މިދިޔަ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު އާއިލާތަކަށް 300،000 އަށްވުރެ ގިނަ ރުފިޔާ ދޫކުރަން ނިންމާފާއިވާކަމަށް މިޝަން ފޯ މައިގްރެންޓް ވޯކާސް (އެމްއެމްޑަބްލިޔުއެމް)އިން ބުނެފިއެވެ.

އެމްއެމްޑަބްލިޔުއެމް ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އާއިލާއާއި ހާލުގައި ޖެހުނު 23 ބިދޭސީ މަސައްކަތްތެރިންނަށް މީގެ ކުރިން ވަނީ 172،675 ރުފިޔާ ދޫކޮށްފައި ކަމަށެވެ. މަރުވި މީހުންގެ އާއިލާތަކާ ގުޅައި ބޭންކު މައުލޫމާތު ސާފުކުރުމަށްފަހު އެ ފަރާތްތަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ވެސް އެމްއެމްޑަބްލިޔުއެމް އިން ބުންޏެވެ.

ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންނަށް އެހީވުމަށް އެމްއެމްޑަބްލިޔުއެމްއިން ވަނީ ފަންޑެއް ހުޅުވާފައި ކަމަށާއި ހާލުގައި ޖެހުނު ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ އެ ފަންޑަށް ލިބުނު ފައިސާއިން ކަމަށް އެމްއެމްޑަބްލިޔުއެމް އިން ބުންޏެވެ.

އެމްއެމްޑަބްލިޔުއެމްއިން ބުނީ އެ ފަންޑަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، ފޮރިން މިނިސްޓްރީ، ރާއްޖޭގައި ހުންނަ ބަންގުލަދޭޝްގެ ހައި ކޮމިޝަން، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ފަރާތުން އެހީތެރިކަން ލިބިފައިވާ ކަމަށެވެ. އެމްއެމްޑަބްލިޔުއެމް ފަންޑަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

އެމްއެމްޑަބްލިޔުއެމް މަގުސަދަކީ ރާއްޖޭގައި ދިރިއުޅޭ އެންމެހާ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރުންކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.