ވެންޓިލޭޓަރު މައްސަލައިގައި ތިން މީހަކަށް ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އާ ގުޅިގެން ހޯދަން ޖެހުނު ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ހެލްތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ސ. ފޭދޫ/ ޕިންކް ހައުސް، ޝިޔާމާ މުހައްމަދާއި އެ މިނިސްޓްރީގެ ޑިރެކްޓަރުކަމުގެ މަގާމުގައި ކުރިން ހުރި، ތ. ކިނބިދޫ/ ބޯގަންވިލާ، އަހުމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަގާމުގައި ކުރިން ހުރި، ލ. ގަން/ ފެއަރީގާޑެން، އަލީ ޝިހާމްގެ މައްޗަށް ކަމަށެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން، މި ތިން މީހުންގެ މައްޗަށްވެސް ކުރުމަށް އެދިފައި ވަނީ، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.
މީގެ އިތުރުން މި މައްސަލައިގައި ދައުލަތަށް ގެއްލުނު 31,052,025 (ތިރީސް އެއް މިލިއަން ފަންސާސްދެހާސް ފަންސަވީސް) ރުފިޔާ އަނބުރާ ހޯދުމަށްވެސް އެދިފައިވާ ކަމަށް އޭސީސީން ބުންޏެވެ.
ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ މައްސަލާގައި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެންމެ ފުރަތަމަ އޭސީސީން ޕީޖީއަށް ފޮނުވި ނަމަވެސް، މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަކުރުމަށް އަންގައި އެ މައްސަލަތައް 2021 ވަނަ އަހަރު ޕީޖީން އޭސީސީއަށް ފޮނުވައިލިއެވެ.
އޭގެ ފަހުންވެސް އެކި ފަހަރު މަތިން އެކި މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވިއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ތަހުގީގުން ފާހަގަކުރެވޭ ކަންތައްތައް ފާހަގަކޮށް އެކަންކަން ފުރިހަމަކުރުމަށް ޕީޖީ އޮފީހުން އެ މައްސަލަތައް އޭސީސީއަށް ފޮނުވާލިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު