މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ކުރާ ދައުވާގައި އޭނާގެ ދިފާއީ ހެކީންގެ ގޮތުގައި ހުށަހެޅި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ނާއިބު ރައީސް ފައިސަލް ނަސީމް ހިމެނޭ ގޮތުން ބައެއް ހެކި ބަލައިނުގަންނަން ކްރިމިނަލް ކޯޓުން ނިންމި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.

މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން އެ މައްސަލަ ބައްލަވާ ހައިކޯޓުގެ ފަނޑިޔާރު ވިދާޅުވީ މައްސަލައާ ގުޅޭ އިތުރުކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ.

ހިޔާނާތާ ގުޅޭ ފަސް ދައުވާއެއް ދައުލަތުން ނިހާންގެ މައްޗަށް ކޮށްފައިވާ އިރު، އެ މައްސަލަތަކުގެ ދިފާއުގައި ހުށަހެޅި ބައެއް ހެކިން ބަލައިނުގަތުމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލުކުރުމަށް ނިހާނުގެ ފަރާތުން އިސްތިއުނާފީ ފަސް ނުކުތާއެއް ހައިކޯޓަށް މިއަދު ހުށަހެޅިއެވެ. އެއީ އޭނާގެ މައްޗަށް ކުރާ ހުރިހާ ދައުވާތަކަށް ނިސްބަތްކޮށެވެ.

އެ ނުކުތާތަކުގެ ތެރެއިން ފުރަތަމަ ނުކުތާގައި ހިމެނެނީ ރައީސާއި ނާއިބު ރައީސް ހިމެނޭގޮތުން ބައެއް ފަރާތްތައް ހެކީންގެ ގޮތުގައި ބަލައިނުގަތުމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުމުގެ މައްޗަށެވެ.

އެ އިސްތިއުނާފު ނުުކުތާ ހައިކޯޓަށް ހުށަހަޅުއްވަމުން، ނިހާނުގެ ދިފާއީ ވަކީލު ހުސްނީ މުބާރިކު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކަމުގައި ނިހާން ހުރި ދުވަސްވަރު އެ ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނުނު ފަރާތްތައް ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅީ، މާލިއްޔަތު ކޮމިޓީއަށް ހުށަހެޅޭ ރިޕޯޓުތަކާ މެދު އަމަލުކުރާ ގޮތަކީ ކޮބައި ކަމާއި، އެ ރިޕޯޓުތައް ލިބުމުން އޭގައި އަމަލުކުރަން ކަނޑައަޅާފައިވާ ގޮތަކީ ކޮބައިކަން ސާބިތުކޮށްދިނުމަށް ކަމަށެވެ. އަދި ނިހާނަށް ކުރާ ދައުވާގައި މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި، އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓު ހިމެނޭ އިރު، އެ ރިޕޯޓު މާލިއްޔަތު ކޮމިޓީގެ މުގައްރިރު ނިހާނަށް ލިބުނުއިރު އެ ކޮމިޓިއަށް އޭރު ކިތައް ރިޕޯޓު ހުށަހެޅުނުތޯ އާއި އެ ރިޕޯޓުތައް މާލިއްޔަތު ކޮމިޓީން ދިރާސާކުރުމުގައި އަމަލު ކުރަމްންދިޔަ ގޮތަކީ ކޮބައިތޯ ބަޔާންކޮށްދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އެ އިސްތިއުނާފީ ނުކުތާއަށް ދައުލަތުގެ ފަރާތުން ޖަވާބުދެއްވަމުން ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ނައުފަލް ވިދާޅުވީ، ދައުވާ ލިބޭ ފަރާތުން ދިފާއުގައި ހުށަހަޅާފައިވާ ކަންކަމަކީ މައްސަލައިގައި ހުށަހަޅާއިފައި ހުރި ކިތާބީ ހެކިތަކާއި ދެފަރާތުން އެއްބަސްވާ ކަންކަން ކަމަށްވާނަމަ، އެކަންކަމާ ގުޅިގެން އިތުރަށް ހެކި ހުށަހެޅުމުގެ ފުރުސަތު ނުދެއްވުމަށް ކުރިމިނަލް ކޯޓުން ފަނޑިޔާރު ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ ގޮތުގައި ނިހާނު ހުރެ ކުރި ކަމަކާ ގުޅިގެން ކަމަށާއި އެކަމަށް ނިހާނު އިންކާރު ނުކުރާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެ ކޮމިޓީގެ މުގައްރިރު ކަމުގައި ނިހާނު ހުރިކަން ބަޔާންކުރަން އެ ކޮމިޓީގައި ދެން ތިބި ހުރިހާ މެންބަރުން ހުށަހަޅާ ކަމަށްވާނަމަ، އެ ހެކި ބަލައިނުގަތުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ދައުލަތުން ދައުވާކުރާ މި މައްސަލައިގައި ބަޔާންކުރާ އޮޑިޓް ރިޕޯޓު ނިހާނަށް ލިބުނުތޯ އެވެސް ވަރަށް ސާފު. އޮޑިޓް ރިޕޯޓު ލިިބުނުކަމަށް ނިހާނު އިންކާރެއް ނުކުރޭ. ދެން އެ އޮޑިޓް ރިޕޯޓާ މެދު ފަހުން އަމަލު ކުރި ގޮތަކީ މި މައްސަލައިގައި ކުރާ ދައުވާއާ ރެލަވަންޓް ކަމެއް ނޫން. އެ ރިޕޯޓު ލިބި އެ ރިޕޯޓު ކީކަމަށް ނިހާނު ތަހުގީގުގައި އިގުރާރުވެފައި އެބައޮތް. އެހެންކަމުން ދެން އެ ރިޕޯޓު ލިބުނީމަ ކޮމިޓީން އަމަލު ކުރާ ގޮތާއި ކޮމިޓީގައި ތިބި މެންބަރުންގެ އަދަދާއި، ކިހާ ބުރަ މަސައްކަތެއްކުރާ ކޮމިޓީއެއްތޯ، ބެލުމަކީ މި މައްސަލައިގައި ކޮށްފައިވާ ދައުވާގެ ނިސްބަތުން ރެލަވަންޓް ކަމެއް ނޫން. އެއީ ބަލަންޖެހޭ ކަމެއްނޫން،" ޕަބްލިކް ޕްރޮސިކިއުޓާ ނައުފަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮމިޓީގައި ހިނގައިދިޔަ ގޮތާއި ދެކެވުނު ވާހަކަަތައް ޔައުމިއްޔާތަކުން ފެންނަން ހުރި ހާލަތުގައި އެދުވަހު ކޮމިޓީއަށް ހާޒިރުވެ ތިބި މެންބަރުންތަކެއް ކޯޓަށް ހާޒިރުކޮށް ކޯޓުގެ ވަގުތު ނަގާލުމަށް އެ ވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެހެންކަމުން އެ ހެކިން ބަލައިނުގަންނަން ކުރިމިނަލް ކޯޓުން ނިންމި ނިންމުން ރަނގަޅުކަމަށް ބަލަންޖެހޭ ކަމަށާއި، ކުރިމިނަލް ކޯޓުގެ އެ ނިންމުމަކީ ބަދަލު ގެންނަންޖެހޭ ނިންމުމެއް ނޫން ކަަމަށް ކަނޑައަޅައި ދެއްވުމަަށްވެސް އޭނާ އެދިވަޑައިގެންނެވިއެެވެ.

ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލްގެ އިތުރުން ނިހާނު ދެން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނެނީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާ ކުރީގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ސުޖާއު އާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ފަލާހުގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.

ނިހާންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތަށް އެދުމުގެ ދެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ ހިމެނެއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ނިހާން ހުންނެވި އިރު، އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި ކުރީގެ ނާއިބު ރައީސް އަދީބު ގާތު ރިޝްވަތަށް އެދި އަދި އޭނާ ދީފައިވާ ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ނިހާން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާ އާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސް އިން ފްލެޓެއް ގަނެފައިވާ ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.

އޭގެ އިތުރުން 2014 ވަނަ އަހަރު ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަން ކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑުގެ ގަޑިއެއް ދިނުމަށް އަދީބު ގާތުގައި އެދުމުން، މ. ވިލާދަށުގެ/ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް އަދީބު ދިން ގަޑި ބަލައިގަނެފައިވާ ކަމަށް ވެސް ޕީޖީން ބުނެފައިވެއެވެ.

ޕީޖީން އިތުރަށް ބުނެފައިވަނީ، ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުންނެވި އިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރެއްވި މަސްއޫލިއްޔަތުތައް އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދިފައިވާ ކަމަށާއި އަދި އެ ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާ ކަމަށެވެ.