ލައިފް ސްޓައިލް

ސައޫދީ އަރަބިޔާ ބަލިވެއްޖެނަމަ އަނބިމީހާ ވަރިކުރާނެކަމަށް ބުނެގެން އޮމާނުގެ ޒުވާނަކު ހޫނުފެނަށް!

މިފަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މެކްސިކޯއަތުން ސައޫދީ އަރަބިޔާ ބަލިވެއްޖެނަމަ އަނބިމީހާ ވަރިކުރާނޭކަމަށް ބުނެ ޓިކްޓޮކްގައި ވީޑިއޯއެއް އާއްމުކުރި އޮމާނުގެ ޒުވާނަކު ހޫނުފެނަށް ވެއްޓިއްޖެއެވެ. އަމިއްލަ ދިރިއުޅުމުގެ ކަންކަމާ ފުޓްބޯޅަ ނުގުޅުވުމަށް ވަރަށް ގިނަބަޔަކު ދަނީ އޭނާއަށް އިލްތިމާސް ކުރަމުންނެވެ.

ޓިކްޓޮކުން ފެންނަ ވީޑިއޯގައި އޮމާނުގެ ޒުވާނާ ހުވައިކޮށްފައި ބުނަނީ މެކްސިކޯއަތުން ސައުދީ އަރަބިޔާ މޮޅުވެގެން ދެވަނަބުރަށް ދާނެކަމުގައެވެ. އެހެންނުވެއްޖެނަމަ ލޯބިވާ އަނބިމީހާވެސް ހަރާންކަމަށެވެ. ވަރިކުރާނެ ކަމަށެވެ. މިޒުވާނާޔަކީ ސައޫދީ އަރަބިޔާގެ ޓީމަށް ސަޕޯޓްކުރާ މީހެކެވެ. އަނބިމީހާ ވަރިކުރާނަމޭ ބުނެ ބާޖުމަރައިގެންވެސް އޭނާ އެދޭގޮތެެެއް ނުވިއެވެ. ސައޫދީ އަރަބިޔާ ވަނީ ބަލިވެފައެވެ.

ސައޫދީ އަރަބިޔާ ބަލިވެ މުބާރާތުން ކެޓުމާ ގުޅިގެން އޮމާނުގެ ޒުވާނާ ކަންތައްކުރިގޮތް އަދި ސާފެއް ނުވެއެވެ. އޭނާ ވައުދުވެފައިވާ ގޮތަށް އަނބިމީހާ ވަރިކޮށްފައި ގެޔަށް ފޮނުވައިލިކަން ސާފެއް ނޫނެވެ. އެކަމަކު ވަރަށް ގިނަ ބައެއްގެ ނުރުހުން މިޒުވާނާއަށް ވަނީ އަމާޒުވެފައެވެ. އެކަން ވަރަށް ސާފެވެ. އޭނާގެ ބުއްދިހުރީ ސަލާމަތުންތޯޔާއި މެކްސިކޯއާއި ސައޫދީ އަރަބިޔާ ކުޅުނު މެޗަކާއި އަނބިމީހާގެ ހުރުމަތް ގުޅުވައިލަން ހިތަށްއެރި ގޮތަކީ ކޮބައިތޯވެސް އެމީހުން ވަނީ ސުވާލުކޮށްފައެވެ.

ޓީމަކަށް ކިތަންމެ ބޮޑަށް ސަޕޯޓްކުރިއަސް ކުޅިވަރާއި ޒަވާޖީ ދިރިއުޅުން ނުގުޅުވޭނޭ ކަމަށާއި އެވަރު ނުދަންނަ މީހުން ކައިވެނި ނުކޮށް ހުއްސަރިބައިކަން އިޚުތިޔާރުކުރުން އެދެވިގެންވާ ކަމަށްވެސް ވަރަށް ގިނަ ބަޔަކު ބުނެފައިވެއެވެ. ގަލްފުގެ ބައެއް ނޫސްތަކުގައި ލިޔެފައިވާގޮތުން އޮމާނުގެ ޒުވާނާ މިހާރު ފިލައިފިއެވެ. އާއިލާއަށްވެސް އޭނާ ވީތަނެއް ނޭނގެއެވެ.