ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 58 އަހަރު ފުރުމާއި ގުޅިގެން ހާއްސަ ޕްރޮމޯޝަންތަކެއް ފަށައިފިއެވެ.

އެސްޓީއޯއަށް މިއަދު 58 އަހަރު ފުރުމާއި ގުޅިގެން އެކުންފުނިން ވަނީ އެސްޓީއޯގެ ފިހާރަތަކުގައި އެއްދުވަހުގެ ސޭލެއް އަޅުވައިފައެވެ. އެ ކުންފުނީން މައުލޫމާތު ދޭގޮތުން މި ސޭލް އެސްޓީއޯ ޕީޕަލްސް ޗޮއިސް، މަކިޓާ ޝޯރޫމް، އެސްޓީއޯ ކޮންސްޓްރަކްޝަން، އަދި ރީޖަނަލް ފިހާރަތަކުގައިވެސް ކުރިއަށްދާނެއެވެ. މި ސޭލްގައި ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު ގުރުއަތުން ހޮވޭ 58 ނަސީބުވެރިޔަކަށް ގިފްޓް ހެމްޕާއެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. މި ސޭލް ކުރިއަށްދާނީ މިއަދުގެ ނިޔަލަށެވެ.

މީގެ އިތުރުން އެސްޓީއޯ އިން ވަނީ "އެސްޓީއޯ އަށުވަންނަ" ނަމުގައި ހާއްސަ ސޯޝަލް މީޑިޔާ ކެމްޕެއިނެއްވެސް ފަށާފައެވެ. 58 ވަނަ އަހަރީ ދުވަހާއި ގުޅިގެން އިންސްޓަގްރާމްގައި ކުރިއަށްގެންދާ މިކެމްޕެއިން ކުރިއަށްދާނީ މިއަދުން ފެށިގެން ފަސް ދުވަހު ގެ މުއްދަތަކަށެވެ.

އެސްޓީއޯއިން ބުނީ މި ކެމްޕެއިން ކުރިއަށް ގެންދާނީ އެކުންފުންޏާއި "ސޯސަލް" ގުޅިގެން ކަމަށާއި ކެމްޕެއިންގައި އެސްޓީއޯއާ ބެހޭގޮތުން ޖުމުލަ ފަސް ސުވާލެއް ކުރެވޭނެ ކަމަށެވެ. އެގޮތުން ކެމްޕެއިން ކުރިއަށްދާ ކޮންމެ ދުވަހަކު އެއް ސުވާލު ކުރަން ނިންމާފައިވާއިރު އެ ފަސް ސުވާލަށް ރަނގަޅު ޖަވާބު ދީގެން އެސްޓީއޯގެ ފަރާތުން ދޭ ގިފްޓު ހެމްޕާ ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ކެމްޕެއިންގައި ބައިވެރިވުމަށް އެސްޓީއޯގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް ފޮލޯ ކުރުމަށް ފަހު ކޮންމެ ދުވަހަކު ވެސް ކުރާ ސުވާލުގެ ޕޯސްޓުގެ ކޮމެންޓުގައި ޖަވާބު ލިޔެފައި ފޮނުވުމަށް އެސްޓީއޯއިން ބުނެއެވެ. އަދި ފަސް ސުވާލަށް ރަނގަޅު ޖަވާބު ދޭ ފަރާތްތަކުގެ ތެރެއިން 58 ނަސީބުވެރީން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

އެސްޓީއޯ އިން ވަނީ އެކުންފުނީގެ އަހަރީ ދުވަހާ ގުޅުވައި މިދިޔަ އަހަރުވެސް އެއް ދުވަހުގެ ސޭލެއް ކުރިއަށް ގެންގޮސްފައެވެ. އެ ސޭލަށްވެސް

ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެސްޓީއޯ އިން ބުންޏެވެ.