ލައިފް ސްޓައިލް

ހެދުން އެޅުމުގެ ސްޓައިލަކީ ލޫޅާފަތިކަމާއި ޝަހުސިއްޔަތު އަދި އިތުބާރުވެސް ދައްކައިދޭ ކަމެއް

ތިމާގެ ހަށިގަނޑާ ގުޅޭ ގޮތަށް ހެދުން އެޅުމަކީ އަމިއްލަ ނަފުސަށް އޮންނަ ޔަގީންކަން ވަރަށް ބޮޑުވާ ކަމެކެވެ. ހަމަޖެހިގެން ދުވަސް ހޭދަކޮށްލެވޭ ކަމެކެވެ. އަމިއްލަ ހަށިގަނޑާ ގުޅޭ ގޮތަށް ހެދުން އަޅަން ދަސްކުރުމަކީ އަންހެން، ފިރިހެން ތަފާތު ކަމެއް ނެތި ތަރައްގީ ކުރަން ޖެހޭ މުހިންމު ހުނަރެކެވެ. ބަރުދަން އިތުރުވިޔަސް މިއީ ކުރެވިދާނެ ކަމެކެވެ.

ތިމާގެ ޕޮޒިޓިވް ފީޗާސް އަށް ބާރު އަޅާނެ ގޮތްތައް ދަސްކޮށް، ލައިގެން ހުންނަ އެއްޗަކާ މެދު އިތުބާރު ކުރެވޭނެ ގޮތްތައް ދަސްކުރާށެވެ.

އެންމެ ފުރަތަމަ ކަމަކީ ތިމާގެ ހަށިގަނޑުގެ ބައްޓަމާއި އިސްކޮޅާއި ހެދިހުރި ގޮތާ ގުޅޭނެހެން، އެންމެ ރަނގަޅަށް މަސައްކަތް ކުރަނީ ކޮން ޑިޒައިންތަކެއްކަން އެނގުމެވެ. ހޮރިޒޮންޓަލް ސްޓްރައިޕްސް އާއި މާ ގިނައިން ޕެޓާންސް ހުންނަ ފޮތީގެ ހެދުންތަކާ ތަކުން މީހާގެ ބައްޓަމާއި އިސްކޮޅު ފާޅުވާލެއް ބޮޑުވާނެއެވެ. ސަބަބަކީ ދިގަށާއި ހުރަހަށް ހުންނަ ރޮނގުން މީހުންގެ ސަމާލުކަން ވަރަށް ފަސޭހައިން ދަމައިގަންނާތީއެވެ. ހަށިގަނޑު ލޫޅާފަތިކޮށް ފެންނަން ބޭނުންނަމަ ވަރުގަދަ ކުލަތަކަކީ ރައްކާތެރި ގޮތެކެވެ. ބޮޅުޖެހި ފޮތިތަކާއި އެކިކަހަލަ ކުދި ކުރެހުންތައް ދިގަށް ހުންނަ ހެދުންތައް ދުރަށް ސާފުކޮށް އަލިގޮތަކަށް ދައްކާނެއެވެ.

ކަޅުކުލައަކީ ވަރަށް ލޫޅާފަތިކަމަށް ދައްކާ ކުލަ އެކެވެ. ހާއްސަކޮށް އަނދިރި ކުލަތަކުން ހެދުން އެޅުމަކީ ހަށިގަނޑު ފާޅުވުން ކުޑަކޮށްދޭ ކަމެއްވެސްމެއެވެ. ގަދަފަދަ ދިހުން އަރާ ކުލަތައް އެއްކޮށްގެން ހެދުން ލައިގެން މީހުންގެ ސަމާލުކަމަށް ގެނައުމަކީ ކަމުދާ ގޮތެއް ނޫނެވެ.

އެއްކުލައިގެ ހެދުންތަކަކީ އެއާއެކު ކޮންމެވެސް މަންޒަރެއް، ޑިޒައިނެއް ހުރި ފޮއްޗަކުން ބުރުގާ ނޫނީ ސްކާފެއް ފަދަ އެއްޗެއް ބޭނުން ކުރުމުން ހެދުމާއެކު މީހާގެ ސިފަވެސް އަލިކަމަށް ދައްކާނެއެވެ.

ރަސްމީ ހެދުން އެޅުމުގައިވެސް މާބޮޑަށް ގޮތް ދެއްކުމާއި ހަވީރީ ފަރުމާތަކާއި ގަޔަށް ބާރުކޮށް ހުންނަ ވައްތަރުތައް އެހާ ރަނގަޅެއް ނޫނެވެ. ރީތިކޮށް އާދައިގެ އެހެނަސް ވީހާވެސް ފުރިހަމައަށް ހެދުން އެޅުމަކީ ޝަހުސިއްޔަތު ވަރުގަދަކަމަށް ދައްކުވައިދޭ ކަމެކެވެ.