ކޮވިޑުގެ ލޮކްޑައުނަށްފަހު ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އައި ކްރޫޒްލައިނާއަކުން ފުރަތަމަ ފަހަރަށް ޓޫރިސްޓުން މާލެއަށް ފައިބައިފި އެވެ.
އިންޑިއާގެ ބެންގަލޫރުން ފުރައިގެން ރާއްޖެ އައި "ސެވެން ސީސް އެކްސްޕްލޯރާ" ނަމަކަށް ކިޔާ މި ކްރޫޒް ލައިނާ މާލެއަށް ބަނދަރުކުރީ އިއްޔެއެވެ. މިއީ 750 ޕަސިންޖަރުންގެ ޖާގައިގެ ބޯޓެކެވެ. ނޯވޭގެ ރީޖެންޓް ސެވެން ސީސް ކްރޫޒެސް އިން އޮޕަރޭޓުކުރާ މި ކްރޫޒް ލައިނާއަކީ 236 މީޓަރު (734 ފޫޓޫ)ގެ ދިގު ބޯޓެކެވެ. މިއީ ކުރިންވެސް ރާއްޖެ އަންނަ ބޯޓެކެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ)ގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވި ގޮތުގައި އެ ކްރޫޒްލައިނާއިން ގާތްގަނޑަކަށް 700 އެއްހާ ޓޫރިސްޓުން އައިސްފައިވެއެވެ.
"ސެވެން ސީސް އެކްސްޕްލޯރާ" އިއްޔެއާއި މިއަދު ގިނަ އަދަދެއްގެ ޓޫރިސްޓުން މާލެ ފައިބާފައިވާއިރު މިއީ ކޮވިޑަށްފަހު ރާއްޖެއައި ކްރޫޒްލައިނާއަކުން ޓޫރިސްޓުން މާލެ ފޭބި ފުރަތަމަ ފަހަރެވެ. އެ ޓޫރިސްޓުން ވަނީ ބައެއް ރިސޯޓުތަކަށާއި ކައިރި ބައެއް ރަށްރަށަށް ވެސް ޒިޔާރަތް ކޮށްފަ އެވެ. ދަތުރު ނިންމާލުމަށްފަހު މި ބޯޓު މިއަދު ފުރާނެއެވެ.
ކޮވިޑާއި ގުޅިގެން ބޮޑު މެދުކެނޑުމަކަށް ފަހު ރާއްޖެއަށް ފުރަތަމަ ކްރޫޒް ލައިނާއެއް ބަނދަރުކޮށްފައިވަނީ މިދިޔަ މަހު އެވެ. ނަމަވެސް އެމްއެސް ޔޫރޮޕާ2 ނަމަކަށް ކިޔާ އެ ކްރޫޒް ލައިނާއިން ޓޫރިސްޓުން މާލެ ފައިބައިފައެއް ނުވެއެވެ.
މާޔާގެ އޮފިޝަލު ވިދާޅުވީ މިމަހު އިތުރު ދެ ކްރޫޒްލައިނާއެއް ރާއްޖެ އަންނަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ކްރޫޒްލައިނާ ސީޒަނުގައި އިތުރު 11 ބޯޓެއް އަންނަން ހަމަޖެހިފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު