ވާހަކަ

ދީވާނާ ހިތް - 06

1

"މަންޝާ..." މިފަހަރު ޝައިހާނަށް ނުހުރެވުނެވެ. އަމިއްލަ ސޫރައަށް ބަލަން ހުރި މަންޝާގެ އަތުގައި ހިފައި އޭނާއާ ދިމާލަށް އަނބުރާލިއެވެ. މަންޝާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ފާހަނައިގެ ދޮރު ހުޅުވިގެން ދިޔައެވެ. އެތެރެއަށް ވަން ދެ އަންހެންކުދިން ތިބީ ހުއްޓުން އަރާފައެވެ.

"ހިތަށް އަރާ ބައެއް މީހުންނަށް މީ އޮފީހެއްކަމާއި މީ އަންހެން ފާހާނާކަން ވެސް ނޭނގެނީބާއޭ" އެތަނުން އެކަކު ޝައިހާނާއި މަންޝާއަށް ދެލޯ އަޅަމުން ބުންޏެވެ. ޝައިހާން އެއްޗެއް ބުނަން އުޅުނު ވަގުތު މަންޝާ ކުރިއަށް ޖެހިލިއެވެ.

"އަހަރެން ހިތަށް އަރާ ކަލޭމެން އަތުގަ އެކަނި ބާއޭ ގޮހޮރެއް އޮންނަނީ. އާނ އެހެންޏަ އޮފީސް ދޮރުން އެތެރެވުމާއެކު ހުންނާނީ ކަވައިގަނެފަ. ގެއިން އެއްޗެއް ނުކައި އަންނަނީ ކީއްވެބާއޭ ހިތަށްއަރާ. މިހާރުވެސް ތިތިބީ އޯވަރ ވެއިޓްވެފަ. އެހެއްނުވާނީ... މީހުންގެ މަސްވެސް އެވަރަށް ކަނީ... މީހަކާ ދިމާލަށް އެއްޗެއް ބުނާއިރު ކަމުގެ ދެކޮޅު ބަލާލުމެއްވެސް ނޯންނާނެ. ފާހާނާއިގެ ދޮރު ތާށިވެގެން ނުހުޅުވިގެން އުޅެނިކޮށް ޝައިހާން އެހީވެދިނީ. އެކަމަކު މަގޭ ހިތަށް އަރާ މަ ކަލޭމެންނަށް ކީއްވެބާއޭ އޮޅުންފިލުވާދޭންވީ...." ދެކުދިންނަށް ދެލޯ އަޅައިލަމުން މަންޝާ ފާހާނާއިން ނުކުމެގެން ދިޔައެވެ. މަންޝާގެ ފަހަތުން ޝައިހާން ނުކުތެވެ. ދެ އަންހެންކުދިން ތިބިގޮތުން ޝައިހާން ކައިރިއަށް ހިނިއައެވެ.

*************

އޮފީސް ނިންމާފައި މަންޝާ އައިސް ގެއަށް ވަނެވެ. ގޭތެރެއިން އެވަގުތު އިތުރު މީހަކު ނުފެނެއެވެ. ދަބަސް ސޯފާގައި ބާއްވާފައި އޭނާ ގޮނޑީގައި އިށީނެވެ. އޮފީހުގެ މަސައްކަތްތަކާ މެދު އޭނާ ވިސްނާލިއެވެ. އޮފީހުގައި ހޭދަކުރަން ޖެހުނު ނުވަ ގަޑިއިރު ތެރޭގައި ނަވާލް ފެނުނު މިންވަރު ހިތުން އޭނާ ގުނާލިއެވެ. ކަންތައްތައް ބަދަލުވެގެންދިޔަ ގޮތުން އޭނާގެ ދިރިއުޅުމުގެ ވާހަކަފޮތުގެ އުފާވެރިކަމުގެ ބާބުގައި ނިމުމުގައި ސިއްކަޖެހިފައިވާ ކަހަލައެވެ.

"ދަރިފުޅުތަ؟ ކިހިނެއްވެފަ ތިއިންނަނީ؟" ބޭރުން އައިސްވަން މިހާދަށް މަންޝާ ފެނުމުން އެހިއެވެ.

"ވަރުބަލިވެގެން ހަމަ އިނީ" މަންޝާ ބުންޏެވެ. މިހާދު އެތެރެއަށް ދާން ހިނގައިގަތުމުން މަންޝާ ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނާ ކޮޓަރިއަށް ދާން ތެދުވާން އުޅުނު ވަގުތު ފޯނަށް މެސެޖެއް އައިސްގެން ބަލައިލިއެވެ. ނަވާލްގެ މެސެޖެއްކަން އެނގުމުން މަންޝާގެ ހިތް އަވަސްވެލިއެވެ. އެހާ އަވަހަށް މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރުވެސް ފެނުނެވެ. އެހެންނަމަވެސް އޭނާއަށް މެސެޖު ކިޔާނުލާވެސް ފަރުނުޖެހުނެވެ.

"ބައްދަލުކުރާށޭ... ކީއްކުރަން. އަހަރެންނާ ނަވާލް ދައްކަންޖެހޭ ވާހަކައެއް ނޯންނާނެ. ނުދާނަން" އަމިއްލަ ނަފުސާ މަންޝާ ވާހަކަދެއްކިއެވެ. ދަބަސް ހިފައިގެން ކޮޓަރިއަށް ދާން ހިނގައިގަނެފައިވެސް އޭނާއަށް ކުރިއަށްދެވޭ ގޮތެއް ނުވިއެވެ. ދެފަރާތަށް ބޯހޫރާލާފައި އޭނާ ހިނގައިގަތީ ގެއިން ނުކުންނާށެވެ.

*******

ކެބިން ތެރޭގައި ނަވާލް ހުރީ ދެކޮޅަށް ހިނގާށެވެ. އޮފީސް ނިމުނު ފަހުން އޭނާ އަދި ގެއަށް ނުދެއެވެ. މަންޝާ އާ ބައްދަލުކޮށް ކަންތައްވީގޮތް ކިޔައިދޭން އޭނާ ނިންމީ ހުރިހާގޮތަކަށް ވިސްނާފައެވެ. މަންޝާ އެމެސެޖު ކިއި ކަމުގެ ޔަގީން ކަމެއް ނެތެވެ. ޖަވާބެއް ނުފޮނުވައެވެ. މަންޝާ އަންނާނެ ކަމެއްވެސް ނޭނގެއެވެ. އެހެންވިޔަސް ނަވާލް އިންތިޒާރުކުރަމުން ދިޔައެވެ. މާދަމާ އަންހެނަކު ނަވާލާ އިންނަން ރަން ކިޔާނެއެވެ. އޭގެކުރިން މަންޝާ އާ ވާހަކަދައްކަން ކޮންމެހެންވެސް އެބަ ޖެހެއެވެ. ވީހުރިހާ ކަމެއް މަންޝާއަށް އެނގެން ޖެހެއެވެ. އޭގެފަހުން މަންޝާ ދެކޭނެ ގޮތަކަށް ދެކެންވީއެވެ.

ކުއްލިއަކަށް ނަވާލް ސިހުނީ ކެބިން ދޮރުހުޅުވުނު އަޑަށެވެ. އެތެރެއިން މަންޝާ ފެނުމާއެކު ނަވާލް ހަމަޖެހުމުގެ ނޭވައެއްލިއެވެ.

"ޝުކުރިއްޔާ އައިސްދިނީތީ" ނަވާލް ބުންޏެވެ.

"ބޭކާރު ވަގުތުތަކެއް ދުއްވާނުލާ އަހަރެންނާ ބައްދަލުކުރަން ބޭނުންވި ސަބަބެއް ބުނޭ" މަންޝާ ބުންޏެވެ.

"އަހަރެން... އަހަރެން ބޭނުން މަންޝާއަށް އަހަރެންގެ ވިސްނުން ބަދަލު ކުރަން ޖެހުނު ސަބަބެއް ބުނެދޭން" ނަވާލް ބުންޏެވެ.

"ކީއްކުރަން؟ މިހާރަކު އަހަރެން ތިސަބަބެއް ހޯދާކަށް ނެތިން" މަންޝާ ބުންޏެވެ. ނަވާލް ހިމޭންވިއެވެ. މަންޝާ އާ ވާހަކަދެއްކުން އޭނާ ހީކުރިހާ ފަސޭހައެއް ނުވިއެވެ.

"ސޮރީ..." ހިނދުކޮޅަކަށްފަހު ނަވާލް ބުންޏެވެ.

"އަހަރެން ވާހަކައެއް ބުނަންތަ ވަރަށް ރަނގަޅު" މަންޝާ ބުންޏެވެ. އޭނާގެ އަޑުގައި ހަރުކަށިކަމެއް ވިއެވެ. އެކަން ނަވާލަށް އިހުސާސްވެސް ވިއެވެ.

"ސޮރީއަކީ ހުރިހާކަމެއްގެ ހައްލެއް ނޫން. ނަވާލް ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އަހަރެންގެ ހިތުގައި ލެވުނު ރެނދު ދުވަހަކުވެސް ނުބެދޭނެ. އަދި އަހަރެންނާމެދު ތިކަންތައް ކުރި ގޮތް ދުވަހަކުވެސް މިހިތުން ފިލައިގެން ނުދާނެ. އަހަރެންނަކަށް ޔަގީންކަމެއް ނެތް ނަވާލް ތިއާ ގޮވައިގެންވެސް ތެދުވެރިކަމާއެކު އުޅޭނެ ކަމަކަށް" މަންޝާ އެއްޗެހި ގޮވާލިއެވެ. ނަވާލް އިސްއޮބާލައިގެން ހުއްޓެވެ.

"އަހަރެން ގަސްތަކު ނޫން. އެކަމުގަ އަހަރެން އަދި ތިއާގެވެސް ކުށެއް ނެތް" ނަވާލް ބުންޏެވެ.

"މާ ރީތި ވާހަކައެއް ނޫން ތިދައްކަނީ. މާރަނގަޅު މީހަކަށް ހެދިގެން އުޅޭ އިރު އެންމެ ފުރަތަމަ ކުރި ފާފައަށް ތައުބާންވާންވީނު" މަންޝާ ބުންޏެވެ.

"އަހަރެން ފާފައެއް ނުކުރަން. ތިއާ ކޮޓަރީގަ އުޅޭކަން އަހަރެންނަށް....."

ނަވާލަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް މަންޝާ ކެބިން އިން ނުކުތެވެ. ނަވާލް ބަލަހައްޓައިގެން ހުއްޓެވެ. އޭނާ ދެފަރާތަށް ބޯހޫރާލިއެވެ.

********

އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން އިން ތިއާގެ އުނގު ތެރޭގައި ރީމާގެ ދަރިފުޅު ނިދާލާފައި އޮތެވެ. ވަގުތަކީ އިޝާ ނަމާދު ވަގުތެވެ. ފާހާނައިން ވުޟޫކޮށްގެން ރީމާ ނުކުތީ ތިއާ ޒެކް އެނދުގައި ބޭއްވިތަނާއެވެ.

"ނިދީތަ؟" ރީމާ އަހާލިއެވެ. ތިއާ ބޯޖަހާލިއެވެ.

"ދޮންތަ ކީއްކުރަން އަންނަން ބުނީ" ތިއާ އެހިއެވެ. ތިއާއަށް ބަލައިލުމަށްފަހު ރީމާ އައިސް އެނދުގައި އިށީނެވެ. ދެން ކައިރީގައި ތިއާ ބޭންދިއެވެ.

"ތިއާގެ ބަލަދުވެރިޔަކީ ބޮޑުބައްޕަ ކަމުގައި ވިޔަސް މިވަގުތު ތިއާގެ މަންމަ އަކީ ވެސް ބައްޕައަކީ ވެސް ދޮންތަ. ދޮންތަ ތިއާދެކެ ލޯބިވާ ވަރު ތިއާއަށް އެނގޭނެ. ދޮންތަ މިއުޅެނީ ނަސޭހަތެއް ދޭން. ކައިވެނީގެ ފަހުން ތިއާ ދާނީ ފިރިހެނެއްގެ އަތްދަށަށް. މާތްﷲ އަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި ފިރިމީހާއަށް ކިޔަމަންވާން ޖެހޭނެ. ފިރިމީހާއާ ދިމާލަށް ވައްތަރުޖައްސައި ބަސް ބުނެ ހެދުމަކީ ތިމާ ނަރަކައަށް ހުށަހެޅޭނެ ކަމެއް. ފިރިމީހާގެ ހުއްދައާ ނުލައި ގެއިން ބޭރަށް އެންމެ ފިޔަވަޅެއް އެޅުމަކީވެސް އަނބިމީހާއަށް ހުއްދަ ކަމެއް ނޫން. ދިރިއުޅުމުގައި މައްސަލަތަކެއް ނުޖެހޭނެ ދެމަފިރިއެއް ނޫޅޭނެ. މައްސަލަތަކެއް ނުޖެހޭކަމުގައި ވާނަމަ އެއީ ވެސް މައްސަލައެއް. ވާހަކަދައްކައިގެން ކަންތައްތައް ހައްލު ކުރަންވާނެ. ދިރިއުޅުން ކުރިއަށް ގެންދެވޭނީ ކޮންމެސް އެކަކު ގޮތް ދޫކޮށްގެން. ކިތަންމެ ހިތްދަތި ވަގުތެއް ކަމުގައިވިޔަސް ކުރިން ވަރިއަށް ނޭދޭތި. ކެތްކުރަން ދަސްކުރަންވާނެ. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫން. އަބަދުވެސް ހަނދާންކުރަންވާނެ ފިރިމީހާގެ ރުހުން ލިބިގެންވާ ހާލު މަރުވެގެންދާ އަންހެނަކަށް އޮތީ ސުވަރުގެ ކަން" ރީމާގެ ވާހަތަކުން ތިއާއަށް ރޮވުނެވެ.

ޖަޒުބާތީވެވުނު ވަރުން ރީމާގެ ކޮނޑުގައި ތިއާ ބޯއެޅިއެވެ. ރީމާ ދެއްކި ވާހަކަތައް ތިއާގެ ސިކުނޑި އާ ކުޅެލައިފިއެވެ. ކޮންމެފަދަ ހާލެއްގައި ވެސް އޭނާ ނަވާލަށް ވަފާތެރިވާނެވެ.

"އަދި އެއްވާހަކަ. ތިއާގެ މާޒީގައި ހިނގާފައި ހުރި ކަންތައްތައް ނަވާލް ނާހާ ހިނދެއްގައި ބުނުން މުހިންމެއް ނޫން. އެކަމުގެ ސަބަބުން ތިއާގެ ދިރިއުޅުމުގައި ކޫރުމެއް އެޅެންވެސް ދޮންތަ ބޭނުމެއް ނޫން. އެކަމާ އެހާ ބޮޑަށް ނުވިސްނާތި. އެކަމުގެ އުނދަގުލެއް ދެން ތިއާއަށް ކުރިމަތިވެދާނެހެނެއް ދޮންތައަށް ހިއެއްނުވޭ،" ތިއާގެ އިސްތަށިގަނޑުގައި ފިރުމަމުން ރީމާ ވާހަކަދެއްކިއެވެ.

"އަޅުގަނޑުގެ ހިތުގައި އޮތް ހަމައެކަނި ނުތަނަވަސްކަމަކީ އެއީ" ތިއާ ބުންޏެވެ.

******************

އެއް ހަފުތާ ފާއިތުވެގެން ދިޔައެވެ. ހުޅުމާލޭގެ ހިތްގައިމު ރެސްޓޯރެންޓެކެވެ. ކުލަބޮކިތަކުން މުޅި ސަރަހައްދު ވަނީ ޖަރީކޮށްފައެވެ. ދުރުން ބަލައިލި ކޮންމެ މީހަކަށް ދެމީހެއްގެ ކައިވެނީގެ ކަންކަން ކުރަމުންދާ ތަނެއްކަން އަންގައިދިނުމުގެ ގޮތުން ނަވާލާއި ތިއާގެ ނަން ބޮޑު އަކުރުން ލިޔެ އިއުލާންކޮށްފައި އޮތެވެ. ރެސްޓޯރަންޓް ކުރިމައްޗަށް މަޑުކޮށްލި ކާރުން ފޭބި ތިއާ ހުރީ ހުސް ހުދުކުލައިގެ ބޮޑު ވެޑިން ޑްރެސެއްގައެވެ. ތިއާ ހުރީ ކައިވެންޏަށް ހާއްސަކޮށް ބުރުގާ އަޅައިފައެވެ. އެއީ ނަވާލްގެ އެދުމަކަށެވެ. ދެއަތުން ހެދުމުގެ ފަސްބައިގައި ހިފައި ކުޑަކޮށް ހިއްލާލައިގެން ވަދެގެން ދިޔަ އިރު އޭނާގެ ހިމަހިމަ ހަށިގަނޑާ އެ ހެދުން ނުލާހިކު ގުޅެއެވެ. އޭނާގެ ފަސްފަހަތުން އޭނާގެ ހުރިހާ ހަރަކާތްތަކެއްގެ ވީޑިއޯ ނަގަމުން އެކަމަށް ހާއްސަ ފޮޓޯގްރާފަރެއް އުޅުނެވެ. ގަދަ ރަތްކުލައެއް ޖައްސާފައިވާ އޭނާގެ ތުންފަތަށް ވެރިކޮށްލާފައިވާ ލުއި ލުއި ހިނިތުންވުން އެތައް ފިރިހެނެއްގެ ހިތް ކަތިލާނެކަން ކަށަވަރެވެ. ކަޅާއި ހުދުކުލައިން ހެދުން އަޅައިގެން ހުރި ނަވާލްގެ ނަޒަރު ވެސް ދެވަނަ ފަހަރަށް ތިއާއަށް ހުއްޓާލީ އެދެލޯ އޭނާއަށް އެގޮތަށް ކަންތައް ކުރަން މަޖުބޫރު ކުރުމުންނެވެ. ދެ ޒުވާނުންގެ ހަތަރު ކަޅި ބައްދަލުވުމާއެކު އޭނާގެ ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލިއެވެ.

"ހާދަ ވަރަކަށޭ ތިބަލަނީ. އެކަކު އަނެކަކަށް ފެނިއްޖެއްނު" ނަވާލް ސިހުނީ ކައިރިން ނަޒާންގެ އަޑު އިވުމުންނެވެ.

"ނުބަލަން" ނަވާލް ބުންޏެވެ.

"ތިކަމެއް ނޭނގުނު. ދޮންބެ މިތަނަށް އައިކަމެއްވެސް ނޭނގުނު" ނަޒާން ބުންޏެވެ. ނަވާލް ހީލިއެވެ. އޭނާ ގަބޫލުކުރަން ބޭނުންނުވިޔަސް ތިއާއަށް އިރުކޮޅަކާ ބަލައިލެވެއެވެ. ތިއާގެ ފުރިހަމަ ސޫރައަށް އޭނާއަށް ތާރީފުކޮށްލެވެއެވެ.

"އެ އައީ އެންމެން" ނަޒާން ބުންޏެވެ. ދެން ދެ ޒުވާނުން ކައިވެނި ކުރުމަށް ހަމަޖެހިފައިވާ މޭޒާ ދިމާލަށް ހިނގައިގަތެވެ.

********

ނަވާލާއެކު މޭޒާ ކައިރިވެލި ނަޒާނަށް ކުރިމަތިން ފެންނަން ހުރި ހިތްގައިމު ތަސްވީރުން ނަޒަރު ވަކިކޮށްލަން ހަނދާންނެތިފައި ހުރި ކަހަލައެވެ. ޔަގީނުންވެސް އޭނާގެ ހިތާ ކުޅެލައިފިއެވެ. ކޮއްކޮގެ ކައިވެނި ކުރެވެން އުޅޭކަން އޭނާ ހަނދާން ނެތް ކަހަލައެވެ. މޭޒުގެ އަނެއް ފަރާތުން ކުޑަކުޑަ ފިރިހެންކުއްޖަކާ ސަމާސަކުރަމުންދިޔަ އަންހެން ކުއްޖާ އޭނާގެ ހިތް މޮޔަކޮށްލައިފިއެވެ. އެމަންޒަރު ވީ އޭނާ ބަލައި ފޫހިނުވާ ފަދަ މަންޒަރަކަށެވެ. ސާދަވިލޭރޭގެ ހަނދު ބިމުގައި ދިރިއުޅޭނަމަ ޔަގީނުންވެސް އެއީ އެ ހަނދެވެ. އޮރެންޖް ކުލައިގެ ދިގު މިޑީގައި އެ އަންހެންކުއްޖާ ޗާލެވެ. ދުލުން ބަޔާން ކުރާނެ ގޮތެއް ނަޒާނަކަށް ނުވިސްނުނެވެ.

"މަން... މަންޝާ...." ޒެކް އުރާލަމުން މަންޝާ އެނބުރި ދިލްޝާދަށް ބަލައިލިއެވެ. އެއާއެކު ދިލްޝާދު އަތުން އިޝާރަތްކޮށް ކައިރިއަށް އައުމަށް މަންޝާ ކައިރީގައި ބުންޏެވެ.

"މަންޝާ..." ހިތާހިތުން އެ ނަން ނަވާލް ކިޔާލިއެވެ.

ކައިވެނީގެ މަޖިލިސް ފެށުމާއެކު ތަން ހަމަހިމޭން ވެގެން ދިޔައެވެ. ހެދުމުގެ ދެފަރާތުގައި ދެއަތުން ހިފައި ބާރުކޮށްލައިގެން އިސްޖަހައިގެންނެވެ. އޭނާގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުން ދިޔައެވެ. ނަވާލްގެ ދުލުން އަނބިގަބޫލުކޮށްފީމޭ ބުނި ވަގުތު ތިއާ ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލިއެވެ. ވަށައިގެންވި މާހައުލަށް އޭނާ ނަޒަރު ހިންގައިލިއެވެ. ހުރިހާ މީހުންގެ މޫނުމަތިން ވެސް ފެންނަނީ ހިނިތުންވުމެވެ. ތިއާ ދެލޮލުގެ ކަޅި މަޑުމަޑުން ދަތުރުކުރަމުން އައިސް މަޑުޖައްސާލީ ކައިރީގައި އިން ނަވާލްގެ މޫނަށެވެ. ނަވާލްގެ ދުލުގައިވީ ހިމޭން ކަމެވެ. ކޮނޑުމަތީގައި އަތް ބޭއްވި ނަޒާން ނޫން އެހެން މީހަކަށް އެވަގުތު ނަވާލް ނުބަލައެވެ.

މެހެމާނުންތައް އަންނަން ފެށުމާއެކު ނަވާލާއި ތިއާ އެ ދެމީހުންނަށް ހާއްސަ ކުރެވިފައިވާ މަގާމުގައި ހުއްޓުނެވެ. ކީއްވެ ކަމެއް ނޭނގުނަސް ތިއާގެ ހިތަށް ބަޔާން ކުރަން ނޭނގޭ އުފާވެރި ކަމެއް އިހުސާސްވަމުން ދިޔައެވެ. ކައިރީގައި ހުރި ނަވާލްގެ މޫނަށް މިނެޓަކު ދެފަހަރު ކަހަލަ ގޮތަކަށް ބެލެމުން ދިޔައެވެ. ދެމަފިރިންގެ ނަޒަރު އެކަކު އަނެކަކަށް ހުއްޓޭ ކޮންމެ ފަހަރަކު ކުރިން ނަޒަރު ވަކިކޮށްލަނީ ނަވާލެވެ. ކުރިމަތީގައި މަންޝާ އުޅޭއިރު އޭނާގެ ސަމާލުކަން މަންޝާއަށް ނުދެއެވެ. އުސޫލުތަކުގައި ހިފަހައްޓައި ހިތްވަރުގަދަ އިންސާނެކެވެ. އޭނާ އާއި މަންޝާ އާ މެދު އޮންނަން ޖެހޭނީ އެއް މުސްލިމަކު އަނެއް މުސްލިމަކާ މެދު އޮންނަން ޖެހޭ ގުޅުމެވެ. އަނބިމީހާގެ ފަރާތުން ގާތްވި ގާތްވުމެއް ނޫން އެހެން އެއްވެސް ގުޅުމެއް ނެތެވެ. މަންޝާގެ ނަން އޭނާގެ ސިކުނޑީގެ މާޒީގެ ބައިގައި ލިޔެ ރައްކާ ކޮށްފިއެވެ. ފިރިއެއްގެ ޒިންމާ ބޮލުގައި އެޅުނު ހިސާބުން ފެށިގެން އޭނާގެ މުޅި ދިރިއުޅުމަށް ބަދަލު ގެނެސްފިއެވެ.

އާއިލާ މީހުންގެ ސަކަރާތުގައި މަންޝާ ބައިވެރިވިއެވެ. އޭނާގެ ހިތްމަތީގައި ވަނީ ހިލަގަނޑެއް ބާއްވައިފައެވެ. ތުންފަތްމަތީގައި ރީތި ހިނިތުންވުމެއް ވިޔަސް އޭނާގެ ހިތް އެބަ ރޮއެވެ. ހިތަށް ވިސްނައިދޭން އޭނާ މަސައްކަތް ކުރިއެވެ. ނަވާލަކީ އޭނާއަށް އެއްވެސް މީހެއް ކަމުގައި ވެގެން ނުވާނެއެވެ. އެއީ އޭނާގެ ޅިޔަނެކެވެ. އޭނާއަށް ފެންދީފައި ކަރުބުރިކޮށްލި އަނިޔާވެރިއެކެވެ. ނަވާލް ދިން އަނިޔާގެ ހިތި ރަހަ އަބަދުވެސް އޭނާގެ ކަރު ބުޑުގައި ލާނެއެވެ.

ނަޒާން ހޯދަމުން އައި ނާޔާއަށް މީހުންތަކުގެ ތެރޭގައި މަންޝާގެ ހަރަކާތްތަކަށް ބަލަންހުރި ނަޒާން ފެނުމާއެކު އައިސް އަތުގައި ހިފައިފިއެވެ. ނަވާލް ދިޔައީ ސިއްސައިގެންނެވެ.

"ކީކޭ ބަޑީ" ހީލަމުން ނަޒާން ބުންޏެވެ.

"މިތާއެއް ނޫނޭ ދޮންބެ ހުންނަން ޖެހޭނީ. މަންމަ އެބަ ގޮވާ" ނާޔާ ބުންޏެވެ.

ޕާޓީގެ ދެން އޮތް ވަގުތު ތަކުގައި ހޭދަވެގެން ދިޔައީ ދެފަރާތުގެ އާއިލާ މީހުން އެކީގައި ކެއުމާއި ފޮޓޯނެގުން އަދި ކޭކުފެޅުމުގެ ހަރަކާތްތަކެވެ. ހުރިހާ ކަމެއްގައި ތިއާ އާއި ނަވާލް ބައިވެރިވެގެން އުޅުނު އިރު ހީވީ އެކަކު އަނެކަކު ދެކެ ނިހާޔަތަށް ލޯބިވާ ދެމަފިރިން ހެންނެވެ. އެމަންޒަރުން ރީމާގެ ހިތަށް ހިތްހަމަޖެހުން ލިބުނެވެ. ގެއަށްދާން އެންމެން ނުކުތް ވަގުތު ރީމާ ނަވާލާ ބައްދަލު ކުރިއެވެ. ތިއާއަށް ދެރަގޮތަކަށް ކަންތައް ނުކުރުމަށް އެދުނެވެ. އަދި ދުވަހަކުވެސް ތިއާއަށް އަނިޔާވެރި ނުވުމަށް އެދުނެވެ. ތިއާ ދޫކޮށްލަން ބޭނުންވާނަމަ، އެނާއަށް ގުޅައި އެކަން އަންގައިދިނުމަށް އެދުނެވެ. އެންމެ ފަހުން ރީމާ ބުނި ޖުމްލައާ އެކު ނަވާލް އިސްއުފުލައި ރީމާގެ މޫނަށް ބަލައިލިއެވެ.

"ދޮންތަ ނަވާލަށް ވަރަށް އިތުބާރު ކުރަން"

ރީމާ 'ދޮންތަ" އޭ ބުނެ އިޝާރާތް ކުރުމުން ނަވާލަށް ހީވީ ރީމާ އަކީ އޭނާއާ ވަރަށް ގާތް މީހެއް ހެންނެވެ. އެއްބަނޑު އެއްބަފާ ދައްތައަކު ހުރިނަމަ ވެސް ވާހަކަދައްކާނީ ރީމާ ވާހަކަ ދެއްކިހާ ލޯބިންނެވެ.

"އަޅުގަނޑު ....ތިއާއަށް ދެރަގޮތެއް ނުހަދާނަން" ނަވާލް ބުންޏެވެ. ރީމާ ހިތްހަމަ ޖެހުނެވެ.

ޕާޓީގެ ހުރިހާ ކަމެއް ނިމުމުން ދެފަރާތުގެ އާއިލާ ގެއަށް ދިޔުމުގެ ތައްޔާރީތައް ވާން ފެށިއެވެ.

ތިއާ އާއި ނަވާލަށް ހާއްސަކޮށްފައިވާ ކާރުގައި ދެމަފިރިން ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ. އެކަކު އަނެކަކާ އަނގައިން ބުނުމެއް ނެތި ތިބި އިރު އެކަކު އަނެކަކުގެ ހިތު ތެރޭގައި ހިނގަމުންދާ ކަންތައް އެނގެން ދެމަފިރިންވެސް ތިބީ ބޭނުންވެފައެވެ.

"މިހާރު މަންމަންވީތަ؟" އެންމެފަހުން ނީނދެވިގެން ތިއާ ބުންޏެވެ. ނަވާލް ދެފަރާތަށް ބޯހޫރާލިއެވެ. ތިއާ ހީލިއެވެ. ކައިވެންޏަށްފަހު ނަވާލް ވަރަށް މައިތިރިވެއްޖެއެވެ.

"މިހާރު ދެން ކޮޓަރިއަށް ވަދެފަ ތަންތަން ހޯދާ ބަލާކަށް ނުޖެހޭނެއްނު" ތިއާ ބުންޏެވެ. ފިރިހެނަކަސް ތިއާގެ އެ ޖުމްލައިން ނަވާލް ލަދުގަތެވެ. ތިއާ އެހެން ބުނީ ކޮން ކަމަކަށް ނިސްބަތްކޮށްފައިކަން ނަވާލަށް އެނގުނެވެ. ތިއާ ބަލަން ނުކެރިގެން ނަވާލް ބަލަން ފެށީ މަގަށެވެ.

ގޭ ކައިރިއަށް ކާރު މަޑުކޮށްލި އިރު ފަހަތުން އައި ޓެކްސީތަކުގައި އާއިލާ މީހުން އަރާ ހަމަވެއްޖެއެވެ. ބޮޑު ކޮތަޅަކަށް އަޅާފައި ހުރި ހަދިޔާތައް ހިފައިގެން ނަޒާން ގެއަށް ވަންނަން ތަން ދިނުމަށްފަހު ހުރިހާ މީހުން ގޭ ކައިރީގައި މަޑުކޮށްލިއެވެ.

ގޭތެރެއަށް ވަން ގޮތަށް ހުރިހާ މީހުން ސޯފާތަކުގައި އިށީނެވެ. ކޮންމެ މީހެއްގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ.

"މަރުހަބާ ތިއާ" ނަޒާން ބުންޏެވެ. ތިއާ ހީލިއެވެ. ނަވާލްގެ ބޮޑަށް ބޭބެއެއް ހުންނަކަން ތިއާއަށް އެނގުނީ ޕާޓީގެ ތެރެއިންނެވެ.

"މަންމާ! ނާޔާ ކީކޭ ކިޔާނީ. ތިއްތިބެދައްތަ ކިޔަން ހާދަ އުނދަގުލޭ" ނާޔާ ބުންޏެވެ.

"ތިއްތަ ކިޔައިފިއްޔާ ވަރަށް އުފާވާނެ. ޒެކްވެސް ކިޔަނީ އެހެން" ތިއާ ބުންޏެވެ. ތިއާގެ މޫނަށް ނަވާލް ނަޒަރެއްދިނީ ކައިރީގައި ތިބި ހުރިހާ މީހުންނަށް ސިއްރުންނެވެ. އެވަގުތުކޮޅުވެސް އޭނާގެ ސިކުނޑި އޭނާއަށް ހަނދާންކޮށްދިނީ އެއީ އަނބިމީހާކަމެވެ.

"އޯކޭ. އެހެންވިއްޔާ މީގެފަހުން ތީ ނާއްކޮގެ ތިއްތަ" ނާޔާ ބުންޏެވެ.

"ދަރިފުޅުމެން ނިދަން އުޅޭ. ނާޔާ ވެސް ކޮޓަރިއަށް ގޮސް ފެންވަރައިގެން އަވަހަށް ނިދަންވީ. ފަތިސް ނަމާދަށް ހޭލަންވެސް ޖެހޭނެ" އާމިރު ހުރިހާ ދަރިންނަށް ބުންޏެވެ.

"މި އަމިއްލަ ގެ ކަމަށް ދެކިގެން އުޅުނީމަ ރަނގަޅުވާނެ. ތީ މިހާރު މަންމަގެ އުފަން ދަރިއެއްފަދަ. މަންމަގެ ކައިރިއަށް އައި ފުރަތަމަ ޅީދަރިފުޅު. އެކަމަކު މަންމަ ދެކޭނީ އުފަން ދަރިއެއް ފަދައިން" ތިއާގެ މޫނުގައި ފިރުމައިލަމުން މާޝިތާ ވާހަކަދެއްކިއެވެ. ތިއާ ބޯޖަހާލިއެވެ. ނަވާލްގެ މައިންބަފައިންގެ ގާތްކަން އިހުސާސްވުމާއެކު ތިއާއަށް އިތުރަށް ހިތްހަމަޖެހުން އިހުސާސްވިއެވެ.

****************

ހަމްރާ ފެނުމާއެކު ހަމްރާގެ ގައިގައި މަންޝާ އޮޅުލައިގަތެވެ. ހިތްވަރުކޮށްގެން ހުރި ނަމަވެސް މަންޝާއަށް ރޮއެގަނެވުނީ ތަންކޮޅެއް ބާރަށެވެ. ނިދާފައި އޮތް ދަރިފުޅަށް ހޭލެވިދާނެތީ މަންޝާގެ ގައިގައި ހިފަހައްޓާލައިގެން ހަމްރާ ނުކުތީ ކޮޓަރިން ބޭރަށެވެ. ދެކުދިން އައިސްވަނީ ބަދިގެއަށެވެ. މަންޝާ ގޮނޑީގައި ބައިންދާފައި ހަމްރާ ފެންތައްޓެއް ދިނެވެ. ކުޑަ ފެންފޮދެއް ބޯލާފައި ހަމްރާ އަތަށް މަންޝާ ތަށި ދިއްކޮށްލިއެވެ.

"ކިހިނެއްވީ؟ ހާދަ ބޮޑަކަށް ރީތިވެގެން. އަނެއްކާ ދެކުދިން ވަކިވީތަ؟" ހަމްރާ އެހިއެވެ.

ދަރިފުޅު ގޮވައިގެން ކުއްލިއަކަށް ފުރަން ޖެހުމުން ފާއިތުވި ދުވަސްތަކުގައި ހަމްރާ އާއި މަންޝާ ބައްދަލުވެފައެއް ނެތެވެ. އެހެންކަމުން މަންޝާގެ ހަޔާތުގައި ހިނގި އެއްވެސް ކަމެއް ހަމްރާއަށް ނޭނގެއެވެ. ފޯނު ހަލާކުވެފައި އޮތުމުން މަންޝާއަށް ގުޅާލެވޭނެ ގޮތެއްވެސް ހަމްރާއަށް ނުވީއެވެ.

(ނުނިމޭ)