މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ކުރާ ދައުވާގައި އޭނާގެ ދިފާއީ ހެކީންގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ނާއިބު ރައީސް ފައިސަލް ނަސީމް ހިމެނޭ ގޮތުން ބައެއް ބޭފުޅުން ހުށަހަޅާފައިވަނީ ދައުވާއާ ގުޅުންހުރި ކަމެއްގައި ނޫން ކަމަށް ހައި ކޯޓުގައި ދައުލަތުން މިއަދު ބުނެފިއެވެ.

ދިފާއީ ހެކިންގެ ގޮތުގައި، ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން ނިހާނު ހުށަހެޅި އިތުރު ހެކިންގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ސުޖާއު އާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ފަލާހުގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހިމެނެއެވެ.

ދިފާއީ ހެކިންގެ ގޮތުގައި އެބޭފުޅުންގެ ނަން ނިހާނު ހުށަހަޅާފައި ވަނީ، އޭނާގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި، ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރުކަން ކުރެއްވި ދުވަސްވަރާ ގުޅޭ ދައުވާއެއް ހިމެނޭތީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ ގޮތުން އޭނާ އަދާކުރެއްވި ދައުރާ ބެހޭ ކަންކަން އޮޅުންފިލުވައިދިނުމަށް ބުނެއެވެ.

ނަމަވެސް ރައީސުލްޖުމްހޫރއިްޔާ އާއި ނާއިބު ރައީސް ހިމެނޭގޮތުން ބައެއް ހެކިތައް ގަބޫލުނުކުރުމަށް ކުރިމިނަލް ކޯޓުން ވަނީ ނިންމައިފައެވެ.

ނިހާނުގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅީ، ދިފާއުގެ ގޮތުގައި އޭނާ ހުށަހެޅި ބައެއް ހެކިތައް ގަބޫލު ނުކުރުމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލުކުރުމަށެވެ.

ހިޔާނާތާ ގުޅޭ ފަސް ދައުވާއެއް ދައުލަތުން ނިހާންގެ މައްޗަށް ކޮށްފައިވާ އިރު، އެ މައްސަލަތަކުގެ ދިފާއުގައި ހުށަހެޅި ބައެއް ހެކިން ބަލައިނުގަތުމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލުކުރުމަށް ނިހާނުގެ ފަރާތުން އިސްތިއުނާފީ ފަސް ނުކުތާއެއް ހައިކޯޓަށް މިއަދު ހުށަހެޅިއެވެ. އެއީ އޭނާގެ މައްޗަށް ކުރާ ހުރިހާ ދައުވާތަކަށް ނިސްބަތްކޮށެވެ.

އެ ނުކުތާތަކުގެ ތެރެއިން ފުރަތަމަ ނުކުތާގައި ހިމެނެނީ ރައީސް އާއި ނާއިބު ރައީސް ހިމެނޭގޮތުން ބައެއް ފަރާތްތައް ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުމުގެ މައްޗަށެވެ.

އެ އިސްތިއުނާފޯ ނުުކުތާ ހައިކޯޓަށް ހުށަހަޅުއްވަމުން، ނިހާނުގެ ދިފާއީ ވަކީލު ހުސްނީ މުބާރިކު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކަމުގައި ނިހާނު ހުރި ދުވަސްވަރު އެ ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނުނު ފަރާތްތައް ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅީ، މާލިއްޔަތު ކޮމިޓީއަށް ހުށަހެޅޭ ރިޕޯޓުތަކާ މެދު އަމަލުކުރާ ގޮތަކީ ކޮބައި ކަމާއި، އެ ރިޕޯޓުތައް ލިބުމުން އޭގައި އަމަލުކުރަން ކަނޑައަޅާފައިވާ ގޮތަކީ ކޮބައިކަން ސާބިތުކޮށްދިނުމަށް ކަމަށެވެ. އަދި ނިހާނަށް ކުރާ ދައުވާގައި މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި، އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓު ހިމެނޭ އިރު، އެ ރިޕޯޓު މާލިއްޔަތު ކޮމިޓީގެ މުގައްރިރު ނިހާނަށް ލިބުނުއިރު އެ ކޮމިޓިއަށް އޭރު ކިތައް ރިޕޯޓު ހުށަހެޅުނުތޯ އާއި އެ ރިޕޯޓުތައް މާލިއްޔަތު ކޮމިޓީން ދިރާސާކުރުމުގައި އަމަލު ކުރަމުންދިޔަ ގޮތަކީ ކޮބައިތޯ ބަޔާންކޮށްދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އެ ދައުވާ ބިނާކޮށްފައި ވަނީ، މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ނިހާނު ހުރިއިރު އެމްއެމްޕީއާރުސީއާ ބެހޭ ގޮތުް އޮޑިޓާ ޖެނެރަލް އެކުލަވައިލި ހާއްސަ އޮޑިޓް ރިޕޯޓު 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އާއްމު ކޮށްފައިވާ އިރު، އަދި މުގައްރިރުގެ ހައިސިއްޔަތުން އެ ރިޕޯޓު ނިހާނަށް ލިބި އެމްއެމްޕީއާރުސީ ބޭނުންކޮށްގެން ހިންގާފައިވާ ކޮރަޕްޝަނާ ހިޔާނާތުގެ އަމަލުތަކުން ގެއްލިފައިވާ، ދައުލަތަށް ލިބެންޖެހޭ ފައިސާ އަމިއްލަ ކުންފުނިތަކަކަށް ދައުރު ކުރުމުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ބައިވެރިވުން ހިމެނޭކަމަށް ޝައްކު ކުރެވޭ ހާލަތުގައި އަދީބުގެ އަތުން ދެ ޗެކެއް ހޯދުމުގައި ނިހާނު ބައިވެރިވެގެން ކުށް ކޮށްފައިވާކަމުގެ މައްޗަށް ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

"މި ތުހުމަތުގައި ބަޔާންކުރާ މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތު އެ ރިޕޯޓު ނިހާނަށް ލިބިފައިވާތީ އެކަމުގައި ތުހުމަތުކުރާކަމަށް، އެެހެންކަމުން ރިޕޯޓާ އޭނާ ހަވާލުވެފައިވާކަން އެނގެން އޮތްނަމަވެސް ރިޕޯޓާ މެދު އަމަލު ކުރީ ކޮން ގޮތަކަށްކަށްތޯ، މުގައްރިރު ރިޕޯޓު ދިރާސާކުރަނީތޯ، ރިޕޯޓު މާލިއްޔަތު ކޮމިިޓީއަށް ލިބުނީމަ ދެން އޭގައި އަމަލު ކުރަމުންދާ އުސޫލުތަކަކީ ކޮބައިތޯ، މިކަންކަން ބަޔާންކުރުމަށް އަޅުގަނޑުމެން ހެކި ހުށަހެޅީ، އަޅުގަނޑުމެން ހުށަހަޅާފައިވާނެ ކިތާބީ ހެކީގެ ގޮތުގައި މާލިއްޔަތު ކޮމިޓީގެ އޭރުގެ ޔައުމިއްޔާތަކުގެ އިތުރުން މާލިއްޔަތު ކޮމިޓީގައި ހިމެނޭ އޭރުގެ މެންބަރުންގެ ގޮތުގައި ތިބި ބައެއް ފަރާތްތައް އެގޮތުން އޭރުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހާއި، ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމާއި އޭރުގެ މެންބަރު ރިޔާޒު ރަޝީދާއި އަހުމަދު ސަލީމްއާ އެފަދަ ފަރާތްތަކެއް އަޅުގަނޑުމެން ހުށަހެޅީ، އެ ރިޕޯޓު ލިބުމަކީ އެ ދިރާސާކުރުމުގެ ނޮލެޖު ހުރުން ނޫން ކަމަށް،" ވަކީލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނިހާނަށް ކުރާ ދައުވާގެ ދިފާއު ބިނާކުރުމަށް، ފުރަތަމަ ދިފާއު ފަށަން ޖެހޭ ހިސާބަކީ މާލިއްޔަތު ކޮމިޓީގެ މުގައްރިރަށް ވެގެން އެ ރިޕޯޓު ނިހާނަށް ލިބުނަސް އެ މައުލޫމާތު ނިހާނުގެ ނުހުންނާނެ ކަން ސާބިތު ކޮށްދިނުން ކަމަށެވެ. އެ ބޭފުޅުން ހެކިންގެ ގޮތުގައި ހުށަހެޅީ އެކަމުގެ މައްޗަށް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެ މައްސަލައިގެ ކިތާބީ ހެކި ބަލައިގަތުމަށްފަހު ބައެއް ޝަފަވީ ހެކި ބަލައިނުގަތުމަށް ކުރިމިނަލް ކޯޓުން ކަނޑައެޅުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ އިސްތިއުނާފީ ނުކުތާއަށް ދައުލަތުގެ ފަރާތުން ޖަވާބު ދެއްވަމުން ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ނައުފަލް ވިދާޅުވީ، ދައުވާ ލިބޭ ފަރާތުން ދިފާއުގައި ހުށަހަޅާފައިވާ ކަންކަމަކީ މައްސަލައިގައި ހުށަހަޅާއިފައި ހުރި ކިތާބީ ހެކިތަކާއި ދެފަރާތުން އެއްބަސްވާ ކަންކަން ކަމަށްވާނަމަ، އެކަންކަމާ ގުޅިގެން އިތުރަށް ހެކި ހުށަހެޅުމުގެ ފުރުސަތު ނުދެއްވުމަށް ކުރިމިނަލް ކޯޓުން ފަނޑިޔާރު ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ ގޮތުގައި ނިހާނު ހުރެ ކުރި ކަމަކާ ގުޅިގެން ކަމަށާއި އެކަމަށް ނިހާނު އިންކާރު ނުކުރާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެ ކޮމިޓީގެ މުގައްރިރު ކަމުގައި ނިހާނު ހުރިކަން ބަޔާންކުރަން އެ ކޮމިޓީގައި ދެން ތިބި ހުރިހާ މެންބަރުން ހުށަހަޅާ ކަމަށްވާނަމަ، އެ ހެކި ބަލައިނުގަތުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ދައުލަތުން ދައުވާކުރާ މި މައްސަލައިގައި ބަޔާންކުރާ އޮޑިޓް ރިޕޯޓު ނިހާނަށް ލިބުނުތޯ އެވެސް ވަރަށް ސާފު، އޮޑިޓް ރިޕޯޓު ލިިބުނުކަމަށް ނިހާނު އިންކާރެއް ނުކުރޭ. ދެން އެ އޮޑިޓް ރިޕޯޓާ މެދު ފަހުން އަމަލު ކުރި ގޮތަކީ މި މައްސަލައިގައި ކުރާ ދައުވާއާ ރެލަވަންޓް ކަމެއް ނޫން. އެ ރިޕޯޓު ލިބި، އެ ރިޕޯޓު ކީކަމަށް ނިހާނު ތަހުގީގުގައި އިގުރާރުވެފައި އެބައޮތް. އެހެންކަމުން ދެން އެ ރިޕޯޓު ލިބުނީމަ ކޮމިޓީން އަމަލު ކުރާ ގޮތާއި ކޮމިޓީގައި ތިބި މެންބަރުންގެ އަދަދާއި، ކިހާ ބުރަ މަސައްކަތެއް ކުރާ ކޮމިޓީއެއްތޯ، ބެލުމަކީ މި މައްސަލައިގައި ކޮށްފައިވާ ދައުވާގެ ނިސްބަތުން ރެލަވަންޓް ކަމެއް ނޫން. އެއީ ބަލަންޖެހޭ ކަމެއްނޫން،" ޕަބްލިކް ޕްރޮސިކިއުޓާ ނައުފަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮމިޓީ ހިނގައިދިޔަ ގޮތާއި ދެކެވުނު ވާހަކަަތައް ޔައުމިއްޔާތަކުން ފެންނަން ހުރި ހާލަތުގައި އެދުވަހު ކޮމިޓީއަށް ހާޒިރުވެ ތިބި މެންބަރުންތަކެއް ކޯޓަށް ހާޒިރުކޮށް ކޯޓުގެ ވަގުތު ނަގާލުމަށް އެވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެހެންކަމުން އެ ހެކިން ބަލައިނުގަންނަން ކުރިމިނަލް ކޯޓުން ނިންމި ނިންމުން ރަނގަޅުކަމަށް ބަލަންޖެހޭ ކަމަށާއި، ކުރިމިނަލް ކޯޓުގެ އެ ނިންމުމަކީ ބަދަލު ގެންނަންޖެހޭ ނިންމުމެއް ނޫން ކަަމަށް ކަނޑައަޅައި ދެއްވުމަަށްވެސް އޭނާ އެދިވަޑައިގެންނެވިއެެވެ.