ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުގައި އޮންނަ ތިލަފުށި، އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ތަރައްގީ ކުރަން ފަރުމާ ކޮށްފައިވާ ގޮތުގެ މާސްޓާ ޕްލޭން މިއަދު އިފްތިތާހުކޮށްފިއެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ލިވިން އެކްސްޕޯގައި "ތިލަފުށީ އިންޑަސްޓްރިއަލް ހަބް" ތަރައްގީކުރުމުގެ މި ބިޔަ މަޝްރޫއުގެ މާސްޓާ ޕްލޭން އެޗްޑީސީން ދައްކާލާފައިވާ އިރު، މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ.
މި ޕްލޭންއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ތިލަފުއްޓަކީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އަލްމަރުހޫމް އުމަރު ޒާހިރުގެ މޭސްތިރިކަމުގައި ފެއްޓެވި މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ކުނިއަޅައިގެން ހިއްކި އެރަށް އިންޑަސްޓްރިއަލް ހަބަކަށް ހެދުމަށް މި ސަރުކާރުން ކުރިއަށްގެންދަން ރާވާފައިވާ މަޝްރޫއުގެ ސަބަބުން މާލެ ސަރަހައްދުގެ ވިޔަފާރިތަކަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ލިބި، ވިޔަފާރިތަކުން ކުއްޔަށް ދައްކަން ޖެހޭ އަގު އެތައް ތަނަކުން ކުޑަވެގެން ދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ތިލަމާލެ ބްރިޖު އަޅައި މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލަނީވެސް މި މަޝްރޫއު ރޭވިފައި އޮތުމުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"މި މަޝްރޫއުގެ ސަބަބުން ވިޔަފާރިތަކުން ބިމު ކުއްޔަށް ދައްކަން ޖެހޭ އަގު އެތައް ގުނައެއް ކުޑަ ވެގެންދާނެ. މިތަނުގެ ސަބަބުން ބިން އަމިއްލަ ކުރުމުގެ ފުރުސަތާއި ކުއްޔަށް ބިން ހިފުމުގެ ފުރުސަތުގެ އިތުރުން ވޯކިން ސްޕޭސްތަކާއި މިހުރިހާ ކަންތައްތަކެއް އޮންނާނެ. މި ހުރިހާ ކަމަކާއެކު މިތަން ވެގެންދާނީ ފުރިހަމަ އިންޑަސްޓްރިއަލް ހަބަކަށް،" ފައްޔާޒު ވިދާޅުވިއެވެ.
މި މަޝްރޫއާ ބެހޭގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ ތިލަފުށީގައި މި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކަކީ އިންގިލާބީ މަޝްރޫއުތަކެއް ކަމަށާއި މި މަޝްރޫއުގެ ދަށުން ތިލަފުށި ފަޅުން އިތުރު 151 ހެކްޓަރު ހިއްކައި ތަރައްގީ ކުރާނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން މާލެ ސަރަހައްދުގައި ގާއިމުވެފައިވާ އިންޑަސްޓްރިއަލް ވިޔަފާރިތަކަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށާއި އެގޮތުން ބިމުގެ ދަތިކަމާއި މާލެ ސަރަހައްދުގައި ހިފެހެއްޓުމެއް ނެތި އުފުލެމުން އަންނަ ކުލީގެ މައްސަލައަށް ވެސް ހައްލު ލިބޭނެ ކަމަށް ވިދާޅުވިއެވެ.
"ބިން އިތުރުކުރެވިގެންދާ އިރު ދެމެހެއްޓެނިވި ކުއްޔެއްގައި މިހާރު ކުރެވެމުން އަންނަ މަސައްކަތްތަކާއި އިތުރުން އެކި އެކި ވިޔަފާރިތަކަށް ބިން ދެވިގެންދާނެ. އޭގެ ސަބަބުން ވަޒީފާގެ ފުރުސަތު އިތުރުވެގެންދާނެ،" އާތިފް ވިދާޅުވިއެވެ.
އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި "ތިލަފުށީ އިންޑަސްޓްރިއަލް ހަބް" މަޝްރޫއު ފަރުމާކޮށްފައި ވަނީ މާލޭގައި ހުރި ހުރިހާ އިންޑަސްޓްރިއަލް މަސައްކަތްތަކެއް ތިލަފުއްޓަށް ބަދަލު ކުރެވޭ ގޮތަށެވެ. އެގޮތުން އެކި މަރުހަލާތަކަށް ބަހާލައިގެން ތިލަފުށި ފަޅުން އިތުރު 152 ހެކްޓަރު ހިއްކައި ތަރައްގީކުރާ އިރު، ތިލަފުށީގެ ފުރަތަމަ ފިޔަވަހި (މިހާރު ހިއްކާފައިވާ ސަރަހައްދު) އާއި އަލަށް ހިއްކާ ދެވަނަ ފިޔަވަހި ހުންނާނީ ޗެނަލް އަކުން ވަކިކޮށް ބްރިޖުން ގުޅާލައިފައެވެ.
އެޗްޑީސީން ބުނީ މި މަޝްރޫއުގެ ދަށުން ކުދި އިންޑަސްރިއަލް މަސައްކަތްތަކާއި ބޮޑެތި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ވަކިން ބިން ދޫކުރާނެ ކަމަށެވެ.
އެގޮތުން ބޮޑެތި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހާއްސަ ބިން ދޭނީ ދެވަނަ ފިޔަވަހިންނެވެ. އަދި ދެވަނަ ފިޔަވަހީގައި އޮފީސް ޖާގައަކާއި ތެޔޮ ރައްކާ ކުރެވޭ ވަސީލަތްތަކުގެ އިތުރުން ލޭބާ ވިލެޖަކާއި ރިކްރިއޭޝަން ހަރަކާތްތަކަށް ބިން ކަނޑައަޅާފައިވެއެވެ. އޭގެ އިތުރުން މި ސަރަހައްދަށް ބޭނުންވާ ވަރަށް ކަރަންޓު އުފައްދާނެ ފްލޯޓިން ސޯލާ ޕެނަލްތަކާ އެކު ތިލަފުށީގެ ބަނދަރު ބޮޑުކޮށް ތަރައްގީކުރުމަށްވެސް މި މާސްޓާ ޕްލޭނުގައި ހިމެނެއެވެ.
އެޗްޑީސީން ބުނީ ތިލަފުށީގައި ޕަބްލިކް ޕްލާޒާ، ޕަބްލިކް ގްރީން ސްޕޭސް، އެކްޓިވް ވޯޓަފްރަންޓްސް، ފްލެކްސިބަލް ޑިވެލޮޕްމަންޓްގެ އިތުރުން ސަސްޓެއިނަބަލް ސިޓީއެއްގެ ފުރިހަމަ ކުލަ ޖެހިންގެންދާނެ ކަމަށެވެ. އަދި އެކަމަށް ހާއްސަކޮށް ބިން ހިއްކޭ އިރު، ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކުގެ އިތުރުން ތިލަފުށީގެ މަގުތައް އެންމެ ރަނގަޅު ފެންވަރުގައި ތަރައްގީ ކުރެވޭނެ ކަމަށެވެ.
މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށް ސަރުކާރާ ގުޅިގެން އެޗްޑީސީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު، ރާއްޖޭގައި ހުރި ގިނަ ސިނާއަތްތަކަށް ބޭނުންވާނެ އެންމެ ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކާއި މިކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމު ކުރުމަކީ ބޮޑު އިސްކަމެއް ދީގެން އެކޯޕަރޭޝަނުން ކުރަމުން އަންނަ ކަމެއް ކަމަށް ވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު