މަރުވާ މީހުންގެ މައުލޫމާތު މާލޭ ސިޓީ ކައުންސިލްގެ ރަސްމީ ޕޭޖަކުން އާންމުކުރަން ނިންމައިފިއެވެ.

ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަރުވާ ދިވެހިންގެ މައުލޫމާތު، އެމީހުންގެ ކަށުނަމާދު ވަގުތު އަންގައިދިނުމަށްޓަކައި ހިއްސާ ކުރަމުން އަންނަނީ އެކަމަށް ހަދާފައިވާ ކަށު ނަމާދު ޕޭޖާއި ވައިބާ ގުރޫޕެއްގައެވެ.

އެކަން ކުރަނީ މާލޭ ސިޓީ ކައުންސިލްގެ ޖަމާއަތްތެރިއެއް ކަމަށްވާ އަހުމަދު މުނައްވަރެވެ.

މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ "ވަން" އަށް މިއަދު ވިދާޅުވީ، މަރުވާ މީހުންގެ މައުލޫމާތު އާންމު ކުރުމަކީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް އޮތް ޒިންމާއެއް ކަމަށެވެ.

އެހެންކަމުން މާލޭ ސިޓީ ކައުންސިލުން އެކަން ކުރުމަށް ނިންމައި އެކަމަށް ހާއްސަ ޕޭޖެއް ތައްޔާރުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ، މަރުވާ މީހުންގެ މައުލޫމާތަކީ ސިޓީ ކައުންސިލްގެ ޑޭޓާ ބޭހަށް އަންނަ މައުލޫމާތެއް ކަމަށެވެ. ނަމަވެސް އަމިއްލަ ޕޭޖެއްގައި މިހާތަނަށް މުނައްވަރު އެ މައުލޫމާތު އާންމު ކުރަމުން އައުމަކީ އޭނާ ކުރަމުން އައި މުހިއްމު މަސައްކަތެއް ކަމަށެވެ.

ނަމަވެސް އެކަން ސިޓީ ކައުންސިލުން ރަސްމީކޮށް ކުރަން ނިންމީ އެކަމަކީ ގާނޫނުން އެ ކައުންސިލަށް މަތިކޮށްފައިވާ ޒިންމާއަކަށްވާތީ ކަމަށްވެސް ވިދާޅުވިއެވެ.