ޚަބަރު

ކްރޫޒް ލައިނާތައް އެނބުރި އަންނަން ފެށިއިރުވެސް ޓާމިނަލް އޮޕަރޭޝަނަށް ގެނައުމުގެ ޕްލޭނެއް ނެތް!

މުހައްމަދު ޖަމްޝަތް ވަހީދު

ރާއްޖެ އަންނަ ކްރޫޒްލައިނާތަކަށް ހާއްސަކޮށްގެން މަސްވެރިންގެ ޕާކުގައި ތަރައްގީކޮށްފައިވާ ކްރޫޒް ލައިނާ ޓާމިނަލް އޮޕަރޭޓް ކުރަން ފެށުމަށް އަދި ވަކި ގޮތްތަކެއް ނިންމާފައި ނުވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީ ކުރި މި ޓާމިނަލުގެ މަސައްކަތް 2019 ވަނަ އަހަރު ވަނީ ނިންމާލައިފައެވެ. ޓާމިނަލް ތަރައްގީކޮށްފައިވަނީ ގެސްޓުންނަށް މަޑުކޮށްލައިގެން ތިބެވޭނެ ތަނަކާއި ލައުންޖެއްގެ އިތުރުން އަށް ފާހާނާ ހިމެނޭ ގޮތަށެވެ. އޭގެ ތެރޭގައި ފެންވަރާލެވޭ ގޮތަށް ހަދާފައިވާ ދެ ފާހާނާ ހުންނައިރު، ޓާމިނަލްގެ މަތި ވެސް ހަދާފައިވަނީ އިށީނދެ ތިބެވޭ ގޮތަށެވެ.

ޓާމިނަލުގެ މަސައްކަތް ނިންމައި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަސްތެރޭގައި އެތަން ހުޅުވާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ އޭރު އިއުލާނުކޮށްފައެވެ. ނަމަވެސް ކޮވިޑާއެކު ރާއްޖެއަށް ކްރޫޒް ލައިނާތަކުގެ ދަތުރުތަށް މެދުކަނޑާލުމާ އެކު، އެތަން ހުޅުވުން މަޑުޖައްސާލާފައި ވަނިކޮށް ކޮވިޑު ތެރޭގައި އެތަން ބޭނުންކޮށްފައިވަނީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުންނެވެ.

ކޮވިޑުގެ ލޮކްޑައުނަށްފަހު ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ކްރޫޒްލައިނާތަކުގެ ދަތުރުތައް އަލުން ފަށާފައިވާ އިރު، އެ ޓާމިނަލް ބޭނުން ކުރަން އަދިވެސް ފަށައިފައެއް ނުވެއެވެ.

އެކަމާ ގުޅިގެން "ވަން" އިން ސުވާލުކުރުމުން މޭޔަރު މުއިއްޒު ވިދާޅުވީ އެ ޓާމިނަލު އޮޕަރޭޓު ކުރަން ފެށުމާ މެދު ވަކި ގޮތްތަކެއް ކަނޑައަޅާފައި ނެތް ކަމަށާއި ނަމަވެސް އެއީ ސިޓީ ކައުންސިލުން މިހާރު ކުރަންވެފައި އޮތް ކަމެއް ކަމަށެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެތަން ބޭނުންކުރުމަށްފަހު ސިޓީ ކައުންސިލާ އެތަން ހަވާލުކުރި އިރު، ހުރީ ވަރަށް ބޮޑަށް މަރާމާތު ކުރަންޖެހިފައި ކަމަށާއި ނަމަވެސް އެތަނުގެ މަރާމާތުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ ޕްލޭނެއްވެސް އަދި ކަނޑައެޅިފައި ނުވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"އަދި އަޅުގަނޑުމެންގެ ތެރޭގައި ނެތް ތިކަމަށް (ކްރޫޒްލައިނާ ޓާމިނަލް އޮޕަރޭޓުކުރަން ފެށުމަށް) ގޮތްތަކެއް ނިންމާފައެއް. އެމީހުން ތަން ދޫކޮށްލާފައި ދިޔަ އިރު ވަރަށް ބޮޑަށް ހުރީ ތަން 'ރަން ޑައުން' ވެފަ. މަރާމާތުކުރަން ފެށުމުގެ ޕްލޭނެއް އަދި ނެތް. އަދި އަޅުގަނޑުމެން ގޮތްތަކެއް ނުއެއް ނިންމަން އެކަމަށް. ވަކި ގޮތެއް ނިންމަން ވެފަ އޮތް ކަމެއް އެއީ،" މުއިއްޒު ވިދާޅުވިއެވެ.

ކްރޫޒްލައިނާ އޭޖެންޓުންގެ އޭރުވެސް އެންމެ ބޮޑު ޝަކުވާއަކީ މާލެއަށް ފައިބައި ޓޫރިސްޓުން ފާހާނާކޮށް ހެދުމަށާއި މަޑުކޮށްލައިގެން ތިބުމަށް އިންތިޒާމުތަކެއް ގާއިމުވެފައި ނެތުމެވެ. ކޮވިޑަށް ފަހު ކްރޫޒް ލައިނާ ދަތުރުތަކުގެ ސީޒަން މިހާރު ފެށިފައިވާ އިރު، އަދިވެސް އެ މައްސަލައަށް ހައްލެއް ނުލިބޭތީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިދިޔަ ނޮވެމްބަރު ފަހު ކޮޅުން ފެށިގެން މިހާތަނަށް ދެ ކްރޫޒްލައިނާއެއް މާލެއަށް ބަނދަރުކޮށްފައިވެއެވެ. އޭގެތެރެއިން މިދިޔަ އާދީއްތަ ދުވަހު ރާއްޖެ އައި "ސެވެން ސީސް އެކްސްޕްލޯރާ" އިން 700 އެއްހާ ފަތުރުވެރިން މާލެ އައިސްފައިވެއެވެ.

މާޔާ އިން "ވަން" އަށް މައުލޫމާތު ދީފައިވާ ގޮތުގައި މި ސީޒަނުގައި ކްރޫޒްލައިނާގެ އިތުރު 11 ބޯޓެއް ރާއްޖެ އަންނަން ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން މިމަހު އިތުރު ދެ ކްރޫޒްލައިނާ، ޖެނުއަރީ މަހު ދެ ކްރޫޒް ލައިނާ އަދި ފެބްރުއަރީ މަހު އެއް ކްރޫޒް ލައިނާ އަންނަން ހަމަޖެހިފައިވާ ކަމަށް މާޔާ އިން މައުލޫމާތު ދެއެވެ.