ރައްޔިތުންގެ މަޖިލީހަށް ހުށަޅާ ގަރާރަކަށް މަޖިލީހުގައި ބަހުސް ކުރެވޭނީ، އެ ގަރާރެއް މަޖިލީހަށް ބަލައިގަނޭތޯ ވޯޓަށް އެހުމަށްފަހު ގަރާރު މަޖިލީހަށް ބަަލައިގަތުމުން ކަމަށް ކަނޑައެޅުމަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު އުނިކުރަން މަޖިލީހުން ފާހެއް ނުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަޅާ ގަރާރަކަށް މަޖިލީހުގައި ބަހުސް ކުރެވޭނީ، އެ ގަރާރެއް މަޖިލީހަށް ބަލައިގަނޭތޯ ވޯޓަށް އެހުމަށްފަހު ގަރާރު މަޖިލީހަށް ބަަލައިގަތުމުން ކަމަށް މަޖިލިސް ގަވާއިދުގައި ކަނޑައަޅަން އެ ގަވާއިދަށް އިސްލާހު ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރެވެ.
މަޖިލިސް ގަވާއިދުގެ 191 ވަނަ މާއްދާއަށް ހަތަރު އިސްލާހެއް ހުށަހަޅާފައިވެއެވެ.
އެއީ:
-
- ގަރާރުގައި ބިލާ ހިލާފަށް ދީބާޖާއެއް އެކުލެވިގެންވުން
- މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިއަށްދާ ގަރާރެއްގެ މައުލޫއަކަށް އޮތް ގަރާރަކަށް ނުވުން
- ގަރާރުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން ގަރާރު ބަލައިގަންނަން ފެނޭތޯ، ވޯޓަށް އެހުން، އެގޮތުން ގަރާރު ބަަލއިގަންނަން ފެންނަ ކަމަށް ފާސް ވެއްޖެނަމަ އިބްތިދާއީ ބަހުސް ކުރުމަށްފަހު، އެ ގަރާރު ދެން ދަތުރު ކުރާނީ އެ ގަރާރާ ގުޅޭ ކޮމިޓީއަށް، ގަރާރު ބަަލައިގަންނަން ފެންނަކަމަށް ފާސް ނުވެއްޖެނަމަ، އެ ގަރާރު ބާތިލުވެ، އެ ގަރާރާމެދު އިތުރު ބަހުސެއް ކުރުމެއް ނޯންނާނެ
- ކޮމިޓީ މަރުހަލާ ނިމި އެ ގަރާރުު މަޖިލީހުން ފާސްވުމުން ބިލް ތަސްދީގު ކުރުމަށް އޮންނަ ސުއޫލުން ތަސްދީގު ކުރުމަށް ފޮނުވަން ނުޖެހުން
މަޖިލީހުގެ އާއްމު ކޮމިޓީއަށް ދިރާސާކުރަން ފޮނުވި މި އިސްލާހަށް ބަދަލެއް ނުގެނެސް، އެ އިސްލާހު އެގޮތަށް މަޖިލިސް ގަވާއިދަށް ގެންނަން ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވިއެވެ.
މިއަދުގެ ޖަލްސާގައި އެ އިސްލާހަށް ބަހުސް ކުރުމުގެ ތެރެއިން، އިތުރު އިސްލާހެއް އެ ގަވާއިދަށް ހުށަހެޅިއެވެ.
އެ އިސްލާހު ހުށަހެޅުއްވީ، އިދިކޮޅު އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް އެވެ.
އޭނާ ހުށަހެޅުއްވީ، ގަވާއިދަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރެއިން 191 ވަނަ މާއްދާގެ (ނ) އަށް ހުށަހެޅި އިސްލާހު އުނި ކުރުމަށެވެ.
އެއީ، "ގަރާރުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން ގަރާރު ބަލައިގަންނަން ފެނޭތޯ، ވޯޓަށް އެހުން، އެގޮތުން ގަރާރު ބަަލއިގަންނަން ފެންނަ ކަމަށް ފާސް ވެއްޖެނަމަ އިބްތިދާއީ ބަހުސް ކުރުމަށްފަހު، އެ ގަރާރު ދެން ދަތުރު ކުރާނީ އެ ގަރާރާގުޅޭ ކޮމިޓީއަށް، ގަރާރު ބަަލައިގަންނަން ފެންނަކަމަށް ފާސް ނުވެއްޖެނަމަ، އެ ގަރާރު ބާތިލުވެ، އެ ގަރާރާމެދު އިތުރު ބަހުސެއް ކުރުމެއް ނޯންނާނެ" ކަމަށްބުނާ އަކުރެވެ.
މުހައްމަދު އިބްރާހިމްގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް އެވެ.
މި އަކުރު އުނިކުރަން ނެގި ވޯޓުގައި، މަޖިިލިސް ޖަލްސާގައި ތިއްބެވި، 68 މެންބަރުންގެ ތެެރެއިން މި އަކުރު އުނިކުރަން ވޯޓު ދެއްވީ، އިދިކޮޅު އެމްޑީޕީގެ 10 މެންބަރުންނާއި އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން އާއެކު 11 މެންބަރުން ނެއެވެ. މި އަކުރު އުނި ނުކުރަން ވެރިކަން ކުރާ ޕީއެންސީގެ 55 މެންބަރުން ވޯޓު ދެއްވިއެވެ.
އޭގެ ފަހުން ޕީއެންސީގެ 56 މެންބަރުން ވޯޓު ދެއްވައިގެން އެ އިސްލާހު އެ އޮތްގޮތަށް މަޖިލިސް ގަވާއިދުގައި ހިމަނަން ފާސްކުރިއެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ 10 މެންބަރުންނާއި އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން އާއެކު 11 މެންބަރުން ވޯޓު ދެއްވީ އެ އިސްލާހު ގަވައިދުގައި ނުހިމެނުމަށެވެ.
މި އިސްލާހު ގެނައުމުގެ ކުރިން ގަވާއިދުގެ 191 ވަނަ މާއްދާގައި އޮންނަނީ، މަޖިލީހުގައި ގަރާރުގެ މައްޗަށް ވެސް ހިނގާނެ އުސޫލަކީ އާއްމު ގޮތެއްގައި ބިލުގެ މައްޗަށް ހިނގާ އުސޫލު ކަމަށެވެ. ނަމަވެސް މަޖިލީހުން ގަރާރު ފާސް ވުމުން، ބިލު ތަސްދީގު ކުރަން އޮންނަ އުސޫލުން ގަރާރު ތަސްދީގު ކުރަން ފޮނުވަން ނުޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.
އެގޮތުގެމަތީން ގަރާރުތަކާ މެދު މިހާތަނަށް އަމަލު ކުރަމުން އައީ މެންބަރަކު ގަރާރެއް ހުށަހެޅުމުން، އެ ގަރާރުގެ ފުރަމަ ކިޔުން އިއްވައި، އެ ގަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަން ހުޅުވައިލާ ގޮތަށެވެ. އެއަށްފަހު މަޖިލީހަށް ބިލު ބަލައިގަންނަ އުސޫލުން ގަރާރު ވެސް މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް ކަމާބެހޭ ކޮމިޓީއަށް އަންނަނީ ފޮނުވަމުންނެވެ.
ނަމަވެސް މިއަދު މަޖިލީހުން ފާސްކޮށް ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ، މަޖިލީހަށް ގަރާރު ބަލައިގަންނަން ވޯޓަށް އަހާނީ ގަރާރުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން ކަމަށެވެ. ގަރާރަށް ބަހުސް ކުރެވޭނީ މަޖިލީހަށް ބަލައިގަތުމުން ކަމަށެވެ. ގަރާރު މަޖިލީހަށް ބަލައި ނުގެންފިނަމަ އިތުރު ބަހުސެއް ނޯންނާނެ ކަމަށާއި ގަރާރު ބާތިލުވީ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.
އެ ގޮތަށް މަޖިިސް ގަވައިދު ބަދަލު ކުރުމުން ކުއްލި މައްސަލަތަކަށް އޮންނަ ގޮތަށް، މަޖިލީހަށް ހުށަހަޅާ ގަރާރަކަށް ބަހުސް ކުރުމަށް މަޖިލީހުގައި އެއިރަކު އޮންނަ މެޖޯރިޓީއަކަށް ނުފެންނަ ހާލަތުގައި، ބަހުސަކާ ނުލައި ގަރާރު މަޖިލިސް ތަޅުމުން ބޭރުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް