Close
ޚަބަރު

ފައިސަލްއަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި, ހާލު ވަރަށް ސީރިއަސް

ހދ. ނޮޅިވަރަމުގައި މަރާލާފައި އޮއްވައި ފެނުނު އެ ރަށު ހިތަށްފިނިވާގޭ ނިޝާމާ މުހައްމަދު 28އ، ގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓައި ދަންޖެހުނު، އޭނާގެ ފިރިމީހާ އދ. ފެންފުށީ، ރޯޒީވިލާ، އަބޫބަކުރު ފައިސަލް 32އ، އަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

ފައިސަލް ބަންދުކޮށްފައި ހުރި ގޮޅިތެރޭގައި ދަންޖެހެން މަސައްކަތް ކުރަނިކޮށް ފުލުހުންނަށް ފެނުނީ ރޭ 11:15 ހާއިރެވެ. އެތަނުން އޭނާ ގެންދިޔައީ ކުޅުދުއްފުށި ހޮސްޕިޓަލަށެވެ. ގެންގޮސް ފަރުވާ ދެމުންދިޔައީ އައިސީޔޫގައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ތަރުޖަމާނު މުހައްމަދު މޫސާ މިއަދު "ވަން" އަށް ވިދާޅުވީ ފައިސަލްގެ ހާލު ކްރިޓިކަލް ކަމަށާއި ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އޭނާއާމެދު ޑޮކްޓަރުން އުއްމީދު ކަނޑާލާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ވިދާޅުވީ، އެފަދަ މައުލޫމާތެއް ޑޮކްޓަރުން އަދި ހިއްސާކޮށްފައި ނުވާ ކަމަށެވެ.

ފައިސަލް ދަންޖެހެން އުޅުނު މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހުށަހަޅައިގެން ބަލަމުން އަންނަ ކަމަށް ފުލުހުން ރޭ ބުންޏެވެ.

ނިޝާމާގެ މަރުގެ ތުހުމަތު ކުރެވޭ ފައިސަލް ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ހާޒިރުވުމުން ފުލުހުން އޭނާ ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.