ލ. ގަމުގައި އިމާރާތް ކުރާ 100 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފިއެވެ.
ގަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން ޔުނިޓުތަކުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ރައްޔިތުން މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އާއި އެރަށު ކައުންސިލްގެ މެމްބަރުންނެވެ.
ސަރުކާރުގެ ޕީއެސްއިޕީ ބަޖެޓުން ހަރަދުކޮށްގެން ގަމުގައި ހަދާ 100 ހައުސިން ޔުނިޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 84.3 މިލިއަން ރުފިޔާއަށް 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާއެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހުއެވެ.
މިނިސްޓްރީ ބުނެފައިވަނީ، ގަމުގައި އިމާރަތްކުރާ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓޫ ހުންނާނެ ކަމަށާއި ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރް ރޫމެއް ހުންނާނެ ކަމަށެވެ.
މީގެ އިތުރުން އެ ޔުނިޓުތަކުގެ ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ޔުނިޓުތައް ވަށައިގެން މަގު ބައްތި ހަރުކޮށް އަލިކުރާނެ ކަމަށާއި ޕާކަކާއި ވެހިކަލް ޕާކް ކުރާނެ ސަރަހައްދެއްވެސް ގާއިމު ކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު