ގދ. މަޑަވެލި އަދި ގދ. ހޯނޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ ދަށުން ބްރިޖް އެކްސަސް ރޯޑު ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ މަޑަވެލި އަދި ހޯނޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ބްރިޖް އެކްސަސް ރޯޑު ސާފުކުރުމުގެ މަސައްކަތާއި ޖިއޯޓެކްނިކަލް ސާވޭ ކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 260 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި ކޯޒްވޭގެ 5،442 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމާއި 285 ސްޕަން ޕައިލް ހަރުކުރުމާއި 5،596 އަކަ މީޓަރުގެ ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތް ކުރާނެއެވެ. އަދި 1،3781، އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވިން ހެދުމުގެ މަސައްކަތުގެ އިތުރުން ކޯޒްވޭ އަށް ދެވެން އޮންނަ މަގުތައް ނުވަތަ އެޕްރޯޗް ރޯޑުގެ 3،144 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ހެދުމާއި ތާރު އެޅުން ހިމެނޭއެވެ.

އެމްޓީސީސީން ކުރިން ބުނެފައިވަނީ ދެ ރަށް ގުޅުވާލުމަށް ހަދާ ކޯސްވޭއަކީ އޭގެ ދަށުން އޮއިދޭ ގޮތަށް ހަދާ ކޯޒްވޭއެއް ކަމަށެވެ. އަދި ހެވީ ވެހިކަލްތަކަށް ކޯސްވޭމަތިން ދަތުރުކުރެވޭނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން ކޯސްވޭގެ މަގުތަކުގައި ރެއިލިން އަދި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ކުރެހުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރާނެއެވެ.

ކޯސްވޭއިން ހޯނޑެއްދޫ ދެމެދު އޮންނަ ހާދޫ ފަޅުރަށާއި ހޯނޑެއްދޫ ކައިރީ އޮންނަ ކަންނިގިލާ ފަޅުރަށްވެސް ގުޅާލާނެއެވެ.

ޕްލޭނިން މިނިސްޓްރީން މަޑަވެލި އަދި ހޯނޑެއްދޫ ކޯޒްވޭގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެ މަސައްކަތުގެ އަގަކީ 17.84 މިލިއަން ރުފިޔާއެވެ. ދެ ރަށް ގުޅުވާލަދޭ އެ ކޯސްވޭގެ މަސައްކަތް އެމްޓީސީސީން 300 ދުވަހުގެ ތެރޭގައި ފުރިހަމަކުރަން ޖެހެއެވެ. އެމަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.