ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު މަރުވި، ގދ. ހޯނޑެއްދޫ/ ސްވެން، އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓް އަދިވެސް ނުލިބޭ ކަމަށާއި ލިބުނީ ސެޓްފިކެޓެއް ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފިއެވެ.
އަބްދުﷲ މަރުވި ސަބަބު ދެނެގަތުމަށް އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދިޔައީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ. ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސް، ވަޅުލާފައި ވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުއެވެ.
އެންއައިސީގެ ސީނިއާ ލީގަލް ކައުންސިލް ނިހާމް ޖައުފަރު މިއަދު "ވަން" އަށް ވިދާޅުވީ އަބްދުﷲގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހެދިކަމުގެ ސެޓްފިކެޓެއް ލިބިފައިވާ ކަމަށާއި ނަމަވެސް އޭގައި ބަޔާންކޮށްފައިވާ މައުލޫމާތު މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ. އެ ސެޓްފިކެޓުގައި ހުރި މައުލޫމާތު ފުރަތަމަ ހިއްސާކުރާނީ އަބްދުﷲގެ އާއިލާއާ ކަމަށާއި އެއަށްފަހު މީޑިއާއަށް ހިއްސާކުރަން ފެންނަނަމަ އެކަން ކުރާނެ ކަމަށް ވިދާޅުވިއެވެ.
"އާއިލާއަށްވެސް މި މައުލޫމާތު (ސެޓްފިކެޓުގައި ހިމެނޭ މައުލޫމާތު) ހިއްސާ ކުރެވޭނެ ދުވަހެއް އަދި ނޭނގެ ބުނެލަން." އޭނާ ވިދާޅުވިއެވެ.
ނިހާމް ވިދާޅުވީ މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށާއި ތަހުގީގާ ގުޅިގެންވެސް މި ވަގުތު އެއްވެސް މައުލޫމާތެއް ހިއްސާކުރެވެން ނެތް ކަމަށެވެ.
އަބްދުﷲގެ އާއިލާގެ ފަރާތުން އޭނާގެ އަނބިމީހާ އާމިނަތު ލީނާ މީގެ ކުރިން "ވަން" އަށް ބުނީ އަބްދުﷲ ޑޮކްޓަރަށް ދެއްކި ލިޔެކިޔުންތަކާއި އެ މަރާގުޅޭ ގޮތުން މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަންކަން ހާމަކޮށްދިނުމަށް އާއިލާއިން ތަކުރާރުކޮށް އެންއައިސީގައި އެދުނު ނަމަވެސް މިހާތަނަށް އެއްވެސް ކަމެއް ހާމަކޮށްފައިނުވާ ކަމަށެވެ.
މިކަމާ ގުޅިގެން މިއަދު ސުވާލުކުރުމުން ނިހާމް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު