ރާއްޖޭގައި ބާއްވާ ގެދޮރުވެރިކަމުގެ އެންމެ ބޮޑު އެކްސްޕޯ، "މޯލްޑިވްސް ލިވިން އެކްސްޕޯ" ގެ 10 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
ދަރުބާރުގޭގައި މިއަދު ފެށި އެކްސްޕޯ ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. އެކްސްޕޯ ފައްޓަވައިދެއްވުމަށް ފަހު މިނިސްޓަރު ވަނީ އެކްސްޕޯގައި ބައިވެރިވި ވިޔަފާރިތަކުގެ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވައި އެ ތަންތަން ބައްލަވައިލައްވައިފައެވެ.
މި އެކްސްޕޯއަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ވިޔަފާރިތަކުގެ ހިދުމަތްތައް ދައްކާލައި، ވިޔަފާރީގެ މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ޕީއާރު އަދި މާކެޓިން ކުންފުންޏެއް ކަމަށްވާ ހައިރައިޒް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކޮށްގެން ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯ އަންނަ ހޮނިހިރު ދުވަހާ ހަމައަށް ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ކުރިއަށްގެންދަން ވަނި ހަމަޖެހިފައެވެ.
މިއަރުގެ ލިވިން އެކްސްޕޯގައި ޖުމްލަ 40 ކުންފުންޏަކުން ބައިވެރިވެފައިވާ އިރު، އަވަށްޓެރި ސްރީ ލަންކާ އަދި އިންޑިއާގެ ކުންފުނިތަކުން ވެސް ބައިވެރިވެއެވެ. މި އެކްސްޕޯގައި ރާއްޖޭގެ ގެދޮރުވެރި ކަމަށް އިންވެސްޓް ކުރާނެ ގޮތްތަކާއި ބޯހިޔާވަހިކަމަށް އަޅާ ފްލެޓުތަކަށް ބޭންކު މެދުވެރިކޮށް ފައިސާ ދައްކާނެ ގޮތްތަކާއި ގޭތެރެއަށް ބޭނުންވާ ފަރުނީޗަރާއި އެކިއެކި ސާމާނުގެ މައުލޫމާތު ލިބޭނެއެވެ.
ހައިރައިޒް އިން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ލިވިން އެކްސްޕޯއަކީ ރިއަލް އެސްޓޭޓްގެ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް އެއް ޕްލެޓްފޯމެއްގެ ތެރެއިން ފެންނާނެ ގޮތް ހަދައި އެ ދާއިރާގެ ފުރުސަތުތައް އެއް ޕްލެޓްފޯމަކުން ދައްކައިދިނުމުގެ މަގުސަދުގައި ބާއްވާ އެކްސްޕޯއެކެވެ.
މިއަހަރުގެ ލިވިން އެކްސްޕޯގެ މެއިން ސްޕޮރަކީ ޓާޓާ ހައުސިންގެ ލަކްސަވަންއެވެ. ކޯ ސްޕޮންސަރުންނަކީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓް އަދި ޕްރައިމް ގްރޫޕެވެ. ޕާޓްނަރަކީ ސަންދަލް މޮރީޝަސްއެވެ. އަދި މެޑިކަލް ޕާޓްނަރަކީ މެޑްޓެކް މޯލްޑިވްސްއެވެ. ސަޕޯޓިން ޕާޓްނަރުންނަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އެވެ. އެސޯސިއޭޓް ޕާޓްނަރުންގެ ގޮތުގައި އެލައިޑް އިންޝުއަރެންސް، އުރީދޫ، ޕްރިންޓް ލެބް، ކޮކާ ކޯލާ، ސައިޕްރަސް ކޭޓަރިން، އަދު ގޭޖް ހަމަޖައްސާފައިވާ އިރު، މީޑިއާ ޕާޓްނަރުންނަކީ ވަން އޮންލައިން، ސަން އޮންލައިން، ވަގުތު، ހަފްތާ އަދި ގާފް އޮންލައިންއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު