މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ގދ. ފަރެސްމާތޮޑާގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެ ރަށަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި މި އަހަރު ފާހަގަކުރާ ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ފަރެސްމާތޮޑާގައި ކުރިއަށްދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން މަސްވެރިންގެ ދުވަހާ ގުޅިގެން ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މަސްކެނޑުމުގެ މުބާރާތެއްވެސް އެ މަނިކުފާނު ޝަރަފުވެރިކޮށްދެއްވާނެ ކަމަށެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ފަރެސްމާތޮޑާ ކައުންސިލާއި އެ ރަށުގެ އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވާނެއެވެ. އަދި މަސްވެރިންނާވެސް ބައްދަލުކުރައްވަން ހަމަޖެހިފައިވާ އިރު، މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އެ މަނިކުފާނު ޝަރަފުވެރި ކޮށްދެއްވާނެއެވެ.

މި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.