ކުރިސްޓިއަނުންގެ އީދެއްގެ ގޮތުގައި ކޮންމެ އަހަރެއްގެ ޑިސެމްބަރުމަހުގެ 25 ގައި ފާހަގަކުރަމުން އަންނަ ކްރިސްމަސް ފާހަގަކުރުމުގެެ އެއްވެސް ހަރަކާތެއް މާލޭގައި ނުހިންގުމަށް މާލޭ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އެކަމަށް އިލްސިމާސްކޮށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ އެކި ގައުމުތަކުގައި މިއަހަރުގެ ކުރިސްމަސް ދުވަސް ޣައިރު މުސްލިމުން ފާހަގަކުރި ކަމަށްވިޔަސް ކުރިސްމަސް ދުވަހާ ގުޅިގެން އެއްވެސް ހަރަކާތެއް މާލޭގައި ހިންގުމަކީ އެ ކައުންސިލުން އެއްވެސް ވަރަކަށް ހިތްވަރުދޭ ކަމެއް ނޫން ކަމަށެވެ.

އެފަދަ އަމަލުތައް މާލޭގައި ހިންގުމަކީ ހުއްދަދޭނެ ކަމެއް ނޫން ކަމަށާއި، އެހެންކަމުން މާލޭ ސިޓީގެ އެއްވެސް ތަނެއްގައި މިފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސްކުރާ ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގައި ކުރިމަސް ފާހަގަކުރުމުގެ ހަރަކާތްތައް ހިންގަނީ، ޣައިރު މުސްލިމުންނަށް އަމާޒުކޮށްގެން ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުގައެވެ. ރާއްޖެއަކީ ފަތުރުވެރިކަމަށް މަޝްހޫރު ގައުމެއް ކަމަށްވާތީ ކުރިސްމަސް ފާހަގަކުރަން ހާއްސަކޮށްގެން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރެއެވެ.