ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މި އަހަރު ޖެއްސި ޕްރައިވެޓް ޖެޓްތަކުގެ އަދަދު 2،610 އަށް އަރާފައިވާ ކަމަށް އެމްއޭސީއެލުން ހާމަކޮށްފި އެވެ.
މިއަހަރު ރާއްޖެއަށް 1.6 މިލިއަން ވަނަ ފަތުރުވެރިޔާ އައުން ފާހަގަކުރުމަށް އިއްޔެ ވީއައިއޭގައި ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ 2019 ވަނަ އަހަރާ އަޅައި ބަލާއިރު މިއަރު ވީއައިއޭގެ އެއާ ޓްރެފިކް މޫވްމެންޓް އިތުރުވެފައިވާ ކަމަށާއި މިއަހަރުގެ ޕީކް ސީޒަނާއި ދިމާކޮށް އިތުރު 8 އެއާލައިނެއްގެ ދަތުރުތައް ވެސް މިހާރު ވީއައިއޭއަށް ފަަށާފައިވާ ކަމަށެވެ.
2019 ވަނަ އަހަރަކީ މިހާތަނަށް ރާއްޖޭއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި އަހަރެވެ. މި އަހަރުގެ ޕީކް ސީޒަނަށް ރާއްޖެއަށް ދަތުރުފެށި އެއާލައިން ތަކަކީ ވިޒް އެއާ އާއި ބްރިޓިޝް އެއާވޭސް އާއި އެއާ ފްރާންސާއި އޮސްޓްރޭލިއަން އެއާލައިންސާއި ނިއޯސް އާއި ޔޫރޯ ވިންގްސް އާއި ކޮންޑޯ އާއި ލޮޓް އާއި އައިޓީއޭ އެއާވޭސް އެވެ.
އޭގެ ތެރެއިން ބްރިޓިޝް އެއާވޭސްއަކީ ސީޒަނާ ދިމާކޮށް ދަތުރުކުރާ އެއާލައިނަކަށް ވީނަމަވެސް، މިހާރު ބްރިޓިޝް އެއާވޭސްއިން ރާއްޖެއަށް ދާއިމީ ދަތުރުތައް ފަށާފައިވާ ކަމަށާއި އެއާލައިންތައް އިތުރުވުމަކީ އިތުރު ފަސިންޖަރުން ރާއްޖެއަށް އައުމުގެ ފުރުސަތު އިތުރުވާނެ ކަމެއް ކަމަށް ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި ވީއައިއޭގެ އެއާ ޓްރެފިކް މޫވްމެންޓަށް ބަލާއިރުވެސް މިއަހަރު ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. އެގޮތުން 2019 ވަނަ އަހަރާ އަޅައިބަލާއިރު ވީއައިއޭއަށް ޖެއްސި ޕްރައިވެޓް ޖެޓުގެ އަދަދު 53 ޕަސެންޓަށް އިތުރުވެފައިވާ ކަމަށާއި އެއާ ޓްރެފިކް މޫވްމެންޓްވެސް 10 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ. 2019 ވަނަ އަހަރު ވީއައިއޭއަށް ޖެއްސީ 1،702 ޕްރައިވެޓް ޖެޓެވެ. އަދި 2019 ވަނަ އަހަރުގެ ނޮވެމްބަރާ ހަމައަށް އެއާ ޓްރެފިކް މޫވްމަންޓް 24،864 އެރިއިރު އެ އަދަދު މި އަހަރު ހުރީ 27،296 ގައެވެ.
"އަޅުގަނޑުމެންގެ ސްޓެޓިކްސްތައް ލިބިފަ މިހިރީ ޖެނުއަރީން ނޮވެމްބަރާ ހިސާބަށް. މާނައަކީ މިއަހަރު ނިމެންވާއިރަށް މި އަދަދުތައް ވަރަށް ބޮޑަށް އެކްސީޑުވެގެންދާނެ" ހަސަން ވިދާޅުވި އެވެ.
ހަސަން އިތުރަށް ވިދާޅުވީ އެމްއޭސީއެލް އިން ވަނީ ސީޒަނަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށެވެ. އެކުންފުނިން ވަނީ މިދިޔަ އޮކްޓޫބަރު މަހު ވީއައިއޭގެ އާ ރަންވޭ ބޭނުންކުރަން ފަށައިފަ އެވެ. އާ ރަންވޭއާއެކު، ފްލައިޓުތައް ނުޖެއްސި ރަންވޭމަތީގައި މަޑުކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ވަނީ ކުޑަވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު