ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލަން ނިންމާފައިވާތީ ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޕާޓީއަށް އަންގައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ސިޔާސީ ޕާޓީގެ ގާނޫނުގެ 12 ވަނަ މާއްދާއިން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ގާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ޑީއާރްޕީއަށް ދިން ތިން މަސް ދުވަހުގެ މުއްދަތުގައި އެ އަދަދަށް މެންބަރުން ހަމަވެފައި ނުވާތީ ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގެ ހ ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އެ ޕާޓީ އުވާލަން ނިންމައިފައިވާ ކަމަށެެވެ. އަދި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާ ބައްދަލުކޮށްފައިވާ ކަމަށްވެސް އީސީން ބުންޏެވެ.
"ދިވެހި ރައްޔިތުންގެ ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށާއި ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ ގޮތުގެ މަތީން ޕާޓީ އުވާލުމުގެ އިޖުރާއާތު ފުރިހަމަ ކުރުމަށް އެ ޕާޓީއަށް ވަނީ ލިޔުމުން އަންގާފައި،" ކޮމިޝަންގެ ބަޔާނުގައިވެއެވެ.
ޑީއާރްޕީ އުވާލަން ނިންމައި، އެ ޕާޓީއަށް ފުރަތަމަ ނޯޓިސް ދިނީ މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހުއެވެ. ނަމަވެސް ގާނޫނުގައި ބުނާ ތިން މަސް ދުވަހުގެ ތެރޭގައި، އެޕާޓީން މެންބަރުން ހަމަކުރުމުން، މެންބަރުން ހަމަވިކަމުގެ ރަސްމީ ލިޔުން އީސީން ވަނީ މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު އެ ޕާޓީއާ ހަވާލުކޮށްފައެވެ. އޭގެ ފަހުން އަނެއްކާވެސް އެ ޕާޓީގެ މެމްބަޝިޕް 3،000 އަށް ވުރެ މަދުވުމުން އީސީން އެޕާޓީއަށް ނޯޓިސް ފޮނުވީއެވެ. އީސީގެ ވެބްސައިޓުގައިވާ ގޮތުން މިއަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހާ ހަމަޔަށް ޑީއާރްޕީގެ މެންބަރުންގެ އަދަދަކީ 2،681 އެވެ.
"މެންބަރުންގެ އަދަދު ހަމަވޭތޯ އަހަރަކު ދެ ފަހަރު އީސީން ބަލާނެ. ކުރިން ފަހަރު ނޯޓިސްއާ ގުޅިގެން ޑީއާރްޕީން ވަނީ މެންބަރުން ހަމަކޮށްފައި. އެކަމަކު އެއަށްފަހު އަލުން އީސީން ބެލިއިރު މެންބަރުން ހަމަވެފައެއް ނެތް،" އީސީގެ ރައީސް ފުއާދު ތައުފީގު "ވަން" އަށް މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ޑީއާރްޕީއަކީ 2005 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ރަޖިސްޓްރީކުރި ޕާޓީއެކެވެ. އެ ޕާޓީގެ ފުރަތަމަ ލީޑަރަކީ މިހާރު އެމްއާރްއެމްގެ ޒައީމްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އެވެ. 2008 ވަނަ އަހަރު މައުމޫން އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިއިރު، ރަނިންމޭޓަކީ ޑީއާރްޕީގެ އެއިރުގެ ނައިބު ޒައީމް ތަސްމީން އަލީއެވެ.
ދެހާސް ދިހަ ވަނަ އަހަރު ބޭއްވި ޑީއާރްޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ލީޑަރަކަށް އިންތިހާބު ކޮށްފައިވަނީ ތަސްމީނެވެ. އެއަށްފަހު އެ ޕާޓީގެ ތެރޭގައި މައުމޫން އާއި ތަސްމީނުގެ ދެމެދުގައި ހިޔާލުތަފާތުވުންތައް އުފެދުމުގެ ސަބަބުން މައުމޫން ވަނީ ޕީޕީއެމް އުފައްދަވައިފައެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ތަސްމީންވެސް ވަނީ ޑީއާރްޕީން ވަކިވެވަޑައިގެންފައެވެ. ތަސްމީނަށްފަހު ޑީއާރްޕީގެ ލީޑަރުގެ މަގަމާވާ ހަވާލުވެވަޑައިގަތީ ކާނަލް މުހައްމަދު ނަޝީދުއެވެ.
ޑީއާރްޕީން 2019 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީގެ ލީޑަރުގެ މަގާމު ވަނީ ކާށީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރާ ހަވާލުކުރައްވައިފައެވެ. އަދިވެސް އެ މަގާމުގައި ހުންނެވީ ޖަބީރެވެ. އޭނާ ވަނީ ޑީއާރްޕީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަންކަން އިއުލާނުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު