ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި، މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ރައީސް ސޯލިހު ވަނީ، މަސްވެރިންގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް މަސްވެރިންނާއި އެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އަރިސްކުރައްވައިފައެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

މަސްވެރިކަމަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިނާއަތް ކަމަށްވާ އިރު، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ސައުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީ ގަނެ ފިނިކޮށް ރައްކާ ކުރުމަށްޓަކައި ދުވާލަކު 100 ޓަނުގެ މަސް ފިނި ކުރެވޭ އަދި 300 ޓަނުގެ މަސް ސްޓޯ ކުރެވޭ ބޯޓަކާއި މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ރީފާ ކެރިއަރެއް ރާއްޖެ ވަނީ ގެނެސްފައެވެ.

މީގެ އިތުރުން މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން މަސް ކިރަން މިފްކޯއިން އިތުރު ތިން ބޯޓު ވަނީ ގަނެފައެވެ.

ރާއްޖޭގެ މަސްވެރިކަން ރަނގަޅު ދުވަސްވަރު، މަސް ކިރުވުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ވަނީ މިފްކޯގެ މަސް ގަންނަ ސެންޓަރުތައް އަޕްގްރޭޑުކުރުމަށް ބޮޑެތި މަޝްރޫއުތަކެއް ފަށައިފައެވެ.

އޭގެ ތެރޭގައި ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން 4000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިން ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ރެފްރިޖަރޭޓަޑް ސީ ވޯޓާ ފެސިލިޓީ އާއި މި ކަންކަމާ ގުޅޭ އެހެނިހެން ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.