އަލަށް އުފަންވާ ކުދިން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށްފި ނަމަ، 10،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފިއެވެ.
މި ބިލަކީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. މި ބިލް މިއަދު ރައީސް ސޯލިހު ތަސްދީގު ކުރެއްވުމާއެކު އަލަށް އުފަންވާ ކުދިން ހަތް ދުވަހުގެ ތެރޭގައި ރެޖިސްޓްރީ ނުކޮށްފިނަމަ، މިއަދުން ފެށިގެން 10،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެއެވެ.
އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ގާނޫނަކީ ރާއްޖޭގައި އުފަންވާ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުމާ ގުޅޭ އުސޫލުތަކާއި ދިވެހި ރައްޔިތުންގެ އުފަން ދުވަހުގެ ސެޓްފިކެޓާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާ ގުޅޭ އުސޫލުތަކާއި ރާއްޖޭގައި މަރުވާ މީހުންގެ މަރު ސާބިތުކުރުމާއި ރާއްޖޭގައި މަރުވާ މީހުންގެ މަރުވުން ރަޖިސްޓަރީކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ. މި ގާނޫނުގައި ކަނޑައަޅާފައިވާ ކުރުން މަނާ ކަމެއް ކޮށްފި ނަމަ، ޖޫރިމަނާކުރާނެ ގޮތުގެ ތަފުސީލުވެސް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ރާއްޖެއިން ބޭރުގައި އުފަންވާ ކުދިންގެ އުފަންވުން ރާއްޖޭގައި ރަޖިސްޓަރީކުރުމަށްޓަކައި އަދި ރާއްޖެއިން ބޭރުގައި މަރުވާ މީހުންގެ މަރު ރާއްޖޭގައި ރަޖިސްޓަރީކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ކަމާބެހޭ އިދާރާއަށް ހުށަހަޅަންވާނީ އެ މީހަކު އުފަންވި ނުވަތަ މަރުވި ގައުމެއްގެ ކަމާބެހޭ ފަރާތަކުން ދޫކޮށްފައިވާ ލިޔެކިޔުމުގެ އަސްލެވެ.
މި ގާނޫނަށް މިއަދު އަމަލު ކުރަން ފަށާފައިވާ އިރު، އުފަންވުން ރަޖިސްޓަރީ ކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓް ހެއްދުމާއި މަރުވާ މީހުންގެ މަރު ސާބިތުކުރުމާބެހޭ ގާނޫނާއި އާންމު ގަވާއިދުތަކާބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައި ހިމެނޭ "ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާބެހޭ ގަވާއިދު" މިހާރު ވަނީ އުވިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު