ދިވެހި ދައުލަތަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކުރެއްވި ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އައްނަބީލާ ހަބީބާ ހުސައިން ހަބީބާ ވަނީ ދައުލަތަށް ވަފާތެރިވުމުގައި މަތިވެރި ނަމޫނާއެއް ދައްކަވާފައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހަބީބާ އަވަހާރަވީ ސިއްހީ ހާލުކޮޅު ގޯސްވެ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

ހަބީބާގެ ހަނދާނުގައި ދިވެހިބަހުގެ އެކަޑަމީގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސް ސޯލިހު މިއަދު ވަނީ ސޮއިކުރައްވައި ތައުޒިޔާގެ ބަޔާނެއް ލިޔުއްވައިފައެވެ. ބަޔާނުގައި ރައީސް ވިދާޅުވީ، ހަބީބާ އަވަހާރަވުމަކީ ގައުމަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ.

"އަދި ދިވެހި ދައުލަތަށް އެކަމަނާ ހިދުމަތްކުރެއްވި 49 އަހަރަށްވުރެ ދިގު މުއްދަތުގައި ދައްކަވާފައި ވަނީ މަސައްކަތަށް ކަމޭ ހިއްތެވުމާއި ދިވެހި ދައުލަތަށް އިހްލާސްތެރިވުމާއި ސަރުކާރަށް ވަފާތެރިވުމުގައި ވަރަށް މަތިވެރި ނަމޫނާއެއް،" ރައީސް ވިދާޅުވިއެވެ.

ލިޔުންތެރިކަމުގެ ރޮނގުންނާއި އަދަބިއްޔާތަށާއި ތާރީހަށް ކުރެއްވި ހިދުމަތްތަކުގެ އިތުރުން ރާއްޖޭގައި ލައިބްރަރީގެ ހިދުމަތް ތަރައްގީކުރެއްވުމުގައި ހަބީބާ މުހިންމު ދައުރެއް އަދާކުރައްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހަބީބާ ވަނީ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރުކަން ވެސް ކުރައްވައިފައެވެ.

މީގެ އިތުރުން ހަބީބާ ވަނީ ގައުމީ ކުތުބުހާނާގައި 29 އަހަރު މަސައްކަތް ކުރައްވައިފައެވެ. އަދި ތައުލީމީ ދާއިރާގައި ވެސް ހަބީބާ ވަނީ މަސައްކަތް ކުރައްވައިފައެވެ. ގައުމީ ކުތުބުހާނާގައި ހަބީބާ ފުރުއްވި މަގާމުތަކުގެ ތެރޭގައި ލައިބްރޭރިއަންގެ މަގާމާއި ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަގާމާއި ޑިރެކްޓަރުކަމުގެ މަގާމާއި ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމާއި އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމާއި އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމު ހިމެނެއެވެ.

ސަރުކާރުގެ އިސްމަގާމުތަކެއް ފުރުއްވަމުން ހަބީބާ ވަނީ ދިވެހި އަދަބިއްޔާތަށާއި ތާރީހަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވައިފައެވެ. ތަފާތު ފަންނުގެ ފޮތްތަކާއި ލިޔުންތައް ލިޔުއްވައިފައެވެ. ލިޔުންތެރިކަމުގެ ތެރެއަށް ހަބީބާ ވަދެވަޑައިގެންނެވީ މީގެ 68 އަހަރުކުރިން 1954 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ އެ އަހަރު ނުކުތް މުންނާރު ނޫހުންނެވެ. އޭގެ ފަހުން ހަބީބާ ވަނީ ވިޔަފާރި މިއަދު، އަދަބީ ޝުއޫރު، ޖިންސުއްލަތީފް، ހުވަނދު، މޫންލައިޓް، އަމާޒު، ހިޔަލަ އަދި ފަތްރޫތަ ފަދަ މަޖައްލާތަކަށް ލިޔުއްވައިފައެވެ. ހަބީބާ ލިޔުންތެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ ހައިދަރުއާބާދުގައި ކިޔަވާ ވިދާޅުވާން ހުންނެވި ދުވަސްވަރުގައެވެ.

ހަބީބާ ވަނީ އުރުދޫ ބަހުންނާއި އިނގިރޭސިބަހުން ލިޔެފައި ހުރި ގިނަ ފޮތްތަކެއް ދިވެހިބަހަށް ތަރުޖަމާ ކުރައްވައިފައެވެ. ހަބީބާ ތަރުޖަމާ ކުރައްވާފައިވާ ފޮތްތަކުގެ ތެރޭގައި އިސްލާމީ ތާރީޚު 1، އިސްލާމީ ތާރީޚު 2 އަދި ތަގްދީރުގެ ނިޔާ ފަދަ ފޮތްތައް ހިމެނެއެވެ. މީގެ އިތުރުން "ދިވެހި ތާރީޚަށް އަވަސް ކަޅިއެއް" މިނަމުގައި ދިވެހިބަހުން ތާރީހު ފޮތެއް އެކުލަވާލައްވާފައިވެއެވެ.

ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރުމުގެ ދާއިރާއިން ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން އާންމު ހިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ހަބީބާ ހުސައިން ހަބީބަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި ދިވެހިބަހަށް ތަރުޖަމާ ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 1981 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ. މިނިވަން 25ގެ އިނާމުވެސް ލިބިވަޑައިގެންފައިވެއެވެ. މީގެއިތުރުން ނޫސްވެރިކަމުގެ ރަން ގަލަންވެސް ހަބީބާއަށް ވަނީ ލިބިވަޑައިގެންފައެވެ.