ވާހަކަ

ދީވާނާ ހިތް - 01

3

ފުރަތަމަ ބައި

ވެހެމުންދާ ވާރެއަށް ބަލަހައްޓައިގެން ހުރި ނަވާލް ސިހުނީ އޭނާގެ ބުރަށީގައި މީހަކު ޖެހިލިހެން ހީވުމުންނެވެ. ސިހިފައި ފަހަތަށް އެނބުރި ބަލައިލި އިރު އޭނާއަށް ހީވީ ހަމަ ރަނގަޅަށެވެ. އޭނާގެ ބުރަކަށީގައި މޫނު ޖައްސާލައިގެން އެހުރީ މަންޝާއެވެ. ދެފަރާތް ހޯދައި ބަލައިލުމަށްފަހު ނަވާލް ދުރަށް ޖެހުނެވެ. ނަވާލްގެ އަމަލުން މަންޝާއަށް ހެވުނެވެ.

"ސޮރީ ހަމަ ކެއްނުވީ" މަންޝާ ބުންޏެވެ.

ނަވާލް އެއްޗެއް ނުބުނެ ގޮސް އޭނާގެ ގޮނޑީގައި ޖައްސާލިއެވެ.

"ކޮފީ؟" މަންޝާ ބުންޏެވެ. ނަވާލް ދެފަރާތަށް ބޯހޫރާލިއެވެ. މަންޝާ ހުރީ ކޮފީ މެޝިން ކައިރީގައެވެ.

"މިކަހަލަ ފިނި ދުވަހެއްގަ ހޫނު ކޮފީއެއް ބޯލުމަކީ ހާދަ ހިތްހަޖެހުން ލިބޭ ކަމެކޭ" މަންޝާ ބުންޏެވެ.

"އަހަރެން ހިތްހަމަޖެހުން ބޭނުންވަނީ ކޮފީއަކުން ނޫން. މަންގެ ތި މޫނު ފެނުނަސް އަހަރެން ހިތްހަމަ ޖެހޭ" ހީލަމުން ނަވާލް ބުންޏެވެ. ގޮނޑީގައި ލެނގިލައިގެން އިންއިރު ނަވާލްގެ ކަތިނަޒަރު ހުއްޓިފައިވަނީ މަންޝާގެ މޫނަށެވެ. މަންޝާ ހީލަމުން އައިސް ނަވާލް ގެ މޭޒު ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.

"މަން މިގަޑީގަ މިތަނުން ފެނުން އެހާ ރަނގަޅެއް ނޫން. މި އޮފީހުގަ ގިނައީ ކެމެރާމަނުން. އަވަހަށް ދޭ ސްޓޭޝަނަށް" ނަވާލް ބުންޏެވެ.

"އަހަރެންގެ ވެރިޔާ ކައިރިއަށް އަހަރެން އައުމަކީ މައްސަލައެއްތަ؟ އެހެންމީހުންވެސް ކަމެއް ބޭނުންވީމަ ހަމަ އަންނަނީނު" މަންޝާ ބުންޏެވެ.

އެވަގުތު އެއީ އޮފީހުގެ އެހެން މުވައްޒަފެއް ޕްރިންޓުކޮށްފައި ހުރި ގަނޑުތަކެއް ހިފައިގެން އެތަނަށް ވަން ވަގުތެވެ.

"އޯކޭ. ދެން އެންމެ ރަނގަޅު މަންޝާ ދިޔަސް. އަހަރެން ތިކަން ހަމަޖައްސާނަން" ސީރިޔަސްކަން މޫނު މައްޗަށް ގެނުވަމުން ނަވާލް ބުންޏެވެ. މަންޝާ ހީލައިގެން ހުރެ ތެދުވެގެން ހިނގައިގަތެވެ. ދޮރާ ހަމައިން ހުއްޓިފައި ލޯބިވެތި ނަޒަރެއް ނަވާލާ މަންޝާ ބަދަލުކޮށްލިއެވެ.

**********

މަންޝާ އާއި ނަވާލް އަކީ އެއް އޮފީހެއްގައި ވަޒީފާ އަދާކުރާ ދެ ޒުވާނުންނެވެ. ލޯބީގެ ގޮތުން ދެކުދިން ގުޅުނުތާ އަދި ވީ މަހެއްހާ ދުވަހެވެ. ނަވާލަކީ ތިންކުދިން ހުންނަ ތަނަވަސް އާއިލާއެއްގެ މެދަށް ހުންނަ ކުއްޖާއެވެ. ނަވާލްގެ ބޮޑަށް ދޮންބެ ނަޒާން ހުންނައިރު ކުޑައަށް ހުންނަނީ އެއާއިލާގެ ހަމައެކަނި އަންހެންކުއްޖާ ނާޔާއެވެ.

**********

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ފަތިސް ނަމާދަށް ފަހު ޖޮގިންއަށް ނަވާލާއި ނަޒާން އަބަދުވެސް ނުކުމެއެވެ. ދެކުދިން ގެއަށް އައިސް ވަނީ އެކީގައެވެ. އޭރު ބަދިގޭގައި ސައި ހަދަން ދެކުދިންގެ މަންމަ މާޝިތާ ހުއްޓެވެ. ދެކުދިން ފެނުމާއެކު ފެންވަރައިގެން އަވަހަށް ސައިބޯން އައުމަށް އެދުނެވެ.

"މި އަންނަނީ ފެންވަރައިގެން" ނަޒާން ބުންޏެވެ. ވަރުބަލިވެފައި އިން ނަވާލް ސޯފާއަށް ވެއްޓިގަތް މަންޒަރު ފެނުމުން މާޝިތާއަށް ހެވުނެވެ.

"ނަވާލަށް ލަހެއްނުވޭތަ؟" މާޝިތާ ބުންޏެވެ.

އޮފީހަށް ދާން ތައްޔާރުވެގެން ނަވާލާއި ނަޒާން ސިޑިން ފޭބީ އެކީގައެވެ. ފަހަތުން ދަބަސް ހިފައިގެން ފޭބި ނަޔާ ފެނުމުން ނަވާލް ހުއްޓުނެވެ. ފޯނެއްގައި ހުރެ ނަޒާން ކުރިއަށް ދިޔައެވެ.

"މީ އަޅެ ހަނޑޫ ބަސްދާއެއްތަ" ނަޔާ އަތުން ދަބަސް އަތުލަމުން ނަވާލް ބުންޏެވެ. ނަޔާ އަނގަ ހަދާލިއެވެ. ނަޔާ ތައުލީމް ހާސިލުކުރަމުންދަނީ ގްރޭޑް ބާރައިގައެވެ.

"ގުޑްމޯނިންގް ބައްޕާ" ގޮނޑި ދަމާލާފައި އިށީންނަމުން ނަވާލް އޭނާގެ ބައްޕަ އާމިރަށް ހެނދުނުގެ ސަލާމް ގޮވާލިއެވެ. ފަހަތުން ނަޒާން އައިސް ހަމަ އެގޮތަށް ކަންތައްކޮށްފައި ގޮނޑީގައި ޖައްސާލިއެވެ. އާމިރު އޭނާގެ ބޮޑުވެފައިވާ ދެ ދަރިންނަށް ހިނިތުންވުމެއް ދިނެވެ. ދޮއްޓަށް ތިބި ދެ ފިރިހެން ދަރިންނަކީ އާމިރުގެ މުޅި ދުނިޔެއެވެ. އޭނާގެ ފަހުރެވެ. ދެ ދަރިންގެ މޫނަށް ބަލައިލެވޭ ކޮންމެ ފަހަރަކު އާމިރަށް ހީވަނީ ލޯގަނޑު ކުރިމަތީގައި ހުރެ އަމިއްލަ ސޫރައަށް ބަލައިލެވޭ ހެންނެވެ.

"މަންމާ! އަޅުގަނޑު ބުނީ ނާޔާގެ ދަބަހަށް މިހުރީ ކޯއްޗެއް އަޅާފަތަ؟ ހާދަ ބަރޭ. ގޭގައި ހުރި ހުރިހާ ފޮތްތަކެއް އަޅައިގެންތަ ދަނީ" ސައިބޯން އިން ނަވާލް ޝަކުވާކޮށްލިއެވެ.

"ތެދެއް އެބުނީ. ކުރީ ދުވަހު އަޅުގަނޑު ވެސް ކިރިޔާ ސައިކަލާއެކު އަރިއަޅާ ނުލީ. ހީކުރާނެތަ އެހާ ދަބަސް ބަރުވާނެ ކަމަށް" ނަޒާން ވެސް ނަވާލާ އެއްބައިވިއެވެ.

"ދޮންބެ އާއި ތިއްތި ކިޔެވީ އިރު އެހާ ފޮތްތަކެއް ގެންދަން ނުޖެހުނަސް ނާއްކޮ ޖެހެއޭ ގެންދަން. މިއަދު ދަބަސް އެހާ ބަރުވީ އެކައުންޓް ޕާސްޓްޕޭޕަރ އޮތީމަ" މައިލޯތަށި ހިފައިގެންއިން ނާޔާ ބުންޏެވެ.

"އަވަސްކުރޭ ދަރިފުޅާ. ދަރިފުޅު ގޮވައިގެން މިއަދު ދާނީ ބައްޕަ" އަތްމަތި އަވަސް އަރުވާލާފައި އުޅުނު މާޝިތާ ބުންޏެވެ.

"ފަތިސް ނަމާދުކުރިންތަ؟" ނަވާލް ނާޔާއަށް ބަލައިލަމުން އެހިއެވެ. ނަޒާން ވެސް ނާޔާއަށް ބަލައިލީ އެސުވާލުގެ ޖަވާބު އެނގެން ބޭނުންވެގެންނެވެ. ނާޔާ އޭނާގެ ދެދަތް ދޭތެރޭގައި ދޫފިއްތާލިތަން ފެނުމުން ނަވާލް ދެބުމަ ގޮށްޖަހާލިއެވެ.

"މަންމަ އެކޮޓަރިން ނުކުތީ ނާޔާ ކޮޅަށް ޖަހާފައި. އެވަރުންވެސް ނުކުރަންދޯ" ދެފިރިހެން ދަރިން ކައިރީގައި ކޮޅަށް ހުރި މާޝިތާ ބުންޏެވެ.

"ނާއްކޮއަށް ނިދުނީ" އިސްއޮބާލައިގެން އިނދެ ނާޔާ ބުންޏެވެ. ދެން ފާއިތުވެގެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ.

"މަންމާ!! ނާޔާއަށް އެއްވެސް ކަމެއް ދެން ނުކޮށްދޭނަން. ފަތިސްނަމާދު ނުކުރާ މީ ތިންވަނަ ދުވަސް. އަޅުގަނޑު ބޭނުމެއް ނޫން ނަމާދުނުކުރާ ކުދިންނަށް ކަންތައްކޮށްދޭން" ނަޒާން ބުންޏެވެ. ނަވާލްވެސް ނަޒާނާ އެއްބައިވިއެވެ.

"ކޮބާ ދަރިފުޅާ. މަންމަ އާއި ބައްޕަ އަބަދުވެސް ބުނާ ވާހަކައެއްމީ. އަބަދުވެސް އެންމެ އިސްކަމެއްދީގެން ކުރަންވާނެ ކަމަކީ ނަމާދު ކުރުމޭ. ދަރިފުޅު ދުވަހަކުވެސް ދެކުނިންތަ މަންމަ ނަމާދުނުކޮށް ހުއްޓާ. ބަންގި ގޮވުމާއެކު ބައްޕަ ވެސް ދޮންބެވެސް އަދި ތިއްތި ވެސް މިސްކިތަށްދާތަން ދަރިފުޅަށް ފެންނާނެ. ދެން ދަރިފުޅު ކީއްވެ ފަރުވާކުޑަ ކުރަނީ. ނަމާދުނުކޮށް ހުއްޓައި މަރުއައިސް ބައްދަލުކޮށްފިނަމަ ކިހާދެރަ. ކަށްވަޅުގައި އެމީހަކަށް އޮތް ގޮތެއް ހިތަށް އަރުވަންވެސް ނޭނގޭނެ" ނާޔާގެ ބޮލުގައި ފިރުމަމުން ވާހަކަދައްކަން ހުރި މާޝިތާގެ ބަނޑާ ހަމައިގައި ކުއްލިއަކަށް ނާޔާ ބައްދައިގަތެވެ. އޭނާއަށް ރޯން ފެށުނެވެ. އޭނާ ބިރުގަނެއްޖެއެވެ. ހިތުގައި އޮންނަނީ ދުވަހަކުވެސް ނަމާދެއް ނޭޅުމަށެވެ. އެހެންނަމަވެސް ބައެއްފަހަރު ފަރުވާކުޑަކުރެވެއެވެ.

"ދޮންބެ އާއި ތިއްތި އައިމަ ދަރިފުޅު މައާފަށް އެދޭނީ. މިހާރު މާލަސްވެއްޖެ. އަވަހަށް ހިނގާ ދަމާ. މާޝީ!! މެންދުރަށް ތަންކޮޅެއް ރަނގަޅު ކެއުމެއް ތައްޔާރުކޮށްލައްޗެ" ނާޔާގެ ދަބަސް ހިފައިގެން އާމިރު ތެދުވެ ހިނގައިގަތެވެ.

އާމިރުގެ ދެފިރިހެން ދަރިންވީ ވިސްނުން ތޫނު ހަރުދަނާ ދެ ދަރިންނަށެވެ. ދީނީ ކަންކަމުގައި ވާދަކުރާ ވަކި އުސޫލެއްގެ ތެރޭގައި ކަންކަން ކުރާ ކުދިބަޔަކަށެވެ. އުމުރުން ހަތް އަހަރުން ފެށިގެން އެއިން އެއްވެސް ކުއްޖަކަށް ނަމާދެއް ކުރަން ހަނދާންކޮށްދޭން ނުޖެހެއެވެ. ގުރުއާން މުބާރާތްތަކުގައި އަބަދުވެސް ރަންވަނަ ހާސިލުކުރާ ކުދިބަޔެކެވެ. ދޮށީ ދެ ދަރިންނާމެދު އާމިރުގެ ދެމަފިރިން ފަހުރުވެރިވާ މިފަދަ ބައިވަރު ކަންކަމެވެ.

************

އޮފީސް ފާހާނާއިން ނުކުތް މަންޝާގެ ކަންފަތުގައި ޖެހުނީ ބައެއްގެ ޒުވާބެއްގެ އަޑެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން އޭނާ އަވަސް ފިޔަވަޅުތަކެއްގައި ކުރިއަށް ހިނގައިގަތެވެ. ފައިސާއާ ބެހޭ ޑިޕާޓްމަންޓާ ހަމަވިތަނާ މަންޝާގެ ކަންފަތުގައި ޖެހުނީ ނަވާލްގެ އަޑެވެ. މަންޝާ އަވަސް އަވަހަށް ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ.

"މިބުނީނު ލޮކަރުގެ ތަޅުދަނޑި މި މަހު އަހަރެން އަތަށްދޭށޭ" ޝައިހާން ބުންޏެވެ. ޝައިހާން ލައިގެން ހުރި ގަމީހުގެ މޭމަތީ ދެގޮށް ހުރީ ނެއްޓިފައެވެ. ޝައިހާނަށް ބަލައިލަމުން މަންޝާ މޫނު ކުނިކޮށްލިއެވެ. ޝައިހާނަކީ މަންޝާ މާ ހިތްހަމަޖެހޭ ޒުވާނެއް ނޫނެވެ.

"ކިހިނެއްވެގެން މިއުޅެނީ...؟" ދެމީހުންގެ މެދުގައި ހުރި މަންޝާ އެހިއެވެ.

"ޝައިހާން! ކަލޭ ތިބުނީ މަށަކީ ވަގެކޭތަ؟ މަށޭތަ ރޭ ދަންވަރު މިތަނަށް ވަނީ. ބުނަން ކަލޭ ތިހީކުރާހާ ދަށުދަރަޖައިގެ އަމަލެއް އަހަރެން ނުހިންގަން" ނަވާލް ހުރީ ރުޅިން ފަޅައިގެންދާން ގާތްވެފައެވެ. ނަމަވެސް ވާހަކަދެއްކުމުގައި އޭނާ އިހުތިޔާރުކުރީ މަޑުމައިތިރިކަމެވެ. އެއްވެސް މީހަކާ ބާރަށް ވާހަކަދެއްކުމަކީ އޭނާގެ އުސޫލެއް ނޫނެވެ.

"މިއަދު އަހަރެން ބޮސް ކައިރިއަށް ދާނަން. މިތަނުގެ ހުރިހާ ކަމެއް ކަލޭ ބޭނުންހާ ގޮތަކަށް ނުވާނެ. މި ޑިޕާޓްމަންޓުގައި ކަލޭގެ ދަށުން މަސައްކަތް ކުރާކަށް އަހަރެން ނުހުންނާނަން" ނަވާލަށް ޝަހާދަތް އިނގިލިން އިޝާރަތް ކުރަމުން ޝައިހާން ބުންޏެވެ.

"ދޭ އަވަހަށް. ކީއްކުރަން ތިހުންނަނީ؟ ކަލޭ މިތަނުން ދިޔައިއްޔާ މަށަށް ރަނގަޅީ. ހެނދުނު ހެނދުނާ އަހަރެންގެ މޫޑް އޮފްކުރަން ނޫޅޭ. ކަލެއަކީ މިތާ ކިހިނެއް މަސައްކަތް ކުރާ މީހެއްކަން މިތަނުގެ މަސައްކަތު މީހަކަށް ވެސް އޮޅިފައެއް ނުވާނެ" ކުއްލިއަކަށް ފެނުނީ ޝައިހާން ނަވާލް ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފިތަނެވެ. މަންޝާ ތެޅިގަތީ ދެނެވެ.

"ޝައިހާން!! ހަމަ މިހާރު އަހަރެންގެ ކެބިންއަށް އާދޭ" އިވުނީ އޮފީސް ބޮޑު މީހާ ޖައުފަރުގެ އަޑެވެ. ޝައިހާން އަތް ތިރިކޮށްލުމަށްފަހު ދިޔައީ ނަވާލަށް ފާޑަކަށް ބަލާލައިފައެވެ. ގަމީސް ރީތި ކޮށްލަމުން ނަވާލް ގޮނޑީގައި އިށީނެވެ. އިރުކޮޅަކުން މަންޝާ އައިސް ނަވާލް ކައިރީގައި ހުއްޓުނެވެ.

"ކިހިނެއްވީ އަސްލު" ނަވާލްގެ އިސްތަށިގަނޑު ރީތިކޮށްލަމުން މަންޝާ އެހިއެވެ.

"ނުބައި ދިމާލަކުން އިރުއެރީ ކަންނޭނގެ" މަޑުމަޑުން ނަވާލް ބުންޏެވެ.

"ދެން ބުނެބަލަ. އަހަރެންގެ ސަބަބުންތަ...؟" މަންޝާ އެހިއެވެ.

"ކީއްވެ ތިހެން ތިބުނީ؟" ހައިރާންވެފައި ނަވާލް އަހައިލިއެވެ.

"ރޭގައި ޝައިހާން މެސެޖް ކުރި. ވަރަށް ފާޑެއްގެ ވާހަކަތަކެއްވެސް ދެއްކި. ހީވަނީ އޭނާގެ ނިޔަތް ރަނގަޅު ނޫންހެން" މަންޝާ ބުންޏެވެ.

"އެހެންތަ! އިތުރަށް އޭނާގެ އުނދަގުލެއްވިއްޔާ ބުނާތި. އަހަރެންވެސް މަޑުން ނުހުންނާނަން" ނަވާލް ބުންޏެވެ.

********

އެނދުގައި އޮތް އާމިރު އިރުކޮޅަކާ ފާހާނާއާ ދިމާލަށް ބަލައިލައެވެ. މާޝިތާ ފާހާނައިން ނުކުންނާނެ އިރެއްގެ އިންތިޒާރުގައި އޭނާ އޮތެވެ. ހީވާގޮތުން ވާހަކަދައްކާލަން ބޭނުންވެފައެވެ. މާޝިތާ ފާހާނާއިން ނުކުމެގެން ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ.

"އަދިވެސް ރޯގާގެ އުނދގުވަނީތަ؟" އާމިރަށް ބަލައިލަމުން މާޝިތާ އަހައިލިއެވެ.

"ނޫނޭ. ކޮންއިރަކުން ނިދަން އަރާނީ؟" އާމިރު އެއްފަރާތަކަށް ޖެހިލަމުން ބުންޏެވެ.

"މިއެރުނީ. ވަރަށް ހީވޭ ވާހަކައެއް ދައްކަން އުޅޭހެން. ކިޔާބަލަ" އެނދަށް އަރައި ބާލީސް މަތީގައި ބޯއަޅަމުން މާޝިތާ އަހާލިއެވެ.

"މިގޮތަށް ވާހަކަދައްކާ ނުލެވޭތާ ކިހާ ދުވަހެއް. ދަރިން ބޮޑެތިވެފައި ތިއްބަސް އަހަރެމެންވެސް ޖެހޭނެދޯ އެއްތަނެއްގައި އޮވެ ވާހަކަދައްކާލަން. ކޮންމެ ރެއަކު އަހަރެން ފިހާރަ ނިންމާފައި އަންނައިރު މާޝީ އޮންނާނީ ނިދާފަ. ދެން އަހަރެންވެސް އުނދަގުނުކޮށް ބަލަނީ އަވަހަށް ނިދާލެވޭތޯ" އާމިރު ދުރުދުރުން ވާހަކަ ފެށިއެވެ.

"ހޫނ ދެންހެވޭ. އަވަހަށް ކިޔާބަލަ ތިކިޔަން އުޅޭއެއްޗެއް" މާޝިތާ އާމިރު އޮތް ދިމާލަށް އެނބުރިލިއެވެ.

"ރައޫފްގެ ވާހަކައެއް ދައްކަން މިއުޅެނީ. އެނގޭތަ މިއަދު ރައޫފަށް ކާފަ ކިޔައިފިކަން" އާމިރު ބުންޏެވެ.

"ހަމަ ރަނގަޅަށް. އެމަންޖެ ވިހެއީދޯ" މާޝިތާ ވެސް އެވާހަކައާ ގަޔާވިއެވެ.

"ހިތަށް އަރާ އަހަރެންނަށް އެފަދަ ދަރަޖައެއް ލިބޭނީ ކޮން ދުވަހަކުން ބާއޭ" އާމިރު ބުންޏެވެ.

"އަދި ނެތެއްނު ނުލިބިފައެއް. ޒާންގެ އުމުރުންވެސް އަދި އެންމެ ވިހި އަހަރު. އެއީ އެންމެ ބޮޑު މީހާ. ނަވާލަށް ވެސް ނަވާރަ އަހަރު. އެކުދިން މީހުންނާ އިންނަން ބޭނުންވެގެން ބުނިހާ އަވަހެއް އޮންނާނީ. އަހަރެންގެ ރުހުން ލިބޭނެ" މާޝިތާ ހަމަޖެހިލަމުން ބުންޏެވެ.

"މާޝިއަށް ހީވޭތަ އެދެބެން އެކަހަލަ ކަމެއް ކުރާހެން" އާމިރު އެހިއެވެ.

"މިހާރު އުޅޭ ކުދިން އުޅޭ އުޅުމަކުން އެކުދިންގެ ހިތް ދެނެގަންނާކަށް ފަސޭހައެއް ނުވާނެ. ޒާންވެސް އެކަހަލަ ކަމެއް ނުކުރެއެކޭ ނުބުނާނަން. ކަންބޮޑުވަނީ ނަވާލާމެދު" މާޝިތާ ބުންޏެވެ. އާމިރު އިތުރަށް ގަޔާވިއެވެ.

"ކީއްވެ ތިހެން ތިބުނީ؟" އާމިރު އަހާލިއެވެ.

"އަހަރެމެންގެ އެންމެ ތަފާތު ދަރިއަކީ ނަވާލް. އެންމެ މަޑުން ހުންނަ ދަރިއަކީ ވެސް އެއީ. އެސޮރު އެގެންގުޅޭ ވަރުގަދަ އުސޫލުތަކެއްގެ ސަބަބުން މީހަކާ އިނދެގެން އުޅެވިދާނެބާއޭ ހިތަށް އަރަނީ. ހަށިގަނޑުން އެންމެފަހު ނޭވާ ނެރެން ޖެހުނަސް އެ އުސޫލުތަކާ އެސޮރު ހިލާފެއް ނުވާނެ. ހިތަށް އަރާ ކާކުގެ ފަރާތުން ވާރުތަވެފައިވާ ކަމެއްބާއޭ އެއީ" މާޝިތާ ވާހަކަދައްކަމުން ދިޔައެވެ.

"ހަނދާންނެތުނީތަ؟ މާޝިގެ ބައްޕަގެ ގޮތް އެހުންނަނީ. އެންމެ ރަނގަޅުތާ. އަހަރެންގެ ކޮންމެ ދަރިއަކާ މެދު އަހަރެން ފަހުރުވެރިވަން" އާމިރު ބޯދަށަށް އަތް ލައްވާލަމުން ބުންޏެވެ.

**************

އާދުވަހަކަށް އިރު އަރައިގެން އައި އިރު މ. ފުލްމޫންގޭ ދިލްޝާދު ނޫން ހުރިހާ މެމްބަރުން ތިބީ ނިދާފައެވެ. ހޮނިހިރު ދުވަހަށް ވުމުން އެއްވެސް މީހަކު ހޭލަން ބޭނުންނުވާ ކަހަލައެވެ. މޭޒު މައްޗަށް ސައި އެރުވުމަށްފަހު ދިލްޝާދު ފަހަރަކު ކޮޓަރިއެއް ދޮރު ހުޅުވަމުން ދިޔައެވެ. އޭނާގެ އެއްވެސް ދަރިއެއް އަދި ނުހޭލައެވެ. ދަރިންނަށް ގޮވަން ވެސް ދިލްޝާދު ބޭނުމެއް ނުވިއެވެ. ދެ ދަރިން ހަމަޖެހިގެން ނިދާލަން ލިބޭ ދުވަހަކީ ހަމައެކަނި ހަފުތާގެ ބަންދު ދެ ދުވަހެވެ. އެންމެފަހުން ދިލްޝާދު އައިސް އަލުން ބަދިގެއަށް ވަނެވެ. މެންދުރަށް ކައްކަންވީ އެއްޗެހި ބަދިގޭގައި ހުރި މޭޒުމައްޗަށް ނަގަމުން ދިޔައެވެ. ބޭނުމަކަށްވީ އެތަކެތީގެ ފިނި ފިލުވުމެވެ. ކުއްލިއަކަށް ދިލްޝާދު ސިއްސައިގެން ދިޔައީ އޭނާގެ ފަހަތުން މީހަކު ބައްދައިލުމުންނެވެ. ދިލްޝާދުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެއީ ކާކުގެ އަމަލެއްކަން ދިލްޝާދަށް އެނގުނެވެ.

"ދަތް އުނގުޅައިގެންތަ ތިއައީ؟" ފަހަތަށް އެނބުރިވެސް ނުލައި ދިލްޝާދު ބުންޏެވެ.

"ނޫން" ވަގުތުން ދިލްޝާދުގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އެއީ މަންޝާގެ އަޑު ނޫންކަން އޭނާއަށް އެނގުނެވެ. ދިލްޝާދު ފަހަތަށް އެނބުރުނެވެ. ފަހަތުގައި ހުރި ދޮށީ ދަރިފުޅު ޒަވީ ފެނުމުން ދިލްޝާދު ހައިރާންވިއެވެ. ހިނިވެސްއައެވެ.

"މަންމަ ހީކުރީ މަންޝާ ކަމަށް" ދިލްޝާދު ބުންޏެވެ.

އެވަގުތު ލޮލުގެ ކުޑަކޮޅުން ޒަވީ ދިލްޝާދުއަށް ދުރު ދައްކައިލިއެވެ. ދެލޯ ވަށްކޮށްގެން އެދިމާލަށް ބަލަން ހުރީ މަންޝާ ނޫން ދެވަނަ އިންސާނެއް ނޫނެވެ. ނިދަންލާ ރަތްކުލައިގެ ކުރުތާ އާއި ދޫ ހަރުވާޅުގައި ދެއުކުޅުގައި އަތް ވިދެލައިގެން ހުރި އިރު މަންޝާގެ ބުޅި އިސްތަށިގަނޑު ވަނީ ހޭވިފައެވެ. ބައެއް އިސްތަށިތައް މައްޗަށް އަރާފައިވާ އިރު އިސްތަށިގަނޑު ކަރަންޓުގައި ޖެހިފައިވާ ކަހަލައެވެ.

"ހޫން.... މިހާރު އެނގިއްޖެ މިވީގޮތް" ފުރިޖު ކައިރިއަށް ޖެހިލަމުން ދިލްޝާދު ބުންޏެވެ.

"މަންމާ!! އަޅުގަނޑުގެ ކޮފީތަށި" ޒަވީ ކުޑަކުއްޖެއް ފަދައިން ދިލްޝާދުގެ ގައިގައި ތަތްވެގަންނަމުން ބުންޏެވެ.

"ދެން ދޮންބޭ!! ތީ ބޮޑު މީހެކޭ މިހާރު" ދުރުގައި ބަލަހައްޓައިގެން ހުންނަން މަންޝާއަށް ކެތް ނުވިއެވެ. އެ އައިގޮތަށް ޒަވީ ކޮށްޕާލާފައި ދިލްޝާދުގެ ދެއަތް ތެރެއަށް ވަދެ ހަމަޖެހިލިއެވެ.

"މީ ކޮންދިމާލަކުން އައި ބޯބުޅި ހަނޑިއެއްތަ...؟ ބިރުވެސް ގަނެއްޖެ" ޒަވީ ގޮނޑި ދަމާލާފައި އިށީންނަމުން މަންޝާ އާ ދިމާކޮށްލިއެވެ.

"ހެވޭ ބޯބުޅިއަކަސް" މަންޝާ ބުންޏެވެ.

"ނޭނގެ މަންމައަކަށް. އެއްވެސް މީހަކަށް މިއަދު ކާއެއްޗެއް ނެތް. އެންމެ ފުރަތަމަ ދެބެންވެސް ދާންވީ ދަތްއުނގުޅައި ތޯހިރުވެގެން އަންނަން. ޗީޑި.... ނުބައި ވަސްވެސް ދުވާ އެބަ" ދިލްޝާދު މަންޝާ ގަޔާ ދުރުކޮށްލަމުން ބުންޏެވެ.

ކުއްލިއަކަށް މަންޝާ އާއި ޒަވީ އެކީގައި އެމީހެއްގެ ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ. އެމަންޒަރު ބަލަން ހެވިފައި ހުއްޓާ ދިލްޝާދު ސިއްސުވާލީ ފިރިމީހާ ޒައިދެވެ.

"އަހަރެމެންގެ ދަރިން އަދިވެސް ބޮޑެއްނުވޭ ދޯ" ދިލްޝާދު ކައިރީގައި ހުއްޓެމުން ޒައިދު ބުންޏެވެ.

"އެކުދިން ބޮޑެތި ވާނީ އެންމެ ފުރަތަމަ އެކުދިން ބައްޕަ ކިޔާ މީހާ ބޮޑުވެގެންދޯ" ހީލަމުން ދިލްޝާދު ބުންޏެވެ. ދެބުމަ ގޮށްޖަހާލަމުން އަމިއްލަ ނަފުސަށް ޒައިދު ބަލައިލިއެވެ.

"ތިބުނީ އަހަރެން ބޮޑެއް ނުވެއޭ. ޝާދުއަށް ނޭނގޭތަ އަހަރެން ބޮޑުވެގެން ކަމެއް އެދެކުދިން ދުނިޔެއަށް ގެނެއްސަ އެތިބީ" އުނދުން ކައިރީގައި ހުރި ދިލްޝާދުގެ އަތުގައި ހިފައި ގަޔާދިމާލަށް ދަމައިލަމުން ޒައިދު ބުންޏެވެ.

"އެކަމެއް ނޭނގެ. ބޮޑުވިނަމަ ނިދާހޭލި ގޮތަށް ސޯޓްކޮޅުގައެއް ނާންނާނެ ދޯ ތިރިއަށް ފައިބައިގެނެއް. ހަނދާނެއް ނެތް ތިމާގެ އަންހެން ދަރިއަކު ހުރެއޭ. ނަސީބެއް އެކުދިންނަށް ނުފެނުނުކަން" ދިލްޝާދު ބުންޏެވެ.

"ދޮގެއްވެސް ނޫން. މިއީ ޝާދުގެ ކަންތައް. އަހަރެން ދެލޯ ހުޅުވާލި އިރު ޝާދު ފެންނަން ނެތީމައޭ މިއައީ" ޒައިދު ބުންޏެވެ.

"ދެންހެވޭ. ދޭ ފެންވަރައިގެން އަންނަން. މިހާރު އެކުދިންވެސް އަންނާނެ" ދިލްޝާދު ބުންޏެވެ.

މަންޝާއަކީ ވެސް ނަވާލް ފަދައިން ތަނަވަސް އާއިލާއަކަށް އުފަން ހަމައެކަނި އަންހެން ކުއްޖާއެވެ. ބޮޑަށް ހުންނަނީ މަންޝާގެ ދޮންބެ ޒަވީއެވެ. މަންޝާގެ މައިންބަފައިންނަކީ ލޯބީގެ ލާމަސީލު މިސާލެއް ފަދަ ޒުވާން ދެމަފިރިންނެވެ. ބަލާ މީހަކަށް އެ ދެމަފިރިންގެ ބޮޑުވެފައި ދަރިން ތިބޭ ކަމެއް ނޭނގޭނެއެވެ. ދަރިންނަކީ އެ ދެމަފިރިން ލޮލުގެ ނޫރެވެ. އެދަރިން ނެތިފައި އެހެން އެއްވެސް އެއްޗެއް އެ ދެމަފިރިން ބޭނުމެއް ނުވެއެވެ. އެ އާއިލާއަކަށް މާތްﷲ ގެ ހެޔޮރަހުމަތުން އެތައް އުފާވެރިކަމެއްގެ ވިދުން ފެތުރިފައިވާ އުފާވެރި ކުޑަކުޑަ އާއިލާއެކެވެ.

**************

ޕޮލިސް ޔުނީފޯމުގައި ގޮށް އަޅުވަން އިން ނަޒާން ސިހުނީ ދޮރުހުޅުވާލާފައި ވަން ނާޔާ ފެނިފައެވެ. ނާޔާއަށް ހިނިތުންވުމެއް ހަދިޔާކޮށްފައި އޭނާ މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

"ދޮންބޭ! މިއަދު ޑިއުޓީތަ؟ އެކަމު މިއަދު އޮފް ދުވަހެއްނު" އެނދަށް އަރައި އިށީންނަމުން ނާޔާ ބުންޏެވެ.

"އޮފް ދުވަސް ވިޔަސް ވެރިން ގުޅާފައި ބުނީމަ ދާންތާ ޖެހޭނީ" ނަޒާން ބުންޏެވެ.

"ނާޔާ މިއައީ ކަމަކުއޭ. މިތަން ކިޔާލަދީބަލަ. ތިއްތި ކައިރިއަށް ދިޔައިރު ފާހާނާއިގަ އުޅެނީ" ނާޔާ ބުންޏެވެ.

(ނުނިމޭ)