ވާހަކަ

ދީވާނާ ހިތް - 07

2

ދަރިފުޅު ގޮވައިގެން ކުއްލިއަކަށް ފުރަން ޖެހުމުން ފާއިތުވި ދުވަސްތަކުގައި ހަމްރާ އާއި މަންޝާ ބައްދަލުވެފައެއް ނެތެވެ. އެހެންކަމުން މަންޝާގެ ހަޔާތުގައި ހިނގި އެއްވެސް ކަމެއް ހަމްރާއަށް ނޭނގެއެވެ. ފޯނު ހަލާކުވެފައި އޮތުމުން މަންޝާއަށް ގުޅާލެވޭނެ ގޮތެއްވެސް ހަމްރާއަށް ނުވީއެވެ.

"ނަވާލް އަހަރެންގެ ކަޒިންއަކާ މެރީކޮށްފި" މަންޝާ ބުންޏެވެ.

ރޮވޭވަރުން އޭނާއަށް ވާހަކަދައްކަން ދަތިވިއެވެ. މަންޝާއަށް ކުރިއަށް ނުގެންދެވުނެވެ. މުޅި އުމުރުގައިވެސް ނަވާލް ނުލިބޭނެކަން އެނގުމުން އޭނާ އިނީ ހިތުގައި ޖެހިފައެވެ. ޕާޓީތެރޭގައި އިހުސާސްތައް ހިފަހައްޓަން މަސައްކަތް ކުރި ނަމަވެސް ފަހުވަގުތު އޭނާގެ ކެތްތެރިކަން ކޮޅުންލީއެވެ. ގެއަށް ދިޔުމުގެ ބަދަލުގައި ރަހުމަތްތެރިޔާ ކައިރިއަށް އޭނާ އައީ ހިތަށް ހަމަޖެހުމެއް ހޯދާށެވެ.

"ހަމަތެދެއްތަ؟ ޔާ ﷲ. ކޮންކަހަލަ ވިޔާނުދާ ފިރިހެނެއް އެއީ؟" ހަމްރާ ބުންޏެވެ.

"ހަމް ބުނީ ހަމަ ރަނގަޅަށް. ނުވިސްނުނީ މަށަށް" މަންޝާ ބުންޏެވެ. ހަމްރާ އިނީ ގަބޫލު ކުރަން ދަތިވެފައެވެ.

"ދެން ކީއްކުރާނީ. އޭނަ މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރޭ" ހަމްރާ ބުންޏެވެ.

"އަހަރެންނަށް މުޅި އުމުރަށް ނަވާލް ގެއްލިއްޖެ. އަހަރެން ހިތަށް ވިސްނައިދޭނީ ކިހިނެއް؟" މަންޝާ ބުންޏެވެ.

މަންޝާއަށް ކުރާނެ އަސަރު ހަމްރާއަށް އިހުސާސް ކުރެވެއެވެ. ހިތަށް ހަމަޖެހުމެއް ހޯދަން މަންޝާ އައީތީ ހިތްހަމަޖެހޭ ވަރަށް ރޯލަން މަންޝާއަށް ފުރުސަތުދީގެން އޭނަ އިނެވެ.

*************

އެނދުގެ ދެފަރާތުގައި ތިއާ އާއި ނަވާލް އިށީނދެގެން ތިބޭތާ އިރުކޮޅެއްވެއްޖެއެވެ. ކޮޓަރި ތެރެއަށް ވެރިވެފައިވަނީ ހިމޭން ކަމެކެވެ. އެގޮތުގައި ވިއްސަކަށް މިނެޓް ހޭދަވެގެން ދިޔައެވެ. އަނގަ ލައްޕައިގެން އިނދެ އިނދެ އޭނާގެ އަނގައަށް ތަދުވާން ފަށައިފިއެވެ.

"ދެން މިހެންތަ އިންނަންވީ؟" ތިއާ ބުންޏެވެ.

"ކީކޭ.... " ސިހިފައި ނަވާލް ބުންޏެވެ. "މިބުނީ ދެން ކޮންކަމެއް ކުރަންވީ؟"

"ކުރަންވި ކަމެއް ނޭނގޭތަ؟" ތިއާ ބުންޏެވެ. ބުނެވުނު އެއްޗަކާމެދު ތިއާއަށް ވިސްނާލެވުނީ މާފަހުންނެވެ.

"އެއްޗެހި... އެއްޗެހި ބަދަލު ކުރަންވީނުން...." ނަވާލް ބުންޏެވެ.

ތިއާ އެނދުން ފުންމައިގެން ތެދުވިއެވެ. އޭނާ ތެދުވިގޮތުން ސިހިފައި ނަވާލްވެސް ތެދުވިއެވެ. ބަލަން ނުބަލަން ހުރެފައިވެސް ތިއާގެ މޫނަށް ނަވާލް ބަލައިލިއެވެ. ތިއާ އެހާ ކަންބޮޑުވެފައި ބަލަހައްޓައިގެން ހުރިގޮތުން ނަވާލްގެ ހިތުގައި ސުވާލު އުފެދުނެވެ. އޭނާއަށް ބުނަން ނުވާވަރުގެ އެއްޗެއް ބުނެވުނީ ހެއްޔެވެ؟

"ކީކޭ... އެއްޗެހި ބާލާށޭ.... ތިހެންތަ ބުނަނީ ދެން" ތިއާ ބުންޏެވެ.

"އަހަރެން ނުބުނަން ތިހެނެއް" ނަވާލް ބުންޏެވެ.

"ތިބުނީނު އެއްޗެހި ބާލާށޭ..." ތިއާ ބުންޏެވެ.

ނަވާލް އަނެއް ފަރާތަށް އެނބުރުނެވެ. ތިއާ ބުނި އެއްޗަކުން އޭނާއަށް ހިނިއައެވެ. އަނެއްފަރާތަށް އެނބުރުނީ ހިނިއައިކަން ތިއާއަށް އެނގުނަ ނުދިނުމަށެވެ.

"އަހަރެން ބުނީ އެއްޗެހި ބަދަލުކުރާށޭ" މޫނުގެ އެއްއަރިމަތި ތިއާއަށް ފެންނަ ވަރަށް އަނބުރާލަފައި ނަވާލް ބުންޏެވެ.

ތިއާ އިނގިލީގައި ދަތްއަޅާލައިގެން އިރުކޮޅަކު ހުއްޓެވެ. ހަމަ ރަނގަޅަށްވެސް އޭނާއަށް ހީވީ އެއްޗެހި ބާލާށޭ ބުނިހެންނެވެ. ނަވާލް ބުނީ ކީކޭ ކަން އެނގުމުން އޭނާ ލަދުގަނެއްޖެއެވެ. ތިއާ ހިނގައިގަތެވެ.

ނަވާލް ބަލައިލީ ތިއާ ދުރަށް ޖެހުނުކަން އެނގުމުންނެވެ. އޭރު ތިއާ ގޮސް އޭނާގެ ފޮށި ކައިރީގައި ހުއްޓިއްޖެއެވެ. ނިދަން ލާނެ ޓީޝާޓަކާއި ހަރުވާޅެއް ނަގައިގެން ތިއާ އެނބުރެން ވާއިރަށް ނަވާލް އަނެއްފަރާތަށް އެނބުރިއްޖެއެވެ. ތިއާގެ ހަރަކާތްތަކަށް އޭނާ ބަލަހައްޓައިގެން ހުރިކަން ތިއާއަށް އެނގޭކަށް އޭނާ ބޭނުމެއް ނުވިއެވެ.

ތިއާގެ ހަބަރެއްނުވެ ގިނައިރުވުމުން ނަވާލް ބަލައިލިއެވެ. ހެދުމުގެ ތިރިއަށް ވަކިން ގުޅާފައިވާ 'ވަށްތިރި' ހެދުމާ ވަކިކޮށްލާފައި ކުޑަކޮށް ފަތްޖަހާލުމަށްފަހު އެނދުގެ އެއްފަރާތުގައި ބޭއްވިއެވެ. ތިއާގެ ގަޔަށް ފިޓްކޮށްކުރި ހެދުމުން އޭނާގެ ހަށިގަނޑުގެ ވަނާތައް ފާޅުކޮށް ހާމަވާން ހުއްޓެވެ. ނަވާލްގެ ހިތް އަވަސްވެލިއެވެ. ހިތް ހަމަޔަކަށް އަޅުވަން ފުންނޭވާތަކެއް ލަމުން ދަނިކޮށް ތިއާ އާ ނަޒަރު ބައްދަލުވެއްޖެއެވެ. އެހިނދު ދެމަފިރިންނަށްވެސް ހުއްޓުމެއް އައެވެ.

"ހެދުން ބަދަލުކުރަންވެގެން މިއުޅެނީ" ތިއާ ބުންޏެވެ. ހެދުން ބަދަލުކުރުމުގެ ކުރިން ނަވާލްގެ ހުއްދައަކަށް އެދުނު ކަހަލައެވެ.

ނަވާލަށް ބުނަންވީ އެއްޗެއް ނޭނގުނެވެ. ތިއާ ހެދުން ބަދަލުކުރަން އެ އުޅެނީ އެތަނުގަ ހުރެ ހެއްޔެވެ؟ ފާހާނަވެސް އެބަހުއްޓެވެ. ކޮޓަރީގެ ލައިޓްވެސް ނިއްވާލެވިދާނެއެވެ. ނަވާލްގެ ދުލަށް އެންމެ ލަފްޒެއްވެސް ނައިތާ ހުރިތަނުން ދެފައި ގުޑާވެސް ނުލިއެވެ. ކައިވެނީގެ ފުރަތަމަ ރޭ އަންހެނަކަށް ނުވާވަރު ނަވާލަށް ވަމުން ދިޔައެވެ. މުޅިން ތަފާތު އިހުސާސެކެވެ. ހަނދާނަށް އައީ އެކޮޓަރި ތެރެއިން ތިއާ ފެނުނުއިރު ހުރިގޮތެވެ. އޭނާ އެހާ ހާސްވި ސަބަބެއް ހުދު އޭނާއަށްވެސް ނޭނގެއެވެ. ތިއާއަކީ އަނބިމީހާކަން އެތައް ފަހަރަކު އަމިއްލަ ހިތަށް ވިސްނައިދީފިއެވެ. އެންމެފަހުން ދެކޮޅަށް ހިނގަމުން ގޮސް ތުނބުން ފުމެން ފެށިއެވެ. އުޅެވޭ ނޫޅެވޭ ގޮތެއް ހުދު އޭނާއަށްވެސް ނޭނގެއެވެ. ތިއާ ހައިރާންވެފައި ނަވާލަށް ބަލަހައްޓައިގެން ހުއްޓެވެ.

"ކީއްތިކުރަނީ؟" ތިއާ ބުންޏެވެ.

ހަމައެހެން ބުނުމާއެކު ނަވާލް ތުނބުން ފުމުން ހުއްޓާލައިފިއެވެ. އެހެންނަމަވެސް އޭނާގެ ހިތުގެ ތެޅުމަށް ބަދަލެއް ނައެވެ. ކޮޓަރި ތެރޭގައި އޭސީގެ ފިނި އެންމެ ގަދަކޮށްލާފައި ހުރިއިރުވެސް ނަވާލްގެ ނިއްކުރިމަތިން ދާތިކިތައް ފާޅުވާން ފަށައިފިއެވެ. ނަވާލްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރެފައި ކޮޓަރީ ދޮރާ ދިމާލަށް ތިއާ ހިނގައިގަތެވެ.

"ކޮންތާކަށް ތިދަނީ" ތިއާ ދޮރާ ދިމާލަށް ދާން ފެށުމުން ނަވާލް އެހިއެވެ.

"މިގެއިން މީހަކަށް ގޮވަން" ތިއާ ބުންޏެވެ.

"އެ ކީއްކުރަން" ނަވާލް އެހިއެވެ.

"އަދި ކަމެއްނުކުރެވޭއިރު ތިހެރީ ވާވަރު. އެހެންވެ"

ތިއާ ބުނެލި ޖުމްލައާއެކު ނަވާލް އެހެން ދިމާލަކަށް ބަލަން ފެށިއެވެ. ހިތަށް އެރުމާއެކު އެބަހެއް ތިއާގެ އަނގައިން އޮންނަނީ ބޭރުވެފައެވެ. ނަވާލް ދެފަރާތަށް ބޯހޫރާލިއެވެ. ކޮންމެ އެއްޗެކޭ ވެސް އެ އަންހެންކުއްޖާ ބުނެފާނެއެވެ. ދޮރުން ތިއާ ނުކުތުމުގެ ކުރިން ހުއްޓުވަން އުޅެގެންވީ އެހެންގޮތެކެވެ. އަވަހަށް ގޮސް ހިފުނީ ތިއާގެ އަތުގައެވެ. ސިހިފައި ތިއާ ބަލައިލިއެވެ. ނަވާލް ނޭނގޭ ކަމަށް ހަދާފައި ތިއާގެ އަތްތިލައިގެ ތެރެއަށް އަތްތިލަ ލައްވާލިއެވެ.

"ހިނގާ ނިދަން" ތިއާ ބަލައިލުމާއެކު ނަވާލް ބުންޏެވެ.

ތިއާ ނަވާލާއެކު ހިނގައިގަތެވެ. އެކަކު އަނެކަކުގެ އަތުގައި ހިފައިގެން ތިބި އިރު ނޭނގޭ އިހުސާސެއް ދެހިތަށްވެސް ކުރުވަމުން ދިޔައެވެ. ހަތަރެސްފައި ފިނިވެ ނުކެރިފައި ހުއްޓަސް ތިއާގެ އަތްތިލައިގައި ހިފަހައްޓާލި ހިސާބުން އަނބިމީހާ އާ ގާތްވެލުމަށް އޭނާގެ ހިތްއެދެން ފެށިއެވެ.

"ނިދޭނީ މި ހެދުން ބަދަލުކޮށްގެން. އަހަރެން އެކަނި މިކަމެއް ނުވާނެ" ބުރުގަލުގައި ޖަހާފައި ހުރި ޕިންތައް ނައްޓުވަމުން ތިއާ ބުންޏެވެ. ތިއާ އެބުނި އެއްޗެއްގެ މާނަ ނަވާލަށް އެނގުނެވެ.

"އަހަރެން... އަހަރެން އެހީވާނަން" ނަވާލް ބުންޏެވެ.

ތިއާ ފުންނަޒަރަކުން ނަވާލަށް ބަލައިލިއެވެ. ނަވާލް މަޑުމަޑުން އައިސް ހުއްޓުނީ ތިއާގެ ފުރަގަހުގައެވެ. ތިއާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. އިރުކޮޅަކު ވިސްނާލަން ހުރެފައި ނަވާލް ބެޑްލައިޓްގެ އަލި ފަނޑުކޮށްލިއެވެ.

"ލަދުންތަ އަލިފަނޑުކުރީ؟ އަހަރެންގެ ގައި ބަލައިފީމެއްނު" ތިއާ ބުންޏެވެ.

"އަހަރެން ނުބަލަން" ނަވާލް ބުންޏެވެ.

"ކޮންތާކު؟ ދެލޯބޮޑުކޮށްގެން ހުރެ ހަމަ ބެލީ" ތިއާ ބުންޏެވެ.

"ތިއާވެސް ބެލީމެއްނު" ނަވާލް ބުންޏެވެ.

"ބަލާނެއްނު ނަވާލް އިޝްތިހާރުކޮށްގެން ހުރީމަ" ތިއާ ބުންޏެވެ. ތިއާގެ އަނގައިން ސަލާމަތްނުވާނެކަން އެނގުމުން ނަވާލް ހީލިއެވެ. އެ ހީލުން ތިއާއަށް ނުފެނެއެވެ.

ދެން ފާއިތުވެގެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. ތިއާ ލައިގެން ހުރި ހެދުމުގެ ޒިޕް އާ ހަމައަށް ނަވާލް އަތްއުފުލައިލިއެވެ. ކުއްލިއަކަށް ތިއާ ސިހުނީ ނަވާލްގެ އިނގިލިތައް އޭނާގެ ބުރަކަށީގައި ބީހިލިގެންދިޔަ ވަގުތުއެވެ. ހަށިގަނޑަށް އަރައިގެންދިޔަ ފިނިގަނޑާއެކު ތިއާއަށް ހީވީ ހަށިގަނޑަށް ކަރަންޓް ޝޮކެއް ޖެހުނުހެންނެވެ. ދެން އައި ވަގުތުކޮޅުގައި ފުރަގަހުގައި ހުރި ނަވާލް ތިއާގެ ގައިގައި ފަހަތުން ދެއަތް ވަށާލިކަން އޭނާއަށް އެނގުނެވެ. އެހިސާބުން ފިރިމީހާގެ ދައުވަތަށް ތިއާ އިޖާބަދިނެވެ.

*************

އެންމެން ސައިބޯން ތިބި އިރު ނެގިމަޑުވެފައި އިނީ މަންޝާއެވެ.

"މީނީ މިއަދު ކިހިނެއްވެފަ؟" މަންޝާގެ ބޮލުގައި ކުޑަކޮށް ޖަހައިލަމުން ޒަވީ ބުންޏެވެ. ދިލްޝާދު މަންޝާއަށް ބަލައިލިއެވެ. ޕާޓީ ނިންމާފައި މަންޝާ ގެއަށް އައީ ލަހުންކަން ދިލްޝާދަށް އެނގެއެވެ. ވީކަމެއް މަންޝާ ކައިރީގައި އަހައިގެން އޮޅުން ފިލުވަން ދިލްޝާދު އިނީ ބޭނުންވެފައެވެ.

"ތިއްތިބެ ބުނި ކާރު ދޭނަމޭ ދުއްވަން" ޒަވީ ބުންޏެވެ. ޒަވީގެ ތިއްތިބެއަކީ ދިލްޝާދުގެ އެއްބަނޑު ބޭބެއެވެ.

"ޒަވީ ރޭސްޖަހަން ދާން މަންމަމެން އެއްބަހެއް ނުވާނަން" ދިލްޝާދު ބުންޏެވެ.

"ފްރެންޑެއް ބަލާ އެއާޕޯޓަށް ދާންވެގެން ކާރު ހޯދީ" ޒަވީ ބުންޏެވެ.

"ދޮންބެ ދާއިރު މަންއަށް ދެވޭނެތަ؟" މިހުރިހާ އިރު ހިމޭނުން އިން މަންޝާ ބުންޏެވެ.

"އުނހު. މަންޝާއަށް ނުދެވޭނެ" ދިލްޝާދު ބުންޏެވެ.

މަންޝާ ހިމޭންވިއެވެ. ޒަވީ ބޭރަށް ދާއިރު އެކުގައި ދާން މަންޝާ އުޅުނީ ދިލްޝާދުގެ ސުވާލުތަކުން ސަލާމަތްވާށެވެ. ރޭގަނޑު ބޭރުގައި އުޅުމަކީ ދިލްޝާދު ރުހޭކަމެއް ނޫނެވެ. އެކަން އެނގޭއިރު ރޭގެ ބޮޑުބައެއް މަންޝާ ހޭދަކުރީ ބޭރުގައެވެ. އޭނަ ގެއަށް އައި އިރު ދަންވަރު ވެއްޖެއެވެ. ދިލްޝާދު އެވަރަށް ގުޅިއިރު ފޯނަށް ޖަވާބުދޭން މަންޝާ ހަނދާންނެއް ނެތެވެ. ގެއަށް އައި އިރު ދިލްޝާދު ހޭލާ އިނެވެ. ދިލްޝާދުގެ މޫނުމަތިން ކަންބޮޑުވުން މަންޝާއަށް ފެނުނެވެ. ދިލްޝާދު ސުވާލު ކުރުމުގެ ކުރިން ސިޑިން އަރައިގެން ގޮސް އޭނާ ވަނީ ކޮޓަރިއަށެވެ. އެވަރުން އަދި ދިލްޝާދުގެ ކިބައިން ސަލާމަތްނުވާނެކަން އޭނާއަށް އެނގެއެވެ.

"ބޭރުގަ އުޅުނަސް ވަގުތަށް މިސްކިތަށް އަރާތި" ޒަވީ ތެދުވެގެން ހިނގައިގަތުމުން މިހާދު ބުންޏެވެ.

***************

ހޭލެވުމާއެކު ތެދުވެ އެނދުގެ ހެޑްބޯޑުގައި ތިއާ ލެނގިލިއެވެ. ނިދާލެވުމުން ހަށިގަނޑަށް ލިބުނު ލޮޑުކަން ފިލައިފިއެވެ. ތުންފަތް މައްޗަށް ހިނިތުންވުމެއް ގެނުވަމުން ތިއާ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. ރެއަކީ އޭނާގެ ހަޔާތަށް އައި އެންމެ އުފާވެރި ރެއެވެ. އެންމެ ރެޔަކުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވެއްޖެއެވެ. ނަވާލަށްޓަކައި އޭނާގެ ހިތުގައި އިންތިހާއަށް ލޯބި އުފެދިގެން ހިނގައްޖެއެވެ. ރޭގެ މަންޒަރުތައް ހިތަށް ސިފަވުމާއެކު ތިއާ މޫނުގައި އަތް އެޅިއެވެ. މާގިނައިން ވާހަކަދައްކާތީ އޭނާގެ އަނގަމަތީގައި ނަވާލް އަތް އެޅިގޮތް ހަނދާންވެފައި ހިނިއައެވެ.

އެނދުގެ އަނެއްފަރާތަށް ބަލައިލުމާއެކު ތިއާއަށް ލިބުނީ ހައިރާން ކަމެކެވެ. ނަވާލެއް ނެތެވެ. އަނެއްކާ ގަޑިންވީ ކިހާ އިރެއް ހެއްޔެވެ؟ އެނދުގެ ފަރާތް ފަރާތް ބަލައިލީ ފޯނު ހޯދާލުމަށެވެ. ނަސީބަކުން ފޯނު އޮތީ ބާލީސް ދަށުގައެވެ. ގަޑި ބަލައިލި އިރު ހެނދުނު އަށެއް ޖަހައި ބޮޑުވެއްޖެއެވެ. ތިއާއަށް އިނދެވުނު ތަންވެސް ނޭނގުނެވެ. އެހާ ގިނައިރު ނިދުނީ ހެއްޔެވެ؟ މީހެއްގެ އަންބަކަށްވެގެން މައިދައިތަ ކައިރިއަށް އައި ފުރަތަމަ ދުވަހެވެ. އެމީހުން ހީކުރާނީވެސް ކީކޭ ހެއްޔެވެ؟ ފަތިސް ނަމާދަށްވެސް ހޭނުލެވެއެވެ. ނަވާލް ތެދުވެގެން ދަމުން ގޮވާނުލީތީ ތިއާ މޫނު ހަދާލިއެވެ.

*************

ކުކުޅުބިސް ކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅު ކުލައިގެ ޓައިޓުގައި ކަޅު ކުލައިގެ ކުޑަ ބުރުގާ ކޮޅެއް އަޅައިގެން ތިއާ ކޮޓަރިން ނުކުތެވެ. އޭނާ ގޭތެރޭގެ ހުރިހާ ދިމާލެއް ބަލައިލިއެވެ. ކާމޭޒު ކައިރީގައި އިން ނާޔާ ނޫނީ އިތުރު މީހަކު ނުފެނެއެވެ.

"މަންމަ އުޅުނު ތިއްތަ ސައިބޯން ނާންނާތީ" ތިއާ ފެނުމާއެކު ނާޔާ ބުންޏެވެ.

"ހޭނުލެވުނީ" ތިއާ ބުންޏެވެ.

"އިށީނދޭ ސައިބޯން. ނާއްކޮވެސް ދެންމެ ތެދުވީ. މިއަދު ކިޔެވުން ނެތް. އެހެންވެ ފަތިސް ނަމާދުކޮށް ނިމިގެން އަލުން ނިދީ" ނާޔާ ބުންޏެވެ.

ތިއާ މޭޒު މައްޗަށް ނަޒަރު ހިންގާލިއެވެ. ރޮއްޓާއި ފަތްމަސްހުނީގެ އިތުރުން ޕާނާއި ޕީނަޓް ބަޓަރުވެސް ހުއްޓެވެ. ކައިވެނީގެ ފުރަތަމަ ދުވަހު މައިދައިތައާއެކު ބަދިގެއަށް ނުވަދެވުމުން ތިއާ ދެރަވެއްޖެއެވެ. އަމިއްލަ ނަފުސަށް ލަދުވެސްގަތެވެ. ތިއާ މޭޒު ކައިރީގައި އިށީނެވެ. ކާއެއްޗެއްގައި އަތްލަން ނުކެރި އިނދެވެސް ރޮއްޓެއް ނަގައި ތަށި ތެރެއަށް ލިއެވެ.

************

ކޮޓަރީގެ ޓަކި ޖަހާލި އަޑު އިވުނީ މަންޝާ ފާހާނައިން ނުކުތް ވަގުތުގައެވެ. ދޮރުހުޅުވާލި އިރު ކުރިމަތީގައި ހުރީ ދިލްޝާދެވެ. ތުވާލިން މޫނު ފޮހެމުން ދިލްޝާދަށް ފުރަގަސްދީފައި މަންޝާ ހިނގައިގަތީ ލޯގަނޑާ ދިމާލަށެވެ.

"މަންމަ ކޮންވާހަކައެއް ދައްކަން އުޅުނީ" މަންޝާ އެހިއެވެ. ބަހެއް ނުކިޔައި ދިލްޝާދު ގޮސް އިށީނީ މަންޝާގެ އެނދުގައެވެ.

"އާދެބަލަ މިތާ އިށީންނަން" ދިލްޝާދު ބުންޏެވެ. މަންޝާ އައިސް އިށީނެވެ.

"ރޭގަ ކޮންތާކު އުޅުނީ؟ މަންޝާ މަންމައަށް ކޮންކަމެއް ތިސިއްރު ކުރަނީ؟" ދިލްޝާދު އެހިއެވެ. ކައިރީގައި އިސްއޮބާލައިގެން ދެއަތުގެ އިނގިލިތަކާ ކުޅެން އިން މަންޝާ ޖަވާބެއްނުދީ ހިމޭނުން އިނެވެ.

"އެސޮރު ހަމަ ދުރަށް ދިޔައިމަތަ މަންޝާއަށް ތިހާ ބޮޑު ބަދަލެއް އައިސްގެން ތިއުޅެނީ؟ ނޫނީ އެހެންކަމެއް އުޅެނީތަ؟" ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލުތަކެއް ދިލްޝާދު ކުރިއެވެ.

އިރުކޮޅަކު ހިމޭނުން އިނުމަށްފަހު މަންޝާ އިސްއުފުލާލާފައި ދިލްޝާދުގެ މޫނަށް ބަލައިލިއެވެ. ދެން ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލިއެވެ. ދިލްޝާދު ދެބުމަ ގޮށްޖަހާލިއެވެ.

"ފެނޭތަ އަޅުގަނޑު ހީލިތަން. މި ހީލުން ދެން އަބަދުވެސް މަންމައަށް ފެންނާނެ. ކުރިން ދެރަވިޔަސް މިހާރު ދެރަނުވޭ. މަންމަ ބުނީމެއްނު އަޅުގަނޑުގެ ޕްރިންސް އަދި ނާދެޔޭ. ކޮންމެސް ދުވަހަކުން އަންނާނޭ" މަންޝާ ބުންޏެވެ. ދިލްޝާދު ބޯޖަހާލާފައި މަންޝާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.

"ތިއާ މެރީކުރީމަ ދެރަވެގެން ހަމް ކައިރިއަށް ދިޔައީ. އެގޭގަ ވާހަކަދައްކަން ތިބީ. ސޮރީ މަންމާ" މަންޝާ ބުންޏެވެ.

********

ކޮޓަރި ދޮރުމަތީގައި ހުއްޓުމަށްފަހު އެއްކޮށް ނުލެއްޕި ހުރި ދޮރުފަތް ދޭތެރެއިން ނަވާލް އެތެރެ ބަލައިލިއެވެ. އަލަމާރި އާއި އެނދު ދެމެދުގައި ތިއާ ހުއްޓެވެ. އަލަމާރީގެ ހުރިހާ ދޮރުފަތްތަކެއް ހުޅުވައިގެން އޭނާ ހުރީ އަލަމާރި އާ ކުރިމަތިލައިގެންނެވެ. ތިއާގެ ފޮށި އެނދުމަތީގައި ހުޅުވާފައި ހުއްޓެވެ. ބައެއް ހެދުންތައް އެނދުމަތީގައިވެސް ހުއްޓެވެ. އަމަލާމާރިއަށް އެއްޗެހި އަޅަނީކަން ނަވާލަށް އެނގުނެވެ. ނަވާލް އެތެރެއަށް ވަނެވެ. ތިއާ ބަލައިލީ ދޮރުލެއްޕުނު އަޑަށެވެ. ނަވާލް ފެނުމުން ތިއާ ހީލިއެވެ.

"ތެދުވެގެންދަމުން އަހަރެންނަށް ގޮވާލިނަމަ" ތިއާ ބުންޏެވެ.

"އަހަރެން ގޮވިން. ހޭނުލީނު" ނަވާލް ބުންޏެވެ.

ނަވާލް އެނދުގައި އިށީނެވެ. ތިއާ ކުރަންހުރި މަަސައްކަތަށް އެނބުރުނެވެ. ފުރަގަހަށް އެނބުރި ހުރި ތިއާގެ ފައިން ފެށިގެން ބޮލާ ހަމައަށް ނަވާލްގެ ނަޒަރު ދަތުރުކޮށްލިއެވެ. ރޭގެ މަންޒަރުތައް އޭނާގެ ހަނދާނާ ކުޅެލިއެވެ. އެހިނދު އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ ހަޔާތުގައިވެސް ތަފާތު ރެއެއްގެ ގޮތުގައި އެރޭ ލިޔެވިއްޖެއެވެ. ކުރެވުނީ މުޅިން ތަފާތު އިހުސާސެކެވެ. ތިއާގެ މާތްކަމާއި އިއްފަތްތެރިކަމުގެ ސަބަބުން އޭނާގެ ހިތުގައި ތިއާއަށްޓަކައި އެތައް ގަދަރެއް އުފުލިގެން ދިޔައެވެ. ކައިވެނީގެ ފުރަތަމަ ރޭ އަނބިމީހާއާއެކު އޭނާ ހޭދަކުރީ މަޖަލާއި ސަކަރާތާއި ލޯތްބާ ފިރުމުންތަކުގެ ތެރެއިންނެވެ. އޭނާގެ ހިތުން ތިއާ ޖާގަ ހޯދަމުން އައީ އޭނާ ހީކުރިވަރަށް ވުރެވެސް އަވަހަށެވެ. ކުރެވުނު ކައިވެނީގެ ފެށުން އައީ އޭނާއަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވަމުންނެވެ.

"ކީއްތިކުރަނީ؟" ތިއާ ބަލައިލީ ނަވާލް ވާހަކަދެއްކި އަޑަށެވެ.

"ނަވާލްގެ އަލަމާރިއަށް އަހަރެންގެ އެއްޗެހި އަޅަނީނު" ތިއާ ބުންޏެވެ.

"އާދެބަލަ" ނަވާލް ބުންޏެވެ. އަތުގައި އޮތް ހެދުން ފޮށިމަތީގައި ބާއްވާފައި ތިއާ ނަވާލަށް ބަލައިލިއެވެ. އެހިނދު ދެމަފިރިންގެ ނަޒަރު އެކަކު އަނެކަކާ ބައްދަލުވިއެވެ. ތިއާ މަޑުމަޑުން ހިނގާފައި އައިސް ނަވާލް ކައިރީގައި އިށީނެވެ.

"މިގަޑީގަވެސްތަ؟ ރޭގަވީވަރު މަދީތަ؟" ތިއާ ބުންޏެވެ.

ނަވާލް ދެފަރާތަށް ބޯހޫރާލިއެވެ. އޭނާގެ އިސްޖަހައިގެން އިންގޮތުން ހިނިއައިސްފައި އިންކަން ތިއާއަށް އެނގުނެވެ. މާގިނައިރެއްނުވެ ތިއާގެ ތުންފަތް މައްޗަށްވެސް ހިނިތުންވުމެއް ވެރިވިއެވެ.

***********

އޮފީހުން ގެއަށް އައިގޮތަށް ނަޒާން ވަނީ ކޮޓަރިއަށެވެ. ފެންވަރައިގެން ނުކުމެ ބޭރަށް ނުކުތުމުގެ ބަދަލުގައި އޭނާ އެރީ އެނދަށެވެ. ކޮޓަރިއަށް ދިޔައިރު ތިއާ އާ ގޭތެރެއިން ދިމާވެ ހަވީރު ސައިބޯން އަންނަން ބުނި ހަނދާނެއް އޭނާ ނެތެވެ. އެތައް ފޮޓޯ ފޯނުގައި ހުރިއިރު އޭނާ ސަމާލުކަންދިނީ މަންޝާގެ ފޮޓޯތަކަށެވެ. އެއީ އެއްވެސް މީހަކަށް ނޭނގޭނެހެން އޭނާ ޕާޓީ ތެރެއިން ނެގި ފޮޓޯތަކެވެ. އޭނާ ހިތްފުރެންދެން މަންޝާގެ ތަސްވީރުތަކަށް ބެލިއެވެ.

"ވަރަށް ތަފާތު ރީތިކަމެއް. ވަރަށް ލައިކްވެއްޖެ. ކިހިނެއްބާ ހަދާނީ ވާހަކަދައްކަން. ތިއާގެ ތިމާގެ ކުއްޖެއް. ތިއާ ކައިރީގައި އަހަންވީ ކަންނޭނގެ. އުނހު. އޭރުން ކަމަކުނުދާނެ. ތިއާގެ ފަރާތުން ނަވާއަށް އެނގުނިއްޔާ ވަރަށް ދިމާކުރާނެ. އަހަރެން އަމިއްލައަށް މިކަން ކުރެވޭތޯ ބަލަންވީ" މަންޝާގެ ފޮޓޯއަށް ބަލަހައްޓައިގެން އޮވެ އަމިއްލަ ނަފުސާ ނަޒާން ވާހަކަދެއްކިއެވެ. އޭނާ ސިއްސައިގެން ދިޔައީ ކޮޓަރި ދޮރުގައި ޓަކިޖަހަމުން ނާޔާ ގޮވަމުންދިޔަ އަޑަށެވެ. އޭނާ ތެދުވެގެން ގޮސް ދޮރުހުޅުވާލިއެވެ.

"ހިނގާބަލަ. ތިއްތަ އެބަހުރި ވަރަށް މީރުކޮށް ސަބްމެރިން ހަދާފަ" ނާޔާ ބުންޏެވެ.

(ނުނިމޭ)