ޚަބަރު

ބޭރު ގައުމުތަކުން ހާސިލުކުރާ ސަނަދުތަކުގެ ސައްހަކަން އެމްކިޔުއޭއިން ކަށަވަރުކުރަން ޖެހޭނެ

ރިފާ ހަލީލު

ބޭރު ގައުމުތަކުން ހާސިލުކުރާ ސަނަދުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ތައްގަނޑު ޖަހައި ވެލިޑޭޓް ކޮށްފައިވާ ސަނަދަކަށް ވާންޖެހޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން ބުނެފިއެވެ.

އެ އޮތޯރިޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުގެ ސަނަދުތައް ގަބޫލުކުރުމަކީ، ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު ގެ ހަތް ވަނަ މާއްދާގެ (ބ) އާއި، އެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން މި އޮތޯރިޓީ އާ ހަވާލުކޮށްފައިވާ ގާނޫނީ ޒިންމާއެއް ކަމަށެވެ.

އެހެންކަމުން، އެކި ފަރާތްތަކުން ހާސިލުކުރާ ސަނަދުތަކަކީ، މި އޮތޯރިޓީން ގަބޫލުކުރާ ސަނަދުތަކަކަށް ވާންޖެހޭ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. އެގޮތުން، ރާއްޖެއިން ބޭރުން ހާސިލުކުރާ މަތީ ތައުލީމުގެ ސަނަދުތަކަކީ، އެ އޮތޯރިޓީއަށް ހުށަހަޅައިގެން އެ އޮތޯރިޓީން ގަބޫލުކޮށް، އެކަމަށް ހާއްސަ އެ އޮތޯރިޓީގެ ތައްގަނޑު ޖަހައި، ވެލިޑޭޓްކޮށްފައިވާ ސަނަދުތަކަކަށް ވާންޖެހޭނެ ކަމަށްވެސް ބުންޏެވެ. އަދި ސަރުކާރުގެ އެކި އިދާރާތަކުން ވަޒީފާދިނުމުގައި ބަލައިގަންނަނީ އެ އޮތޯރިޓީން ގަބޫލުކޮށްފައިވާ ސަނަދުތައް ކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އެހެންނަމަވެސް، މަތީގައި އެ އޮތޯރިޓިން ގަބޫލުކުރާ ސަނަދެއްކަން ކަށަވަރުނުކޮށް ބައެއް ސަނަދުތަކުގެ މައުލޫމާތު އެކި ގޮތްގޮތަށް ހާމަކުރަމުންދާކަން ފާހަގަވެފައިވާ ކަމަށާއި މިފަދަ ސަނަދުތަކުގެ ތެރޭގައި އެ އޮތޯރިޓީން ގަބޫލުނުކުރާ ކަމަށް އާއްމުކޮށް އިއުލާންކޮށްފައިވާ ސަނަދުތައް ހިމެނޭކަމަށްވެސް ބުނެފައިވެއެވެ. އޭގެ އިތުރުން ސަނަދުތައް ގަބޫލުކުރުމުގެ އުސޫލުތަކުގެ ދަށުން އެކި ސަބަބުތަކާ ހެދި އެ އޮތޯރިޓީއަށް ގަބޫލުނުކުރެވޭ ފަދަ ސަނަދުތައް ވެސް ހިމެނޭ ކަމަށާއި އެހެންކަމުން މުއައްސަސާތަކުންނާއި، ސަނަދު ހާސިލުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް ކޮލިފިކޭޝަން އޮތޯރިޓިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ ކުރިންވެސް ސަނަދުތައް ގަބޫލުކުރާ އުސޫލު އޮންނަނީ މިގޮތަށެވެ. އެގޮތުން މި ވެލިޑޭޝަން ބޭނުން ވާނީ ހަމައެކަނި ރާއްޖެއިން ބޭރުން ހާސިލު ކޮށްފައިވާ ސަނަދުތަކަށް އެކަންޏެވެ.