ޚަބަރު

މިއަހަރު ނިމުމުގެ ކުރިން ޕިކްނިކް އައިލެންޑް ހުޅުވަނީ

ރިފާ ހަލީލު

މާލޭ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދާނެ ރަށެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކ. ކުޑަގިރި، މި މަސް ނިމުމުގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ކުޑަގިރި އެންމެ ފުރަތަމަ ހުޅުވަން ނިންމީ މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިދިޔަ މަހުގެ 11 ވަނަ ދުވަހު ހުޅުވަން މަސައްކަތް ކުރި ނަމަވެސް އެރަށުގައި ކުރަން ހުރި މަސައްކަތްތައް ނުނިމޭ ކަމަށް ބުނެ އަނެއްކާވެސް އެރަށް ހުޅުވުން ފަސްކުރިއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ވަން" އަށް މިއަދު ވިދާޅުވީ ކުޑަގިރި ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

އަކްރަމް ވިދާޅުވީ ކުޑަގިރި މިއަހަރު ނިމުމުގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާލޭ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ސޯލިހު ވަނީ މި އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު ކުޑަގިރިއަށް ވަޑައިގެން އެރަށު މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފައެވެ. އަދި ވަނީ އެރަށް ފެހިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ހަވާލުކުރީ އެމްޓީސީސީއާއެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކުރީ 41 މިލިއަން ރުފިޔާއެވެ.

ކުޑަގިރިއަކީ ތިލަފުށީ ކައިރީގައި އޮންނަ ފަޅެކެވެ. އެ ފަޅު އޮންނަނީ ދޯނީގައި 30 ވަރަކަށް މިނެޓުން އަދި ލޯންޗުގައި ދިިހަ ވަރަކަށް މިނެޓުން ދެވޭ ހިސާބުގައެވެ.

ކުޑަގިރި އާއި މާލެއާ ދެމެދު ފެރީގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މިމަހުގެ ދެވަނަ ދުވަހު ވަނީ އިއުލާންކޮށްފައެވެ.

އެގޮތުން މާލެ އާއި ކުޑަގިރިއާ ދެމެދު ކޮންމެ ދުވަހަކު ފެރީ ދަތުރުތައް ކުރުމަށް އެޗްޑީސީން ހޯދަނީ ހަތަރު ފެރީ ދޯންޏެވެ. އެއީ 50 އާއި 70 އާ ދެމެދުގެ މީހުންގެ ޖާގައިގެ ދެ ފެރީގެ އިތުރުން 80 އާއި 100 އާ ދެމެދުގެ މީހުންގެ ޖާގައިގެ ދެ ފެރީއެވެ.

ފެރީ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ގަޑިތައް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. އެގޮތުން މާލެ އިން ކުޑަގިރިއަށް ފެރީ ދަތުރުތައް ބާއްވަނީ ހެނދުނު 06:30 އާއި 06:50 އާއި 07:10ގައެވެ. އަދި ކުޑަގިރިން މާލެއަށް ފެރީ ދަތުރުތައް ބާއްވަނީ ހަވީރު 17:20 އާއި 17:40 އަދި 18:00ގައެވެ. ނަމަވެސް ހިދުމަތް ދޭން ފެށުމާއެކު މި ތާވަލަށް ބަދަލު އައުން އެކަށީގެންވާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ފެރީގެ ހިދުމަތްދޭނެ ފަރާތެއް ހޯދަން އިއުލާންކުރި ނަމަވެސް ކުޑަގިރިއަށް ދެވޭނެ އަގެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކުޑަގިރި ތަރައްގީކޮށްފައި ވަނީ އާއިލާތަކަށް ހިތްފަސޭހަކަމާ އެކު ވަގުތު ހޭދަކުރެވޭ ގޮތަށެވެ. މާލެއާ 10.5 ކިލޯ މީޓަރު ދުރުގައިވާ ކުޑަގިރި ހިއްކަން ޕްލޭންކުރީ ދަތުރުދާން ރަށަކާ އެކު 1.5 ހެކްޓަރުގެ ސޭންޑްބޭންކް ގޮތަށް ފިނޮޅެއް ވެސް ހަދާ ގޮތަށެވެ.