ވޯލްޑް ކަޕާ ދިމާކޮށް ކޮކާކޯލާ އިން ކުރިއަށްގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން ގަތަރަށް ފުރައިފިއެވެ.
ކޮކާކޯލާއިން މިއަދު ބުނީ ފީފާ ވޯލްޑް ކަޕް ގަތަރު 2022ގެ މެޗެއް ލައިވްކޮށް ބަލައިލުމަށް ޕްރޮމޯޝަންގެ ނަސީބުވެރިންގެ ގޮތުގައި ހޮވުނު 8 މީހަކާއި އެ މީހުންގެ ބައިވެރިން ގަތަރަށް ދިއުމަށް މިދިޔަ އާދީއްތަ ދުވަހު ފުރާފައިވާ ކަމަށެވެ.
ކޮކާކޯލާއިން ބުނީ މި މީހުންނަށް ގްރޫޕް ސްޓޭޖުން ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމުތަކުން މުބާރާތުގައި އިތުރަށް ދެމިތިބުމުގެ އަޒުމުގައި ކުޅޭ ފޯރިގަދަ މެޗުތަކުގެ ތެރެއިން މެޗެއް ވަގުތުން ބަލައިލެވޭނެ ކަމަށެވެ. އޭގެ އިތުރުން، ގަތަރާއި ގަލްފް ސަރަހައްދުގެ މުއްސަނދި ސަގާފަތް ދެނެގަނެ ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.
ކޮކާކޯލާއިން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގައި 8 މީހަކަށް ވަނީ އިތުރު މީހަކާ އެކު ހުރިހާ ހަރަދެއް ލިބޭ ގޮތަށް ފީފާ ވޯލްޑް ކަޕް ގަތަރު 2022ގެ މެޗެއް ލައިވްކޮށް ބަލައިލަން ގަތަރަށް ދިއުމުގެ ފުރުސަތު ލިބިފައެވެ. އަދި އިތުރު 8 ނަސީބުވެރިއަކަށް މި ފަހަރުގެ މުބާރާތުގައި ބޭނުންކުރާ ރަސްމީ ބޯޅަ ކަމަށްވާ "އަލް ރިހްލާ ޕްރޯ" މަރުކާގެ ބޯޅަ ލިބިފައިވެ އެވެ. އެހެން ނަސީބުވެރިންނަށް ގޭމިން ކޮންސޯލާއި ފީފާ 22 ގޭމު ހިމެނޭ ބަންޑްލްއެއް ވެސް ދިނެވެ. މީގެ އިތުރުން، ދެން ހޮވުނު ނަސީބުވެރިންނަށް ދީފައި ވަނީ، ގޭގައި ތިބެގެން ވޯލްޑް ކަޕް ބަލާއިރު ކޮކާ-ކޯލާގެ މީރު ރަހަޔަށް އިންސާފުކޮށްލުމަށް ކޮކާ-ކޯލާ ކޭސްތަކެވެ.
ކޮކާކޯލާއިން ބުނީ ފުޓުބޯޅައަށް ލޯބިކުރާ ދިވެހިންނަށް ޝައުގުވެރި ޕްރޮމޯޝަންތަކާއި މުބާރާތުގެ މެޗުތައް ދެއްކުމާއި އެ ނޫން އިތުރު ހަރަކާތްތައްވެސް ކުރިއަށް އޮތްތަނުގައި ރާވާފައިވާ ކަމަށެވެ. "ކޮކާކޯލާ ފޭން ޒޯން"ގެ ނަމުގައި ވޯލްޑް ކަޕަށް ހާއްސަ ވެބްސައިޓެއް ވެސް ތައާރަފުކޮށްފައިވާ ކަމަށާއި އެ ވެބްސައިޓް މެދުވެރިކޮށް، ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް މެޗުތަކުގެ ސްކޯ ދިމާކޮށްގެންނާއި އެކި ކަހަލަ "ވައުދު" ވެގެން އެ މީހަކު ސަޕޯޓުކުރާ ޓީމަށް ކުރާ ސަޕޯޓު ދައްކާލެވޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ކޮކާކޯލާ ކުންފުންޏަކީ ފީފާގެ އެންމެ ގިނަ ދުވަސްވީ ކޯޕަރޭޓް ޕާޓްނަރުންގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. 1974 ވަނަ އަހަރު ރަސްމީ ސިފަ ޖެހިގެން ދިޔަ މި ގުޅުމުގެ ތެރެއިން، ކޮކާކޯލާއިން އަންނަނީ 1978 ވަނަ އަހަރުން ފެށިގެން ފީފާ ވޯލްޑް ކަޕުގެ ކޮންމެ މުބާރާތެއް ވެސް ސްޕޮންސާކުރަމުންނެވެ. ކޮކާކޯލާ އިން ވަނީ 1950 ވަނަ އަހަރުން ފެށިގެން ކޮންމެ ފީފާ ވޯލްޑް ކަޕް މުބާރާތެއްގައި ވެސް ސްޓޭޑިއަމްތަކުގައި އިޝްތިހާރު ކޮށްފައެވެ.
ކޮކާކޯލާއިން ވަނީ 2006 ވަނަ އަހަރުން ފެށިގެން ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ އިންތިޒާމްކޮށްފައެވެ. 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ ރާއްޖެއަށް ޒިޔާރަތްކޮށް، ފީފާ ޓްރޮފީއާ އެކު ދިވެހީންނަށް މި ތަފާތު ތަޖުރިބާކޮށްލުމުގެ ޝަރަފު ވަނީ ލިބިގެން ގޮސްފައެވެ.