އިޓަލީގެ ގައުމީ އެއާލައިން، އައިޓީއޭ އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

މިއަދު މެންދުރު ފަހުގެ ރާއްޖެ އައި އައިޓީއޭ އެއާވޭސްގެ ފުރަތަމަ ފްލައިޓަށް ވީއައިއޭ އިން ވަނީ ވޯޓާ ސެލިއުޓާއެކު މަރުހަބާ ކިޔައިފައެވެ. އިޓަލީގެ ވެރިރަށް ރޯމުން ފުރައިގެން އައި މި ފްލައިޓުން ރާއްޖެއަށް 300 ފަސިންޖަރުން އައިސްފައިވެއެވެ.

އައިޓީއޭ އެއާވޭސް އިން ރޯމް ފިއުމިޗިނޯ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހަފުތާއަކު ދެ ފްލައިޓް ބާއްވަން ވަނީ ހަމަޖެހިފައެވެ. މިދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ 350 މަރުކާގެ މަތިންދާބޯޓާއި އޭ 330 މަރުކާގެ ބޯޓެވެ.

އެމްއޭސީއެލުން ބުނީ އައިޓީއޭ އެއާވޭސް އިން ދުނިޔޭގެ ހަ ރީޖަން އަކުން 21 ގައުމަކަށް ދަތުރުކުރާ އިރު، 29 އެއާލައިނަކާއެކު އަންނަނީ ކޯޑްޝެއާ ކުރަމުން ކަމަށެވެ. އެހެންކަމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކަށް މި އެއާލައިން މެދުވެރިކޮށް ރާއްޖެއަށް ދަތުރުކުރެވޭނެ ކަމަށް ބުންޏެވެ.

އައިޓީއޭ އެއާވޭސް އިން ވަނީ ފިނި މޫސުމާ ދިމާކޮށް އެ އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ފަށާނެ ކަން ކުރިންވެސް އިއުލާނުކޮށްފައެވެ. މި ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 15 އާ ހަމައަށް ކަމަށް އެ އެއާލައިނުން ބުންޏެވެ.

އައިޓީއޭ އެއާވޭސްއަކީ އިޓަލީގެ ކުރީގެ ގައުމީ އެއާލައިން، އަލިޓާލިއާ ބަނގުރޫޓުވެ، ހުއްޓާލަން ޖެހުމުން އިޓަލީ ސަރުކާރުގެ 100 އިންސައްތަ ހިއްސާއާއެކު އުފައްދައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރަސްމީކޮށް އޮޕަރޭޝަން ފެށި އެއާލައިނެކެވެ.