްޓަށް ކުރާ އަސަރުތައް ކުޑަކުރުމަށާއި ކަނޑުގެ ދިރުންތައް ލިބޭ ގެއްލުން އެންމެ ކުޑަކުރުމަށް އިމާރާތްކުރުމުގެ ތެރޭގައި ޕްރޮސެސްތައް ގާއިމުކުރުމަށް ކޮށްފައިވާ މަސައްކަތްތައްވެސް ފާހަގަކޮށްފައިވެއެވެ.
ނޫވިލު ސީޕްލޭން ޓާމިނަލަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓާމިނަލެވެ. މިދިޔަ އޮކްޓޯބަރު 6 ގައި ރަސްމީކޮށް ބޭނުންކުރަން ފެށި އެ ޓާމިނަލްގައި 55 އަށްވުރެ ގިނަ ސީޕްލޭން ޖާގަ ލިބޭ ފްލޯޓިން ޑޮކް އޭރިއާއެއް ހުރެއެވެ. 28،000 އަކަމީޓަރުގެ ޖާގައިގެ އެ ޓާމިނަލް ހަތަރު ބުރިއަށް އިމާރާތްކޮށްފައިވާ އިރު، ތަނަވަސް ލައުންޖުތަކާއި ބޯޑިން ގޭޓްތަކުގެ އިތުރުން ޑިއުޓީ ފްރީ ފިހާރައަކާއި އޮޕަރޭޝަނަލް ޖާގަތައް ވެސް ހުރެއެވެ.