ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން ދޫކުރާ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ލައިސަންސް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް މިއަދު ދީފިއެވެ.

މިއީ ކޮމިއުނިކޭޝަންސް އޮތޯރިޓީން ދޫކުރި މިފަދަ ފުރަތަމަ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ލައިސަންސެވެ. މި ލައިސަންސްގެ ދަށުން އެޗްޑީސީއަށް ހުޅުމާލޭގައި މުއާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމު ކޮށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ބޭނުމަށް މި އިންފްރާސްޓްރަކްޗާ ދޫކުރުމުގެ ހުއްދަ ލިބޭނެއެވެ.

އެޗްޑީސީން މިއަދު ބުނީ ރަސްމީ ސިފައެއްގައި އެކޯޕަރޭޝަނަށް ލައިސަންސް ލިބުނު ނަމަވެސް، އެޗްޑީސީގެ އޯޕަން އެކްސެސް ވިއުގައަކީ މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ބޭނުން ކުރެވޭގޮތަށް ރާއްޖޭގައި ގާއިމުކޮށްފައިވާ ފުރަތަމަ ވިއުގަ ކަމުން، މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ އެ ކޯޕަރޭޝަނަށް މީގެ ކުރިން ލިބިފައިވާ ކަމަށެވެ. އަދި އެ ކޯޕަރޭޝަނަށް މިއަދު ލިބުނު ރަސްމީ ލައިސަންސް ދޫކޮށްފައިވަނީ އެ ވިއުގައަށް މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކުގެ ފުރިހަމަ އިތުބާރު ލިބި، އެ ވިއުގަ މެދުވެރިކޮށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ރައްޔިތުނަށް ފޯރުކޮށްދެވެމުން ދާތީ ކަމަށްވެސް ބުންޏެވެ.

އެޗްޑީސީން ވަނީ ކާމިޔާބުކަމާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށް، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެފްޓީޓީއެޗް (ފައިބަ ޓު ދަ ހޯމް) ގެ ހިދުމަތް ދޭން ފަށައިފައެވެ. އަދި މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން މި ވިއުގަ މެދުވެރިކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިދުމަތްތައް ފޯރުކޮށްދެމުންދާތާ މިހާރު އަހަރަކަށް ވުރެން ގިނަ ދުވަސްވެފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން އިތުރަށް ބުނީ މިފަދަ ޒަމާނީ ވިއުގައެއްގެ ސަބަބުން އިންޓަނެޓު އަދި ޓީވީގެ ހިދުމަތްތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކަށް އަވަސްކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެ ކަމަށްވެސް ބުންޏެވެ.